މިއަހަރުގެ ބަޖެޓުގައި ކ. ހުރާއަށް ކަނޑައަޅާފައިހުރި ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް އެގޮތަށް ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ހުރާ ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އެވެ.

ރައީސް ސޯލިހް ހުރާ ކައުންސިލްއާ ބައްދަލު ކުރެއްވުން -- ފޮޓޯ ރައީސް އޮފީސް
ބައްދަލު ކުރެއްވުމުގައި ހުރާ ކައުންސިލުން ވަނީ އެ ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތައް އަދި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށް ހުރި ދަތިތައް ވަނީ ރައީސް ސޯލިހްއާ ހިއްސާ ކުރައްވައިފައެވެ.
އެގޮތުން، ރަށުގެ ކައުންސިލް އިދާރާ އަށާއި ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަ ކުރެއްވި އެވެ. އަދި އެރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަން ހައްލުކޮށްދެއްވައި، މީގެ މިހާރު ރަށުގައި ހިއްކަމުންދާ ސަރަޙައްދު ވީ އެންމެ އަވަހަކަށް ނިންމަވައި ރައިސް ސޯލިހް ގެ އަރިހުން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ރަށުގެ ބަނދަރުގެ ތޮއްޖެހުމުގެ މައްސަލަ އޮޅުންފިލުއްވައި ދެއްވައި ބަނދަރުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ވެސް މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ރައީސްގެ އަރިހުން އެދުނެވެ.

ރައީސް ސޯލިހް ހުރާ ކައުންސިލްއާ ބައްދަލު ކުރެއްވުން -- ފޮޓޯ ރައީސް އޮފީސް
ކައުސިލްގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ރައީސް ސޯލިހް ވިދާޅުވީ، އެބޭފުޅުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައި އެރަށަށް ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމުގައި ޔަގީން ކަންވެސް ރައީސް ސޯލިހް ދެއްވި އެވެ.
މިއަހަރަށް ރައްޔިތުން މަޖިލީހަށް ފާސް ކުރި ބަޖެޓުގައި ހުރާ އަށް ވަނީ 56.8 މިލިއަން ރުފިޔާގެ ފަސް މަޝްރޫއު އެވެ.
މިއަހަރު ބަޖެޓްގައި ހުރާ އަށް ކަނޑައެޅިފައިވާ މަޝްރޫއުތައް:
- ބިން ހިއްކުން - 19،440،824 ރުފިޔާ
- ބިން ހިއްކުމާއި ބޮޑު ހިލަ ޖެހުން - 35،660،124 ރުފިޔާ
- ކައުންސިލް އޮފީސް އިމާރާތް އެޅުން - 1،722،000 ރުފިޔާ
- ފުޓްސަލް ދަނޑު 70،336 ރުފިޔާ
ރައީސް ސޯލިހް މިއަދު ހުރާ ކައުންސިލާ ބައްދަލު ކުރެއްވުމުގައި އެ ރަށް ހިމެނޭ ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެނެވި އެވެ.