ބާޒީ... (7)

އެކަހެރި މާހައުލެއްގައި ގޮނޑުދޮށިގައި ޒިޔަޒަން އިށީންދެލައިގެން އިން އިރު ރާޅުފަށަށް ބީއްސަމުން ދިޔަ ރާޅުތަކުގެ ފިނިކަން އޭނަގެ ފަޔަށް އިހުސާސްކުރެވެމުން ދިޔަ އެވެ. އުޑުގައި މިރޭ އާދަޔާ ޚިލާފަށް ވިލާތައް ގިނަވުމުން ދީފައި އޮތީ މިލަ ހަނދުވަރެކެވެ. ރޯޅިތައް ވެސް އެހެނިހެންރޭތަކާއި އަޅާބަލާއިރު މަދެވެ. ފުން ނޭވާތަކެއް ދޫކޮށްލުމަށްފަހު ޒިޔަޒަން އޭނަގެ ބިޔަ ހަށިގަނޑު ދޮންވެލިގަނޑު މައްޗަށް ދޫކޮށްލިއެވެ. އުޑަށް އޭނަގެ ނަޒަރު އަމާޒުވެފައިވިއިރު ކަމަކާމެދު ފުންކޮށް ވިސްނަމުން ދާކަން އޭނަގެ މޫނަށް އަރާފައިބަމުންދާ ޝުއޫރުތަކުން ހެކި ވެއެވެ. ތަފާތު ޚިޔާލުތަކުގައި ކުރިފަޅައިގެން ގޮސް އޭނަގެ ސަމާލުކަން ޝާޢާއަށް ހުއްޓެން ގިނަ އިރެއް ނުނެގި އެވެ. އެނިކަމެތި އިންސާނާއާ މެދު އޭނައަށް ހަމްދަރުދީ ވެވުނީތީ ހިތާ ސުވާލުކޮށްލެވުނެވެ. އެވޭނީ ރުއިމުގެ އަޑު އޭނަގެ ކަންފަތުގައި ހަރުލާފައިވަނީ ކީއްވެ ހެއްޔެވެ؟ އެޚިޔާލުތަކުން އެކަނި ވެސް އޭނަގެ ހިތަށް އުނދަގޫވެފައިވީ ކީއްވެ ހެއްޔެވެ؟

''ބައްޕަ ކީއްކުރަންތަ އޭނަ މިތަނަށް ގެނެސްގެން އެއުޅެނީ؟......'' ޒިޔަޒަންއަށް އޭނަގެ ޒަމީރާ ސުވާލުކޮށްލެވުނެވެ. އެހެން ވިސްނަން އޮއްވާ ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމާއެކު ޒިޔަޒަން އޭނަގެ ހަށިގަނޑު ތެދުކޮށްލަމުން ފަސްއެނބުރި ބަލާލައިފިއެވެ. އޭރު އޭނަގެ އެންމެ ގާތް އެކުވެރިޔާ ރަޒާން އޭނަގެ ލޯބިވެރިޔާ އީވާއާއެކު ހީސަމާސާކުރަމުން އެދިމާއަށް އާދެއެވެ. ދެޒުވާނުންގެ ހަރަކާތްތަކުން ވެސް އެދެމެދުގައިވާ ލޯބި ހާމަކޮށްދެ އެވެ.

''ހަފްލާ ނިމުނުތަނާ ޒިޔަޒަންއަށް ކިހިނެއްތަވީ؟، ގެއްލުނު ގޮތަށް މި ފެނުނީ އަދިކިރިޔާ...'' ރަޒާންއާއެކު އައި އިވާ ވެސް ޒިޔަޒަން ގާތު ގޮނޑުދޮށުގައި އިށީނެވެ.

''އަހަރެން އަޑުއެހިން ގެނެސްގެން އެއުޅޭ އިންސި ވަރަށް ރީތި ވާހަކަ، ތެދެއްތަ އެއީ؟...'' އީވާ މިރޭ ހަފްލާގެ ތެރެއިން އޭނަގެ ކަންފަތާ ހަމައަށް ފޯރި ވާހަކައެއް ހިއްސާކޮށްލިއެވެ. އީވާގެ ވާހަކަދެއްކުމުގެ ރާގުން ވެސް ގެނެވުނު އިންސިއާ މެދު އޭނަ ޝައުގުވެރިވެފައިވާކަން ހާމަވެއެވެ. ވާނީ ވެސް އެހެންތާ އެވެ. އޭނަގެ އުމުރުން އެހާ ހިސާބަށް އައިއިރު އެފަދަ ކަމެއް ދުވަހަކު ނުފެނެއެވެ. އެމީހުންގެ ދުނިޔެއަށް މިނުނީ އިންސާނަކު ގެނެވިފައެއްނުވެއެވެ. އެކަމާ މެދު ބައިގަނޑުގެ މެދުގައި އުފެދިފައިވާ ސުވާލުތައް އީވާގެ ދުލުކުރީގައި ވެސް ވިއެވެ. ހަމަ އެފަދައިން އެސުވާލުތައް ޚުދު ޒިޔަޒަންގެ ހިތުގައި ވެސް ބުރުޖަހަމުން ދިޔަ އެވެ.

''ޔަޤީނުން ވެސް މަގޭ އީވާއަށް ވުރެ ރީއްޗެއް ނުވާނެ...... ޒިޔަޒަން، އޭ... ކިހިނެއްވަފަތަ ތީނީ... އަނެއްކާ އެއިންސީގެ ޖާދޫގައި ޖެހުނީތަ؟، އެހެންވެތަ ފާޑަކަށް ތީނީ؟... އޭނައާ މެދު ފިކުރުބޮޑުވެފަ ދޯ؟...'' އީވާއަށް ތަޢުރީފުކޮށްލަމުން ރަޒާންގެ ޖުމްލަ ނިންމާލީ ޒިޔަޒަންއާ ދިމާކޮށްލަމުންނެވެ. މިރޭ ޒިޔަޒަންގެ ފަރާތުން އޭނައަށް ފެންނަނީ ހިމޭންކަމެވެ. އެކަމާމެދު ވިސްނަންވީ ކިހިނެއްކަމެއް އޭނައަކަށް ނޭގުނެވެ.

''ތިދެން ކޮންވާހަކައެއްތަ ތިދައްކަނީ؟...'' ޒިޔަޒަން ބުނެލިއެވެ. އިތުރަށް އެ މައުޟޫޢުއަށް ވާހަކަދައްކަން އޭނަ ހިތްހަމަނުޖެހޭ ކަހަލައެވެ.

''ޔަޤީނޭ މީނައަށް ކަމެއްވީކަން...'' ރަޒާން އިތުރަށް ދިމާކޮށްލަން ބުނެލިއެވެ. އެއާއެކު ހިސާބަކަށް ހިތްހަމަޖުނެހިފައި ހުރި ޒިޔަޒަން ބަލާލުމާއެކު ރަޒާންގެ ހިނިގަނޑުފަޅައިގެން ދިޔައެވެ. އީވާ ވެސް ރަޒާންގެ ފަހަތުން ހީގަތެވެ.

''ޒިޔަޒަންއަށް ތިވީ ގޮތެއް ދޯ...'' ރަޒާން ހުނުމުގެ ތެރޭން ބުނެލިއެވެ. ޒިޔަޒަން އެއްޗެއް ނުބުނެ އަނެއްކާ ވެސް ހިމޭންކަން ޚިޔާރުކުރުމުން ޒިޔަޒަންއަށް ކަމެއް ވެއްޖެކަން ރަޒާންއަށް ދޭހަ ވިއެވެ. އޭނަ ހުނުން ކޮންޓްރޯލްކޮށްލަމުން ޒިޔަޒަންއާ މިފަހަރު ސުވާލުކޮށްލީ ސީރިޔަސްކަން އަޑަށް ގެންނަމުންނެވެ.

ފުންނޭވާއެއް ދޫކޮށްލި ޒިޔަޒަން ކަންތައް ހިނގާ ދިޔަ ގޮތުގެ ތަފުސީލު ރަޒާންއާއި ހިއްސާކުރިއެވެ. ކަނުލާ އަޑުއަހަން ތިބި އީވާއާއި ރަޒާންގެ މޫނުން ވެސް ހައިރާންކަން ފާޅު ވިއެވެ.

''ބައްޕަ އެހުރީ ބަދަލު ހިފުމުގެ ރޫހުން ފޯވެފައި، ހެވާއި ނުބައި ވަކިކުރަން ނޭގޭ ހިސާބަށް ގޮސްފައި، ބައްޕަ ބޭނުންވަނީ އަހަރެން ވެސް ބައްޕަ ފަދައިންވުމަށް... އެކަމަކު އެއީ އަހަންނަށް ވާނެކަމެއް ނޫން...'' ޒިޔަޒަން ބުނެލިއެވެ.

''އިންސާނުންގެ ފަރާތުން ޒިޔަޒަންގެ ބައްޕައަށް ލިބުނީ ފޫނުބެދޭ ވަރުގެ ގެއްލުމެއް، އެމީހުންގެ ސަބަބުން ޒިޔަޒަންގެ ބޭބެ މަރުވެގެން ދިޔައީ... އެހެންވެ އެފަދަ ކަމެއް ޒިޔަޒަންގެ ބައްޕަގެ ފަރާތުން އެފެންނަނީ...'' ހާތިބުގެ ޠަބީޢަތަށް އެކަހަލަ ބަދަލެއް އަންނަން ޖެހުނު ސަބަބު ރަޒާން އޮޅުންފިލުވާލަދިނެވެ.

''އެހުރިހާ އެންމެން މަރާލި އިރުގައި ކީއްކުރަންތަ އަހަރުމެންގެ ތެރެއަށް އޭނަ ގެެނެސްފައި އެހުރީ... އޭނައަށް އަނިޔާކޮށް މަރާލަންތަ؟...'' ވިސްނަން އިން އީވާ ބުނެލިއެވެ. އޭނައަށް ހަޖަމުނުކުރެވިގެން އެއުޅެނީ އެކަމެވެ.

''އާނ، ދެން އިތުރު ކޮންކަމެއް؟...'' ޒިޔަޒަންއަށް ބުނެވުނެވެ.

*****

ކަރުހިއްކައިގެންފައިވި ޝާޢާގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ބަނޑުހައިހޫނުކަން ވެސް އޭނައަށް އިހުސާސްކުރެވެމުން ދިޔަ އެވެ. ހަށިގަނޑުގައި ހުރި ހަކަތައެއް އޭނަ ބޭނުންކުރަމުން ދިޔައީ ފައިގައި ޖަހާފައި ހުރި ހިލިހިލާތަކުން މިންޖުވުމަށެވެ. ނަމަވެސް އެކަމުން ހަށިގަނޑަށް އިތުރު ވޭންތަކެއް މެނުވީ ނުލިބުނެވެ. އޭރު އޭނަގެ ފައިން ލޭވެސް ހިލިއްޖެއެވެ. ގޮތްހުސްވެ ބަލިކަށިވުމުން ޝާޢާއަށް އަނެއްކާ ވެސް ރޮވުނެވެ. އޭނަގެ އެވޭނީ ގިސްލުންތައް އަޑުއަހާނެ ފުރާނައެއްގެ ހިލަމެއް ވެސް ނުވެއެވެ. ރޫހާނީ ދަންތުރައެއްގައި ޖެހި އަމިއްލަ ނަފުސު ހަފުސްވަމުން ދިޔަ ހިނދު ޝާޢާއަށް ހެއްދެވި ފަރާތުގެ މަދަދަށް އެދެވުނެވެ. އެބިރުވެރިކަމާއި ނާމާންކަމުން އޭނަ މިންޖުކޮށްދެއްވުމަށް އެދި ދުޢާކުރެވުނެވެ. އެއަނިޔާވެރިކަމުން އޭނައަށް ހިމާޔަތެއް ދެއްވުމަށް އެދި ވެސް މެއެވެ.

ބިންމަތީގައި ކުރުގެޅިގެން އޮތް ޝާޢާއަށް ރޮވެމުން ދިޔަ އެވެ. އޭރު ވެސް އޭނަގެ ބޮލުގައި ގަދައަށް ރިއްސައެވެ. ހަށިގަނޑަށް ބޭނުންވާ ފެނާއި ހަކަތަ ނުލިބުމުން މީހާ ވަނީ ބަލިކަށިވެފައެވެ. ނުވީތާކަށް އަނދިރީގެ ސަބަބުން އޭނަ އޮތީ ސިހިސިހިއެވެ. އެއަނދިރީގެ ތެރޭން ފާޅުވެގެން އައިސްދާނެ ބިރުވެރި މަހުލޫގެއްގެ ޝިކާރައަކަށް އޭނަ ވެދާނެތީއެވެ. އޭނައަށް އާދެވިފައި އެވަނީ އެފަދަ ނާމާން ކިއްލާއަކަށް ވިއްޔާއެވެ.

*****

ނުނިދިފައި އޮތް ޒިޔަޒަން އޭނަގެ ދާން ދޫކޮށް ކޮޓަރިން ނިކުމެވެން ހުރި ބެލްކަނިއަށް ނިކުމެލީ އޭނަގެ ނަފުސަށް ލުޔެއް ހޯދައިދޭށެވެ. ރޭގަނޑުގެ ހަމަހިމޭން މާހައުލުގެ ތެރެއަށް އޭނަގެ ސިކުނޑި ދޫކޮށްލެވިފައި ވަނިކޮށް ވައިރޯޅިތަކުގެ އެހީގައި އޭނަގެ ކަންފަތާ ހަމައަށް އަޑެއް ފޯރިހެން ހީވިއެވެ. އެކަމަށް އޭނަ ފުރަތަމަ ސަމާލުކަމެއް ނުދިނެވެ. އެހެނަސް ދެވަނަ ފަހަރަށް އެއަޑު ކަންފަތުގައި ޖެހުނީ ގިސްލުމެއް ފަދައިންނެވެ. ވަށައިގެންވި މާހައުލަށް ސަމާލުކަން ދެވުމާއެކު އަޑު އަންނަނީ ކޮންތަނަކުންކަން ޒިޔަޒަންއަށް ނަގައިގަނެވުނެވެ. އެދިމާއަށް އޭނަ ބަލަހައްޓައިގެން ހުރީ ދެޚިޔާލެއްގެ މަތީ ހުރެއެވެ. އެއަށްފަހު ހަށިފުރާ ދޫކޮށްލި ނޭވާއާއެކު އޭނަ ގަސްދުކުރީ އަނބުރާލާފައި ކޮޓަރިއަށް ވަނުމަށެވެ. ނަމަވެސް ކުރިއަށް އަޅާލި ފިޔަވަޅާއެކު އޭނަގެ ހިތް ގޮވާލީ މުޅިން އެހެންކަމަކަށެވެ. އެއާއެކު މިފަހަރު ޒިޔަޒަންއަށް އިޖާބަދެވުނީ އޭނަގެ ހިތަށެވެ. އެވޭނީ ގިސްލުމަށް އޭނައަށް ބީރު ކަންފަތެއް ނުދެވުނެވެ.

*****

ގައިދީން ތިބުމަށް ހަމަޖެހިފައިވާ ތަނަށް ޒިޔަޒަން އައިއިރު އެތަނުގެ ދޮރުފާރަވެރިންނަށް ތިބި ޖިންނީންނަށް ވަނީ ނިދިފައެވެ. އިރުކޮޅެއް ވަންދެން ބަލަން ހުރެފައި ޒިޔަޒަން ވަށައިގެން ހޯދާލީ އެއްވެސް އެއްޗެއްގެ ހިލަމެއް ވޭތޯއެވެ. އެކަން ޔަޤީންކޮށްލުމަށްފަހު ދުންގަނޑެއް ފަދައިން ވައިގެ ތެރެއަށް ޒިޔަޒަން ގެއްލިގެން ދިޔަ އެވެ. އޭގެ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ ހުރީ ދަގަނޑުތަކުން ފަރުމާކުރެވިފައިވި ދޮރުގެ އަނެއްފަރާތުގައެވެ.

ކުރިއަށް އަޅަމުން ދިޔަ ކޮަންމެ ފިޔަވަޅަކާއެކު އިވެމުން އައި ރުއިމުގެ އަޑު ގަދަވަމުން ދާ ހެން ހީވިއެވެ. ޝާޢާ ހައްޔަރުކުރެވިފައިވާ ގޮޅިއާއި ޒިޔަޒަން އަރާހަމަކޮށްލިއެވެ. އޭރު މެދުކެނޑުމެއް ނެތި ގިސްލުމުގެ އަޑު އިވެއެވެ. އެއަޑުގައި އެކުލެވިފައިވީ މީގެ ކުރީން ޒިޔަޒަންއަށް އަޑު އިވިފައި ނުވާ ޖަޒުބާތުތަކެކެވެ. ހުއްޓުން އަރާފައި އޭނައަށް ހުރެވުނީ ވެސް އެހެންވެއެވެ.

އެތާ ހުރި ފާނޫޒު ހިފައިގެން ޒިޔަޒަން ކުރިއަށް ހިނގައިގަތުމާއެކު މުޅި ތަނުގައި ރަސްކަން ކުރަމުން އައި އަނދިރިކަން ފޫއަޅުވާލަމުން ދިޔަ އެވެ. ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށުމާއެކު ޝާޢާ ފުރަތަމަ ގަތީ ބިރެވެ. ވަރުބަލިވެފައިވާ ހާލުގައި ވެސް އޭނަ މަސައްކަތްކުރީ އެއަޑާއި ވީހާ ވެސް ދުރަށް ދާށެވެ. ބޮލަށް އެނބުރުން އަރާފައިވުމާއެކު އޭނައަށް ރަގަޅަށް ތަނެއްދޮރެއް ވަކިނުކުރެވުނެވެ. ނަމަވެސް ދުރުން އައެއްޔެއް ކައިރިވަމުންދާކަން އޭނައަށް އިހުސާސްކުރެވުނެވެ. އެއަލި ކައިރިވަމުން ދިޔަ ވަރަށް އޭނައަށް މީހެއްގެ ސިފަ ސޫރަވާން ފެށިއެވެ. އިސާހިތަކު އެސޫރަ މީހަކަށް ބަދަލުވެއްޖެއެވެ. ދެލޯހުޅާ ރަގަޅަށް އެމީހާއަށް ޝާޢާ ބަލާލިއެވެ. އެއްވެސް އައިބުކަމެއް ނުވާ ފުރިހަމަ ސޫރައެކެވެ. ކުރިމަތީ ހުރި ޒުވާނާއާއި ޝާޢާގެ ނަޒަރު ބައްދަލުވި ހިނދު އޭނަގެ ހިތަށް ކުޑަ ވިޔަސް ހަމަޖެހުމެއް ލިބުނު ފަދަ އިހުސާސެއް ކުރެވުނެވެ. އެޒުވާނާގެ ދެލޮލުން އޭނައަށް ފެނުނީ އޯގާތެރިކަމެވެ. ހަމަހިމޭންކަމާއެކު ޝާޢާއަށް ބަލަން އޮވެވުނީ އެހެން ވެއެވެ. އެޒުވާނާގެ ފަރާތުން އޭނައަށް ނުރައްކަލެއް ވެދާނެ ކަމަކަށް އޭނައަށް ހިޔެއް ނުކުރެވުނެވެ. އޭނައަށް ހީކުރެވުނީ އެއީ އޭނަ ފަދައިން އިންސާނެއް ކަމަށެވެ. އޭނަ ސަލާމަތްކުރަން އައީ ކަމަށެވެ.

ވަރުދެރެވެފައިވާ އަޑަކުން ޝާޢާ އެއްޗެއް ބުނަން އުޅުނެވެ. އެހެނަސް ކަރުތެރެ އިންތިހާއަށް ހިކިފައި ވުމާއެކު އޭނައަށް ރަގަޅަށް ވާހަކައެއް ނުދެކެވުނެވެ. ޝާޢާ ކައިރިއަށް ކުޑަކަކޫ މައްޗަށް ތިރިވި ޒިޔަޒަން އޭނަގެ އަތުގައި އޮތް ފާނޫޒުން ޝާޢާގެ މޫނަށް އަލިކޮށްލިއެވެ. ޒިޔަޒަންގެ އެހަރަކާތުން ޝާޢާއަށް އުނދަގޫވިކަން އޭނައަށް ރޭކާލީ ޝާޢާ އޭނަގެ ލޯކުރިމައްޗަށް އަތް ހުރަސްކޮށްލުމުންނެވެ. އެވަގުތު ވެސް ޝާޢާ އެއްޗެއް ބުނަން އުޅުނެވެ. ޒިޔަޒަން ސަމާލުވެ ހުއްޓާ އަނެއްކާ ވެސް ޝާޢާ ވާހަކަދެއްކިއެވެ.

''ފެ...ފެ...ފެ...ން...'' ވައިއަޑަކުން ޝާޢާ ބުނެލިއެވެ. އެއާއެކު ޝާޢާ އޮތް ހާލު ޒިޔަޒެންއަށް ރޭކާލައިފިއެވެ. އަތުގައި އޮތް ފާނޫޒު ބިންމަތީގައި ބަހައްޓަމުން އޭނަ އަވަސްވެގަތީ ޝާޢާއަށް ފެން ގެނެސްދިނުމަށެވެ. ބޮލަށް އެނބުރުން އަރާފައި އޮތް ޝާޢާ ލޯމަރާލުމަށްފަހު ހުޅުވާލި ހިނދު އޭނަގެ ކައިރީގައި ހުރި ޒުވާނާ ފެންނަން ނެތުމުން ގަތީ ބިރެވެ. ދެވަނަ ސިކުންތުގައި އޭނަގެ ކުރިމަތިން ފާޅުވުމާއެކު އަމިއްލަ ހާލާ މެދު ވެސް ވިސްނާލެވުމެއް ނެތި ޝާޢާއަށް ތެޅިގަނެވުނީ ބިރުންނެވެ. ޝާޢާ ބޭނުންވީ ދުރަށް ދާށެވެ. އޭނަގެ ލޯ ހަޤީޤަތަށް ހުޅުވުނީތީ އެވެ.

ޝާޢާއަށް އައި ކުއްލި ބަދަލު ފެނި ޒިޔަޒަން ހުރީ ހަދަންވީ ކިހިނެއްކަން ނޭގިފައެވެ. އޭނަ ޝާޢާއަށް އެހީވާން އުޅެގެން ޝާޢާ ބިރުން ހަޅޭއްލަވައިގަނެފިނަމަ ދޮރުފާރަވެރިންނަށް ތިބި މީހުނަށް ހޭލެވިދާނެއެވެ. އޭރުން އޭނައަށް ޝާޢާއަށް އެހީއެއް ނުވެވޭނެއެވެ. ފުންނޭވާއެއް ދޫކޮށްލި ޒިޔަޒަން ޝާޢާއަށް ފެންނާނެހެން ދިއްކޮށްލީ އޭނަގެ އަތުގައި އޮތް ދަގަނޑު ފެންޖަގާއި ތައްޓެވެ. އަދި ވާހަކަދައްކަން ފެށިއެވެ.

''އަހަރެން މިއައީ އެހީވާން، އަނިޔާ ކުރާކަށެއް ނޫން...'' ޝާޢާއަށް އިވުނީ އޯގާތެރިއަޑެކެވެ. އޭނައަށް ޤަބޫލުނުކުރެވިފައިވާ ހާލު ބަލަން އޮވެވުނެވެ. ޖިންނީންގެ ތެރޭގައި ވެސް ރަގަޅު ބަޔަކު އުޅޭ ހެއްޔެވެ؟

ޒިޔަޒަން ފަރުވާތެރިކަމާއެކު ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު އަނެއްކާ ވެސް ޝާޢާ ތެޅިގަތެވެ. އޭނައަށް ޒިޔަޒަންގެ ވާހަކަތަކަށް ޤަބޫލުނުކުރެވުނީކަން ޒިޔަޒަންއަށް ނަގައިގަނެވުނެވެ. ވާނީ ވެސް އެހެންތާއެވެ. ޝާޢާއަށް ފުރަތަމަ ވެސް ފެނިފައިވަނީ ޖިންނީންގެ ޖައްބާރުކަމާއި ޖާހިލުކަމެވެ. އެއަށްވުރެ އިތުރު ސިފައަކަށް ޝާޢާއަށް އުއްމީދެއް ވެސް ނުކުރެވޭނެއެވެ. އެކަމަށް އޭނަ ޝާޢާ ކުއްވެރިއެއް ނުކުރާނެ އެވެ.

''ފެން...'' ޒިޔަޒަން އޭނަގެ އަތުގައި އޮތް ތަށި ދިއްކޮށްލަމުން ބުނެލިއެވެ. އެއްފަހަރު ޒިޔަޒަންއަށް އަދި އަނެއްފަހަރު ފެންތައްޓަށް ޝާޢާ ބަލާލިއެވެ. ދެފިކުރެގައިވާ ހާލު ލަސްލަހުން އޭނަގެ އަތް ތަށްޓާއި ދިމާއަށް ދިއްކޮށްލެވުނެވެ. އެހެނަސް ހަށިގަނޑުގައި ހަކަތަ ނެތުމުން އޭނަގެ އަތުން ބާރު ދޫވެ ވެއްޓުނީއެވެ. މިމަންޒަރު ބަލަން ހުރި ޒިޔަޒަންގެ ދެލޮލުން ހަމްދަރުދީ ފާޅުވިއެވެ.

''އަހަރެން އެހީވެދީފާނަން...'' ޒިޔަޒަން ބުނެލިއެވެ. ޝާޢާގެ ހިތް ނޭދުނުކަމުގައި ވިޔަސް އެއަޑުގައިވާ ޖަޒުބާތުތަކުގައި އޭނަގެ ނަފުސު ހައްޔަރުވިއެވެ. މީހާއަށް ހިމޭންކަން ވެރިވީ އެހެންވެއެވެ. ޒިޔަޒަން ކުޑަކަކޫ މައްޗަށް ތިރިވެލަމުން ޝާޢާ ތުދެވާން އެހީވެދިނެވެ. އަދި ތުނބުގައި ފެންތަށި ޖައްސާލިއެވެ. އެއާއެކު ޝާޢާއަށް އެއްނޭވާއިން ފެންތަށި ހުސްކޮށްލެވުނީ ފެންބޮވައިގަނެފައި ހުރިވަރުންވެ. ފެނުގެ ފިނިކަން އަރުގެ ތެރެއަށް ސަވާރުވި ހިނދު ހަށިގަނޑަށް އަރާމެއް ލިބުނުކަން އޭނައަށް އިހުސާސްކުރެވުނެވެ. ފެންތަށި ހުސްވުމާއެކު އޭނައަށް ބަލާލެވުނީ ޒިޔަޒަން އަށެވެ. ޝާޢާގެ ދުލުން ލަފުޒުތަކެއް ބޭރުނުވިކަމުގައި ވިޔަސް ބުނަން އުޅުނު ޖުމުލަ ޒިޔަޒަންއަށް ދޭހަވި ކަހަލައެވެ. އޭނަ އަނެއްކާ ވެސް ތައްޓަށް ފެންއަޅާލަމުން ޝާޢާގެ ތުނބުގައި ޖައްސާލަ ދިނެވެ.

ޖިސްމަށް ލިބުނު ފިނިކަމާއެކު ޝާޢާއަށް ނިދުނީއެވެ. އޭނަ ނިދެމުން ދިޔަ އިރު ކައިރީގައި ހުރި ޒުވާނާއަށް ޝުކުރުވެރިވާކަން އޭނަގެ މޫނުމަތިން ހާމަވެއެވެ. އެއަނިޔާވެރިކަމުގެ ތެރޭން ފުރަތަމަ ފަހަރަށް ޝާޢާއަށް އޯގާތެރިކަން އިހުސާސްކުރެވުނެވެ. މެރެމުން ދިޔަ ދެލޮލުން އަދި ވެސް އެއްފަހަރު އެޒުވާނާއަށް ޝާޢާ ބަލާލިއެވެ. އެއީ ރީތި ސިފައެއްގެ ވެރިއެކެވެ. އެމޫނުމަތިން ފެންނަނީ ހިތްތިރިކަމާއި އޯގާތެރިކަމެވެ. އެއީ މަދުން ނުފެންނަ ސިފަ އެކެވެ.

ނިދިފައި އޮތް ޝާޢާއަށް ޒިޔަޒަން ބަލާލިއެވެ. ކައިރީގައި ހުރި ފާނޫޒުގެ އަލި ޝާޢާގެ މޫނަށް އެޅިފައި ވާއިރު އެމޫނުގެ ރީތިކަން ޒިޔަޒަންއަށް ފާހަގަ ކުރެވިގެން ދިޔަ އެވެ. އީވާ ބުނި ފަދައިން ޝާޢާއަށް ތަފާތު ރީތިކަމެއް ލިބިފައި ވެއެވެ. ޒިޔަޒަން ބަލަން ހުރިއިރު އޭނައަށް ވިސްނެމުން ދިޔައީ ޝާޢާއަށް ވެދާނެ ގޮތަކާ މެދުގައެވެ. އެރީތިކަން ޝާޢާއަށް ވިހައަކަށް ވެދާނެއެވެ. ވަކިން ހާއްސަ ގޮތެއްގައި އެމީހުންގެ ދުނިޔޭގަ އެވެ.

އިރުކޮޅެއް ވަންދެން މަޑުކޮށްލުމަށްފަހު ޒިޔަޒަން އަވަސް ވެގަތީ އެތަނުން ދިއުމަށެވެ. ފާނުޒު އެހުރިތަނުގައި ބެހެއްޓުމަށްފަހު އޭނަ ގެނައި އެއްޗެހި ހިފައިގެން ޒިޔަޒަން ގެއްލުނެވެ.

*****

ހެނދުނުގެ ވަގުތެވެ. ނިދީގައި އޮތް ޝާޢާ ސިއްސައިގެން ދިޔައީ އޭނަގެ މޫނަށް ދިޔާ އެއްޗެއް އޮއްސާލިކަމުގެ އިހުސާސާއެކުގައެވެ. ފުންމައިގެންފައި ދެލޯ ހުޅުވާލަމުން އޭނަ ނޭވާލާން މަސައްކަތްކުރިއެވެ. އޭރު އޭނަގެ ނޭވާ އުފުރިގެންދާން ކައިރިވެއްޖެއެވެ. ހަށިގަނޑަށް އަޅާލެވުނު އެއްޗަށް ޝާޢާގެ ސަމާލުކަން ދެވުނީ އިރުކޮޅެއް ފަހުންނެވެ. އެއާއެކު އޭނައަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޅާލެވުނު އެއްޗެއްގެ ސަބަބުން މުޅި ހަށިގަނޑުން ދުވަން ފެށީ މުޅަ ވަހެކެވެ. ހަމުން ދިލަ ވެސް ނަގަން ފެށި އެވެ.

ޝާޢާއަށް ބިރުވެރިކަމާއެކު ވަށައިގެން ހޯދާލެވުނެވެ. އޭރު އޭނައާއި ކުރިމައްޗަށް ވާހެން ތިބީ އިސްކޮޅުން ދިގު މާރިދުންނެވެ. އެކަކުގެ މުޅި ގައިގައި ހުޅުނބުތަކެއް ފަޅާފައި ވާއިރު އަނެކަކުގެ މުޅި ގައިގައި ހުރީ ކެހެރި ފަޅާފަ އެވެ. އެމީހުންގެ ބޮލުން ދަޅުތަކެއް ނިކުމެފައި ވިއިރު މޫނުން ފެންނަނީ ރަތް އަނގުރުކޮޅެއް ފަދަ ދެލޯ އެކަންޏެވެ. ޝާޢާއަށް ބިރުން ގޮސް ހަޅޭއްލަވައިގަނެވުނެވެ. އޭނައަށް ފަހަތަށް ޖެހިލެވުނުއިރު މުޅި މީހާ ބިރުން ގޮސް ތުރުތުރު އަޅައެވެ. އޭނަގެ ހިތް ވެސް މޭކަށިގަނޑު ފަޅާލާފައި ނިކުންނަން ތައްޔާރުވެފައިވާ ކަހަލަ އެވެ.

''ކަލޭ ކިތަންމެ ބާރަށް ހަޅޭއްލެވިކަމުގައި ވިޔަސް މަދަދުވެރިވާކަށް އެއްވެސް މީހަކު ނާންނާނެ...'' ރުޅިވެރިއަޑަކުން ހާތިބު ބުނެލިއަޑު އިވުނެވެ. އެއަޑަށް ޝާޢާ ސަމާލުވެލުމާއެކު އިސްކޮޅުން ދިގު މީހަކު އައިސް ހުއްޓުނުތަން ފެނެއެވެ. އޭނައަށް އެސޫރައާއި އަޑު ދުވަހަކު ވެސް ނޯޅޭނެއެވެ. އެއީ އޭނަގެ މާމައާއި ކާފަގެ ޤާތިލެވެ. ޝާޢާގެ ހިތުގައި ރުޅިވެރިކަމުގެ ވިންދު ޖަހާލިއެވެ. ނަމަވެސް އެެހެން ހުރިހާ ޖަޒުބާތުތަކަށްވުރެ ކުރި ހޯދީ ބިރުވެރިކަމެވެ. ޝާޢާ ހާތިބުއަށް ބަލަން ހުއްޓާ އޭނަގެ ދެލޮލަށް ކަރުނަތައް ޖަމާވެއްޖެ އެވެ.

''ކަލޭ ރުޔަކަސް އަހަރެންގެ ހިތަކަށް އަސަރެއް ނުކުރާނެ... ކަލޭގެ ނިމުން އަންނަންދެން ތިހެން ކިތަންމެ ކަރުނައެއް އަޅަން ޖެހޭނެ!... ކަލޭގެ މުސްތަޤުބަލުގައި ވަނީ ކެކުޅުން، އެކަން ކަލެއަށް ކުރިއަށް ހުރި ދުވަސްތަކުގައި ފެނިގެންދާނެ... ކަަލޭވެގެންދާނީ އަހަރުމެންގެ މުނިފޫހިފިލުވުމުގެ ވަސީލަތަކަށް... އަހަރެން ބޭނުންވިނަމަ ކަލޭގެ ޢާއިލާ މީހުންނާއެކު ކަލޭ މަރާލެވުނީސް، އެކަމަކު އެހާ ފަސޭހައިން ކަލޭ މަރުވުމުގެ ފުރުސަތު ދޭކަށް އަހަަރެން ބޭނުމެއް ނޫން... ޖައުފަރު ކަލޭ ސަލާމަތްކުރަން ވަރަށް މަސައްކަތްކުރި، އެކަމަކު މިހާރު އަހަންނަށް މިއޮތީ ކާމިޔާބުވެފައި...'' މަލާމާތުގެ ރާގަކަށް ހާތިބު ބުނެލިއެވެ. އޭނަގެ މަގުސަދެއްކަމުގައިވީ ޝާޢާގެ ހިތުގައި ބިރުވެރިކަމާއި ގިލަން ވެރިކަން އުފެއްދުމެވެ. ހާތިބުގެ އެމަގުސަދު ފުރިހަމަ ވެސް ވިއެވެ. އެއާއެކު އޭނަގެ ތުންފަތް މައްޗަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

''ކަލޭގެ ލޯކުރިމަތިން ކަލޭ ލޯބިވާ އެންމެންގެ ނިމުން އަންނާނެ...'' ޝާޢާއަށް ބަލަން ހުރެ ހާތިބު ބުނެލިއެވެ. އެޖުމްލަ އޭނަ އަމާޒުކުރީ ހަމައެކަނި ހަދީޖާއާއި ޖާބިރަކަށް ނޫނެނެވެ. ހާތިބުގެ ޖުމްލައިގައިވި މާނަ ޝާޢާއަށް ދޭހަކުރެވުމާއެކު ގިސްލެވިފައިވާ އަޑަކުން އޭނައަށް ނޫނެކޭ ބުނެވުނެވެ. އޭރު އޭނައަށް ބާރަށް ރޮވިއްޖެ އެވެ.

''ނޫން...'' ގިސްލުމުގެ ތެރޭން ޝާޢާއަށް ބުނެލެވުނެވެ. އޭނަގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތްކަން އިންތިހާއަށް އިހުސާސްކުރެވުނެވެ. އަނިޔާވެރިންގެ ފަރާތުން ރަހުމުގެ ކަންފުޅެއް ވެސް ޝާޢާއަކަށް ނުފެނުނެވެ. އޭނަގެ ރުއިމުގެ އަޑު އިތުރަށް ގަދެވެގެން ދިޔައީ ވެސް އެސަބަބާ ހުރެއެވެ. އޭރު އޭނަގެ ހިތުގައި ޔޫނުސްއާ މެދު ބިރުވެރިކަން އުފެދިފައި ވިއެވެ. ހާތިބު ފާޅުގައި އޭނައަށް އިންޒާރު ދެމުން އެދިޔައީ ޔޫނުސްއަށް ގެއްލުން ދީފާނެ ކަމަށެވެ. ގޮތްހުސްވެފައިވާ ހާލު ރަހުމުކުރުމަށް އެދި ޝާޢާ އާދޭސް ކުރިއެވެ.

''ބަދަލު ހިފަން ބޭނުންވާ ކަމުގައި ވާނަމަ އަހަރެން މިހުރީނު، އަހަރެންގެ ފަރާތުން ބަދަލު ހިފާ... އަހަރެން އެކަމުގައި ޝަކުވާއެއް ނުކުރާނަން... އާދޭސްކުރަން... ޔޫނުސްގެ އެއްވެސް ކުށެއް ނުވޭ... ހެޔުނުވާނެ އޭނަ ދޫކޮށްލާ...'' ޝާޢާ އޭނަގެ ދެއަތް ޖޯޑުކޮށްލުމަށްފަހު ހާތިބު ގާތު އާދޭސް ކުރިއެވެ. އޭނަގެ އަޑު ދިޔައީ ކުރެހިގެންނެވެ.

''ކަލޭ އާދޭސްކުރިޔަސް އަހަރެންގެ ނިންމުން ބަދަލެއް ނުކުރާނަން، ކަލޭގެ ބައްޕައާއި ކަލޭގެ ކާފަގެ ސަބަބުން އަހަރެންގެ ޢާއިލާއަށް ކުރިމަތިވި ހިތާމަތަކުން އަދިއަދަށްދާން ވެސް އަރައިނުގަނެވޭ، ކަލޭގެ ތިއާދޭސްތަކުން އަހަރެން ފިރިހެންދަރިފުޅު އަނބުރާ ހޯދައިދެވޭނެތަ؟... ކަލޭމެން އިންސާނުންތީ ހަމްދަރުދީ ހައްގުވެގެންވާ ބަޔެއް ނޫން...'' ހާތިބު ހަޅޭއްލަވައިގަތެވެ. އޭނަގެ ހިތަށް ޝާޢާގެ ކަރުނަތަކާއި، ގިސްލުމާއި، އާދޭސްތަކުން ކުޑަ ވެސް އަސަރެއް ނުކުރިއެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ހިތުގައި އަނދަމުން ދިޔަ ރުޅިވެރިކަމުގެ އަލިފާންގަނޑުގެ ބާރު ގަދައެވެ. އެރުޅީގެ ސަބަބުން އޭނަގެ ވިސްނުން ވެސް މުޅިން ހެން ވަނީ ބަދަލުވެފައެވެ. އޭނައަށް ހެވާއި ނުބައި ވަކިކުރަން ވެސް ނޭގޭ ކަހަލައެވެ. ބަދަލުހިފުމުގެ ރޫހު އޭނަގެ މުޅި ނަފުސުގެ މައްޗަށް އަތްގަދަކޮށްފި އެވެ.

''ކަލޭ ބަލަން ހުންނަނާތި ކަލޭގެ މުޅި ދިރިއުޅުން ބަރުބާދުވެގެންދާތަން، ފަހަރަކު މީހަކަށްފަހު ކަލޭ ލޯބިވާ އެންމެންގެ ނިމުން އަންނާނެ، އެވެސް ވޭން ދެނިވި ގޮތުގައި...''

ހާތިބު އޭނަގެ ފަހުގެ ނިންމުން އިއްވާލުމަށްފަހު ނިކުމެގެން ދާން ފެށުމުން ޝާޢާއަށް ތެޅިގަނެވުނެވެ. ހާތިބުގެ ފަހަތުން އާދޭސްކުރަމުން ދާން އޭނަ ދެތުވުނު ހިނދު ހާތިބުގެ ހަށިފާރައަށް ހުރި މަހުލޫގުގެ ހަމަލާ އަމާޒުވެގެން ދިޔައީ ޝާއާގެ މެދުހައްޓަށެވެ. އެއާއެކު ވޭނީ ހަޅޭކެއްގެ އަޑާއެކު ޝާޢާ މޫނު ވަތަށް ބިންމައްޗަށް ވެއްޓުނެވެ. ބަނޑުގައި އުފެދުނު ގަދަ ރިހުމާއެކު އޭނައަށް ނޭވާލުން ވެސް ވީ ދަތިކަމަކަށެވެ. ކުރުގެޅިގެން އޮތް އިރު އޭނަ ތަހައްމަލުކުރަމުން ދިޔަ ވޭނުގެ އަސަރު އާހުތަކުން އަންގައި ދިނެވެ.

*****

ތިން ދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް ފުލުހުން ޝާޢާ ހޯދުމަށް ކުރި މަސައްކަތަށް އަލިމަގެއް ނުލިބުނެވެ. ރަށާއި ޖެހިގެން ހުރި ރަށްތައް ބަލާ ހޯދިއިރު ވެސް ނަތީޖާއެއް ނުނެރެވުނެވެ. ހަމައެއާއެކު ޖާބިރުމެނަށް ހަމަލާ ދިން ބަޔަކާއި ދޭން ޖެހުނު ސަބަބާ މެދު ވެސް ޖަވާބު ނުލިބޭ އެތައް ސުވާލެއް އުފެދިފައި ވިއެވެ. އެކަމާއި ގުޅިގެން ރަށަށް ފާޑުފާޑުގެ އަޑުތައް ވެސް ފެތުރިފައި ވެއެވެ. އެއްބަޔަކު އެކަން ސިހުރާ ވެސް ގުޅުވިއެވެ. އެވަގުތު އެމީހަކު ހިތަށް އެރި ގޮތަކަށް ރަށުތެރޭގައި ވާހަކަ ދެކެވި ކުރިފަޅަމުން ދިޔަ އެވެ.

ޔޫނުސް ވެސް މިހާރަކަށް އައިސް ހުންނަނީ ހިމޭން ވެފައެވެ. ޝާޢާގެ ޚަބަރެއް ނުވާތީ އޭނަގެ ހުންނަނީ ވިސްނުންތަކެއްގެ ތެރެއަށް ގެއްލިފައެވެ. ޝާޢާ ދެން ދުވަހަކު ވެސް ނުފެނިދާނެކަމުގެ ބިރު އެހިތުގައި ވެއެވެ. ޤަބޫލުކުރަން ހިތް އިންކާރުކުރިކަމުގައި ވިޔަސް މެއެވެ. އެހާ އަވަހަށް އޭނަގެ ލޯބީގެ ބާބުގައި ނިމުމުގެ ސިއްކަ ޖެހިގެން ދިއުމުން ޔޫނުސްގެ ސިކުނޑިވީ ޝޮކެއްގެ ތެރޭގައެވެ. ހަމައެއާއެކު ރަށު ތެރޭގައި ދެކެވެމުން ދިޔަ ވާހަކަތަކަށް ވެސް އޭނަގެ ސަމާލުކަން ހުއްޓެއެވެ. އޭގެ ސަބަބުން އޭނައަށް ލިބޭ ނުތަނަވަސްކަން އިތުރުވެއެވެ. ހިތުގައި ޖަވާބު ނުލިބޭ އެތައް ސުވާލެއް ފުނިޖެހިފައި ވެއެވެ.

*****

އުދާސީ ދުނިޔެއަކަށް ގެނބިފައިވި ޝާޢާ ސިއްސައިގެން ދިޔައީ މީހެއްގެ ހިލަން ވުމުންނެވެ. އޭނަ ބަލާލިއިރު ތަބެއް ހިފައިގެން މީހަކު އާދެއެވެ. އޭނަގެ ހަރަކާތްތަކުން އެއީ އަންހެނެއްކަން އެނގެއެވެ. އޭނަ އިސް ޝާޢާ އާއި އަރާހަމަކުރަމުން އަތުގައި ހުރި ތަބައް ބިންމަތީގައި ބަހައްޓާލިއެވެ. ފަރުވާތެރިކަމާއެކު ޝާޢާ އެއަށް ބަލާލިއެވެ. އޭގައި ހުރި ކާއެއްޗިއްސެވެ. މީގެ ކުރިން ދުވަހަކު ވެސް ޝާޢާއަށް ފެނިފައިވާ އެއްޗިއްސެއް ނޫނެވެ. އެއްފަހަރު ތަބައް އަދި އަނެއްފަހަރު އެގެނައި އަންހެނާއަށް ޝާޢާ ބަލާލިއެވެ.

''ތި ކާންވީ، ގަޑިއެއްހާ އިރުތެރޭ ތިބަލާ އަންނާނަން، އެހާއިރަށް ކަލޭ ކެޔަސް ނުކެޔަސް ތި ގެންދާނަން، އޭގެ ފަހުން ކަލޭ ހުންނަންޖެހޭނީ މާދަމާއާ ހަމައަށް ނުކާ، ކަލެއަށް ދުވާލެއްގެ މައްޗަށް ކާނާ ލިބޭނީ އެންމެ ފަހަރަކު...'' އަމުރުވެރިރާގެއްގައި އަންހެންމީހާ ބުނެލިއެވެ. އޭނަގެ އަޑުގައި ހަރުކަށިކަން ވިއެވެ. އޭނަ އިތުރު އެއްޗެއް ބުނުމެއް ނެތި ނިކުމެގެން ދިޔަ އެވެ. އެމީހުންގެ ނަޒަރުގައި ޝާޢާގެ އެއްވެސް އަގެއް ނެތެވެ. ހިތުހުރި ގޮތަކަށް ކަންތައް ކުރަން ކެރެނީ އެހެންވެ އެވެ.

ބަނޑުހައިވެ ހާންތިވެފައިވުމުން ކާއެއްޗިއްސަށް ސަމާލުކަމެއް ދިނުމެއް ނެތި ޝާޢާ ކާން ފެށިއެވެ. އޭގައި އޭނައަށް ދިނީ ތަފާތު ރަހައެކެވެ. ނަމަވެސް އެރަހަތަކަށް ސަމާލުކަން ދިނުމަށްވުރެ ބަނޑުފުރާނަ މުއްތިކުރަން އޭނަ ބޭނުން ވިއެވެ. ކައި ނިމުމާއެކު ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ހަކަތައެއް ލިބުނެވެ. އެހެނަސް ހިތާމަތަކުގެ ސަބަބުން އޭނަގެ ސިކުނޑިވީ ވަރުބަލިވެފައެވެ. ނުވީތާކަށް ޔޫނުސްއާ މެދު ފިކުރުބޮޑުވެފައިވުމުން އޭނަގެ ބޮލަށް ވަނީ ބަރުވެފައެވެ. ޔޫނުސްއަށް ދެރަ ގޮތެއް ވާކަށް އޭނަގެ ހިތެއް ނޭދެއެވެ. އެފަދައިން ކަންތައް ވެއްޖެނަމަ އޭނަގެ ހިތް ފަޅައިގެން ހިނގައިދާނެއެވެ. އިތުރު ހިތްދަތިކަމަކާ ކުރިމަތިލުމުގެ ބާރެއް އޭނަގެ ނިކަމެތި ހަށިގަނޑަކު ނުވެއެވެ. އޭނަ އެވަނީ މުޅިން ބިކަވެ ބަލިކަށި ވެފައެވެ.

އަމިއްލަ އުދާސްތަކުގައި ހައްޔަރުވެފައި ވަނިކޮށް އެއްކަލަ އަންހެން މީހާ ވަދެގެން އަންނަތަން ފެނުނެވެ. އޭނަގެ އަތުގައި މިފަހަރު އޮތީ ހިމަ ދިގު ފެންޖަގެކެވެ. އޭނަ ފެންޖަގު ގެނެސް ޝާޢާގެ އަތް ފޯރާ ހިސާބުގައި ބެހެއްޓުމަށްފަހު ނިމިފައި ހުރި ތަށިތައް ހިފައިގެން ނިކުންނަން މިސްރާބު ޖެހިއެވެ.

އަނެއްކާ ވެސް އެކަނިވެރިކަމާއި ހާސްކަން އައިސް ޝާޢާ ވަށާލައި ހާސްކުރުވަން ފެށިއެވެ. އޭނަ ބިންމަތީގައި އޮށޯވެލައިގެން އޮތް އިރު އެފަދަ ބަދުނަސީބަކާއި އޭނައަށް ކުރިމަތިލާން ޖެހުނު ސަބަބާ މެދު ވިސްނަމުން ދިޔަ އެވެ. މާމާ އޭނައަށް ކިޔައިދިން ގޮތުގައި އޭނަގެ ބޮޑުދައިތައާއި ނުލަފާ ޖިންނިއެއް އަވަލުމުން، ބޮޑުދައިތަ ސަލާމަތްކުރަން ހެދި ފަންޑިތައިގެ ބާރުން އަވަލައިގެން އުޅުނު ޖިންނި އަންދާލީއެވެ. އެހެދި ފަންޑިތަ އެންމެފަހުން ވިހަވެ ބޮޑު ކުރިމަތިލުމެއް ފެށިގެން ދިޔައީ އެވެ. އެކަމުގައި ބޮޑުދައިތައާއި އޭނަގެ މައިންބަފައިން ވެސް މަރުވީއެވެ. ކާފަގެ ފަންޑިތައިގެ ބާރުން އޭނައާއި މާމައަށް ވަގުތީ ރައްކާތެރިކަމެއް ލިބުނެވެ. އެހެނަސް މިއަދު އެބާރު ކެނޑި އެމީހުން ވެސް ނުރައްކަލަށް ހުށަހެޅުނީއެވެ. މިހުރިހާ ކަމެއްގައި ވެސް ކުއްވެރިވަނީ ޖިންނީންނެވެ.

*****

ޒިޔަޒަންގެ ޚަބަރެއް މިއަދު އެއްވެސް ގޮތަކަށް ނުވުމުން އޭނަގެ އެކުވެރިޔާ ރަޒާން އޭނައާއި ބައްދަލުކުރަން އެގެއަށް ދިޔަ އެވެ. ރަޒާން ޝާހީ ގަނޑުވަރަށް ވަން އިރު ފުރަތަމަ ވެސް ބައްދަލުވީ ބަރްކާއާ އެވެ. ރަޒާން ހިނިތުންވެލަމުން ބަރްކާއާއި ސުވާލުކޮށްލީ ޒިޔަޒަންވީ ތަނެއް އޮޅުން ފިލުވާލުމަށެވެ. އެއާއެކު ބަރްކާ ބުނެލީ ޒިޔަޒަން ވީ ކޮޓަރީގައި ކަމަށެވެ.

''ޒިޔަޒަން، ކަލެއަށް ކިހިނެއް ވެގެންތަ ތިއުޅެނީ؟... މިއަދު ގެއިން ވެސް ބޭރަށް ނުނިކުންނާނަމޭ ހިތާތަ ތިއޮންނަނީ؟...'' ޒިޔަޒަންގެ ކޮޓަރިއަށް ވަން ރަޒާން ވާހަކަދެއްކީ އެނދުގައި އޮށޯވެލައިގެން އޮތް ޒިޔަޒަން އާއެވެ. ރަޒާންގެ އަޑަށް ޒިޔަޒަން ކޮޓަރީގެ ދޮރާދިމާއަށް ބަލާލިއެވެ.

''މިއަދު ތަނަކަށް ދާހިތް ނުވާތީ މިތޮއީ...'' އެނދުން ތެދުވާ ފަދަ ޚިޔާލެއް ޒިޔަޒަންގެ ނެތެވެ.

''އަނެއްކާ ކިހިނެއްވީތަ؟...'' ރަޒާން ޒިޔަޒަންއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

''ނޭގޭ...'' ރަޒާންގެ ސުވާލަށް ދޭނެ ޖަވާބެއް ޚުދު ޒިޔަޒަންއަކަށް ވެސް ނޭގުނެވެ. އެވަގުތު އޭނައަށް އޭނަގެ ހިތާއި ވެސް އެސުވާލުކޮށްލެވުނެވެ. އޭނައަށް ވެގެން އެއުޅެނީ ކިހިނެއް ހެއްޔެވެ؟

''ނޭގެޔޭ؟... ތިދެން އަޖައިބެއް ދޯ...'' ރަޒާން އައިސް އެނދުގެ ފޭޑީގައި އިށީނެވެ. އަދި ޒިޔަޒަންގެ މޫނަށް ނަޒަރު ހިންގާލީ އެއްޗެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ. ''އަދިވެސް އެކަމާ މެދުތަ ތި ވިސްނަނީ؟... މިހާރު ޔަޤީން ކުރެވިއްޖެ ޒިޔަޒަން ތީ ލޭއޮހޮރުވުންތައް ހަޖަމުނުކުރެވޭނެ މީހެއްކަން...''

''ޒިޔަޒަން ހިތްހަމަނުޖެހުނަސް އެކަމެއް ބަދަލެއް ނުކުރެވޭނެ... އެމީހުނަށް އެލިބުނީ ހައްޤުވެގެންވާ ސަޒާ... ޒިޔަޒަން ވެސް އެމީހުންދެކެ ރުޅި އަންނާކަން ނު ވީ؟... ކޮންފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އިންސާނުންގެ ސަބަބުން...'' ރަޒާން ވިސްނައިދޭ ރާގަކަށް ބުނެލިއެވެ. ޒިޔަޒަން އެއާ ވިދިގެން އެއްޗެކޭ ނުބުންޏެވެ.

''މިހާރު އެކަން ވެސް އެނިމުނީއެއްނު...'' ރަޒާން ބުނެލިއެވެ.

''ނިމޭނެތަ؟...'' ޒިިޔަޒަން ސުވާލުކުރިއެވެ. އެއާއެކު ރަޒާންގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔަ އެވެ.

''ކީއްވެތަ އެއިންސި އަހަރުމެންގެ ތެރެއަށް ގެނެވިފައިވަނީ؟، އޭނަ މަރާލުމުގެ ބަދަލުގައި ދިރިހުރުމުގެ ފުރުސަތު ދެވިފައިވަނީ ކީއްވެ؟... ބައްޕަގެ ހިތުން އަދިވެސް ބަދަލު ހިފުމުގެ ރޫހު ފިލައިގެން ނުދޭ، އެކަމުގެ ދިރިހުރި މިސާލެއް އެއިންސިއަކީ...'' ޒިޔަޒަން ބުނެލިއެވެ. އޭނައަށް ވަރަށް ރަގަޅަށް އޭނަގެ ބައްޕަ ދަސްވެފައިވާ ކަހަލައެވެ. އިންސާނުންނާ މެދު ބައްޕަގެ ހިތުގައިވާ ރުޅިވެރިކަން ދެމެހެއްޓުމަށް ސަބަބެއް ބޭނުންވެއެވެ.

''އަހަންނަކަށް ނޭގޭ އޭނަ ގެނެވިފައިވަނީ ކީއްވެގެންކަމެއް، އެކަމަކު އެނގޭހާ ވެސް އެއްޗަކީ އޭނަ ދުނިޔޭގައި ގިނަ ދުވަހު ހުރުމުގެ ފުރުސަތެއް ޒިޔަޒަންގެ ބައްޕަ ނުދޭނެކަން... އެކަން ޒިޔަޒަންއަށް ވެސް އެނގެއެއްނު...'' ރަޒާންގެ ޖުމްލައާއެކު ޒިޔަޒަންގެ ހިތަށް ގޮތެއް ވިކަން ގައިމެވެ. ހައްޓަށް ލުޔެއް ހޯދަދޭން ފުންނޭވާތަކެއް އޭނަ ދޫކޮށްލިއެވެ.

''އެހެންނޫނަސް ކުއްލިޔަކަށް ޒިޔަޒަން އެއިންސިއާ މެދު ޝައުޤުވެރިކަން އުފެދިގެން ތިއުޅެނީ ކީއްވެ؟...'' ޒިޔަޒަންގެ މޫނުގެ ޝުއޫރުތަކަށް ސަމާލުވެލަމުން ރަޒާން އަހާލިއެވެ.

''އޭނައާ މެދު އަހަރެން ޝައުޤުވެރިއެއް ނުވަން، އަހަރެން ކަންބޮޑުވަނީ ބައްޕަ ދެކެ...'' ކުއްލިއަކަށް ޒިޔަޒަން އެނދުން ތެދުވުނެވެ. އަދި ރަޒާންއަށް ފުރަގަސް ދެމުން ހިނގައިގަތީ ބެލްކަނިއާއި ދިމާއަށެވެ. ޒިޔަޒަންގެ ހަރަކާތްތަކުން ނަގަންވީ މާނަ ނޭގިފައިވި ރަޒާން ވެސް ޒިޔަޒަންގެ ފަހަތުން ހިނގައިގަތެވެ.

''ދެން މިވާހަކަތައް ހުއްޓާލާފައި ހިނގާބަލަ އަހަންނާއެކު... މިއަދު އީވާ ގޮވައިގެން މިތާ ކައިރި މިއޮންނަ ފަޅު ރަށަށް ދާން ވެގެން މިއުޅެނީ...'' ރަޒާން މައުޟޫޢު ބަދަލުކޮށްލަން ބުނެލިއެވެ. އިތުރަށް އިންސީންގެ ވާހަކަ ޒިޔަޒަން ގާތު ދައްކަން އޭނަ ބޭނުމެއް ނުވެއެވެ. ޒިޔަޒަންގެ ވިސްނުން ބައްޓަންވެފައިވި ނަޒަރިއްޔާތު އޭނައަށް ނޭގޭތީއެވެ. އެކަމާމެދު އޭނަ ހުރީ ހިސާބަކަށް ކަންބޮޑު ވެސް ވެފައެވެ. ނަމަވެސް މިވަގުތަށް އެކަން އޭނަ އޮއްބާލީ ފަހުން ޒިޔަޒަންއާއި ހަމަހިމޭން މާހައުލެއްގައި އެވާހަކަދައްކާލުމަށް ގަސްދުކޮށްފަ އެވެ.

''ދެލޯބިވެރިން ދާތަނަކަށް އަހަރެން ގެންދަނީ ކީއްކުރަން؟... ތިދެމީހުން ތިބޭނީ އަމިއްލަ ދުނިޔެއެއްގައި، އަހަރެން ހުންނާނީ ބާކީވެފައި...'' ޒިޔަޒަން ބުނެލިއެވެ.

''ބާކީ ނުވާނެއެއްނު ޒިޔަޒަން ވެސް ތިހެން ހުސްހަށިބަޔަށް ނުހުރެ ކުއްޖަކާ ރައްޓެހިވެއްޖެއްޔާ... މިހާރު ވެސް އެތިބަ ނޫކަށިފުރައިގެ ޒުވާނުން ތިބެނީ ޒިޔަޒަން ފެނި އަނބުރައިގަންނަން ކައިރިވެފަ، އެއިން މީހަކާ ކައިރިވެލާއިރަށް ޒިޔަޒަންގެ އެކަނިވެރިކަން ފިލުވާލަދޭނެ...'' ރަޒާން ވާހަކަދެއްކިއެވެ.

''އަނެއްކާ ފެށީދޯ... ރަޒާން ނުބުންޏަސް އަހަރެން ވެސް މީހަކާ ރައްޓެހިވާނަމޭ، އެކަމަކު އަދި އެދުވަހެއް ނާދޭ...'' ރަޒާންގެ ކޮނޑުގައި ޖަހާލުމަށްފަހު ޒިޔަޒަން ބުންޏެވެ.

''ތިހެން ކިޔާތާ މިހާރު މިވީ ކިތައް އަހަރު، އަހަރުމެން މަރުވެގެންދާއިރު ވެސް ތި ދުވަސް އަންނާނެކަމެއް ނޭގޭ...'' ސާމާސާ ރާގަކަށް ރަޒާން ބުނެލިއެވެ. އޭނަ ޒިޔަޒަންއާ ވާހަކަދައްކަން އެތައް އިރެއް ވަންދެން ހުއްޓެވެ. އޭނަ އެންމެފަހުން ދިޔައީ ޒިޔަޒަންގެ ފަރާތުން ދަތުރުގައި ބައިވެރިވެދާނެ ކަމުގެ ޝައުޤުވެރިކަން ނުލިބުނީތީއެވެ.

ރަޒާން ދިއުމާއެކު ޒިޔަޒަން ފުންނޭވާއެއް ދޫކޮށްލިއެވެ. ވަކަރުން ފަރުމާކުރެވިފައިވާ ރެއިލިންގައި ދެއަތުން ހިފަހައްޓާލަމުން ޒިޔަޒަން ބަލާލީ ގައިދީން ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށެވެ. އެހިނދު ރަޒާން ބުނި ޖުމްލަ އޭނަގެ ސިކުނޑީގައި ކޮއްޓާލައިފިއެވެ. މިފަހަރު ވެސް އޭނައަށް އެސުވާލު ހިތާކޮށްލެވުނެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުރުމަށްފަހު އޭނަ ދިޔަ އެވެ.

*****

އިރުއޮއްސި އަނދިރިވުމާއެކު ޝާޢާ އޮތް ގޮޅި ތެރެއަށް ބޭރުތެރެއިން އެޅިފައި ހުރި އަލި ފަނޑުވެ އަނެއްކާ ވެސް އަނދިރިވެއްޖެ އެވެ. ފާރުގައި ލެނގިލުމަށްފަހު އޭނަގެ ދެފައި ގެނެސް މޭގައި ޖައްސާލައިގެން ޝާޢާ އިނެވެ. އެހެން އިންދާ ގިނަ އިރުތަކެއް ނުވެ ދުރުން ފާނޫޒެއް ދިއްލާލުމާއެކު ފަނޑުފަނޑު އަލިކަމެއް ފެތުރިގެން ދިޔަ އެވެ.

****

ރޭގަނޑުގެ ވަގުތެވެ. ސުފުރާމަތީގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރެވެމުން ދިޔަ އިރު ހާތިބުގެ ފަޅުކަން އިހުސާސްކުރެވި މަންމައާއި ޒިޔަޒަން ސުވާލުކޮށްލިއެވެ. އޭނައަށް މަންމަގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާހަގަކުރެވުނެވެ. އެއާއެކު ބައްޕަވީ ތަނަކާ މެދު ހިތުގައި ސުވާލު އުފެދިއްޖެއެވެ.

''ބައްޕަ ވީ ކޮޓަރީގަ، އިރުކޮޅަކުން އަންނާނެ...'' ހަމަޖެހޭކަން ދައްކަމުން ބަރްކާ ބުނެލި އެވެ. އަދި ޒިޔަޒަންއަށް ހިނިތުންވެލިއެވެ. ބަރްކާއަށް ސަމާލުކަން ހުއްޓާލަައިގެން އިން ޒިޔަޒަންއަށް އެއީ ދޮގެއްކަން ނަގައިގަންނަން ގިނަ ވަގުތެއް ނުނެގި އެވެ.

''މަންމަ ކީއްކުރަންތަ ދޮގު ތިހަދަނީ؟... އިރާކޮޅު ބައްޕަ ދިޔަ ގޮތަށް ގެއަކަށް ނާދޭ... ބައްޕަ ދިޔަ ތަނެއްގެ ސަބަބުން މަންމަ ކަންބޮޑުވެފައިވާތަން އަހަންނަށް އެބަފެނޭ....'' ޒިޔަޒަން ބުނެލިއެވެ. ބަރްކާ ހާމަކުރަން ނޫޅުނުކަމުގައި ވިޔަސް އެމޫނުން ޒިޔަޒަންއަށް ހުރިހާ ވާހަކަތަކެއް ކިޔައި ދީފިއެވެ. އެހުރިހާކަމަކަށް އިތުރު ބާރެެއް ދިނީ ބަރްކާގެ ހިމޭންކަމެވެ.

''ބައްޕަ އުޅެނީ ކީއްކުރަންތަ؟...'' ޒިޔަޒަން ކަންބޮޑުވެފައިވާ އަޑަކުން އެހި އެވެ. ބައްޕަ އަނބުރާ އިންސީންގެ ދުނިޔެއަށް ދާން ޖެހުނު ސަބަބެއް އޭނައަކަށް ނޭގުނެވެ.

''ބަދަލު ހިފަން...'' ބަރްކާ ބުނެލިއެވެ.

''އެކަމުގައި ޝާމިލުވި އެންމެނަށް އަދަބުލިބިއްޖެއެއްނު...'' ޒިޔަޒަންއަށް ހައިރާންކަން ލިބުނެވެ.

''ޒިޔަޒަންގެ ބައްޕަ ބޭނުންވަނީ އެއިންސިއަށް އަދަބުދޭން...'' ބަރްކާ ބުނަން އުޅުނު އެއްޗެއް ޒިޔަޒަންއަކަށް ދޭހައެއް ނުވިއެވެ.

''ކިހިނެއް؟...'' ޒިޔަޒަން އެހި އެވެ.

''އޭނަ ލޯބިވާ އެންމެން މަރާލައިގެން...'' ބަރްކާގެ ޖުމްލައާއެކު ޒިޔަޒަން ހުއްޓުން އެރިއެވެ. އޭނައަށް ބަލަން އިދެވުނީ ޤަބޫލުނުކުރެވިފައިވާ ހާލުގައެވެ. އޭނަގެ ބައްޕަގެ ބަދަލުހިފުމުގެ ރޫހު އެދަރަޖައަށް ދިޔައީ ހެއްޔެވެ؟

''މަންމަ ތިހުންނަނީ އެކަމަށް ފުރުސަތު ދީގެންތަ؟... މަންމަގެ ކުރިމަތީގައި ވެސް މިހާރު ފުރާނައިގެ އަގެއް ނުހުންނަނީތަ؟... މަންމައެއް ނޫންތަ އަހަންނަށް ބުނެދިނީ ކިތަންމެ ބޮޑު ކުށެއް ކުރެވުނު މީހަކަށް ވެސް މަޢާފުކުރުން ހައްގުވެގެން ވެޔޭ... ކޮންމެ ފަދަ ހާލަތެއް މެދުވެރިވިކަމުގައި ވިޔަސް އެމީހުންގެ ދަރަޖައަށް ވެއްޓި އަމިއްލަ ނަފުސު އަނދިރީގެ ތެރެއަށް ހުށަނާޅާށޭ، އޭގެފަހުން މުޅިމީހާ ޝައިތާނީ ވަސްވާހުގައި ބަނދެވިގެންދާނެއޭ... ދެން ކީއްވެ ބައްޕަ އަނދިރީގެ ތެރެއަށް ހުށަހެޅުމުގެ ފުރުސަތު މަންމަ ދިނީ؟.... ބައްޕަގެ ރުޅިވެރިކަން އެދަރަޖައަށް ދިޔަ އިރު ކީއްވެ މަންމަ ހިމޭނުން ތިހުންނަނީ؟... އިތުރު ލޭއޮހުރުވުން ތަކަކަށް ފުރުސަތު ތިދެނީ ކީއްވެ؟... މިހާރު މިކަންތައް މުނިފޫހިފިލުވާ ފަދަ ކުޅިގަނޑަކަށް ބަދަލު ވެއްޖެ...'' ޒިޔަޒަން ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ.

''މަންމަ ބުނާ އެއްޗެއް ދަރިފުޅުގެ ބައްޕަ އަހާނެތަ؟... މަންމަ ވެސް ބޭނުމެއް ނޫން މިކުޅިގަނޑު އިތުރަށް ދިގުލައިގެން ދާކަށް، މިހާރު ވެސް އެކަމުގައި އެތައް ބަޔަކު މަރުވެއްޖެ، ގިނައީ ކުށެއް ނެތް މީހުން... އެޖަރީމާ ހިންގި ދެމީހުން މިހާރު ތިބީ ފަސްގަނޑު ދަށުގައި... އެކަމަކު ދަރިފުޅުގެ ބައްޕަ ބޭނުން ވަނީ އެމީހުންނާ ލޭގެ ގުޅުން ހުންނަ ކޮންމެ މީހެއްގެ ފަރާތުން ބަދަލު ހިފަން... ލޭއޮހުރުވުން އެއީ އެކަމަށް މީހާ ދެވިހިފާއެއްޗެއް، ސަބަބެއް ނެތަސް މީހާގެ ހިއްސުތައް ލޭއޮހޮރުވުން ކުރިއަށް ގެންދަން ސަބަބުތައް ދައްކާނެ، ޒިޔަޒަންގެ ބައްޕައަށް ވެސް އެވަނީ އެހެން... މަންމަ ފިކުރުބޮޑުވެފައިވާ މިންވަރެއް ޒިޔަޒަންއަކަށް ނޭގޭނެ...'' ވާހަކަދައްކަމުން ގޮސް ބަރްކާއަށް ރޮވުނެވެ. އޭނަގެ ލޯބިވާ ފިރިމީހާ މިހާރު އެވަނީ ތާއަބަދަށް އޭނައަށް ގެއްލިފަ އެވެ. ހާތިބުގެ ނަފުސު އެވަނީ އަނދިރީގެ ތެރޭގައި ހައްޔަރުވެފައެވެ. ހާތިބަށް އޭނަ މަދަދު ފޯރުކޮށްދޭން ކުރިހާ މަސައްކަތެއް ދިޔައި ފެނަށެވެ. އެކަމާ ހުރެ އޭނައަށް އެވަނީ ހަދާނެ ގޮތް ހުސްވެފަ އެވެ.

*****

ދުވަސްތަކަކަށް ފަހު އޮފީހަށް ނިކުތުމުން ކުރަން ގިނަ މަސައްކަތްތައް ހުރުމުން ޔޫނުސް މަޑުކޮށްލައިގެން ހުރީ ހުރިހާ މަސައްކަތެއް ނިންމާލާފައި ދިއުމަށެވެ. އޮފީހުގެ އެންމެން ގޮސް ހުސްވިއިރު ވެސް ޔޫނުސް ގެއަށް ނުގޮސް އިނެވެ. މަސައްކަތުގައި ޝާމިލުވުމުން ކުޑަ ހިނދުކޮޅަކަށް ވިޔަސް އޭނައަށް ޝާޢާގެ ހަނދާންތަކާ ދުރަށް ދެވުނެވެ.

މަސައްކަތުގެ ތެރެއަށް ގެއްލިފައި އިން ޔޫނުސް ސިއްސައިގެން ދިޔައީ އޭނަގެ ފޯނު ރިންގްވާން ފެށުމުންނެވެ. އޭނަ އަވަސްއަވަހަށް މޭޒުމަތީ އޮތް ފޯނަށް ނަޒަރެއް ދިނެވެ. ގުޅަނީ މަންމަ އެވެ. އެއާއެކު ޔޫނުސްއަށް ގަޑިއަށް ސަމާލުކަން ދެވުނެވެ. އޭރު ގަޑިން އަށެއްޖަހައި ބޮޑު ވެއްޖެއެވެ. މަންމަ އެގުޅަނީ އޭނަ ނައިސް ލަސްވެގެންކަން ޔޫނުސްއަށް އެނގުނެވެ.

''މަންމާ، މި ދަނީ...''

ޔޫނުސް ފޯނުނަގަމުން ބުނެލިއެވެ. އަދި ފޯނުކޯލް ކުރުކޮށްލިއެވެ. އެއަށްފަހު ކުރަން ހުރި މަސައްކަތުގެ ބޮޑުބައެއް ނިމިފައިވުމާއެކު، ވަރުބަލިވެފައިވާ އޭނަގެ ހަށިގަނޑަށް ލުޔެއް ހޯދަދޭން ޔޫނުސް އެވަގުތަށް މަސައްކަތް ނިންމާލިއެވެ. އަދި މޭޒުމަތީ ހުރި ފައިލުތައް އެހުރިތަންތަނަށް ލުމަށްފަހު ކޮމްޕިއުޓަރު ނިއްވާލަމުން އޭނަ އަވަސްވެގަތީ ގެއަށް ދިއުމަށެވެ. އޮފީސް ތަޅުލުމަށްފަހު ޔޫނުސް މިސްރާބުޖެހީ ސައިކަލު ޕާރކްކުރެވިފައިވާ ސަރަހައްދާއިދިމާއަށެވެ. އޭރު މުޅި ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.

(ނުނިމޭ...)

http://sun.mv/114558

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު