މިދިޔަ މަހުގެ 21ގައި އިންގްލިޝް ޗެނަލަށް ވެއްޓުނު ބޯޓުން ފެނިފައި ވަނީ އާޖެންޓީނާގެ ފުޓުބޯޅަ ކުޅުންތެރިޔާ އެމިލިއާނޯ ސަލާގެ ހަށިގަނޑު ކަމަށް އިނގިރޭސި ފުލުހުން ބުނެފިއެވެ.
ފުރާންސްގެ ނަންޓޭސްއިން އިނގިރޭސިވިލާތުގެ ކާޑިފްއަށް ދަތުރު ކުރަމުން ދަނިކޮށް ރާޑަރުން ގެއްލުނު ޕައިޕާ މަލިބޫ އެން264ޑީބީގައި ތިބީ ސަލާއާއި ޕައިލެޓު ޑޭވިޑް އިބޮޓްސަންއެވެ. އެބޯޓު ފެނުނީ މިދިޔަ އާދިއްތަ ދުވަހުގައެވެ. އަދި ސަލާގެ ހަށިގަނޑު ހޯމަ ދުވަހު ފެނުނު ނަމަވެސް، ކަނޑުއަޑިން ހަށިގަނޑު ނެގުނީ ބުދަ ދުވަހުގައެވެ. އަދި އެއީ ސަލާގެ ހަށިގަނޑުކަން ޔަގީން ކުރެވުނީ އިއްޔެއެވެ.
ޕައިލެޓު އިބޮޓްސަންގެ ހަށިގަނޑު އަދި ފެނިފައި ނުވެއެވެ. އިނގިރޭސި ފުލުހުން ވަނީ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާނެ ކަމަށް ބުނެފައެވެ. ނަމަވެސް މޫސުން ގޯސްވުމުން އެމަސައްކަތަށް ހުރަސް އެޅެމުންދާކަންވެސް ފާހަގަކޮށްފައެވެ.
އެހާދިސާ ހިނގީ ސަލާ، ނަންޓޭސްއިން ކާޑިފް ސިޓީއަށް ބަދަލުވިކަން އިއުލާން ކުރިތާ ދެ ދުވަސް ފަހުންނެވެ. އަދި ނަންޓޭސްއިން މިހާރު ވަނީ ސަލާގެ 15 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީ ދިނުމަށް އެދިފައެވެ.