ރިޔާސީ ބަޔާނަށް ލޭބާ ޕާޓީގެ ތައުރީފު

ފެބްރުއަރީ 7، 2019: ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވުމަށް ބޭއްވި ފުރަތަމަ ޖަލްސާ: ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ރިޔާސީ ބަޔާން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ލޭބާ ޕާޓީން ތާއީދުކޮށްފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ ރިޔާސީ ބަޔާނުގައި ލޭބަރ ޕާޓީގެ އުސޫލުތަކާ ސިޔާސަތުތަކާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ހާމަކުރައްވާފައިވާތީ އެކަންކަމަށް އެ ޕާޓީގެ ފުރިހަމަ ތާއީދު އޮތްކަމަށެވެ.

އެގޮތުން، އިންކަމް ޓެކްސް ނަގަން ނިންމައި، މިއަންނަ އަހަރުން ފެށިގެން، ވަކި މިންވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އާމްދަނީން ޓެކްސް ނަގަން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެ ޕާޓީން ބުނީ އިންކަމް ޓެކްސް ނެގުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި، އާމްދަނީ އިތުރުވާ މިންވަރުން ޓެކްސްގެ ނިސްބަތް މަތިވާ ގޮތް ހެދުމަށާއި އާމްދަނީ ރިޕޯޓުކުރުމުގެ ނިޒާމު ހަރުދަނާކޮށް، "ގޮތްނޭނގޭ" އާމްދަނީ ހާމަކުރުން މަޖުބޫރުކުރުމުގެ ބާރު ތަހުގީގީ އަދި ޝަރުއީ އިދާރާތަކަށް ދިނުމަކީ، ޓެކްސްގެ ނިޒާމު އިންސާފުވެރިކޮށް، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވުމަށް ލާޒިމު ކަމެއް ކަމަށެވެ.

އޭގެ އިތުރުން ލޭބާ ޕާޓީން ވަނީ އެންމެ ދަށުން ލިބޭނެ އާމްދަނީ (މިނިމަމް ވޭޖް) ކަނޑައެޅުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ވެސް މަރުހަބާ ކިޔާފަ އެވެ.

ނަމަވެސް، ވަކި ވަކި ސެކްޓާރ ތަކަށް ކަނޑައަޅާފައިވާ މިނިމަމް ވޭޖު ނިންމުމުގައި، އިންޑަސްޓްރީތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، މަސައްކަތްތެރިންގެ ޖަމިއްޔާތަކާ އިތުރަށް މަޝްވަރާކޮށް، ދިރިއުޅުމުގެ ހަރަދުތަށް ފުއްދޭނެފަދަ އާމްދަނީއެއް ކަނޑައެޅުމުގެ މުހިންމު ކަމަށް އެ ޕާޓީން ބުންޏެވެ. އަދި އަދި ބިދޭސީން މަދުކުރެވިގެންދާނެ ގޮތަކަށް މިނިމަމް ވޭޖުގެ ސިޔާސަތު ތަންފީޒުކޮށް، އިންތިޒާމުކުރުން މުހިންމު ކަމަށް ބުންޏެވެ.

އޭގެ އިތުރުން، އަދުލު އިންސާފުގެ ނިޒާމް ހަރުދަނާކުރުމާއި، ހިޔާވަހިކަމުގެ މަޝްރޫއޔތަކާމެދު ރިޔާސީ ބަޔާނުގައި ދެއްވާފައިވާ ޔަގީންކަމަށް އެ ޕާޓީއިން މަރުޙަބާކިޔާ ކަމަށާއި އެކަންކަން ތަންފީޒުކުރުމުގައި އެ ޕާޓީގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ލޭބާ ޕާޓީން ބުންޏެވެ.

comment ކޮމެންޓް