"40 ޕްލަސް" އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ފަސްކޮށްފި

"40 ޕްލަސް"ގެ ޕޯސްޓަރެއް...

ކުޅަދާނަ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ޕްރޮޑިއުސްކޮށް ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ "40 ޕްލަސް" ޕްރިމިއާކުރުން ފަސްކޮށްފި އެވެ.

ފިލްމު ކުރިން ރިލީޒްކުރަން ނިންމީ މި މަހު 27 ގަ އެވެ. މިހާރު ފިލްމު އަޅުވާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. ފިލްމުގެ ޕްރޮޑިއުސަރު ޝަފީގު "ސަން" އަށް ބުނީ ފިލްމު އަޅުވާ ތާރީހު ފަސްކޮށްލަން ޖެހުނީ ނެޝަނަލް ސެންޓަ ފޮ އާޓްސް (އެންސީއޭ)ގެ އިވެންޓަކަށް އޮލިމްޕަސް މި މަހު 27 އަދި 28 ބޭނުންވުމުންނެވެ.

"ޗައިނާގެ ކަލްޗަރަލް ޝޯ އެއް ބާއްވަންވެގެން އެމީހުން ރިކުއެސްޓް ކުރީ އޮލިމްޕަސް ބޭނުންވެގެން. ދެން ޓިކެޓް ވެސް ވިއްކަން ނުފަށާތ،ީ ރަނގަޅު ދަނޑިވަޅަކާ ދިމާކޮށް ފިލްމު ޕްރިމިއާކުރަން ބޭނުންވާތީވެ، ފަސްކޮށްލީ،"

"ފޯޓީ ޕްލަސް" އަކީ "ނޯޓީ 40"ގެ ސީކުއެލްއެކެވެ.

ހެއްވާ މަޖާ އަދި ބިރުވެރި އެތައް މަންޒަރެއް "40 ޕްލަސް"ގެ ޓްރެއިލާއިން ފެންނަ އިރު އެ ފިލްމު ވާނީ ރާއްޖޭގެ ސިނަމާތަކަށް އަންނާނެ ފުރަތަމަ ބިރުވެރި މަޖާ ފީޗާ ފިލްމަށެވެ.

ތ. ބުރުނީގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ "40 ޕްލަސް" ޕްރޮމޯޓް ކުރަނީ ހޭޝްޓެގް "ދަ ބިގެސްޓް މޫވީ އޮފް ދަ 2019"ގެ ގޮތުގަ އެވެ.

ޝަފީގު އިތުރަށް ބުނީ ޓިކެޓް ބުކް ކުރުން ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

ފޯޓީ ޕްލަސް"ގައި މެއިން ކާސްޓުންގެ ގޮތުގައި ފެންނާނީ ނޯޓީ ފޯޓީގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ.

ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ، އާނަންދު، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް އެ ފިލްމުން ފެންނާނެ އެވެ.

މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަނީ "ގޮށްރާޅު" އެވެ. އެއަށް ފަހު "40 ޕްލަސް" ދައްކާނެ އެވެ. އަންނަ އޭޕްރިލް މަހު ސިނަމާތަކަށް އަންނާނީ އަބްދުﷲ މުއާޒް (މުއާ)ގެ "ލީނާ"އެވެ. އަހަރުގެ ފުރަތަމަ ފިލްމަކަށް އެޅުވީ ނިއުމާ މުހައްމަދުގެ "ނިވައިރޯޅި" އެވެ.

comment ކޮމެންޓް