ފާއިތުވި 11 އަހަރުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި އަދި ގެއްލިފައިވާ މީހުންނާ ގުޅޭ 45 މައްސަލައެއް އެޗްއާރްސީއެމް އިން ބަލައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2007 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިއްބައި ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިހުމާލުން މަރުވެފައިވާ ނުވަތަ އަނިޔާވެރި ގޮތަކަށް މަރާފައިވާ ނުވަތަ ނިޔާވެފައިވާ މީހުންގެ މައްސަލަތަކާއި ވީގޮތެއް ނޭނގި ގެއްލިފައިވާ މީހުންނާ ގުޅޭ 53 މައްސަލައެއް އެ ކޮމިޝަނުން ބަލާފައިވާ ކަމަށެވެ.
އެގޮތުން މަރުވެފައިވާ މީހުންގެ މައްސަލަތަކާއި ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ އެކި ފަރާތްތަކުން ހުށަހަޅާފައިވާ 16 މައްސަލައަކާއި ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ 37 މައްސަލައެއްގެ ތަހުގީގު ކޮމިޝަނުން ކުރިޔަށްގެންގޮސްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- ދައުލަތުގެ އިހުމާލުން ކުއްޖަކު ނިޔާވުމުގެ އެއް މައްސަލަ
- ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ ފަސް ފަރާތެއްގެ މައްސަލަ
- މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތުގެ ބެލުމުގެދަށުގައި ތިއްބައި ނިޔާވެފައިވާ 28 ފަރާތެއްގެ މައްސަލަ
- ބޭސްފަރުވާ ފޯރުކޮށްދިނުމާއި، ވިހެއުމުގެތެރޭގައި ހޮސްޕިޓަލާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ އިހުމާލުން ނިޔާފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ 17 ފަރާތެއްގެ މައްސަލަ
- ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ދެ ފަރާތެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށްފައިނުވާ ކަމަށް ބުނެ ހުށަހަޅާފައިވާ ދެ މައްސަލަ
އެޗްއާރްސީއެމް އިން ބުނީ އެ މައްސަލަތަކުގެ ތެރެއިން ޖުމްލަ 45 މައްސަލައިގެ ތަހުގީގު ނިމިފައިވާ އިރު، އޭގެ ތެރެއިން އެއް މައްސަލައިގައި ޢަމަލުކުރެވިދާނެގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް ދީފައިވާ ކަމަށެވެ.
އެގޮތުން އަށް މައްސަލައެއްގައި ތަހުގީގަށް ފާހަގަކުރެވިފައިވާ ކަންކަމާ ގުޅޭ ގޮތުން ކަމާގުޅުން ހުރި މުއައްސަސާތަކަށް ހުށަހެޅުންތައް ހުށަހަޅައި، އެހުށައެޅުންތައް ތަންފީޒުވަމުންދާ މިންވަރު ގަވައިދުން ކޮމިޝަނުން ބަލަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އަދި 23 މައްލައެއްގައި އިހުމާލެއް ނުވާކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވުމާ އެކު މި މައްސަލަތައް ނިންމާފައިވާ ކަމަށާއި ހަތް މައްސަލައެއްގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި، އެފަދަ މައްސަލަތައް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް ޓަކައި ކަމާގުޅުން ހުރި މުއައްސަސާ އިން ފިޔަވަޅުއެޅުމުން އެ މައްސަލަތައް ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ ކުޑަ ކުއްޖަކު ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައިގައި އެ ކުއްޖާ ގެއްލިފައި ނުވާކަމަށް ތަހުގީގަށް ފާހަގަކުރެވުމުން އެ މައްސަލަ ނިންމާފައިވާ ކަމަށެވެ.
މީހަކަށް ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ މައްސަލައެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިޔަށްގެންދިޔަ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ނުލިބި މައްސަލަ ފައިލްކޮށްފައިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވުމާއެކު، އެ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އަދި ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ ދެ މީހެއްގެ މައްސަލައިގައި ކަމާގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއްކޮށްފައިވާކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވިފައިވުމާއެކު، އެ މައްސަލަތަކުގައި ވަކި ފަރާތެއްގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނެތުމުން އެ ދެ މައްސަލަ ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ
އެ ކޮމިޝަނުން ބުނީ ދެ މައްސަލައެއްގައި އިހުމާލުވެފައިވާކަމަށް ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވިފައިވާތީ އެފަރާތްތަކާމެދު ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން، 2007 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް މީހަކަށް ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ ހުށަހަޅާފައިވާ އެއް މައްސަލައާއި އިހުމާލުގެ ސަބަބުން ނިޔާވެފައިވާ އަށް މީހުންގެ މަރުގެ މައްސަލައިގެ ތަހުގީގު އެ ކޮމިޝަނުން އަދިވެސް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.