ސާޖިއޯ އަގުއޭރޯގެ ހެޓްރިކާ އެކު އާސެނަލް ބަލިކޮށް މެންޗެސްޓާ ސިޓީއިން ލިވަޕޫލްގެ ފަހަތުގައި ވަރުގަދައަށް ފައި ހަރުކުރި އިރު މެންޗެސްޓާ ޔުނައިޓެޑް ވެސް ރޭގެ މެޗުން މޮޅުވެ ތާވަލުން އެއް ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ.
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ފޯރިގަދަ ދެ މެޗު ކުޅެވުނު އިރު ދެ މެޗު ވެސް ކާމިޔާބު ކޮށްފައި ވަނީ މެންޗެސްޓާއަށް ނިސްބަތްވާ ދެކުލަބު ކަމަށްވާ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް އެވެ.
މެންޗެސްޓާ ސިޓީން ރޭ އާސެނަލްއާ ބައްދަލު ކުރި މެޗު 1-3 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބު ކޮށްފައިވަނީ އާޖެންޓީނާގެ ސްޓްރައިކަރު އަގުއޭރޯގެ ހެޓްރިކަކާ ވެސް އެކުއެވެ. މި މޮޅާ އެކު މެންޗެސްޓަރ ސިޓީއިން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެ ޕޮއިންޓުގެ ފަރަގަކަށް ވަގުތީ ގޮތުން ކުޑަކޮށްފައެވެ. އަދި އެ މެޗުން ބަލިވި އާސެނަލް ވަނީ ތާވަލުގެ ހަ ވަނައަށް ވެއްޓިފައެވެ.
މެޗު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި އަގުއޭރޯ ވަނީ ގޯލެއް ޖަހައި ސިޓީއަށް ލީޑު ނަގައިދީފައެވެ. އަދި ސިޓީގެ ފަރާތުން ގޯލަށް ފަހުވެސް ގިނަ ހަމަލާތަކެއް ދިޔައީ އުފައްދަމުންނެވެ. ފުރުސަތު ތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފުމުން އާސެނަލް އިން ރައްދުގައި ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ކެޕްޓަން ލޮރެންޓް ކޮޝައިލްނީއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އަގުއޭރޯގެ އިތުރު ގޯލަކާ އެކު ސިޓީއަށް ވަނީ އެމީހުންގެ ލީޑު އަނބުރައި ލިބިފައެވެ. އަދި ދެވަނަ ހާފުގައި އަގުއޭރޯ ވަނީ ގޯލެއް ޖަހައި އޭނަގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އަގުއޭރޯގެ ކުޅުމަށް ތައުރީފު ކޮށްފައެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ވެސް ގިނަ ގޯލު ތަކެއް ޖަހައިގެން އަދިވެސް އެއްވަނައަށް އެރުމުގެ އުންމީދު އެބައޮތް ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ރޭ މެންޗެސްޓާ ޔުނައިޓެޑް އަދި ލެއިސްޓާ ސިޓީ ބައްދަލު ކުރި މެޗު 0-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ މެންޗެސްޓާ ޔުނައިޓެޑް އެވެ.
މެޗުގެ ހަމައެކަނި ގޯލު ޖަހައިދިން ޒުވާން ކުޅުންތެރިޔާ މާކަސް ރަޝްފޯޑް ރޭގެ މެޗަށް ނުކުތީ އޭނަ ޕުރިމިއާ ލީގުގައި ކުޅޭ 100 ވަނަ މެޗު ކުޅުމަށެވެ. މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ރަޝްފޯޑް ގޯލު ޖެހި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑް ރޭގެ މެޗުން ބަލިވިޔަ ނުދީ މޮޅުވުމުގެ އެންމެ އިސް ދައުރެއް އަދާ ކުރީ އެޓީމުގެ ކީޕަރު ޑޭވިޑް ޑެ ހެއާއެވެ.
މެންޗެސްޓާ ޔުނައިޓެޑް ގެ މި މޮޅާ އެކު އެ ޓީމު ވަނީ ތާވަލުގެ ފަސް ވަނައަށް ޖެހިލާފައެވެ. އަދި އެ ޓީމުގެ އާ ކޯޗު ޓީމާ ހަވާލު ވުމަށް ފަހު ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ.