އީރާނުން އައު މަރުކާގެ ކްރޫޒް މިސައިލެއް ކާމިޔަބުކަމާ އެކު ތަޖުރިބާކޮށްފި

އީރާނުން އަލަށް އުފެއްދި ކްރޫޒް މިސައިލް

ތެހެރާން (ފެބްރުއަރީ 3) : އީރާނުން އައު މަރުކާއެއްގެ ކްރޫޒް މިސައިލެއް ކާމިޔާބު ކަމާއެކު ތަޖްރިބާކޮށްފި އެވެ. އީރާނުގެ އަސްކަރީ ސިނާއަތާ ބެހޭ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީން (އިރްނާ) ބުނީ މިއީ 1,350 ކިލޯ މީޓަރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މެދުރާސްތާގެ ކްރޫޒް މިސައިލެއް ކަމަށާ މިއީ ވަރަށް ތިރިން ދަތުރުކޮށް ސީދާ އަމާޒަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެއް ކަމުގަ އެވެ.

ފާރިސީ ބަހުން "ހުވައިޒާ"ގެ ނަމުގައި އުފެއްދި މި މި ކްރޫޒް މިސައިލަކީ ފާއިތުވި ސާޅީސް އަހަރު ތެރޭގައި އީރާނުގެ އަސްކަރީ އިންޑަސްޓްރީން އުފެއްދި އެންމެ ފެންވަރުމަތީ ކްރޫޒް މިސައިލް ކަމަށް ވެސް "އިރްނާ" ބުނެ އެވެ. އީރާނުން ވަނީ 2015 ވަނަ އަހަރު ވެސް 700 ކިލޯ މީޓާރުގެ ރާސްތާގެ ކްރޫޒް މިސައިލެއް އުފައްދައި ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފަ އެވެ. "ސޫމާރް" މަރުކާގެ އެ މިސައިލަށް ވުރެ އިއްޔެ ތަޖްރިބާކުރި "ހުވައިޒާ" މަރުކާގެ ކްރޫޒް މިސައިލަކީ ޓެކްނޮލޮޖީގެ ގޮތުން މާ ފުރިހަމަ ވެފައި އަމާޒަށް ޥާސިލްވުމުގައި މާ ފުރިހަމަ މިސައިލެއް ކަމަށް އީރާނުގެ ދިފާއީ ވަޒީރު އަމީރު ހާތަމީ ވަނީ ސިފަކުރައްވައިފަ އެވެ.

މި މިސައިލް އީރާނުން ތަޖްރިބާކޮށްފައި މިވަނީ މިސައިލް ޓެކްނޮލޮޖީ ތަރައްގީ ނުކުރުމަށް އެމެރިކާ އިން އީރާނަށް އިންޒާރުކޮށްފައިވަނިކޮށެވެ. އީރާނުގެ ނިއުކްލިޔާ މުއާހަދާއިން އެމެރިކާ ވަކިވެ މިދިޔަ އަހަރު އެމެރިކާ އިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅީ އެ އެއްބަސްވުމުގައި އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުން ނުހިމެނޭތީ އެވެ.

އީރާނުން މި މިސައިލް ތަޖްރިބާކޮށްފައި މިވަނީ 1979 ވަނަ އަހަރު އާޔަތުﷲ ޚުމައިނީގެ ޒަޢާމަތުގައި އެގައުމަށް ގެނައި އިސްލާމީ އިންގިލާބުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ. އީރާނުގެ އިސްލާމީ އިންގިލާބަކީ ފަހުގެ ތާރީޚެއްގައި އިސްލާމީ ގައުމަކުން އެމެރިކާ އާއި އިސްރާއީލަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. މި އިންގިލާބާ އެކު އީރާންވަނީ އިސްރާއީލުގެ އެއްނަންބަރު ދުޝްމަނަށްވެ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް އާއި އިސްލާމިކް ޖިހާދު ޖަމާއަތްތަކަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމަށް ވެގެންގޮސްފަ އެވެ.

މިއިންގިލާބާ އެކު އީރާން ބަލިކަށިކޮށް އިނދަޖައްސާލުމަށް ޓަކައި އެމެރިކާއާއި އިސްރާއީލާއި އެދެގައުމަށް ވަގިވެރިވާ ފަރާތްތަކުން ނުކުތެވެ. އަށް އަހަރަށް ދިގުދެމިގެން ދިޔަ އީރާން އިރާގު ހަނގުރާމައަކީ މިގޮތުން އީރާން އިނދަޖައްސާލުމަށް ޓަކައި ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާ ގުޅިގެން އިރާގު ލައްވައި ކުރުވި ހަނގުރާމައެކެވެ. ނަމަވެސް އެހަނގުރާމައިން އީރާން ސަލާމަތްވި އިރު އިރާގުވަނީ އިނދަޖެހިފަ އެވެ.

އީރާނުގެ އިންގިލާބަށް ފަހު އެމެރިކާ ވަނީ އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް އީރާންވަނީ އަމިއްލައަށް ނިއުކްލިޔާ ޓެކްނޮލޮޖީއާއި ހަތިޔާރުގެ ސިނާއަތާ އަދި ފަޒާގެ ހޯދުންތަކުގެ ސިނާއަތު ވެސް ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ. މިއާއެކު އީރާން ވަނީ ދުނިޔޭގައި މިސައިލް ޓެކްނޮލޮޖީ އެންމެ ބޮޑަށް ތަރައްގީ ކޮށްފައިވާ އަށް ގައުމުގެ ތެރޭގައި ހިމެނިފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް