ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް އިންތިޒާރުގައި ހުންނެވި ކަމަށް ކޯލިޝަންގެ އެއް ލީޑަރު ކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ކޮލިޝަން ލީޑަރުންގެ މެދުގައި ކޮންމެ މަހަކު އެއްފަހަރު ބައްދަލުވުމެއް ބާއްވަން ލީޑަރުން ވަނީ މީގެ ކުރިން އެއްބަސްވެފައި އެވެ. ނަމަވެސް މިމަސް ނިމިގެންދާއިރު ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް މިމަސްތެރޭ ބާއްވާފައި ނުވެއެވެ.
މައުމޫންގެ ފަރާތުން ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ، އެ ބައްދަލުވުން "ކޮންމެވެސް ސަބަބަކާ" ހުރެ މިމަސް ތެރޭ ނުބޭއްވުނު ކަމަށާއި ނަމަވެސް ރައީސް ސޯލިހްގެ ދައުވަތަކަށް އިންތިޒާރުގައި ހުންނެވި ކަމަށެވެ.
"ތިން ވަނަ ބައްދަލުވުން ކޮންމެވެސް ސަބަބަކާހުރެ ނުބޭއްވިގެން މި ދިޔައީ އަޅުގަނޑު މި ދެދެތެރެއިން ދެންނެވިން އެ ވާހަކަ[ރައީސް ސޯލިހް އަރިހުގައި] ވިދާޅުވި މަސައްކަތް ކުރައްވަނީ އޭ[ބައްދަލުވުން ބާއްވަން]،" ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ލ. އަތޮޅަށް ރައީސް ސޯލިހް ކުރައްވަން ނިންމެވި ދަތުރުފުޅަށްފަހު މި ހަފްތާގެ ތެރޭ އެ ބައްދަލުވުން ބާއްވާނެ ކަމަށް ރައިސް ސޯލިހް ނިމިދިޔަ ހަފްތާގައި އެމަނިކުފާނު އަރިހު ދެންނެވި ކަމަށެވެ. އަދި މިހާރު ރައީސް ސޯލިހް އެ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންފައިވާއިރު، އިންތިޒާރު ކުރައްވަނީ ރައީސް ސޯލިހްގެ ދައުވަތަކަށް ކަމަށް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑު މި އިންތިޒާރު ކުރަނީ އެމަނިކުފާނުގެ ދައުވަތަކަށް. އަންގަވާލާ ކޮންމެ ދުވަހަކު، ކޮންމެ ގަޑިއަކުވެސް އަޅުގަނޑު ހުންނާނީ ދާން ތައްޔާރަށް. އަޅުގަނޑަށް ހީވަނީ އެހެން ޕާޓީތަކުގެ ލީޑަރުންވެސް ތިއްބަވާނީ ތައްޔާރައްހެން،" ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އަށް ނިސްބަތްވާ ރައީސް މައުމޫން ވިދާޅުވިއެވެ.
ސަރުކާރު ވެރިކަމަށް އައުމަށް ފަހު ދެފަހަރަކު ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުން ވަނީ ބާއްވާފައެވެ. އަދި އެ ބައްދަލުވުމަކީ ކޯލިޝަނާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމާ ބައްދަލުވުމެކެވެ.