ދަނގެތީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުން ނާޒިމް ރައީސާ މަޝްވަރާކުރައްވައިފި

ކާނަލް ނާޒިމް ރައީސް ސޯލިހާ އާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން ---

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި އެ ދާއިރާގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފި އެވެ.

ކާނަލް ނާޒިމް ރައީސް ސޯލިހާ ބައްދަލު ކުރެއްވީ އިއްޔެގެ ވަގުތެއްގަ އެވެ. ނާޒިމް 'ސަން' އަށް މިއަދު ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ދަނގެތީ ދާއިރާގެ ރައްޔިތުންގެ ހުރި ކަންބޮޑުންތަކާ ބެހޭ ގޮތުން ކަމަށެވެ.

"އަޅުގަނޑު ދަނގެތީ ދާއިރާއަށް ކުރި ކެމްޕެއިން ދަތުރުތަކުގައި ފާހަގަކުރެވުނު ކަންކަން، ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތަކުގެ ވާހަކަ ރައީސް ސޯލިހާ ހިއްސާ ކުރީ." ކާނަލް މުހައްމަދު ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވާ ކެންޑިޑޭޓަކު ކެމްޕެއިން އިއުލާނު ކުރެއްވި ފަހުން ރައީސް ސޯލިހު ބައްދަލު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވަކިވަކިން ވާދަ ކުރަން ނިންމާފައިވާ އިރު ރައީސް ސޯލިހު ތާއީދު ކުރައްވަނީ ކޮން ކޮން ކެންޑިޑޭޓުންނަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

ނަމަވެސް ކޮންމެ ޕާޓީއަކުން ވެސް ވަކި އަދަދަކަށް ކެންޑިޑޭޓުންނަށް ރައީސް ސޯލިހު ތާއީދު ކުރައްވާނެކަން އެނގިފައިވެ އެވެ.

comment ކޮމެންޓް