ޗެލްސީގެ ސްޕެއިން ފޯވާޑް، އަލްވަރޯ މޮރާޓާ ލޯނު އެއްބަސް ވުމުގެ ދަށުން މި ސީޒަންގެ ނިޔަލަށް އެތުލެޓިކޯ މެޑްރިޑާ ގުޅިއްޖެއެވެ.
ރެއާލް ދޫކޮށް، ކްލަބް ރެކޯޑު އަގެއް ކަމަށްވާ 58 މިލިއަން ޕައުންޑުގެ ފީއަކަށް މޮރާޓާ ޗެލްސީއާ ގުޅުނީ 2017 ވަނަ އަހަރުއެވެ. އަދި އެ ކްލަބާ ގުޅުނު ފުރަތަމަ ދުވަސް ވަރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލު ތަކެއް އެ ޓީމަށް ޖަހައިދީފައެވެ. ނަމަވެސް އިންޖަރީތަކާއި ފޯމު ގެއްލުމުގެ ސަބަބުން ފަހަކަށް އައިސް މޮރާޓާގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވެއެވެ.
މިފަހަރުގެ ސީޒަން ފެށުނު އިރު މޮރާޓާ ނަޕޯލީއާ ގުޅެން އުޅުނު ނަމަވެސް ޗެލްސީއަށް އަލަށް ހަވާލުވި ކޯޗު މައުރީސިއޯ ސާރީގެ އެދުމުގެ މަތިން މޮރާޓާ ވަނީ ޗެލްސީގައި މަޑު ކޮށްފައެވެ. ނަމަވެސް 16 މެޗު ކުޅެ އޭނާއަށް ޖެހިފައިވަނީ އެންމެ ފަސް ގޯލެވެ.
ގޯލު ޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން އޭސީ މިލާނަށް ކުޅެމުން ދިޔަ ގޮންޒާލޯ ހިގުއައިން މިދިޔަ ހަފްތާގައި ޗެލްސީއާއި ގުޅުމުން މޮރާޓާ ޗެލްސީ ދޫކޮށް ދާން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ވަނީ އަންގާފައެވެ. އެގޮތުން މޮރާޓާ ބޭނުންވީ އޭނަގެ އަމިއްލަ ގައުމަށް އެނބުރި ދިއުމަށެވެ. އެގޮތުން އެތްލެޓިކޯ މެޑްރިޑް އަށް ބަދަލުވާން ނިންމީއެވެ.
ރެއާލް މެޑްރިޑް އެކެޑަމީއިން ކުރިއަރައިގެން އައުމުގެ ކުރިން މޮރާޓާ ފުރަތަމަ ފުޓުބޯޅައިގެ ތެރެއަށް ވަނީވެސް އެތުލެޓިކޯ މެޑްރިޑްގައެވެ. ރެއާލް މެޑްރިޑްގެ ސީނިއާ ޓީމަށް ނެގި ނަމަވެސް ކުޅުމުގެ ޗާންސް ލިބުން މަދު ވީމަ މޮރާޓާ ޔުވެންޓާސް އަށް ބަދަލުވިއެވެ. ޔުވެންޓަސް އާއި އެކު ގިނަ ކާމިޔާބީ ތަކެއް ހޯދުމަށް ފަހު އަނބުރާ ރެއާލް މެޑްރިޑަށް އޭނަ ބަދަލުވިއެވެ.
ނަމަވެސް ދެވަނަ ފަހަރަށް ރެއާލް މެޑްރިޑަށް ބަދަލު ވުމުން ވެސް މޮރާޓާ އިންނަން ޖެހުނީ ބެންޗުގައެވެ. އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކޮށް ޗެލްސީއަށް އޭނާ ބަދަލުވިއެވެ. ނަމަވެސް މޮރާާޓާގެ ފުޓުބޯޅަ ފެށިގެން އައި ކުލަބަށް އޭނާ މިހާރު ވަނީ ބަދަލު ވެފައެވެ.
"އަހަރެން މި ކުލަބާ މި ގުޅުނީ ވަރަށް އުފަލާއެކު. ވަރަށް ފަހުރުވެރިވޭ މި ކުލަބަށް އާދެވުނީތީވެ. މިހާރު އެންމެ ބޭނުންވަނީ ޓީމުގެ ކުޅުންތެރިންނާއި އެކު ފަރިތަކުރުން ތަކުގައި ބައިވެރި ވާން،" އެތްލެޓިކޯ މެޑްރިޑަށް ބަދަލުވުމަށް ފަހު ނޫސް ވެރިންނާއި ވާހަކަ ދައްކަމުން މޮރާާޓާ ބުންޏެވެ.