ރޭ އިނގިރޭސި އެފްއޭ ކަޕުގައި ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް ޓޮޓެންހަމް ކެޓި އިރު ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައި ޗެލްސީ އެ މުބާރާތުގެ ފަސް ވަނަ ބުރަށް ދަތުރު ކޮށްފިއެވެ.
ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމް ބަލިވެފައި ވަނީ 0-2ގެ ނަތީޖާ އަކުންނެވެ. މި ބައްޔާއެކު ޓޮޓެންހަމް ވަނީ ހަފްތާއެއްގެ ތެރޭގައި ދެ މުބާރާތުން ކަޓައިފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ޗެލްސީއާ ކުޅެ އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ބަލިވެ ޓޮޓެންހަމް ވަނީ އިނގިރޭސި ލީގު ކަޕުން ވެސް ކަޓައިފައެވެ.

ޓޮޓެންހާމް ގެ ކޯޗު މޯރީސިއޯ ޕޮޗެޓީނޯ -- ފޮޓޯ / ސްޓީފެން ކުރީކް
މެޗު ފެށިގެން 9 ވަނަ މިނަޓުގައި ކްރިސްޓަލް ޕެލަސް އިން ވަނީ ގޯލެއް ޖަހައިފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ކޮނޯ ވިކަމްއެވެ. އަދި މިގޯލަށް ފަހު ވެސް ޓޮޓެންހާމް އަށް ޕުރެޝަރ ކޮށް ކުރިސްޓަލް ޕެލަސް އިން ދިޔައީ މޮޅު ކުޅުމެއް ކުޅެމުންނެވެ.
އެގޮތުން މެޗުގެ 34 ވަނަ މިނަޓުގައި ޕެލަސް އިން ވަނީ ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ކުރީގެ ޓޮޓެންހަމް ކުޅުންތެރިއެއް ކަމަށްވާ އަންޑްރޮސް ޓައުންސެންޑް އެވެ.
މި މެޗުން ބަލި ވުމާއި އެކު ޓޮޓެންހަމް ގެ ކޯޗަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އަމާޒު ވެފައެވެ. ސަބަބަކީ ހަފްތާ އެއް ތެރޭގައި ދެ މުބާރާތަކުން ވެސް ޓޮޓެންހަމް ހިއްދަތި ގޮތަކަށް ކަޓައިގެން ގޮސްފައިވާތީއެވެ.
މީގެ އިތުރުން ޗެލްސީ ވަނީ ރޭ ޝެފީލްޑް އާއި ބައްދަލު ކުރި މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށް އެފްއޭ ކަޕުގެ ފަސް ވަނަ ބުރަށް ދަތުރު ކޮށްފައެވެ. މި މެޗު އެ ޓީމު ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ޗެލްސީއަށް އަލަށް ގުޅުނު ގޮންޒާލޯ ހިގުއައިން -- ފޮޓޯ / ހެރީ ވެސްޓް
ޗެލްސީއަށް އެންމެ ފަހުން ގުޅުނު ގޮންޒާލޯ ހިގުއައިން ވަނީ ރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ. މި މެޗުގައި ޗެލްސީއަށް ގޯލު ތަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ވިންގް ވިލިއަމް އާއި ޒުވާން މިޑްފީލްޑަރު ކަލުމް ހަޑްސަން-އޮޑޯއި އެވެ. ވިލިއަމް ވަނީ މި މެޗުގައި ދެ ގޯލު ޖަހާފައެވެ.
ވޭތުވެ ދިޔަ ބުދަ ދުވަހު ޓޮޓެންހަމްގެ މައްޗަަށް ޕެނަލްޓީއިން ކުރި ހޯދައި ޗެލްސީއިން ވަނީ އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. އެ މުބާރާތުގެ ފައިނަލަށް ދެން ދަތުރު ކުރި ޓީމަކީ މެންޗެސްޓާ ސިޓީއެވެ.