"މިއަދު ޔުނިފޯމް ލާނެކަމެއް ނެތް. ވައިސް ޕްރެޒިޑެންޓްގެ ގާލްގެ ގޮތުގައި މިގެއަށް ވިޒިޓްކުރޭ......" އަޒިކިއަލްގެ އަޑުގައި ހަރުކަށިކަމެއް ނުވިޔަސް އަމުރުވެރިގޮތެއް ހުއްޓެވެ. ހިތާހިތުން އެއްޗެހި ކިޔަ ކިޔާ ހުރެފައިވެސް ތަންކޮޅެއް ރީތި ހެދުމެއް އަޅައިގެން ތައްޔާރުވެލިއެވެ. ސްވެޓަރު ފާޑެއްގެ ފޮތިން ފަހާފައިވާ ކަކުލަށްވުރެ މައްޗަށް އޮތް ހެދުމަކާއިއެކު ތުނި ޖެކެޓެއްލާފައި ސްކިނީއެއް ލިއެވެ. ކުރު ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްލައިފިއެވެ. އޮފީހަށްދާން ލާ ހެދުމުގައި ހުރިއިރު ހިކިކަން މާބޮޑަށް ހާމަވާން ހުއްޓެވެ. އޯޓަމް ބްލޭޒްގެ ތެރެއަށް ވަނުމާއިއެކު ސިހޭގޮތްވީ ސިޓިންރޫމްގެ ސޯފާގައި އޮތް އަންހެންކުއްޖާ ފެނިފައެވެ. އެލީން ފެނިފާ ދޮންކަމާއި އެއޮތް ވަރުގަދަ ރަންކުލައެއް އަރާ ބުޅި އިސްތަށިގަނޑުގެ އިތުރުން ހަޔާތީއަށް ފާހަގަވީ އެލީން ހެދުން އަޅާފައި ހުރި ލެއް ނިވާކަން ކުޑަކަމެވެ. ޑެނިމް ކުރު ސޯޓުކޮޅަކާއިއެކު އެތެރެއިން ލާފައި ހުރި ބޮޑީސޫޓުގެ ބޭރުން ވިސްކޯސް ތުނި ގައުންކޮޅެއް ކަހަލަ އެއްޗެކެވެ.

އެލީން ސޯފާގައި އެއޮތްގޮތަށް އޮތީ މޭގައި ކުޝަން ޖައްސާ ބާރުކޮށްލައިގެންނެވެ. ފުންވިސްނުމެއްގައެވެ.

"އައްސަލާމް އަލައިކުމް.." ހަޔާތީ ސަލާމް ގޮވައިލީ އެކުއްޖާގެ ސަމާލުކަން ހޯދުމަށެވެ. އިވުނުހެނެއް ހިޔެއްނުވެއެވެ.

"ޕުއާ ގާލް. އަދިވެސް ޕޭރެންޓުންގެ ކުއްލި މަރުގެ ސަބަބުން އެކަމުގެ ހިތާމައިގާ ކަމަށްވާނީ. ޕުއާ ލިލް ތިންގް." ހަޔާތީ މަޑުމަޑުން ދޮރު ލައްޕާލިއިރު ބާރު ވައިރޯޅިތަކުގެ ޒޫމް އަޑު ފަޒާގައި ހަރުލާފައިވާގޮތުން ވަރުގަދަ ތޫފާނެއްފަދައެވެ. ގަސްތަކުގެ ގޮފިތައް ހަލުވާލާއަޑު މިއުޒިކެއްފަދައިން އިވެއެވެ. އޭސީގެ ފިނިކަން ހަރުލާފައިވުމުން ގޭތެރެ ވަކިން ފިންޏެވެ. ހަޔާތީ ކޮރިޑޯއިން ހިނގައިގަންނަމުން އަޒިކިއަލްއަށް މެސެޖްކޮށްލުމުން ޚަބަރެއްނުވިއެވެ. ގެއަށް ވަނުމުން ކޮންމެވެސް ވަރަކަށް ތޫފާންގެ އަޑު މަޑުވެލާ ބުނަން ނޭގޭފަދަ ހިމޭންކަމުން ސިކުނޑި މަޑުވެލައިފިއެވެ. ކޮރިޑޯގައި ހިނގާލާފައި ގޮސް ތަންކޮޅެއް އެތެރޭގައި ހުރި ދޮރެއްގައި ހިފާލިއިރު ތަޅުނުލާހުރުމުން ހުޅުވުމާއިއެކު އެއީ ގޭގެ ފަހަތުފެންޑާކަން އެނގުނެވެ. ކޮންފަދަ އަރާމު ތަންކޮޅެއް ހެއްޔެވެ؟ ޕޮޓްތަކުގައި ފިނިފެންމާގަސްތައް އިންދާފައިވާއިރު އެހިސާބުގައި މާތަކުގެ ސެންޓުވަސް ހިފާލާފައިވިއެވެ. ޕޫލްކައިރީ ބަޔަކު ތިބިކަން ނޭގޭ ހާލުގައި ހަޔާތީ ގޮސް މާތަކުގައި ވަސް ބަލަމުން ފިރުމަމުން ދަނިކޮށް ކުރިއަށްވުރެ ވައި ބާރުވެލައިފިއެވެ. އެންމެ ފުރަތަމަ އޭނަގެ ހަށިގަނޑާއި ވަކިވެގެން ދިޔައީ ބޭރުން ލާފައި ހުރި ޖެކެޓްކޮޅެވެ. އެއާއިއެކު ފިރިހެނުންގެ ހުނުމުގެ އަޑު އިވިފައި ހާސްކަމާއެކު ބަލައިލިއިރު އަމްރާންއާއި ބޮޑީގާޑުން ތަންކޮޅެއް ދުރުގައި ތިބިތަން ފެނި ހާސްވިވަރުން ދުއްވައިގަނެވުނީ ޖެކެޓް ފަހަތުންނެވެ. ބުރުގާވެސް އުދުހިދާނެހެން ހީވެ އެއް އަތުން ބުރުގާ މަސަލަސްކުރަން މަސައްކަތްކުރަމުންނެވެ. އެވަރުންވެސް ޖެކެޓްވެސް އުޅުނީ ފިލާކުޅި ކުޅެންށެވެ. އަމިއްލަ ދިރުމެއް ލިބިފައިވާހެން އުދުހިފައިގޮސް ޕޫލަށް ވެއްޓުނުތަން ފެނިފާ ހަޔާތީ ގެ ފިޔަވަޅުތައް އަނެއްކޮޅަށް އެނބުރުނެވެ.

"އިޑިއަޓްސް...." ހިތާހިތުން ރުޅިވެރިކަމާއިއެކު ކުދިކިޔަމުންގޮސް ހަޔާތީ ވައިސޫރިއެއްހެންގޮސް އެމީހުންގެ ލޯމަތިން ނިވާވެ ދޮރުލައްޕާލިއިރު ހިތްތެޅޭ އަޑު ބާރަށް އިވެއެވެ. އެމީހުން މަލާމާތްކޮށްފައި ހުނީ ކީކޭ ކިޔައިގެން ހެއްޔެވެ؟ އޭނަ ހިކިކަމުން ހެއްޔެވެ. ގަދަޔަށް ރުޅި އާދެވިއްޖެއެވެ. ލޮލުން ދިލަނަގާންފެށިއެވެ.

"ވައި އިޒް އެވްރީވަން ހިއުމިލިއޭޓިން މީ. މިއަށް ދެން ކިޔާނީ ކޯންޗެއްތަ؟ އެތިން މީހުން ތެރެއިން އޭނައަށް ހުނީ ކާކު؟ އެވާނީ ހަމަ އެ ލާދީނީ އަމްރާންކަމަށް. މީހުންނަށް ހަޖޫޖަހަން ނިކަން މޮޅުވާނެ އެ ފިރިހެނާ..."

ޖެކެޓަކާއި ނުލާ ހުރުމުން އޭނަގެ ވަނާތައް ފާޅުވާން ހުރިކަމުގެ އިހުސާސްކުރެވި ހަދާނެގޮތަކާއިމެދު ވިސްނާލުމަށްފަހު ގެއަށް ދާން ނިންމިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރާއި ހަމަވިތަނާ ސޯފާގައި އޮތް އެލީންގެ ނަޒަރުގައި އޭނަ އަޅައިގަތީކަން ނޭގެއެވެ.

"ހޫދަ ހެލް އާ ޔޫ.." އެލީން ތެދުވެފައި ސުވާލުކުރިއެވެ.

"އަހަންނަށްވެސް ތިހެން އެހިދާނެ ދޯ..."

"އިންޓްރޫޑާއަކީ ތީ. އައިމް އިން މައި ހޯމް ދޯ..." އެލީން ޗުއިންގަމް ހަފަހަފާ ހުރެފައި ބޮއްކެއް އެރުވިއެވެ. ޗުއިންގަމްގެ މިންޓުވަސް ހަޔާތީގެ ހިދުރީގައި ހަރުލާހާ ކައިރިވެލުމުން އެލީންގެ ދެލޮލުގައިވި ރީތި އަޅިކުލަ ހަޔާތީއަށް ފާހަގަކުރެވުނެވެ. ހުރިހާ ރީތި ސިފަތަކެއް ދެއްވާފައިވާ އަންހެންކުއްޖަކާއި އަމްރާން ނީންނަން އުޅޭ ސަބަބަކާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. އަޚުލާގު ނުބައިވިޔަސް ފިރިހެނުންނަށް ވަރިހަމަވާނެއެވެ. ވީއިރު އެލީންފަދަ ރީތިކަން ހުސްކޮށްލާފައި ހުރި ކުއްޖަކާއިމެދު އަމްރާން ހިތްހަމަނުޖެހެންވީ ސަބަބެއްނެތެވެ.

"އަހަންނަކީ އަމްރާންގެ ގާލްފްރެންޑް...." ހަޔާތީ ހަށަން ބަދެލަމުން ގަދަކޮށްލިއެވެ.

"ސީރިޔަސްކޮށް؟ ވެދާނެ. ފޫހިފިލުވައިލަން ވަންނައިޓް ސްޓޭންޑަށް ގެނެސްފާނެ. އެކަމަކު އެނގޭތަ؟ އައިމް ހިޒް ފިއާންސޭ..........." އެލީން އެއްމިޔަކަނުން ހީލިއެވެ.

"އޭނަގެ އިންޓެންޝަން އެއް އޭނަގެ މައިންޑްގައިވާ އެއްޗެއް ކިޔަން އަހަންނަކީ ސައިކިސްޓެއް ނޫން..އެނީވޭސް ނައިސް ޓު މީޓް ޔޫ....." ހަޔާތީ ހިނިތުންވެލިއެވެ. އެލީން ދެބުމަ ކައިރިކޮށްލީ އެބުނި އެއްޗަކުން ކޮންފަދަ އަސަރެއްކޮށްގެން ކަމެއް ނޭގެއެވެ. އެލީންއަށް އިތުރު ޖަވާބެއް ނުދެވެނީސް ހަޔާތީ ދޮރު ދޭތެރެއިން ދެމިގަނެގެން ކަހަލަގޮތަކަށް އުތުރިއަރަމުންދާ ތޫފާންގެ ތެރެއަށް ނުކުމެއްޖެއެވެ. އިސްއޮބާލައިގެން ހުރެ ކުރިއަށް ދަނިކޮށް އެންމެ ކުރިން ލައިގަތް ހެދުން ފިހާރައަށްވަނީ ޖެކެޓެއްގަތުމުގެ ނިޔަތުގައެވެ. ނަމަވެސް ލޮލުގައި އަޅައިގަތީ ޖަރީކޮށްފައިވާ ކަޅުކުލައިގެ އަބާޔާއެކެވެ. ބަޓަފްލައި އަބާޔާގެ ރީތިކަމާއި އަބުއިކަން ފެނި ވަގުތުން އެހެދުން ލާ ހިތްޖެހުނެވެ. ވައިކޮޅެއް ޖެހިލާއިރަށް ޖެކެޓްފަދައިން ބޭވަފާތެރިވެ ހަށިގަނޑާއި ވަކިވެގެން ނުދާނެ ހެދުމަކީ މިއީއެވެ. މީހާ ނިވާކޮށްދީ ލޯތަކުން ސަލާމަތްކޮށްދޭނެއެވެ. އަމްރާންމެންފަދަ ފިރިހެނުންގެ މަލާމާތުންވެސް ރައްކާތެރިކަން ލިބޭނެއެވެ. އަގަށް ބަލައިލިއިރު އެއްހާސް ރުފިޔާއެވެ. އޭނަފަދަ މިހަކާއި ބަލާއިރު ކިތަންމެހާވެސް އަގުބޮޑެވެ. އެހާވަރުން އޭގައި ފިރުމާފައި އުޅެނިކޮށް އެތާ އިން އަންހެންކުއްޖާ ޑިސްކައުންޓުދޭން ނިންމިއެވެ. ފައްސަތޭކަ ރުފިޔާއަށް ހަދައިދިނުމުން ހަޔާތީއަށް ޝޮކެއްލިބުނެވެ. ހަޔާތީއަށް ނޭގުނީ އެ އަންހެންކުއްޖާއަކީ ދީނަށް ލޯބިކުރާ ކުއްޖެއްކަމެވެ. ރަގަޅު ނިޔަތެއްގައި ހެދުން އަޅާން ބޭނުންވި އަންހެންކުއްޖެއްކަމަށް ހީކޮށް އޭނަ ދިން ސަދަގާތެއްކަމެވެ.

ހަޔާތީ އެހުރިތާ ހުރެ ކަޅު އަބާޔާ ލުމުން އެއަންހެންކުއްޖާ ތައުރީފުކުރިއެވެ.

އޭނައަށްޓަކާ ފަހާފައިވާ ހެދުމެއްފަދައެވެ.

އަޖައިބުވެ ހައިރާންވާހާ ފިޓުވެފައި ރީއްޗެވެ. އެ ހެދުން ލުމުން ހީވެސް ފިލައިފިއެވެ. ރައްކާތެރިކަމާއެކު ނިވާވެވުނުކަން އިހުސާސްކުރެވުނެވެ. އަލުން އަމްރާންގެ ކުރިމައްޗަށް ދާނެ ހިތްވަރު ލިބުނެވެ.

"އެލާދީނީ އަމްރާން ނިކަން ހޭޓްކުރާނެ. ފޭކް ގާލްފްރެންޑެއްގެ ގޮތުގައި އެއްމިނިޓް ގެންގުޅެންވެސް ލަދުގަންނާނެކަން ނޭގޭ. އަދި އެގެއަށްގޮސް އޭނައަށް ފެނިފައި ގެއަށްދާނީ. އޭރުން ހުންނާނީ ރަގަޅަށް ރާކަނިމަސްކެވިފައެއްނު......" ހަޔާތީ އަގުދައްކާފައި ނުކުތްއިރުވެސް އެހާ ވައިބާރެވެ. ނަމަވެސް މިފަހަރު "ކޮންފިޑެންސް" ހުއްޓެވެ. ހެދުން ގަޔާއި ވަކިނުވާނެކަމުގެ ޔަގީންކަން ލިބުމުން އަވަސްވެގަތީ އޭނަގެ ޑޭޓަށް އަނެއްކާ ދާށެވެ.

މިފަހަރު ގެއަށް ވަންތަނުން ދިމާވީ އެލީންއަކާއި ނޫނެވެ. އަޒިކިއަލްއާއެވެ. އަޒިކިއަލް ހަޔާތީގެ ހެދުމަށް ނަޒަރު ހިންގައިލިއިރު ދެލޮލުން އެއްވެސް ކަހަލަ ޝުއޫރުތަކެއް ފައުޅުނުކުރިޔަސް އޭނަ އެހެދުން ލުމުން ހައިރާންވެ އެކަމާ ނުރުހޭނެކަމުގައި ހަޔާތީ ހީކުރިއެވެ. ނަމަވެސް އަޒިކިއަލް ބުނީ ތަފާތު ވާހަކައެކެވެ.

"އަމްރާން އިޒް ވެއިޓިން ފޯ ޔޫ. ކޮފީއަކަށް..."

"ކޮންތާކު" ހަޔާތީ ބިރުގަތީ މިގޮތަށް ރަސްމީކޮށް އަމްރާންއާއި ދިމާވާން އުޅޭތީއެވެ. ހިތް އަވަސްވެ މީހާ ފިނިވެގަތީ ވަކިގޮތެއް ބަލާފައެއްނޫނެވެ.

"ޕޫލްކައިރީ......" އަޒިކިއަލް އިތުރު ތަފްސީލް ދޭން ނޫޅެ ނުކުމެގެން ހިގައިގަތީއެވެ.

ހަޔާތީ އިރުކޮޅެއްވާންދެން ހުއްޓިލައިގެން ހުރެ ހިތް ރަމަތަކޮށްލަން މަސައްކަތްކުރިއެވެ. ނޫސްވެރިޔެއްގެ ހައިސިއްޔަތުންވެސް ނާއިބުރައީސްއެއްގެ ދިރިއުޅުމަށް ޝައުގުވެރިވެ ރައްޔިތުންނަށް މިމީހުންގެ ފަތިފުށްގެނެސްދޭފަދަ ވިސްނުމެއް އޭނަގެވިއެވެ. ކަންބޮޑުވާ ހާސްވީ އެހެންވެއެވެ. ކުރިން އައި މަގުން ގޮސް އެދޮރު ހުޅުވާލިއިރު ހަޔާތީ ގެ ފިނޑިކަން ކެޑި ހިތްވަރުގަދަ އަންހެންކުއްޖަކަށް ވެއްޖެއެވެ. ހަމަޖެހިލާފައި ފިޔަވަޅުތައް އެޅީ ކުރިއަށެވެ.

އަމްރާން އިނީ އޭނަގެ ހަށިފާރަވެރިޔާ ލާވީއާއިއެކު ޕޫލްކައިރީ ހުރި މޭޒެއްގެ ކައިރީ އިށީދެލައިގެންނެވެ. މޭޒުމަތީގައި ކޮފީ ތަރުމޯޒަކާއި މަގުތަކެއް ހުއްޓެވެ. ލާވީއަށް ހަޔާތީ އަންނަކަން އެނގުމުން ބަލާވެސް ނުލާ އަމްރާން ކައިރީ ކޮންމެވެސް އެއްޗެކޭ ކިޔާފައި ދުރަށްދާން ހިނގައިގަތެވެ. ވައިރޯޅިތަކުގެ ނަނާއާއިއެކު އެހިސާބުއޮތީ ގަސްތަކުން ފުރިފައި އަދި އެހާ ފިނިކަން ގަދަކޮށެވެ. ދުންފިނި ހިފާފައި ކަހަލަ ގޮތަކަށް ކޮންމެވެސް ވަރަކަސް ފުސްވެފައެވެ. ވަށައިގެންވާ ގަސްތަކުގެތެރޭ ގިނައީ ފިނިފެންމާތަކެވެ. އެހެން ދުނިޔެއަކަށް އާދެވުނުފަދައެވެ. ހަޔާތީގެ ފިޔަވަޅުތައް ގޮސް އަމްރާން އިށީދެލައިގެން އިން މޭޒާއި ފޫޓެއްހާ ދުރުގައި ހުއްޓުނެވެ.

"ގުޑްމޯނިން މިސްޓަރ ވައިސް ޕްރެޒިޑެންޓް....." ހަޔާތީ އެހެން ބުނަން ނެތް ހިތްވަރެއްކުރަން ޖެހުނެވެ. ކޮންމެގޮތެއްވިޔަސް އަމްރާންއަކީ ހަޔާތީގެ ފުރަތަމަ ލޯތްބެވެ. ސްކޫލް ދައުރުގައި އޭނަގެ ހިތް މޮޔަކޮށްލި ޒުވާން ޕްރިންސަކީ މިއީއެވެ. މާޒީގެ ކަޅު ސަފުހާތައް ބަދަލުކޮށްލަން އުޅުނަސް އެކަމެއްނުވާނެއެވެ. އޭނަ ލިޔުނު ސިޓީ އެތައް ކުދިންނެއްގެ ކުރިމަތީގައި ބޭޒާރުކޮށް ކިޔައިދީ އެންމެންގެ މަލާމާތާއި ގަނާކުރުމުގެ ޝިކާރައަކަށްވި ހަޔާތީ އަމިއްލައަށް މަރުވާންވެސް އުޅުނެވެ. އޭނަ ސަލާމަތްކުރީ މިކާލްއެވެ. އަމްރާންގެ ތޫނު ނަޒަރު އެނަގެ މޫނަށް ހުއްޓުނުވަގުތު މާޒީވެސް އޭނަގެ ސިކުނޑީގައި ކޮށްޓައިލިއެވެ.

"މޯނިން......" އަމްރާން އަތުން އިޝާރާތްކޮށްލީ ގޮނޑީގައި އިށީނުމަށެވެ.

ޕޫލްގެ އަރިމަތީ މޭޒުބަހައްޓާފައި ހުރިގޮތުން ހަޔާތީގެ ހިތަށް ބިރުވެރިކަމެއް ވަންނާން އުޅުނެވެ. ކިރިޔާ ގޮނޑި އަރިއަޅާލިޔަސް އޭނަގޮސް ޖެހޭނީ މި ފުން ފެންގަނޑުގައި ނޫންހެއްޔެވެ. ހަޔާތީ ޝުކުރު އަދާކުރުމަށްފަހު ގޮނޑީގައި އިށީނުމާއިއެކު ލޮލުގައި އަޅައިގަތީ ބެލްކަނީން އެ މަންޒަރުބަލަން ހުރި އެލީންއެވެ. އެލީން އެމީހުންގެ ހަރަކާތްތަކަށް ފާރަލަނީތާއެވެ. އަމްރާން އެދިމާލަށް ބަލާނުލާއިން ނަމަވެސް އޭނައަށް އެނގޭނެކަން ގައިމެވެ.

"ޝީޒް ޕްރިޓީ. ވައި އާ ޔޫ ރިޖެކްޓިން ހާ؟ " ހަޔާތީ ސުވާލުކޮށްލިއެވެ.

"އިމްމެޗުއާ ކުޑަކުއްޖެއްހެން އުޅޭތީ...." އަމްރާން ކޮފީޖަގުން ކޮފީތަށްޓެއް އަޅާލަދިނެވެ.

"ޑީލެއް ހަދާފައެއްނު އޮތީ. ސުވާލުތައް ނުކޮށް ޑޫ ޔޯ ޕާޓް ...." އަމްރާން ސީރިޔަސްކޮށް ބުނެލިއެވެ. ހަޔާތީ ކުޑަކޮށް ހީލިއެވެ. ކޮފީތަށި ނަގާ ތުނބުގައި ޖެހިއެވެ.

"އައި ވިލް. ޕްލީޒް ގިވް މީ މައި ޗެނެލް ބެކް....." ހަޔާތީ އެދުނެވެ.

"މެރީކުރާ ދުވަހު....."

"ވަޓް" " ހަޔާތީ ސިހޭގޮތްވިއެވެ.

"މެރީ މީ ހަޔާތީ......" އަމްރާން ޖީބުން ނެގި ކުޑަ މަޚުމާ ފޮށްޓެއް ހުޅުވައިލާފައި ނެގި އަނގޮޓީއެއްގެ ރީތިކަމުން ދަޅައަޅައިލިއެވެ. ޖަވާހިރާއި ކަނޑުނީލަން ޖަހާފައިވާ ހުދުރަނުގެ އަނގޮޓިއެކެވެ.

"ޔެސް......." ހަޔާތީއަށް އޭރުވެސް އެލީން ދުރުން އެމަންޒަރު ބަލަން ހުރިކަމުގެ އިހުސާސްކުރެވުނެވެ. އެލީން ހާދަ ކަޑަވާނެއެވެ. ރުޅިއައިސްގެން ސިންގާއެއްފަދައިން އައިސް ގަޔަށް ބޮލަށް އަރައިނުގަންނާނެ ބާވައެވެ. އަމްރާން އަނގޮޓި އޭނަގެ އަތުގެ ކަށި އިނގިލީގައި އަޅުވާދިން ވަގުތު މިކާލްމަތިން ހަދާންވެ ލޮލުން ކަރުނަ އަންނަގޮތްވިއެވެ. މިކާލް ދުނިޔެއާއި ވަކިވެގެން ދިޔަސް އޭނަގެ ހިތާއި ފުރާނައަކީ މިކާލްގެ ހައްގެކެވެ. މިއީ ވިޔަފާރިއެކެވެ. އޭނައަށް އެޗްއެމް ލިބޭއިރަށް އޭނަ އަމްރާންއާއި ދުރުވާނެއެވެ. ވިޔަފާރިއަކާއި ފައިސާއަށް އޭނަވަނީ ނިހާޔަތަށް ބޭނުންވެފައެވެ. މަންމައާއި ކޮއްކޮ އަދި އޭނަގެ މުސްތަގުބަލަށްޓަކާވެސް މެއެވެ. ހަމަސްފަހުން އިރާދަކުރެއްވިއްޔާ އޭނަ ފްރީވެ އަމިއްލަ ދިރިއުޅުމެއް ފަށާނެއެވެ.

"ސޮރީ މައި މިކާ..." ހަޔާތީ ހިތާހިތުން ކިޔައިލިއެވެ.

އަމްރާން ތެދުވެގެންގޮސް ރަތްކުލައިގެ ފިނިފެންމަލެއް ގެނެސް ހަޔާތީއަށް ދިއްކޮށްލި ވަގުތަކީ އެލީން ވިދުވަރެއްހާ ހަލުވިކޮށް އައިސް ހަޔާތީ އިށީދެ އިން ގޮނޑި ޕޫލާއި ދިމާލަށް ކޮށްޕައިލި ނުރައްކާތެރި ވަގުތެވެ. ހަޔާތީގެ ހަޅޭކުގެ އަޑު ވައިރޯޅިތަކާއެކުވެގެން ދިޔައެވެ. ފެންގަނޑުގައި ޖެހުމާއެކު އަދި ހަޔާތީގެ ޝޯލްވެސް މޫނުގައި އެޅި އެ ނުނެއްޓިގެން އުޅެންޖެހުނެވެ. އަމްރާން ބަލާކަށް ނުހުރެ ހަޔާތީ ސަލާމަތްކުރަން ފުންމައިލުމުން އެލީންވެސް ފުންމައިލީ އަދި އަމްރާންއަށް އެމަގުސަދު ހާސިލުވިޔަނުދިނުމަށެވެ. އެލީން އަމްރާންގެ ފަހަތުންގޮސް ބޮލަށް އަރައިގަނެގެން އޮވެ އަނެއް އަތުން ހަޔާތީ ދުރަށް ކޮށްޕާލަން އުޅުނެވެ. އިރުކޮޅެއްނުވަނީ ބާރުގަދަ އަތަކުން އެލީން ފަހަތަށް ދަމައިގަނެގެން އޭނަ އަމްރާންއާއި ވަކިކުރުވިއެވެ. އެ ސަކަރާތެއްގައި އުޅެގެން އެލީންއަށްވެސް ފެން ބޮވުނެވެ. ލާވީ އޭނަ މައްޗަށް އެރުވުމުން ދެލޯ އަޅައިލިއިރު އަމްރާންވެސް ހަޔާތީ ޕޫލުން މައްޗަށް ނަގައިފިއެވެ. އޭރުވެސް އަމްރާން ދިން މާ ތެމިފައި ހަޔާތީގެ މުށުތެރޭ އޮތެވެ. އެވެސް އަދި އަމްރާން އަނގޮޓި އަޅުވާދިން އަތުގައެވެ.

"ޔޫ ވާ ސްޕައިން އޮން އަސް؟ އައިމް ސޮރީ ޔޫ ހޭޑް ޓު ސީ ދެޓް އެލީން...." އަމްރާން އެލީންއާއި ދިމާލަށް ބުނެލިއެވެ. އެލީން ވަގުތުން އެތަނުން ދާން ބޭނުންވިއެވެ. ތުންފިތާލައިގެން ހުރިއިރު ދެންމެ ދެންމެ ރޮއިގެންފާނެފަދައެވެ. ހަޔާތީ މާބްލްމަތީ އިށީދެލައިގެން އިންދާ އަމްރާން ކުޑަކަކޫމައްޗަށް ތިރިވިއެވެ.

"އާ ޔޫ އޯކޭ.؟ " އަމްރާން ސުވާލުކޮށްލިއެވެ.

"އަލްހަމްދުލިﷲ......." ހަޔާތީ ހިތްވަރުގަދަކޮށްލާފައި ހިނިތުންވެލިއެވެ.

"މާ ދީންވެރިވެގެން އުޅޭނެކަމެއްނެތް. ކަލޭމެންގެ ދީން ފަތުރަން މާ މަސައްކަތް ތިކުރަނީ؟ އިފް ދެއާސް އެ ގޯޑް ކީއްވެ އަހަރެންގެ މަންމައާއި ބައްޕަ މަރައިލީ....." އެލީންގެ ވާހަކަތަކުން ހަޔާތީ ސިހި ޝޮކެއްލިބުނެވެ. މިގޭތެރެގައި އެއްވެސް މީހަކު ދީން ގަބޫލުނުކުރަނީ ހެއްޔެވެ؟ މިވެސް އެތީސްޓެއްކަން އެނގިއްޖެއެވެ. ކަލަކު ވޮޑިގެންވާކަމަށް ގަބޫލުނުކުރާ ދިވެއްސަކާއި ފުރަތަމަ ފަހަރަށް މިފަދަ ޗެލެންޖަކަށް އައިއިރު ރާއްޖޭގައިވެސް މިފަދަ މީހުންތައް ގިނަވާކަން ސޯޝަލް މީޑިއާއިން ހަޔާތީއަށް އެނގިފައިވެއެވެ.

"ދެން ހޫ ކްރިއެޓެޑް ޔޫ. ހިތަށް ދުނިޔެއަށް އައި މީހެއްތަ. ތި ލައިގެން ހުރި ހެދުންވެސް ހިތަށް މެޖިކުން އުފެދުނީތަ. ގަޑިވެސް ސްކައި އިން ފޯލްވީތަ.........ޑިސްގަސްޓިން....." ހަޔާތީ ފޫހިވެ ހަލާކުވާވަރުވިއެވެ. އޭނައަކީވެސް ދީނަށް މާ ލޯބިކޮށް އެހެން އުޅުނުކުއްޖެއް ނޫނެވެ. ނަމަވެސް މިފަދަ މީހަކާއި ޖެހުމުން ދީނަށްޓަކާ ހިތުތެރޭ ފޮރުވިފައިވާ ލޯތްބާއި ގަދަރު ހޭލައިގެންފިއެވެ. ވެދާނެއެވެ. މިކުއްޖާއަށްވެސް ނޭގެނީއެވެ. މައިންބަފައިން އެފަދަ ކަންތައްތައް ނުވިސްނާ ބޭރުތަންތާ އުޅެ ދީން އޮޅުން ފިލުވާ ނުދީ ހުރުމުން އެކުއްޖާއަށްވެސް ހިތާމައަކާއި ދިމާވުމުން ހެއްދެވި ފަރާތެއްވާކަމައިމެދު ވެސް ޝައްކުކުރެވުނީއެވެ. އަގީދާ ބަލިކަށީއެވެ. އީމާންތެރިކަން ކުޑައީއެވެ. ތައުހީދު ކިޔަވާދެވިފައި ނެތީއެވެ. މިފަދަ ކުދިންނަށް ޝޭޚުން ރީތިކޮށް ދީން އުގަންނާދީ ބުނެދޭންވީއެވެ.

އެކުއްޖާ ދެންވެސް ކިޔައިލީ ދީނާއި ދެކޮޅު ވާހަކަތަކެވެ. އޭނަގެ ބައްޕައާއި މަންމަގެ މަރާއި ގުޅުވާފައި ވަރަށް ރުޅިވެރިކޮށް ވާހަކަދެއްކިއެވެ.

"ޝަޓަޕް އެލީން އެންޑް ގޯ އިންސައިޑް ރައިޓް ދިސް މިނިޓް..." އަމްރާން އަމުރުކުރިއެވެ. އެލީން ކަރުނައިން ފުރިގެންވާ ލޮލުން އަމްރާންއަށް ބަލައިލުމަށްފަހު ދުވެފައިގޮސް އެތެރެއަށް ވަދެ ނިވާވެއްޖެއެވެ. ލާވީވެސް ތަންކޮޅެއް ދުރުގައި ގޮސް މަޑުކޮށްލުމުން ހަޔާތީ ތެދުވެއްޖެއެވެ.

"މިސްޓަ އަމްރާން. މި ސަރުކާރުން މިކަންތައް ހައްލުކޮށްދޭން މަސައްކަތްކުރައްވާ. ނޫނީ ދުވަސްކޮޅުން އިސްލާމީ ގައުމެއްގެ ގޮތުގައި ނޯންނާނެ..."

"ހައްދު ފަހަނަޅާ ދިޔުންވެސް ކޮންޓްރޯލް ކުރުވާނަން. މިޒަމާނުގައި މެޑީވްލް ސަރުކާރެއް ގެނެސްގެން ދުނިޔޭގެ އެއްވެސް ގައުމެއް ތަރައްގީ ނުކުރެވޭތާ ހަމަޖެހިގެން ނޫޅެވޭނެ. ވީ ވިލްޑޫ އެވްރީތިން ޓު ބްރިންގް ޕްރޮސްޕެރިޓީ އެންޑް ޕީސް ޓު އަވާ ނޭޝަން. އެކަމަކު އަހަރެން ބުނެފާނަން ވަހަކައެއް. އެމީހަކު ބޭނުންވާ ދީނަކަށް އެމީހަކަށް އުޅެވެންވާނެ. ސައްތައިން ސައްތަ މުސްލިމް ގައުމެކޭ ކިޔާފައި އަވާމެންދުރެއްގައި ތިބެންވީތަ؟ ދުވާލު އިރުފެންނަ ފަދައިން އެނގޭ އިސްލާމް ދީން ގަބޫލުނުކުރާ މީހުން ދިވެހިންގެތެރޭ އެބަތިބިކަން. އެމީހުންނަކީވެސް ދިވެހިން. ވީ ކާންޓް ފޯސް ދެމް އައުޓް އޮފް ދަ ކަންޓްރީ. އެމީހުންގެވެސް ގައުމު. ވީ ޝުޑް އެކްސެޕްޓް ދަ މައިނޯރިޓީ. ކޮންމެ މީހަކަށް އެމީހަކު ބޭނުން ދީނަށް އުޅުމުގެ ހައްގު ލިބިގެންވާގޮތަށް ޗާޗްފަދަ ތަންތަން އެޅުމުގެ ހުއްދަވެސް އަހަރެމެން ޕާޓީއިން ދޭނެ........" އަމްރާންގެ ވާހަކަތަކުން ހަޔާތީގެ ހިތުގައި ރުޅިވެރިކަން ހުޅު ފަޅައިގެން ދިޔައެވެ. އަމްރާންއާއި ޗެލެންޖްކުރެވޭވަރުގެ މީހަކަށް އަދި އޭނަ ނުވެއެވެ. ދެރައީ މިކާލް ނޫނީ އިޝްކަން އޭނައަށް ޖަވާބުދާރީ ވާން މިތާ ނެތްކަމެވެ.

"ލުކްސް ލައިކް ޔޫ އާ ވަން އޮފް ދެމް.." ހަޔާތީ އެހެން ބުނެލިތަނާ ލާވީ އަމްރާންއަށް ތުވާއްޔަކާއި ޕޫލުން ފަތާފެންގަނޑުން ފަތާއި ކުނި ނަގަން ގެންގުޅޭ ސްކިމާ ނެޓް ދިއްކޮށްލިއެވެ. އޭރު ހަޔާތީގެ ޖެކެޓް ޕޫލްގައި އޮޔާ ގޮސް ގޮސް އޮތެވެ. އަމްރާން އިސްތަށިގަނޑު ހިއްކަމުން ސްކިމާ ނެޓް ޕޫލަށް ކޮށްޕާލައިގެން އެޖެކެޓް ނަގާފައި ދިއްކޮށްލިއިރު ހަޔާތީ ރުޅިއައިސް މޫނުވެސް ރަތްވިއެވެ. ކުނިކޮޅެކޭ އޭނަގެ ޖެކެޓެކޭ އަމްރާންއަށް ތަފާތެއް ނެތެވެ. އޭގައި އަތްލާކަށްވެސް ކަމުނުދިޔައެވެ. އިތުރު ވާހަކައެއް އަހަން މަޑުކުރުމެއްނެތި އޭނަ ޖެކެޓް ޖަހައިގަތެވެ. އަދި މޭޒުމަތީ އޮތް އޭނަގެ ދަބަހާއި ފޯނު ނަގައިގެން އެތަނުން ދާން ހިނގައިގަތެވެ. "މެރީ މީ" އޭ ބުނި ވަގުތު ހީކުރެވުނީ ހަގީގަތުގައިވެސް އަމްރާންގެ ހިތުގައި އޭނައަށްޓަކާ ކޮންމެވެސް އިހުސާސްތަކެއްވީ ހެންނެވެ. އެންމެ ފަހުން އޭނައާއި ހެދި އުޅެން ފެށީ ކަމަށެވެ. އެކަމަކު ވީ އެހެނެއް ނޫނެވެ.

"ހަމަ ކުރީގެ އީވިލް ޕާސެނެލިޓީ.." ހަޔާތީ އަމިއްލަ ނަފުސަށް ބުނެލިއެވެ. "ޑޯންޓް ގެޓް ޔޯ ސެލްފް ޓްރިކްޑް ހަޔާތީ. ދިސް އިޒް އޯލް ފޯ ޕްލޭ. އޯލް ގޭމްސް. ހޭންގް އިން ދެއާ"

މުއްސަދިން ވީމަ ދުނިޔެއަށް މާ ބޮޑަށް ލޯބިޖެހި މިއީ އަބަދަށްޓަކާ ތިބޭނެ "ސުވަރުގެ "ކަމުގައި ހީކުރެވެނީއެވެ. މަރުވުމަށްފަހު އަލުން ދުނިޔެއެއްވާކަމާއި މިއީ އިމްތިހާންގެ ގޮވަތިކަން ހަދާންނެތުނީއެވެ. ދުނިޔެއާއި އުޑާއި ކާއިނާތު ހެއްދެވި މަތިވެރި ބާރުގަދަ ފަރާތެއްވާކަން ގަބޫލުނުކޮށް އުޅޭ މީހުންނަށް އެކަން ޔަގީންވާނީ ދުނިޔެއާއި ވަކިވެ އެފަރާތަށް ދަތުރުކުރި ދުވަހަކުންނެވެ. ދުނިޔެމަތީ އެފަދަ މީހުންނަށްޓަކާ ކޯފާ ނުފޮނުއްވާ މި ބިމަކީ އެމީހުންނަށްޓަކާ ސުވަރުގެ ކަމުގައި ލައްވާފައިވަނީ ސަބަބެއްނެތިއެއް ނޫނެވެ.

އެގެއިން ނުކުމެވުނުއިރު ވައި ރޯޅިތައް ހިނދި ވާރޭކަނި ޖަހަން ފެށިއެވެ. ހަޔާތީ ހީކަރުވާގޮތްވިއެވެ. މިކާލްއާއި ބައްޕަ މަތިން ހަދާންވިއެވެ. މިކާލް އާއި ބެހޭގޮތުން ކުޑަ މިންވަރެއް އެނގިފައިވާއިރުވެސް ބައްޕައަށް މިކާލް ރަގަޅަށް އެނގޭކަން ވިސްނުނީ ބައްޕަ މިކާލްއާއި ބެހޭގޮތުން ދެއްކި ވާހަކަތަކެއް ހަދާންވެފައެވެ.

"ހަޔާތީ ތިކަމާ ކަންބޮޑުނުވޭ. ބައްޕަ މިހާވަރަށް ބުނެދީފާނަން. މިކާލް އައިއެސްއަކާއި ޖޮއިން ނުކުރާނެ. އެއަށްވުރެ އޭނައަށް ވިސްނޭ. އެއަށްވުރެ ބޮޑަށް އިތުބާރުކުރެވޭ. އަދި ހަޔާއަށް މިކާލް ކާކުކަން ނޭގުނަސް ބައްޕައަށް އެންމެ ރަގަޅަށް އެނގޭނީ. މިކާލް ވަރަށް އަވަހަށް އެނބުރި އަންނާނެ.. މިހާރު އިތުރު ތަފްސީލެއް ހޯދަން ނާހާ. އަދި އެހެންމީހެއްގެ ކައިރި ބައްޕަގެ މި ވާހަކަތައް ބުނެގެން ނުވާނެ." ވީއިރު ބައްޕައަށް މިކާލް ސިފައިންގޭގައި މަސައްކަތްކުރި ސިއްރު އެޖެންޓެއްކަން އެނގިފައި އޮތީއެވެ. ބައްޕަ އެހާ އިތުބާރާއިއެކު އެހެން ބުނި ސަބަބަކީ އެއީއެވެ.

ހަޔާތީ އަނގޮޓި ނަގާފައި ދަބަހަށް ލިއެވެ. އަމްރާންދިން ފިނިފެންމާ ބިއްލޫރިތަށްޓަކަށް ފެންލާފައި އިންދިއެވެ. އެމާ ރީތިކަމުން އެއްލާލަން ނުކެރުނީއެވެ. އެއަށްވުރެ އޭނަ ފިނިފެންމަލަށް ލޯބިކުރެއެވެ. ހެދުން ހިއްކަން އަޅުވާފައި އޭނަ ހަރުވާޅަކާއި ޓޮޕްކޮޅެއްލައިގެން ނުކުތްތަނާ މަންމަވެސް ހޭލައިފިއެވެ. މަންމަ އާއި ދެމީހުން ކޮފީއާއި ހޫނު ކޮފީއާއި ބަޖިޔާ ކާން ތިއްބާ ބެލްއަޅައިލި އަޑުއިވުނެވެ. ދޮރު ހުޅުވާލުމާއެކު މޫނު އަޅައިގެން ހުރި އަންހެންކުއްޖާ ފެނިފައި ވަގުތުން ހަޔާތީއަށް އެނގުނެވެ. އެއީ ސަމާއެވެ. އަތުގައި ހިފައިގެން ހުރި ކުޑަ ފިރިހެންކުއްޖާ ލޯބިކަމުން މިކާލް މަތިން ހަދާންވާގޮތްވިއެވެ. ސަލާމް ގޮވާފައި އެތެރެއަށް ވަނުމުން ހަޔާތީ އެދެމައިންނަށް ސައި ތައްޔާރުކޮށްލަދިނެވެ. ސަމާ ބުނީ އޭނަގެ އަރަބި ފިރިމީހާއާއިއެކު ދިރިއުޅެނީ މަދީނާގައި ކަމުގައެވެ. ޗުއްޓީއަކަށް އައިސް އަނެއްކާ ފުރަން އުޅެފައި ހަޔާތީއާއި ބައްދަލުކޮށްލަން ބޭނުންވީއެވެ. ސަމާވެސް ދެވަނަ ކައިވެންޏެއްކުރީއެވެ. މިއީ ދުނިޔޭގެ ހާލަތެވެ. ކިތަންމެ ލޯބިން އުޅެފައިވެސް ވަކިވާން މަޖުބޫރުވެދާނެއެވެ. ސަމާ ދަރިފުޅު ތަރުބިއްޔަތުކޮށްފައިވާލެއް ދީނީކަމުން ހަޔާތީއަށް އަސަރުކުރިއެވެ. އެކުއްޖާ ކިބިއްސެއް އެޅުމުންވެސް އަލްހަމްދުލިﷲ ކިޔައިލިއިރު ކާންފެށީވެސް ބިސްމި ކިޔާފައެވެ. އެތައް ޒަމާނެއްކޮށްފައި ސަމާއާއި ދިމާވުމުން ހަޔާތީ ވަރަށް އުފާވިއެވެ. ސަމާއާއި އެކު ވަގުތުކޮޅެއް ހޭދަވީއިރުވެސް އޭނަ ގިނައިން ދެއްކީ ދީނީ ވާހަކަތަކެވެ. އެކަމުގެ ސަބަބުން ހަޔާތީގެ ހިތުގައި ދީނާއިމެދު އޮތް ޝައުގު އިތުރުވެ ރަގަޅަށް އުޅެން ބޭނުންވިއެވެ.

ހަޔާތީ މަންމައަށްޓަކާ ލޮނުމަޑުކޮށް ބީޓުރޫޓު ބަތް ހަދާ ތަރުކާރީކޮޅެއް ތައްޔާރުކޮށްލުމަށްފަހު އޭނަ ކާންވެގެން ހިކިމަހުން ހިކިކޮށް ރިހަހެދިއެވެ. ރޮށިފިހެން ހުރެފައި ފިކުރުގެ ދާވަނި އެހެން ދިމާލަކަށް ދޫކޮށްލެވިއްޖެއެވެ. ކޮންމެވެސް ވަރަކަށް ސްވިމިންޕޫލްގެ ހާދިސާ ލޮލުގެ ކުރިމަތީ ނިއުޅެންފެށިއެވެ. ސްލޯ މޯޝަންގައި ފެނުނުފަދައިންނެވެ. އޭނަގެ ގައިގާ އަމްރާން ހިފެހެއްޓިތަންކޮޅު ފޮހެލަން ބޭނުންވިއެވެ.

"ހައު ޑެއާ ހީ ޓަޗް މީ..." ހަޔާތީ މޫނު ހަދައިލިއެވެ. މަސައްކަތްކޮށް ނިމިގެން ކާން ހަދާފައި މަންމަ ކޮބައިތޯ ބަލައިލިއިރު މަންމަ ގެއަށް ވަނީ ބޭރުން އައިހެވެ. މަންމަ އޭނައަށް ބަލަން ހުރި ނަޒަރު ފެނިފައި ހަޔާތީގެ ހިތުގައި ބިރުވެރި ރާގެއްކުޅެވެން ފެށިއެވެ.

(ނުނިމޭ...)

https://sun.mv/114471

comment ކޮމެންޓް