ގެއްލުނު ފައިސާ ހޯދަން ބޭރުގެ ވަކީލުންގެ އެހީ ހޯދަނީ

އެޓާނީ ޖެނެރަލް ރިއްފަތު: ގެއްލުނު ފައިސާ ހޯދަން ބޭރުގެ ވަކީލުންގެ އެހީ ހޯދާނެ ކަމަށް އެ އޮފީހުން ބުނޭ -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ދައުލަތުން ގެއްލިފައިވާ މުދާލާއި ފައިސާ، ދައުލަތަށް އަނބުރާ ހޯދުމަށް ބޭރުގެ ވަކީލުންގެ އެހީ ހޯދުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ދައުލަތުން ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. އަދި އެކަން ކުރުމަށްޓަކައި ވެރިކަމުގެ ފުރަތަމަ ދުވަހު އެމަނިކުފާނު ވަނީ އެކަމަށްޓަކައި "އެސެޓް ރިކަވަރީ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް ވެސް އުފައްދަވާފައެވެ.

އިއްޔެ އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނުގައި ބުނީ، ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަކީ އެ އޮފިހުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކަމެއް ކަމަށާއި އެ މަސައްކަތް ކުރުމަށް ބޭރުގެ ގާނުނީ ވަކީލުންގެ އެހީ ހޯދާނެ ކަަމަށެވެ.

"އެ ފައިސާ ހޯދުމަށް ފަހު، އެ ފައިސާ ރާއްޖެއަށް އަނބުރާ ގެނައުމަށްޓަކައި ގާނޫނީ ގޮތުން ރާއްޖެއިން ބޭރުގައި ކުރަން ޖެހޭ މަސައްކަތް ކުރަމަށްޓަކައި ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންނާއި ގާނޫނީ ވަކީލުންން ހޯދައި،" އެ މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް އެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.

ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް ބޭރުގެ ތަޖްރިބާކާރުންނާއި ވަކީލުންގެ އެހީ ހޯދާނެ ކަމަށް އެޓާނީޖެނެރަލް އޮފީހުން ބުނެފައިވާ އިރު، މިމަހު 15 ވަނަ ދުވަހު އެ އޮފީހުން ވަނީ، އެސެޓް ރިކަވަރީ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަނީލޯންޑަރިންގެ ކުށް، ކުރެއްވި ކަމުގެ ހެކި ހިމެނޭ ކަމަށް ބެލެވޭ ލިޔެކިޔުންތައް ލިބިފައިވާތީ އެ ލިޔުންތަކެއް ހުށަހަޅާފައެވެ. އަދި އޭގެ އިތުރުން އެ ލިޔެކިޔުންތައް ފުލުހުންނާ ވެސް ހިއްސާ ކޮށްފައިވާ ކަމަށް އެ އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.

https://www.sun.mv/114624

comment ކޮމެންޓް