ޖަރުމަނު ޝެންގެން ވިސާ ވަގުތީ ގޮތުން ރާއްޖެއިން ލިބޭނެގޮތް ހަދައިފި

މިއަދު ހުޅުވި ޖަރުމަނު - ޝެންގެން ވިސާ ކްލިނިކް-- ފޮޓޯ: ފޮރިން މިނިސްޓްރީ

ޖަރުމަނު - ޝެންގެން ވިސާ ރާއްޖެއިން ވަގުތީ ގޮތުން ލިބޭނެގޮތް ހަދައިފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ވަނީ އެ ވިސާގެ ހިދުމަތްތައް ދިނުމަށް ބަޔޯ މެޓްރިކް ކްލިނިކެއް ހުޅުވައިފައެވެ.

މިއީ ދެ ގައުމުގެ ސަރުކާރާއި އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ ގުޅިގެން ހުޅުވި ކްލިނިކެކެވެ.

ފޮރިން މިނިސްޓްރީން ބުނީ މިހާތަނަށް ޖަރުމަނު ޝެންގެން ވިސާ ހޯދުމަށް އެދި 123 މީހަކު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ކްލިނިކްގެ މަސައްކަތް މިމަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް އެ މިިނިސްޓްރީން ބުންޏެވެ.

ޖަރުމަނު - ޝެންގެން ވިސާ ކްލިނިކް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ފޮރިން މިނިސްޓްރީ

އެ ވިސާގެ ހިދުމަތް ރާއްޖެއިން ލިބޭނެގޮތް ހެދުމުން، ރާއްޖެއިން ޖަރުމަނަށް ދާ ފަރާތްތަކަށާއި އަދި އަންމަ މާޗް މަހު ޖަރުމަނުގައި ބާއްވާ އައިޓީބީ ފެއާއަށް ދިއުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަރުމަން- ޝެންގެން ވިސާގެ ދަށުން ޔޫރަޕްގެ 26 ގައުމަކަށް ދަތުރުކުރެވެއެވެ. އޭގެ ތެރޭގައި އޮސްޓްރިއާ، ބެލްޖިއަމް، ޗެކް ރިޕަބްލިކް، ޑެންމާކް، އެސްޓޯނިއާ، ފިންލޭންޑް، ފްރާންސް، ޖާމަނީ، ގްރީސް، ހަންގެރީ، އައިސްލޭންޑް، އިޓަލީ، ލެތްވިއާ، ލައިޗެންސްޓައިން، ލިތުއޭނިއާ، ލަގްޒަމްބާގް، މޯލްޓާ، ނެދަލޭންޑްސް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްލޮވޭކިއާ، ސްލޮވީނިއާ، ސްޕެއިން، ސްވިޑަން އަދި ސްވިޒަލެންޑް ހިމެނެއެވެ.

comment ކޮމެންޓް