އެމިލިއާނޯ ސަލާ އަދި އޭނަގެ ޕައިލެޓް ހޯދުމަށްޓަކައި އިނގިރޭސި ޕޮލިހުން ކުރަމުން ދިޔަ މަސައްކަތް ހުއްޓުމަކަށް ގެނެސްފައި ވާތީ އެ ދެ މީހުން ހޯދުމަށް އަލުން މަސައްކަތް ފެށުމަށް އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީއާއި ކުރީގެ ފުޓްބޯޅައިގެ ރަސްގެފާނު ޑިއޭގޯ މަރަޑޯނާ ވެސް ގޮވާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގާންސީގެ ޕޮލިހުން ވަނީ ސަލާ އަދި އޭނާގެ ޕައިލެޓު ހޯދުމުގެ މަސައްކަތް މެދު ކަނޑާލާފައެވެ. ތިން ދުވަހުގެ މަސައްކަތަށް ފަހު ޖުމްލަ 1700 އަކަ މޭލުގެ ސަރަހެއްދެއް ހޯދިފައިވާ ކަމަށާއި ގެއްލުނު ފުލައިޓު އަދި އޭގައި ތިބި ދެމީހުންގެ އެއްވެސް ނިޝާނެއް ވެސް މިހާތަނަށް ފެނިފައި ނުވާ ކަމަށް ގާންސީގެ ފުލުހުން ވަނީ ބުނެފައެވެ.
ސަލާގެ އާއިލާއިން މިވަގުތު ދަނީ އަމިއްލަ ކުންފުންޏަކާ ގުޅިގެން ސަލާ އަދި އޭނާގެ ޕައިލެޓް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ތައްޔާރުވަމުންނެވެ. މިކަމަށްޓަކައި ހަރަދު ކުރާނެ ފައިސާގެ އެހީތަށް ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ފާރަތްތަކަކުން ދަނީ ސަލާގެ އާއިލާ އަށް ފޯރުކޮށްދެމުންނެވެ. އަދި އިނގިރޭސި ފުލުހުން ވެސް މިކަމުގައި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށާއި މިކަމުގައި ލިބިފާ ހުރި ހުރިހާ މައުލޫމާތެއް ހިއްސާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ދަނީ މި އޮޕަރޭޝަން ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަށް ގޮވާލާ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. އެގޮތުން ގިނަ ފަރާތަތްތަކަކުން މިކަމުގައި ބޭނުން ކުރަމުންދަނީ "ނޯޑެޖަންޑެބުސްކާ" [ހުއްޓާ ނުލާ ހޯދާ] މިފަދައިން ލިޔެވިފައިވާ ހޭޝްޓެގް އެކެވެ.
"އަދިވެސް އުންމީދު އެބަ އޮތް. ހުއްޓާ ނުލާ ހޯދުމަށް ގޮވާލަން. އެމިލިއާނޯގެ އާއިލާއާއި ރައްޓެހިންނަށް ކެއްތެރިކަން ދެއްވުމަށް އެދެން." ލިއޮނަލް މެސީގެ އިންސްޓަގުރާމް ސްޓޯރީއެއްގައި އޭނާ ބުނެފައިވެއެވެ.
ޑިއެގޯ މަރަޑޯނާވެސް އޭނަގެ އިންސްޓަގުރާމުގައި ވަނީ އުންމީދު އަދި ނުގެއްލޭ ކަމަށް ބުނެ ސަލާގެ ފޮޓޯއެއް ލާފައެވެ. މީގެ އިތުރުން ސާޖިއޯ އަގުއޭރޯއާއި ގޮންޒާލޯ ހިގުއައިން އަދި އޮޓަމެންޑީ ވެސް ވަނީ ސަލާ ހޯދުމައްޓަކައި މަސައްކަތް ހުއްޓާ ނުލުމަށް ގޮވާލާފައެވެ.
ފުރާންސްގެ ނަންޓޭސް އަށް ކުޅެމުން ދިޔަ އެމިލިއާނޯ ސަލާ މިދިޔަ ހަފްތާގައި އިނގިރޭސި ކުލަބެއް ކަމަށް ވާ ކާޑިފް އަށް ސޮއި ކުރުމަށް ފަހު ކުރީގެ ކުޅުންތެރިންނާއި ވަދާއީ ސަލާމް ކުރުމަށް ފަހު އިނގިރޭސި ވިލާތަށް ދަތުރު ކުރުމަށް ވަނީ ފުރާފައެވެ. ނަމަވެސް ވީ ގޮތެއް ނޭނގި ސަލާ ދަތުރު ކުރި ފުލައިޓު ވަނީ އޭގެ ޕައިލެޓާ އެކު ގެއްލިފައެވެ.