އިނގިރޭސި އެފްއޭ ކަޕުގައި ރޭ ބާންލީ ކޮޅަށް ގިނަ ލަނޑުތަކެއް ޖަހައި، ތަފާތު ބޮޑު މޮޅަކާއެކު މެންޗެސްޓާ ސިޓީއިން އެ މުބާރާތުގެ ފަސް ވަނަ ބުރަށް ދަތުރު ކޮށްފިއެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ބާންލީގެ މައްޗަށް 5-0ގެ ނަތީޖާއަކުން ކުރި ހޯދިއިރު އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ނަމަވެސް ބާންލީގެ ފަރާތުން ފެނިގެން ދިޔައީ ސިޓީގެ ގަދަފަދަ ކުޅުމަށް އަމާން ދީގެން ބަލަހައްޓައިގެން ތިބެވުނު މަންޒަރެވެ.

މެންޗެސްޓާ ސިޓީ އަދި ބާންލީ ބައްދަލު ކުރި މެޗުގެ ތެރެއިން ގެބްރިއަލް ޖީސުސް -- ފޮޓޯ / ބީބީސީ ސްޕޯޓްސް
މެޗު ފެށުމާއެކު ސިޓީއިން ދިޔައީ ބާންލީގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެގޮތުން ސިޓީން ބާލީގެ ގޯލް ހުޅުވާލީ މެޗުގެ 23 ވަނަ މިނިޓްގައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ގެބްރިއަލް ޖީސުސްއެވެ.
މި ގޯލުގެ އިތުރުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ސިޓީއަށް ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ އެއް ގޯލުގެ ތަފާތުން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓީގެ ފަރާތުން ފެނިގެން ދިޔައީ ހަލުވި އެޓޭކިންގް ފުޓުބޯޅައެކެވެ. އިސާހިތަކު ބާންލީގެ ޑިފެންސް "އޮޔާލާ" ސިޓީއިން ގިނަ ގޯލު ތަކެއް ޖަހައި ބާންލީގެ މައްޗަަށް އަތް ގަދަ ކުރިއެވެ. އެގޮތުން މެޗުގެ 52 ވަނަ މިނަޓުގައި ބެނާޑޯ ސިލްވާ ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިދީފައެވެ.
އިންޖަރީގެ ސަބަބުން ގިނަ ދުވަސް ތަކެއް ކުޅުމާއި ދުރުގައި ހުރުމަށް ފަހު އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާގެ ގޯލާއި އެކު ބާންލީ ޓީމުގެ އުންމީދު ފެނަށްވިއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ބާންލީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ގޯލެއް ވަދެ ޓީމު އިތުރަށް ޖޯޝު އެލިގެން ދިޔައެވެ.
މެޗުގައި ފެނިގެން ދިޔަ ފަހު ގޯލު ސިޓީއަށް ކާމިޔާބު ކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ސާޖިއޯ އަގުއޭރޯއެވެ.
އެންމެ ފަހުން ސިޓީއިން މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 2011 ވަނަ އަހަރުއެވެ.
އިނގިރޭސި ލީގު ކަޕުގައި މިވަގުތު އެއްކޮޅުން ފައިނަލްގައި އޮތް ސިޓީއަށް މި ސީޒަނުގައި ހުރިހާ މުބާރާތެއް ވެސް ކާމިޔާބު ކުރެވިދާނެ ކަމުގެ ފެންވަރު ހުރި ކަމަށް ބާންލީގެ ކޯޗު ރޭ މެޗަށް ފަހުން ވަނީ ބުނެއެފައެވެ.