ރަބާތް (26 ޖަނަވަރީ 2019): ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އުތުރު އެފްރިކާގެ ބައެއް އަރަބި ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޣްރިބް އަށް ވަޑައިގެން އެގައުމުގެ ރަސްގެފާނު މުހައްމަދު ހަވަނަ އާ ބައްދަލުކުރައްވައިފިއެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މާރިޔާ ޒަޚަރޫވާ ވިދާޅުވީ ލާވްރޯވް އާއި މުހައްމަދު ހަވަނައިގެ ރަސްމީ މަޝްވަރާތައް ބިނާކުރެއްވީ ދެގައުމުގެ ގުޅުންތައް ހަރުދަނާކުރުމާބެހޭ ވާހަކަތަކުގެ އިތުރުން ލީބިޔާގައި ސުލްޙަ ގާއިމްކުރުމާއި ހުޅަނގު ސަހަރާގެ މައްސަލައަށް ކަމުގައެވެ. ހުޅަނގު ސަހަރާއަކީ މަޣްރިބް އާ އިންވެގެން އޮންނަ މިނިވަންކަން އިޢްލާންކޮށްފައިޥާ ސަރަހައްދެކެވެ. ނަމަވެސް މަޣްރިބުން ދެކެނީ އެއީ އެގައުމުގެ އެސަރަހައްދެއްގެ ގޮތުގައެވެ.
މުހައްމަދު ހަވަނަ ރަސްގެފާނާ ބައްދަލުކުރެއްވުމުގެ ކުރިން ލާވްރޯވް ވަނީ މަޣްރިބްގެ ޚާރިޖީ ވަޒީރު ނާސިރު ބްރީތާ އާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ލާވްރޯވް ވިދާވީ ލީބިޔާގައި ހިނގަމުންދާ ދާޚިލީ އަރާރުންތައް ހުއްޓުމަކަށް ގެނައުމަށް ޓަކައި ވާދަވެރި ފަރާތްތަކުގެ މެދުގައި އެއްބަސްވުމަކަށް ނައިސް ލީބިޔާގައި ރިޔާސީ އިންތިޚާބާއި ބަރުލަމާނީ އިންތިޚާބު ބޭއްވުމުގެ ތާރީޚު ކަނޑައެޅުމުގެ ބޭނުން ނެތްކަމުގައެވެ. މިގޮތުން ލީބިޔާއަށް ފުރަތަމަ ބޭނުންވަނީ ވާދަވެރި ފަރާތްތަކުގެ މެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމް ކުރުން ކަމަށާ މިކަމާބެހޭގޮތުން ލީބިޔާގެ އަވަށްޓެރި މަޣްރިބާއި އަލްޖަޒާއިރުގެ ވެރިންނާ މަޝްވަރާ ކުރެއްވި ކަމަށް ލާވްރޯވް ވިދާޅުވިއެވެ.
ހުޅަނގުގެ ގައުމުތަކާއި އދ. ން މަސައްކަތް ކުރަނީ އަންނަ ޖޫންމަހު ލީބިޔާގައި ރިޔާސީ އިންތިޚާބަކާއި ބަރުލަމާނީ އިންތިޚާބެއް ބާއްވައިގެން ރައީސަކާއި ޕާލަމެންޓެއް އިންތިޚާބު ކުރުމަށެވެ. ނަމަވެސް ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާހެދި މި އިންތިޚާބުތައް ބޭއްވިދާނެ ކަމާމެދުވަނީ ސުވާލު އުފެދިފައެވެ. ލާވްރޯވް މަޣްރިބް އަށް ވަޑައިގެންނެވީ އަލްޖަޒާއިރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައެވެ. (އަލްޖަޒީރާ)