އިރުތިޝާމް ޖޭޕީގެ ޓިކެޓުގައި މާލޭގެ ދާއިރާއަކަށް ކުރިމަތިލައްވަނީ

އިރުތިޝާމް އާދަމް ޖޭޕީއަށް ސޮއިކުރެއްވުން -- ފޮޓޯ: ޖޭޕީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހެލްތް މިނިސްޓަރުކަން އަދި އެންމެ ފަހުން ޔޫތް މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އިރުތިޝާމް ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފަ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އިރުތިޝާމް ވިދާޅުވީ، އޭނާ ވާދަ ކުރައްވާނީ ހެންވޭރު ދެކުނު ދާއިރާއަށް ކަމަށެވެ. އަދި އެ ނިންމެވުމަކީ އޭނާގެ ކާފާފުޅު ހ. ހާޖީދުރުގެ، ދޮން ސީދީގެ ފިޔަވަޅުތަކުގެ މަތީން ވަޑައިގަތުމުގެ ގޮތުން ނިންމެވި ނިންމުމެއް ކަމަށެވެ

ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު އިރުތިޝާމް ވިދާޅުވެފައި ވަނީ މީގެ ކުރިން އެއްވެސް ސިޔާސީ ޕާޓީ އަކަށް ސޮއިކޮށްފައި ނޯންނާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީގޮތުން މަސައްކަތް ކުރެއްވީ ކެބިނެޓު މިނިސްޓަރެއްގެ ގޮތުން ސަރުކާރުގެ ސިޔާސަތުތައް ޕްރޮމޯޓު ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އިރުތިޝާމް އަކީ ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން ޑިޕްލޮމެޓިކް ދާއިރާގައި ހަރަކާތްތެރިވެލެއްވި ކަނބަލެކެވެ. ނަޝީދު ސަރުކާރުގައި ޖެނީވާގައި ހުންނަވާ ސަފީރުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

comment ކޮމެންޓް