ސުއޫދަކީ ރާއްޖެއިން މަދުން ނޫނީ ނުފެންނަފަދަ ހިތްވަރުގަދަ ބޭފުޅެއް: ނިހާން

އަހުމަދު ނިހާން ހުސައިން މަނިކު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހުސްނުއް ސުއޫދަކީ ރާއްޖެއިން މަދުން ނޫނީ ނުފެންނަފަދަ ހިތްވަރުގަދަ ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިފަދައިން ވިދާޅުވެފައިމިވަނީ ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަމަށް ބުނެ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކަތައް ބެލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައި ވަނިކޮށެވެ.

ކޯޓުގެ ހުރުމަތާއި ކަރާމާތާއި ހައިބަތު ނަގާލާއި ކޯޓުގެ ހުރުމަތް ސުއޫދު ކެނޑި ކަމަށްބުނެ އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ވަނީ ނުނެފައެވެ. އަދި "ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވައިދު"ގެ ފަސްވަނަ މާއްދާގެ (ށ) ގެ ދަށުން ފަސް ގާޒިންގެ ބެންޗެއް އެކުލަވާލައިގެން އެ މައްސަލަ ބެލުމަށްވެސް އެ ކޯޓުން ވަނީ ނިންމައިފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ 14:00 އަށް ވަނީ ތާވަލް ކޮށްފައެވެ.

ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުވައި ދެއްކެވި ވާހަކަތަކާ ގުޅިގެން މީގެ ކުރިން ސުއޫދު ވަނީ ޖޭއެސްސީ އަށްވެސް ހާޒިރު ކޮށްފައެވެ.

އެ ވާހަތަކާ ގުޅިގެން މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. އެ ކޮމިޓީ ޗެއާ ކުރައްވަނީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ.

ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ސުއޫދު ވިދާޅުވީ، ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާހިމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވުނު ކަމަށެވެ.

"ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުގެ މައްޗަށް ފޯރާފައި އެބަ ހުރި. ހެކިން ހާޒިރު ކޮށްފައި ތިއްބާ ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަ ހުރި. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަ ހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައި އެބަ ހުރި،"

އޭނާ ވިދާޅުވީ، "ގޭންގު"ތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކި ވަކި "ގޭންގު"ތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ބައެއް މަރުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލަތަކުގައި ޝާމިލުވާ "ގޭންގު"ތަކުން ސުލްހައިގެ އެއްބަސްވުންތައް ހަދައި، ހެކިތަކަށް ބަދަލު ގެންނަ ކަމަށެވެ.

"ހަގީގަތުގައި ޝަރުއީ މަރުހަލާ އެބިއުޒް އެ ކުރެވެނީ. އޮބްސްޓްރަކްޝަން އޮފް ޖަސްޓިސް އެއްގޮތަކުން ބަލަންޏާ އެއީ،" ސުއޫދު ވިދާޅުވިއެވެ.

ސުއޫދުގެ ވާހަކަތަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ކުރިން ބުނެފައި ވަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބެލޭނެ ކަމަށެވެ.

comment ކޮމެންޓް