ޓުވިޓާ އާއި ފޭސްބުކުން ރަޝިއާގެ ގާނޫނުތަކާ ހިލާފުވާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ރަޝިއާއިން ވަނީ ޓުވިޓާ އާއި ފޭސްބުކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ -- ފޮޓޯ: އޭއެފްޕީ

މޮސްކޯ (ޖެނުއަރީ 21): ޓުވިޓާ އާއި ފޭސްބުކުން ރަޝިއާގެ އިންޓަނެޓާ ގުޅުން ހުރި ގާނޫނުތަކާ ހިލާފުވާތީ އެދެކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެގައުމުގެ ކޮމިއުނިކޭޝަންސް އިދާރާ، ރޮސްކޮމްނަޒޯރު އިން ދީފި އެވެ.

ރޮސްކޮމްނަޒޯރުގައި އިސްކޮށް ހުންނަވާ އެލެގްޒެންޑާ ޒާރޮވް ވިދާޅުވި ގޮތުގައި ފޭސްބުކާއި ޓުވިޓާއިން ރަޝިއާގެ ޑޭޓާ ސްޓޯރެޖް ގާނޫނުތަކަށް އަމަލު ކުރާނެ ގޮތާ ބެހޭ ތަފްސީލު އެއިދާރާއާ ހިއްސާކޮށްފައި ނުވެ އެވެ. އެގާނޫނުގައިވާ ގޮތުން ރަޝިއާގެ ރައްޔިތުންނާ ގުޅުން ހުރި މައުލޫމާތު ރައްކާ ކުރާ ސާވާތައް ހުންނަން ޖެހޭނީ އެގައުމުގަ އެވެ.

ރަޝިއާގެ ކޮމިއުނިކޭޝަންސް އިދާރާއިން ވަނީ މީގެ ކުރިންވެސް އެދެކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި މިމަހުގެ 17ގައި ޓުވިޓާ އާއި ފޭސްބުކުން ވަނީ ޑޭޓާ ސްޓޯރޭޖް ގާނޫނުތަކަށް ބޯލަނބާކަމުގެ ޔަގީންކަން ދީފައި ކަމަށާއި ނަމަވެސް އެއާ ބެހޭ ތަފްސީލު ހާމަ ނުކުރާ ކަމަށް އެއިދާރާއިން ބުންޏެވެ.

ޒާރޮވް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަސް ތެރޭ އެދެކުންފުނިން އެއިދާރާއަށް ޖަވާބުދާރީ ނުވެއްޖެ ނަމަ ދެކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅާނެ އެވެ.

އަދި އެއިދާރާއިން އަޅާފާނެ ފިޔަވަޅުތަކުގެ ތެރޭގައި ފޭސްބުކާއި ޓުވިޓާ ރަޝިއާގައި ބްލޮކް ކުރުމާއި ދެ ކުންފުނި ޖޫރިމަނާ ކުރުން ހިމެނެ އެވެ.

ރަޝިއާއިން ވަނީ ފާއިތުވި ފަސް އަހަރު ތެރޭގައި އެގައުމުގެ އިންޓަނެޓާ ގުޅުން ހުރި ގާނޫނުތައް ހަރުކަށިކޮށްފަ އެވެ.

comment ކޮމެންޓް