ރޭގެ އެކްސިޑެންޓުގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސް

ސެނެހިޔާ ކައިރީރޭ ހިނގި އެކްސިޓެންޓް -- ފޮޓޯ/ މައިމޫން މުހައްމަދު

މާލޭ ރިންގުރޯޑުން ސެނަހިޔާ ކައިރިން ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކުގެ ނިއުރޯ ސާޖަރީއެއް ހެދުމަށް އައިޖީއެމްއެޗުންް އޭޑީކޭ އަށް ބަދަލުކޮށްފިއެވެ.

އެކްސިޑެންޓު ހިނގުމުން އަނިޔާވި ތިން މީހުންވެސް ފަރުވާ ދިނުމަށް ފުރަތަމަ ގެންގޮސްފައިވަނީ އައިޖީއެމްއެޗަށެވެ. އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓުގައި އަނިޔާވި އެކެއްގެ ނިއުރޯ ސާޖަރީއެއް ހެދުމަށް ޑޮކްޓަރުން ލަފާދީފައިވާތީ އޭޑީކޭ އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އޭނާގެ ހާލު ކްރިޓިކަލް. އަނެއް ދެމީހުންގެ ހާލު ސްޓޭބަލް. އެކަކަށް ސާޖަރީ ވޯޑު ގައި އަނެކަކަށް މެޑިކަލް ވޯޑުގައި ދަނީ ފަރުވާދެމުން،" އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި މީހާގެ ހާލަތާ ގުޅޭގޮތުން އޭޑީކޭގެ ބަހެއް އަދި ނުލިބެއެވެ.

ރޭގައި އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބި މީހުންގެ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓް ހިނގައިފައިވަނީ ރިންގް ރޯޑުގެ ދެކުނުން އުތުރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް އެމަގުން އުތުރުން ދެކުނަށް ދުއްވާފައި އައިސް ބުރުޒު މަގަށް އަޅަން އުޅުނު ސައިކަލެއްގައި ޖެހިގެން އެވެ.

އިއްޔެ މާލޭގައި ވަނީ ތިން އެކްސިޑެންޓު ހިނގައިފައެވެ. އިއްޔެ ހެނދުނު ހިނގި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ.

comment ކޮމެންޓް