ސެނަހިޔާ ކައިރީ ދެވަނަ އެކްސިޑެންޓެއް ހިނގައި ދެ މީހެއްގެ ހާލު ސީރިޔަސް

ސެނަހިޔާ ކައިރީ މިރޭ ހިނގި ދެވަނަ އެކްސިޓެންޓް -- ފޮޓޯ/ މައިމޫން މުހައްމަދު

ރިންގް ރޯޑު، ސެނަހިޔާ ކައިރީ ދެވަނަ އެކްސިޑެންޓެއް ހިނގައި ދެ މީހެއްގެ ހާލު ސީރިޔަސް ވެއްޖެ އެވެ.

ސެނަހިޔާ ކައިރީ މިއަދު ހަވީރު ފަހެއް ޖެހި އިރުވެސް ވަނީ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެފައެވެ.

ފުލުހުން ބުނީ، އެ ސަރަހައްދުގައި ދެ ސައިކަލެއް ޖެހި އިތުރު އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށް މިރޭ 11:15 ހާއިރު މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިޔަސް ކަމަށް ފުލުހުން ބުނެއެވެ. މިހާރު އަނިޔާ ލިބުނު މީހުން ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަނިޔާ ލިބިފައި ވަނީ އެކްސިޑެންޓްވި އެއް ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖަކާއި އަނެއް ސައިކަލު ފަހަތުގައި އިން 21 އަހަރުގެ މީހަކަށެވެ. އެ ސައިކަލު ދުއްވަން އިނީ 19 އަަހަރުގެ މީހެކެވެ. ދެ ސައިކަލު ދުއްވަން އިން މީހުން އަތުގައި ވެސް ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓް ހިނގައިފައިވަނީ ރިންގް ރޯޑުގެ ދެކުނުން އުތުރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް އެމަގުން އުތުރުން ދެކުނަށް ދުއްވާފައި އައިސް ބުރުޒު މަގަށް އަޅަން އުޅުނު ސައިކަލެއްގައި ޖެހިގެން އެވެ.

މިއީ މިއަދު މާލޭގައި ހިނގި ތިން ވަނަ އެކްސިޑެންޓެވެ. މިއަދު ހެނދުނު މަސްމާރުކޭޓު ސަރަހައްދުގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.

މިއަދު ހެނދުނު މާލޭގައި ހިނގި ފުރަތަމަ އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ މަރުވި އިރު، މިއަދު މެންދުރު ލ. ލިންކު ރޯޑުގައި ވެސް ވަނީ އެކްސިޑެންޓެއް ހިނގައިފައެވެ.

comment ކޮމެންޓް