ހުޅުމާލޭ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި

ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ހުޅުމާލޭގައި ގޮތް ނޭނގޭ ގޮތަކަށް މަރުވި، އުމުރުން 27 އަހަރުގެ އައިޝަތު ވިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނީ ހުޅުމާލެގައި މަރުވި ވިޝާމާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހާ ހައްޔަރު ކޮށްފައި ވަނީ ކޮން އިރަކު ކަމެއް ފުލުހުނެއް ނުބުނެއެވެ.

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން އެމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ވިޝާމާ މަރުވި ގޭގެ ރަޖިސްޓްރީގައި އޮންނަ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން މިއަދު "ސަން" އަށް ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފައިވަނީ އިއްޔެ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ އިތުރުން، އެ ހާދިސާ ހިނގި އިރު އެގޭގައި އިތުރު ބަޔަކު ވެސް ތިއްބެވެ. އަދި އެ ހުރިހާ އެންމެންގެ މައުލޫމާތުދީ، ފުލުހުންގެ ތަހުގީގަށް އެމީހާ ވަނީ އެއްބާރުލުން ދީފައެވެ.

ވިޝާމާ މަރުވި ދުވަހު، އޭނާ މަރުވުމުގެ ކުރިން ފިޓް ޖެހިފައިވާ ކަން ޑޮކްޓަރުންގެ ރިޕޯޓުން އެނގެން އޮވެއެވެ. ނަމަވެސް އޭނާ މަރުވެފައި ވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.

ފުލުހުން މި މައްސަލައިގައި ބަންދު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ ވަނީ އޭނާ އެކަނި ހައްޔަރުކޮށް، ހާދިސާ ހިނގި އިރު އެތާ ތިބި އިތުރު މީހުން ހައްޔަރު ނުކުރަނީ ކީއްވެގެން ތޯ ސުވާލުކޮށްފައެވެ.

އަދި ވިޝާމާ މަރުވީ ކީއްވެ ކަމެއް ސާފު ނުވާ އިރު އޭނާގެ މައްޗަށް ވިޝާމާ މަރުވި މައްސަލައިގައި ތުހުމަތު ކުރެވެނީ ކޮން ގޮތަކުން ކަމެއް ފުލުހުންނަށް މުއްދަތު މަޖިލީހުގައި ބުނެ ނުދެވުނެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ވިޝާމާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށެވެ. މީގެ އިތުރު ތަފްސީލެއް ފުލުހުން މީޑިއާ އަކަށް ނުދެއްވައެވެ.

ވިޝާމާ މިދިޔަ ހަފްތާގެ ހުކުރު ދުވަހު މަރުވި އިރު، ޖެހިގެން އައި ހޮނިހިރު ދުވަހުގެ ހަވީރު މާލޭ ގޭއެއްގެ ތެރޭގައި ވަނީ ގޮތް ނޭނގޭ ގޮތަކަށް ފިރިހެނަކު މަރުވެފައެވެ. ހޮނިހިރު ދުވަހު މަރުވި މީހާގެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް ވެސް އަދި ނުކުރާ ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

comment ކޮމެންޓް