އައިއެމްއެފްއިން ސަސްޕެންޑު ކުރި 1.5 ބިލިއަން ޑޮލަރު ދޫކުރަން ލަންކާއިން އެދިއްޖެ

ލަންކާގެ ފިނޭންސް މިނިސްޓަރު މަންގަލާ ސަމަރަވީރާ ވަނީ އައިއެމްއެފްގެ މެނޭޖިން ޑިރެކްޓާ ކްރިސްޓިން ލަގާޑްއާ ބައްދަލު ކުރައްވާފަ -- ފޮޓޯ: ޕީޓީއައި

ކޮލަމްބޯ (ޖެނުއަރީ 17): ސްރީ ލަންކާގެ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މިދިޔަ އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ސަސްޕެންޑު ކުރި ފައިސާ ދޫކުރަން ލަންކާއިން އެދިއްޖެ އެވެ.

އައިއެމްއެފްއިން ތިން އަހަރަށް ބަހާލައިގެން ލަންކާއަށް އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ (އީއެފްއެފް) ލޯނުގެ ގޮތުގައި 1.5 ބިލިއަން ޑޮލަރު ދޭން ފެށީ 2016 ވަނަ އަހަރެވެ. އެއީ ލަންކާގައި އޭރު އޮތް ސަރުކާރުން ގައުމުގެ އިގުތިސާދު އިސްލާހު ކުރުމަށް ފެށި ޕްރޮގްރާމަށް އެހީވުމުގެ ގޮތުންނެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ، އެގައުމުގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކުއްލި ގޮތަކަށް މަގާމުން ދުރު ކުރެއްވި އެވެ. އޭގެ ސަބަބުން އެގައުމުގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެން އައިއެމްއެފްއިން ވަނީ މިދިޔަ އަހަރު ދޭން ހަމަޖެހިފައިވާ ލޯނު ފައިސާ ހުއްޓުވާފަ އެވެ.

ލަންކާގެ ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެފައިސާ ދޫކުރަން އެދިފައި ވަނީ އެގައުމުގެ ފިނޭންސް މިނިސްޓަރު މަންގަލާ ސަމަރަވީރާއި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓާ ކްރިސްޓިން ލަގާޑްއާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

އަދި އައިއެމްއެފްއިން ވަނީ ހިފަހައްޓާފައިވާ ފައިސާ ދޫކުރުމާ ބެހޭ ގޮތުން ލަންކާއާ މަޝްވަރާ ކުރުމަށް އައިއެމްއެފްގެ އޮފިޝަލުން އަންނަ މަހު އެގައުމަށް ދާނެ ކަމަށް ބުނެފަ އެވެ.

ލަންކާއިން މި އަހަރު ދައްކަން ޖެހޭ ބޭރުގެ ދަރަނީގެ އަދަދު 5.9 ބިލިއަނަށް އަރަ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ޑޮލަރު ދައްކަން ޖެހެނީ ފުރަތަމަ ތިން މަސް ތެރޭގަ އެވެ.

މިދިޔަ އަހަރު ނިމުނު އިރު ލަންކާގެ ފޮރިން ރިޒާވުގައި ހުރީ 6.9 ބިލިއަން ޑޮލަރެވެ. ނަމަވެސް އޮކްޓޯބަރު މަހު އެގައުމުގެ ސިޔާސީ ހަލަބޮލިކަން ފެށުމުގެ ކުރިން ފޮރިން ރިޒާވުގައި 7.9 ބިލިއަން ޑޮލަރު ހުއްޓެވެ.

comment ކޮމެންޓް