ކުރީގެ އުއްތަމަ ފަނޑިޔާތު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އަދި ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިންގެ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިފި އެވެ.
އެ ތިން ބޭފުޅުންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީ އަށް ފޮނުވީ ޖުޑީޝަލް ޑިޕާޓްމަންޓް އޮފް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ. އެއީ އެ ޑިޕާޓްމަންޓުން ހިންގި އިންޓާނަލް އޮޑިޓަކުން ފާހަގަވި މައްސަލަތަކެެވެ.
އެދަފަ މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފައިވާ ކަން އެކޮމިޝަން އިން "ސަން" އަށް ވަނީ މިރޭ ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް އެ މަައްސަލައިގެ އިތުރު ތަފްސީލެއް އެ ކޮމިޝަން އިން ނުދެއެވެ.
އިންޓާނަލް އޮޑިޓް ރިޕޯޓުގެ މައުލޫމަތު އެނގޭ މީހަކު "ސަން" އަށް ކިޔާ ދިން ގޮތުގައި ހައި ކޯޓުގެ ނަމުގައި އެ ކޯޓަށް ނޭނގި ޑީޖޭއޭ އިން ދުވާ މެޝިނެއް ގަނެފައިވާ މައްސަލައެއް ވެސް ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭނީ އަބްދުﷲ ސައީދަށެވެ.
"ހައިކޯޓުން ބުނަނީ ދުވާ މެޝިނެއް ނުގަންނަ ކަމަށް. އަދި ދުވާ މެޝިނެއް ގަންނަން އެދިފައި ނުވާނޭ. ފަހުން ދުވާ މެޝިން ހޯދިއިރު ފެނިފައި ވަނީ ސުޕްރީމް ކޯޓުގައި ހުންނަ އަބްދުﷲ ސައީދުގެ ކޮޓަރިން،" އޭނާ ބުންޏެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ސައީދު: އޭނާ ގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ޑީޖޭއޭ އިން ވަނީ އޭސީސީ އަށް ހުށަހަޅައިފަ -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
އޭނާ ބުނިގޮތުގައި ފިނޭންސް މިނިސްޓްރީން ހުއްދަ ނުދެނީސް އަދި ބިޑު ކުރުމެއް ނެތި، ހުޅުމާލޭގައި ސިވިލް ކޯޓުގެ ޑިވިޝަނެއް ގާއިމް ކުރުމަށް ވިމްލާ ކޮންސްޓްރަކްޝަން ކުންފުންޏަށް ހަވާލުކުރި މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. އެ މައްސަލާގައި ތުހުމަތު ކުރެވެނީ ހަސަން ސައީދާއި އަލީ ހަމީދުގެ މައްޗަށެވެ.
"ފިނޭންސް މިނިސްޓްރީގައި ޑީޖޭއިން އެދުނީ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށް. ނަމަވެސް ފިނޭންސް މިނިސްޓްރީން ޖަވާބު ނުދިނުމުން ޑީޖޭއޭ އިން ވަނީ މައްސައްކަތް ވިމްލާ ކޮންސްޓަރަކްޝަނާ ހަވާލުކޮށްފަ،" ޑީޖޭއޭ އިން އޮޑިޓް އިން ފާހަގަވި ބައެއް ކަންތައް ކިޔައި ދެމުން އޭނާ ބުންޏެވެ.
އެ މަސައްކަތް ކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދިނުމުގެ ކުރިން އެ މަސައްކަތް ވަނީ ހަވާލުކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު: އޭނާ ގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ޑީޖޭއޭ އިން ވަނީ އޭސީސީ އަށް ހުށަހަޅައިފަ ---- ފޮޓޯ/ ރައީސް އޮފީސް
އޭނާ ބުނީ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ޖެހިގެން އައި ދުވަހު ވިމްލާ ކޮންސްޓްރަކްޝަނުން އެދުނު އެދުމެއްގެ މަތިން އެއް މިލިއަން ރުފިޔާ އެ ކުންފުންޏަށްދީފައިވާ ކަމަށެވެ.
ޑީޖޭއޭގެ ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު: އޭނާ ގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ޑީޖޭއޭ އިން ވަނީ އޭސީސީ އަށް ހުށަހަޅައިފަ -- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ
އެބޭފުޅުންގެ ތެރެއިން އަބްދުﷲ ސައީދާއި އަލީ ހަމީދަށް ވަނީ ދެ ހުކުމެއް ކޮށްފައެވެ. އަލީ ހަމީދުގެ މައްޗަށް ކުރި އެއް ހުކުމް ބާތިލް ކޮށްފައިވާ އިރު އަބްދުﷲ ސައީދު އަށް ކުރި ދެ ހުކުމްވެސް ދެމި އެބައޮތެވެ.
އަލީ ހަމީދުގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިހެން ކުރިމިނަލް ކޯޓުން ކުރި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން މިދިޔަ މަހު ވަނީ ބާތިލު ކޮށްފައެވެ.
ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ. އަދި އެ މައްސަލަ އެ ދެބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ހައި ކޯޓުން މައްސަލަ ބަލައިފައިވަނީ ރަނގަޅަށް ކަމަށް ވާތީ އިތުރަށް އެމައްސަލަ ބަލަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ޖޫން މަހު ނިންމާފައެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ކުރި ދެވަނަ ހުކުމަކީ ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުގައި ހުއްޓުވާލަން އެންގި މައްސަލާގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމެވެ. އަދި ހައިކޯޓުން ވެސް އެހުކުމަށް ވަނީ ތާއީދު ކޮށްފައެވެ.
އަދި އޭގެ އިތުރުން ހަސަން ސައީދަށް ވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެހުކުމްގެ މުއްދަތު ހަަމަވެ އޭނާ މިހާރު ވަނީ މިނިވަން ވެފައެވެ.