އަމިއްލަ އިހުތިޔާރު އޮވެމެ ލޯބިވާ ދަރިފުޅު މޮޔައަކަށް ހަދާން ތަ ބޭނުމީ؟

ސްކްރީނަށް ދެވިހިފުން -- ފޮޓޯ: ރޮމްޕާ

ކޮންމެ މީހަކު ވެސް އެންމެ ލޯބި ވާނީ އެމީހެއްގެ ދަރީން ދެކެއެވެ. ހަޔާތުގައި ތިމާއަށް ނުލިބުނު އުފާތަކާއި ކާމިޔާބީތައް ދަރީންނަށް ހޯދައި ދިނުމަށް ކޮންމެ މަންމައަކާއި ބައްޕައަކު ވެސް ގަދައަޅައި މަސައްކަތް ކުރެއެވެ. ތައުލީމީ ގޮތުން ވެސް ތިމާމެންނަށް ވުރެ، ތިމާމެންގެ ދަރީން މޮޅު ކުރެވޭ ތޯ މައިންބަފައިން ހިތްވަރު ކުރެއެވެ. އެހެންކަމުން ތިމާގެ ލޯބިވާ ދަރިފުޅު މޮޔައަކަށް ހެދުމަކީ، އަމިއްލަ އިހުތިޔާރުގައި، އެނގިގެން ހުރެ އެއްވެސް މަންމައަކު އަދި ބައްޕައަކު ކުރާނެ ކަމެއް ނޫނެވެ.

އެހެންނަމަވެސް ދަރިފުޅު ބޭނުން ކޮންމެ ކަމެއް ދަރިފުޅު ދެކެ ލޯބިން ކޮށްދިނުމާއި، ތިމާގެ މަސައްކަތްތައް ރާވާފައި ހުރި ގޮތުން، ދަރިފުޅަށް ވަގުތު ދޭން ދަތިވާތީ ކުރެވޭ ބައެއް ކަންކަމަކީ ދަރިފުޅުގެ މުޅި ކުރިމަގު އޭގެ ސަބަބުން ބަނަވެގެން ހިނގައިދާނެ ކަމެއް ކަން ބައެއް ބެލެނިވެރީންނަށް އޮންނަނީ ވިސްނައިނުލެވިފައެވެ.

ބެލެނިވެރީން ދަރިފުޅަށް ހޯދައިދޭ ތަކެތީގެ ތެރެއިން ދަރިފުޅަށް އެންމެ ނުރަނގަޅު އަސަރެއް ކުރާ އެއްޗަކީ "ސްކްރީން" ކަމަށް އެތައް ދިރާސާއަކުން ވަނީ ހާމަވެފައެވެ.

މިގޮތުން ފޯނާއި ޓެބްލެޓާއި ޓީވީއާއި ކޮމްޕިއުޓަރު ފަދަ ތަކެތީގެ ސްކްރީނަކީ ކުޑަކުދީންގެ އިތުރުން ބޮޑެތި މީހުން ވެސް އެއަށް ދެވި ހިފާ އެއްޗެކެވެ. ހާއްސަކޮށް ކުޑަކުދީންނަށް އޭގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް މާ ބޮޑެވެ.

ސްކްރީން ބޭނުންކުރުމުގެ ސަބަބުން ކުއްޖާއަށް އޭނާގެ ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމަށް ސަމާލުކަން ނުދެވެއެވެ. އެންމެ ފަހުން އެ ކުދީން ވަނީ "ސްކްރީން ޑިޕެންޑެންސީ ޑިސްއޯޑަރ" ގެ ޝިކާރައަކަށެވެ.

ހަމައެހެންމެ ތުއްތު ކުއްޖާއަށް ރަނގަޅަށް ވާހަކަ ދައްކާން ނޭނގެނީސް ސްކްރީން ބަލަން ފުރުސަތު ދޭން ފަށައިފި ނަމަ، ވާހަކަ ދެއްކުން ލަސްވުމާއި، ކުއްޖާ ބުނާން ބޭނުންވާ ވާހަކަތައް ބުނުމުގެ ގާބިލުކަން ކުޑަވެގެންދާ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

މިހާރަކަށް އައިސް ކުއްޖާ ބޮޑުވެގެން އަންނަ އިރު މާ އަވަހަށް ޓީވީ ދައްކަން ފަށާކަން ފާހަގަކޮށް، ކުޑަކުދީންގެ ހާއްސަ ޑޮކްޓަރު، ޑރ. ޢަބްދުﷲ ނިޔާފް ވިދާޅުވަނީ އެއީ ވެސް ކުއްޖާ ވާހަކަ ދައްކަން ފެށުން ލަސްވެ މީހުންނާ ގުޅިގެން އުޅުން ދުރުވާ ސަބަބަކަށް ވެދާނެ ކަމަށެވެ.

" ކަނީ ޓީވީ ހުޅުވައިގެން. މަންމަ ގޭތެރޭގައި މަސައްކަތެއް ކުރަންވީމާ ޓީވީ ކުރިމަތީ ބައިންދާލާފައި ގޮސް ކުރަނީ. ޓީވީ އިން އެއްޗެއް ނާންނަންޏާ ވީޑިއޯ ޖައްސަނީ. ޔޫޓިއުބް އަޅުވަނީ. ފޯނު ދީފައި ބައިންދަނީ،" ޑރ. ނިޔާފް ވިދާޅުވިއެވެ.

https://sun.mv/83088

ދަރިފުޅަށް ކޮންމެހެން ސްކްރީން ވަގުތު ދޭން ޖެހޭ ކަމަށް ވާނަމަ، ވެސް އެ ވަގުތުތައް ރަނގަޅަށް ތަރުތީބު ކުރަން ޖެހެއެވެ. މި ގޮތުން ސައުވީސް ގަޑި އިރު ތެރޭގައި ދެ ގަޑިއަށް ވުރެ ގިނަ ވަގުތު ސްކްރީން ބަލަން ފުުރުސަތު ނުދިނުމާއި، އެންމެ ފަހުން ސްކްރީން ބޭނުން ކުރި ވަގުތާއި ނިދަން އޮށޯތުމާ ދެމެދު އެންމެ މަދުވެގެން އެއް ގަޑި އިރުގެ ވަގުތު އޮންނަކަން ކަށަވަރު ކުރުމަކީ ބެލެނިވެރީން ކުރާން ޖެހޭ ކަމެކެވެ.

ހަމަ އެގޮތަށް ނިދީން ހޭލާ ގޮތަށް ދަރިފުޅު އަތަށް ލިބޭ ފުރަތަމަ އެއްޗަކީ ސްކްރީން ކަމަށް ވެގެން ނުވާނެއެވެ. ހޭލުމަށް ފަހު މަދުވެގެން އެއް ގަޑި އިރު ފަހުން ނޫނީ ސްކްރީނަށް ފުރުސަތު ދީގެން ނުވާނެއެވެ.

އަދި ހަމައެހެންމެ ސްކްރީނަށް ދެވޭ ވަގުތަކީ އެހެން ކަމަކަށް އޮންނަ ވަގުތުގެ ތެރެއިން ނެގޭ ވަގުތަކަށް ވެގެން ނުވާނެއެވެ. ނުނިދައި ހުރެ ސްކްރީނަށް ވަގުތު ހޭދަ ކުރުމާއި، ކާ ގަޑީގައި ސްކްރީން ބޭނުން ކުރުމާއި އާއިލާއާ އެކު ހޭދަ ކުރާން އޮންނަ ވަގުތުގައި ސްކްރީން ބޭނުން ކުރުމާއި ހަށިގަނޑަށް ކަސްރަތެއް ލިބޭ ފަދަ ކުޅިވަރެއް ކުޅޭން އޮންނަ ވަގުތުގައި ސްކްރީން ބޭނުން ކުރުމަކީ އޭގެ ނުރަނގަޅު އަސަރު ކުޑަކުއްޖާގެ ސިކުނޑިއަށް ކުރާ ކަމެކެވެ.

ޓީވީއާއި އައިޕެޑް ފަދަ ތަކެތި ބޭނުންކުރުމަށް ކުޑަކުދީން ހޭދަކުރާ ވަގުތާމެދު ސަމާލުވާން ޖެހޭކަމަށް ވިދާޅުވަމުން ކުޑަކުދީންގެ ހާއްސަ ޑޮކްޓަރު، ޑރ. އަބްދުﷲ އަފީފް މީސްމީޑިއާ މެދުވެރިކޮށް ވިދާޅުވެފައިވަނީ، "އެންޓަޓެއިންމަންޓް ސްކްރީން" (ޓީވީ، އައިޕެޑް އަދި ކޮމްޕިއުޓަރު ފަދަ ތަކެތި) ބޭނުންކުރުމުގައި ކުޑަކުދީން ހޭދަކުރާ ވަގުތު ދުވާލެއްގެ މައްޗަށް ގަޑިއިރެއް ނުވަތަ ދެ ގަޑިއިރަށް ވުރެ އިތުރު ނުކުރުމަށެވެ.

އޭގެ އިތުރުން އުމުރުން ދެ އަހަރު ނުވާ ކުދިން އެފަދަ ތަކެއްޗާ މުޅިން ދުރުގައި ގެންގުޅުމަށްވެސް ޑރ. އަފީފް ވަނީ އިރުޝާދުދެއްވައިފައެވެ.

ޓެކްނޮލޮޖީއާއި އިލެކްޓްރޯނިކްސް ދުނިޔެއެއްގައި މިހާރު އެކަން ހުއްޓުވުމަށް ނުވަތަ އެކަމުގައި ހޭދަކުރާ ވަގުތު ކުޑަކުރުވުމަށް މަސައްކަތްކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، "ސްކްރީން ޑިޕެންޑެންސީ ޑިސްއޯޑާ"ގެ ޝިކާރައަކަށް އެކުދިން ވުމުން ސަލާމަތްކުރުމަށް އެއީ މުހިންމު ކަމެއް ކަމަށްވެސް ޑރ. އަފީފް ވިދާޅުވެފައިވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ގެއްލުމުގެ ނިސްބަތް އެންމެ ބޮޑީ ސްމާޓް ފޯނާއި ޓެބްލެޓްގެ ސްކްރީނުންނެވެ. ދެން ކޮމްޕިއުޓަރު ސްކްރީނެވެ. ސްކްރީން ބޭނުން ކުރާ މީހާގެ މޫނާއި ސްކްރީނާ ދެމެދު ހުންނަ ދުރުމިން ކުޑަވި ވަރަކަށް ސްކްރީނުން ލިބޭ ގެއްލުން ބޮޑެވެ. ސްމާޓް ފޯނާއި ޓެބްލެޓުގެ ނުރައްކާތެރިކަން ބޮޑުވަނީ މޫނާއި ވަރަށް ކައިރިކޮށްގެން ސްކްރީން ބޭނުން ކުރާތީއެވެ. މީގެ ސަބަބުން ލޮލުގެ ފެނުމަށް ވެސް ބޮޑެތި މައްސަލަތައް ކުރިމަތިވެ، ވަރަށް އަވަހަށް ލޮލުގެ ނަންބަރު ބަދަލުވަމުންދާކަން ވެސް ފާހަގަ ކުރެއްވޭ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ގިނައިން ސްކްރީން ބޭނުން ކުރާ މީހުންނަށް ފަލަބަލީގެ ނުރައްކަލާއި ޑިޕްރެޝަންގެ ނުރައްކާ ބޮޑު ކަމަށް "ރޯޔަލް ކޮލެޖް އޮފް ޕީޑިއޭޓްރިކްސް އެންޑް ޗައިލްޑް ހެލްތު" އިން ކުރި ދިރާސާއަކުން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންނަމަވެސް މި މައްސަލަ ކުރިމަތި ވަނީ ސްކްރީން ބޭނުން ކުރުމުން ތޯ ނުވަތަ ސްކްރީން ބޭނުން ކުރަނީ މި މައްސަލަތައް ހުންނަ މީހުން ތޯ މިއީ އަދި ވަކީން ދިރާސާކޮށް ބަލާން ޖެހޭ ކަމެއް ކަމަށް އެ ކޮލެޖުން ބުނެއެވެ.

ކުޑަކުދީންނާއި ތުއްތުކުދީންގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއަކުން ކުރި ދިރާސާއެއްގައި ބުނާ ގޮތުން ސްކްރީން ބޭނުން ކުރާ ކުދީންނަށް "ރަނގަޅަކަށް ނުހޭލެވެއެވެ." ސްކްރީންގެ ވަގުތަކީ ހުވަފެނެއްގެ ތެރޭގައި ހޭދަ ކުރާ ކަހަލަ ވަގުތެއް ކަމަށް އެ ފަރާތުން ސިފަ ކުރެއެވެ.

"އަތްލެވުމާއި ވަސް ދުވުމާއި ރަހަބެލުން، މިއީ ދިރިއުޅޭ ވެށްޓާ އެންމެ ބޮޑަށް ގުޅުވައިދޭ ހިއްސުތައް. ރީތި މަލެއް ސްކްރީނުން މި ފެންނަނީ އެކަމަކު އެ މަލުގެ ވަހެއް ނުދުވާ. ދެން ކިހިނެއް އެ މާ، އެ މަލުގެ ގޮތުގައި ސިކުނޑީގައި ރެކޯޑު ކުރެވޭނީ." ސްކްރީން ބޭނުން ކުރުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާ މެދު ވާހަކަ ދައްކަމުން ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރަކު ވިދާޅުވިއެވެ.

ދަރިފުޅުގެ ސްކްރީން ވަގުތު ވާން ޖެހޭނީ:

- ކަނޑައެޅިފައި ހުންނަ ވަގުތުތަކަކަށެވެ.

- އަދި އާއިލީ އެއްވެސް ހަރަކާތަކަށް ސްކްރީން ހުރަސް އަޅައިގެން ނުވާނެއެވެ.

- ހަމައެހެންމެ ނިދާ ގަޑިއަށް ބަދަލު ގެންނަ އެއްޗަކަށް ސްކްރީން ވެގެން ނުވާނެއެވެ.

- އަދި ހޭލާ ގޮތަށް ސްކްރީން ބޭނުން ކޮށްގެން ނުވާނެއެވެ.

- އަދި ކާ ގަޑީގައި ވެސް ސްކްރީން ބޭނުން ކޮށްގެން ނުވާނެއެވެ.

ކާ ގަޑީގައި ސްކްރީން ބޭނުން ކުރުން ރަނގަޅެއް ނޫން

ކާގަޑީގައި ސްކްރީން ބޭނުން ކުރުމަކީ ރަހަލުމުގެ އިހްސާސްގެ ޒަރީއާއިން ސިކުނޑިއަށް ލިބޭން ޖެހޭ "ހުޅުވުން" ލިބުމަށް ހުރަސްއަޅާ ކަމެކެވެ.

އިނގިރޭސިވިލާތުގެ "ރޯޔަލް ކޮލެޖް އޮފް ޕީޑިއޭޓްރިކްސް އެންޑް ޗައިލްޑް ހެލްތު"ގެ ރައީސް ރަސެލް ވިނަރ ވިދާޅުވާ ގޮތުގައި "ސްކްރީނަކީ މި ޒަމާނުގެ ހަޔާތުގެ އެއް ބަޔަށް މި ވަނީ ވެފައި. ޖިންނި ވަނީ ފުޅީން ނުކުމެފައި. ދެން އަހަރެމެންނަށް އަނބުރައި އޭތި ފުޅިއަކަށް ނުލެވޭނެ." އެވެ.

އުމުރުން 14 އަހަރުގެ ފިރިހެންކުއްޖެއްގެ މަންމަ ބުނި ގޮތުގައި، "ސްކްރީންގެ ސަބަބުން އަހަރެންގެ ދަރިފުޅުގެ ސްކޫލް ޕާފޯމަންސް ދަށްވި. ކުޅިވަރުގެ ޕާފޯމަންސް ދަށްވި. ވަރަށް ބޮޑަށް ދެވި ހިފާ އެއްޗެއް ސްކްރީނަކީ. ސްކްރީން ބޭނުން ކުރާ ދުވަސްވަރު މީހުންނާ މުއާމަލާތް ކުރުން މަދު. އަދި މީހުންނާ ވާހަކަދައްކާ ގަޑީގައި ވަރަށް ކުދިކުދި ކަންތަކާ ރުޅިގަދަވެ ހަޅޭއްލަވާ. އެހެންނަމަވެސް ސްކްރީން ބޭނުން ކުރުން ހުއްޓާލައި، މީހުންނާ އެކު އުޅޭން ފެށުމުން މަޑުމަޑުން ރަނގަޅުވަމުން ގޮސް ހަމަޔަކަށް އެޅޭ." ކަމަށެވެ.

ބެލެނިވެރިއެއް އަދި ދިރާސާވެރިއެއް ކަމަށް ވާ ލީލާ ޕްރެސްޓަން ވިދާޅުވަނީ، "ހަމަ އެކަނި މައްސަލައަކީ ސްކްރީނަށް ދެވޭ ވަގުތެއް ނޫން. ސްކްރީނުން ބަލަނީ ކޮންއެއްޗެއްތޯ ވެސް އެބަ ޖެހޭ ވިސްނަން. ކުއްޖާ ރުޅިގަދަ ވުމާއި މީހުންނަށް އަނިޔާ ކޮށް ތަޅައި ފޮޅުމުގެ އާދަތައް އަށަގަންނަނީ ސްކްރީނުން ބަލާ އެއްޗެއްގެ ސަބަބުން. ވީޑިއޯއާއި ގޭމްތަކުން ފެންނަ މަންޒަރުތަކުން ވެސް ނުރަނގަޅު އަސަރުކުރޭ. މީހުން މަރާ މަންޒަރު ފެންނަ ވީޑިއޯއާއި މީހުން މެރުމުން ޕޮއިންޓް ލިބޭ ގޭމް ކުލޭ ކުދީން ފަހުން ބޮޑެތި ވެގެން ސީރިއަލް ކިލަރސްއަށް ވެފައި އެބަ ހުރި." ކަމަށެވެ.

ސްކްރީނުން ދަރިފުޅުގެ އުމުރާ ނުގުޅޭ ތަކެތި ފެންނާތީ އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ، "ދަރިފުޅު މިދަނީ އެއް ލިންކުން އަނެއް ލިންކަށް ވަންނަމުން. އެހެން ގޮސް ކޮންމެ ފަދަ އެއްޗެއް ވެސް ބަލާފާނެ. ސޮފްޓްވެއަރ ބޭނުންކޮށްގެން ކޮންޓްރޯލް ކުރާއިރު ވެސް، ގިނަފަހަރު މި ކޮންޓްރޯލް ކުރެވެނީ އެ ވީޑިއޯއެއްގެ ސުރުހީގައި ހުންނަ ލަފްޒުތަކެއްގެ މައްޗަށް. ވީޑިއޯގެ ތެރެއިން ދައްކާ ވާހަކަ އާއި ފެންނަ މަންޒަރާ މާ ބޮޑަށް ނުގުޅޭ ސުރުހީއަކަށް ވުމުގެ ސަބަބުން ވަރަށް ގޯސް އެއްޗެހި ވެސް ކޮންޓްރޯލް ނުވެ ހުރެދާނެ." ކަމަށެވެ.

ދަރިފުޅު ކުރިމަތީގައި އަބަދު މައިންބަފައިން ނުވަތަ އާއިލާގެ ބޮޑެތި މީހުން ސްކްރީން ބޭނުން ކުރުމަކީ ވެސް ދަރިފުޅަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ. މި ގޮތުން މަންމަ ނުވަތަ ބައްޕަ ދަރިފުޅުގެ ކުރިމަތީގައި އަބަދު ސްމާޓް ފޯނުގެ ސްކްރީންގައި އިނގިލި ޖައްސާލަ ޖައްސާލަ ހުންނަ މަންޒަރު ފެންނަ ނަމަ، ދަރިފުޅުވެސް ސްކްރީން ބޭނުން ކުރަން ބޭނުންވާނެއެވެ.

ތިމާގެ ލޯބިވާ ދަރިފުޅުގެ ކުރިމަގު ބަނަވިޔަ ނުދިނުމަށް ޓަކައި ލަސްނުކޮށް މިހާރުން މިހާރަށް ފިޔަވަޅު އެޅުން މުހިންމެވެ.

ހަމަ އެކަނި ސްކްރީން ނުދެއްކުމަކުން ނިމުނީއެއް ނޫނެވެ. ސްކްރީން ދެއްކުން ހުއްޓައިލުމުގެ އިތުރުން، ދަރިފުޅާ އެކު ގިނަ ވަގުތު ހޭދަ ކުރުން މުހިންމެވެ. ދަރިފުޅާ އެކު ކުޅުމާއި، ދަރިފުޅަށް ވާހަކަ ކިޔައި ދިނުމާއި، ތަފާތު މައުލޫތަކާ ގުޅޭ މައުލޫމާތު ދަރިފުޅަށް ކިޔައިދިނުމާއި ދަރިފުޅަށް ފޮތް ކިޔައި ދިނުމާއި ދަރިފުޅު ގޮވައިގެން ތަންތަނަށް ދިއުމަކީ ދަރިފުޅުގެ ސިކުނޑި ހުޅުވި ތަރައްގީވުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

comment ކޮމެންޓް