އަމާނާ ތަކާފުލްގެ މެޑިކަލް ކަސްޓަމަރުންނަށް އިންޝުއަރަންސް ކާޑު ބޭނުން ކޮށްގެން ޓްރީޓޮޕް ހޮސްޕިޓަލުން ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، އަމާނާ ތަކާފުލްގެ މެޑިކަލް އިންޝުއުރަނަސް ކަސްޓަމަރުންނަށް އެ ހޮސްޕިޓަލް މެދުވެރިކޮށް އިންޕޭޝަންޓް އަދި އައުޓުޕޭޝަންޓް ހިދުމަތްތަކަށް ކޭޝްލަސްދެ ހިދުމަތް ތައާރަފް ކޮށްފައިވާ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލާއި އަމާނާ ތަކާފުލް ގުޅިގެން ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން އަމާނާ ތަކާފުލްގެ ކަސްޓަމަރުންނަށް އިންޝުއަރަންސް ކާޑާށް ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ރާއްޖޭގެ މެޑިކަލް އިންޝުއަރަންސް ބާޒާރުގައި އިސް ފަރާތެއްގެ ހައިސިއްޔަތުން އަމާނާ ތަކާފުލްއިން އަބަދުވެސް ބަލަނީ މި ހިދުމަތުގެ ކަވަރޭޖް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށް ދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
"ޓްރީޓޮޕް ހޮސްޕިޓަލާއި އަމާނާ ތަކާފުލް ގުޅިގެން މި ތައާރަފްކުރެވުނު ހިދުމަތުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފެންވަރުގެ ސިއްހީ ފަރުވާ އެއްވެސް ދަތިކަމަކާ ނުލާ ޓްރީޓޮޕް ހޮސްޕިޓަލުން ލިބިގެންދާނެ،" އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އާސަންދައިގެ އިތުރުން އެހެނިހެން އިންޝުއަރަންސްގެ ހިދުމަތް ތައާރަފްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ އަމާޒަކީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެމުން ގެންދިއުން ކަމަށެވެ. އެގޮތުން ހޮސްޕިޓަލްގެ ހުރިހާ ހިދުމަތްތަކުގެ އަގުތަކަށް ހޮޔޮބަދަލުތަކެއް ގެނެސް ފައިވާ ކަމަށް ވެސް ޓްރީޓޮޕުން ބުނެއެވެ.
ސަތޭކަ ދިހަ މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަކުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލްގައި އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާ އެކު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެއެވެ.
މީގެ އިތުރުން ދެ ޕްރެޒިޑެންޝަލް ސުއިޓާއި، އެކި ކަހަލަ ބަލިތަކަށް ފަރުވާދޭނެ ކްލިނިކްތައް، ޓެސްޓުތަކާއި ސްކޭންތައް ހެދޭނެ އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ވަނީ ގާއިމްކޮށްފައެވެ.