ކުޑަކުދިންގެ އަދުލުގެ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި

ސުޕްރީމް ކޯޓު ---

ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުތައް ހިމެނޭ ގޮތަށް "ކުޑަކުދިންގެ އަދުލުގެ ގަވައިދު" ނަމުގައި ސުޕްރީމް ކޯޓުން ގަވައިދެއް އެކުލަވާލައިފި އެވެ.

އެ ގަވައިދުގެ މަގުސަދަކީ ކުޑިންގެ މައްޗަށް ދައުވާ ކުރެވޭ މައްސަލަތައް އަވަސް ކުރުމާއި ތަހުގީގު އަވަސްކުރުމާއި ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުން ކަމަށް ވަނީ ބުނެފަ އެވެ. އެ ގަވައިދުގައި ބުނެފައިވާ ގޮތުން ކުޑަކުދިންގެ މައްސަލަތައް އަވަސްމިނެއްގައި ހިންގަން ޖެހޭނެ އެވެ.

އަދި ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުއްޖާގެ މައުލޫމާތު ސިއްރު ކުރުމާއި ނޫސްވެރިންނާއި ރިޕޯޓަރުންނަށް އެ މައުލޫމާތު ހިއްސާ ނުކުރުށް ގަވައިދުގައި ވަނީ ބުނެފަ އެވެ.

ކުށުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު ވެސް ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ކުއްޖާގެ އުމުރުން 10 އަހަރު ފުރުމާ ހަމައަށް ކުއްޖާ ކުރާ ކުށުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފަ އެވެ.

އަދި އުމުރުން 10 އަހަރުން ފެށިގެން 15 އަހަރު ފުރުމާ ހަމައަށް ބައެއް ކުށްކުށަށް ކުއްޖާ ޒިންމާ ވާން ޖެހޭ ގޮތަށް ގަވާއިދުގައި ވަނީ ލިޔެފަ އެވެ. އެގޮތުން މީހުން މެރުމާއި، ޓެރަރިޒަމްގެ އަމަލުތަކާއި ރާވައިގެން ހިންގާ ބޮޑެތި ކުށްކުރާ ކުދިން ހިމެނެ އެވެ.

ކުޑަކުދިންނަށް ކުށުގެ ތުހުމަތު ކުރެވިގެން އެމައްސަލައެއް ތަހުގީގުކުރާއިރު ތަހުގީގު ކުރާ މީހުން ތިބެންޖެހޭނީ އާދައިގެ ހެދުމުގައި ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. އަދި ކުޑަކުއްޖާގެ މައްސަލަ ބަލައި ތަހުގީގު ކުރަން ވަނީ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާގެ ހާޒިރުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ކުޑަކުދިންގެ އަދުލުގެ ގަވާއިދުގައި ވަނީ ކުޑަކުދިންގެ ޝަރީއަތް ހިންގާނެ ގޮތާއި، ހައްޔަރު ކުރުމާއި ބަންދު ކުރުމާއި، ތަހުގީގުގައި ސުވާލު ކުރުން ފަދަ ހުރިހާ ކަމެއްގައި އަމަލު ކުރާނެ ގޮތް ތަފްސީލުކޮށް ލިޔެފަ އެވެ.

comment ކޮމެންޓް