ނޭޕާލްގައި ހައިޟުވުމުން އެކަހެރި ކުރި އަންހެނަކާއި ދެ ދަރީން މަރުވެއްޖެ

ހައިޟުވުމުން އަންހެނުން އެކަހެރި ކުރުމަކީ ބައެއް ހިންދޫންގެ މެދުގައި އޮންނަ ސަގާފަތެއް -- ފޮޓޯ: ރޮއިޓާސް

ކަތަމަންޑޫ (12 ޖެނުއަރީ) -- ހިންދޫންގެ މެދުގައި އަމަލު ކުރާ ދުވަސްވީ ސަގާފަތެއްގެ ދަށުން، ހައިޟުވުމުން އެކަހެރިކޮށްފައި ބެހެއްޓި އަންހެނަކާއި އޭނާގެ ދެ ދަރިން މަރުވެއްޖެ އެވެ.

އަމްބާ ބޮހަރާ އާއި އޭނާގެ ނުވަ އަހަރާއި 12 އަހަރުގެ ދެ ދަރިން ތިބީ ގަލާއި މަޝިން ހަދާފައިވާ ކުޑަ ގެއެއްގަ އެވެ. އަދި އެމީހުން މަރުވީ ގޭތެރެ ފިނި ކަމުން، ހޫނުވުމަށް އަލިފާން ރޯކުރުމުންނެވެ. އަދި ގެތެރޭގައި ދުންބޯވެ، ނޭވާ ހާސްވުމުގެ ސަބަބުންނެވެ.

"އެމީހުން މަރުވީ އެއްވެސް ވެންޓިލޭޝަނެއް ނެތް ތަނެއްގައި [އަލިފާން ރޯކުރުމުން] ނޭވާ ހާސްވެގެން،" ފުލުހުންގެ އޮފިޝަލް އުއްދަވް ސިންހު ބާތު ވިދާޅުވި އެވެ.

ހިންދޫންގެ ބައެއް މީހުން ހައިޟުވުމުން އަންހެނުން އެކަހެރި ކުރަނީ އެފަދައިން އަމަލު ނުކޮށްފި ނަމަ ގުދުރަތީ ކާރިސާއެއް ފަދަ ބަދުނަސީބާ ކުރިމަތިލާން ޖެހިދާނެ ކަމަށް ގަބޫލުކުރާތީ އެވެ.

ނޭޕާލްގެ ސުޕްރީމް ކޯޓުން 2005 ވަނަ އަހަރު އެސަގާފަތް މަނާ ކުރި ނަމަވެސް އެ ގައުމުގެ ގިނަ އަދަދެއްގެ މީހުން އަދި ވެސް އެގޮތަށް އަމަލު ކުރެ އެވެ.

އެސަގާފަތުގެ ސަބަބުން އަންހެނުން ތަފާތު ނުރައްކާތަކަށް ހުށަހެޅި މަރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެކަހެރިކޮށްފައި ބެހެއްޓި އަންހެނަކު ނޭވާ ހާސްވެގެން މަރުވެފައިވާ އިރު އޭގެ ކުރީ އަހަރު ހަރުފައެއް ވިހަލައިގެން 18 އަހަރުގެ ކުއްޖަކު މަރުވެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް