ކެނެޑާއިން ހިމާޔަތް ދިނުމާ އެކު ރަހަފް އެގައުމަށް ހިނގައްޖެ

ރަހަފް މުހައްމަދު އަލް ގުނޫނަށް ކެނެޑާއިން ވަނީ ހިމާޔަތް ދީފަ -- ފޮޓޯ: ޔޫއެންއެޗްސީއާރު

އޮޓަވާ (ޖެނުއަރީ 11): އާއިލާއަށް ފިލައިގެން ތައިލޭންޑަށް ދިޔަ ސައުދީ އަރަބިއާގެ ރަހަފް މުހައްމަދު އަލް ގުނޫން ކެނެޑާގެ ހިމާޔަތާ އެކު އެގައުމަށް ދާން ފުރައިފި އެވެ.

ތައިލޭންޑުގެ ޗީފް އޮފް އިމިގްރޭޝަން ސުރަޗަތޭ ހަކްޕާން ވިދާޅުވި ގޮތުގައި ރަހަފް އިއްޔެ ހަވީރު ބޭންކޮކުން ފުރީ ކޮރެއަން އެއާލައިންސްގެ ފްލައިޓަކުން ދެކުނު ކޮރެއާއަށް ދިޔުމަށް ފަހު ކެނެޑާއަށް ދާ ގޮތަށެވެ.

ރަހަފްއަށް ކެނެޑާއިން ހިމާޔަތް ދޭން ނިންމި ކަން އިއުލާން ކުރެއްވީ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އެވެ.

"ކެނެޑާއިން އިންސާނީ ހައްގުތަކަށާއި ދުނިޔޭގެ ހުރިހާ އަންހެނުންގެ ހައްގުތަކަށް ޓަކައި ތެދުވާނެ. އަލްގުނޫނަށް ހިމާޔަތް ދޭން އދ.އިން އެދުމުން، އަޅުގަނޑުމެން އިޖާބަ ދީފިން،" ޓްރޫޑޯ ވިދާޅުވި އެވެ.

ކެނެޑާގެ ކުރިން އޮސްޓްރޭލިއާ އިން ރަހަފްއަށް ހިމާޔަތް ދޭން ނިންމި ކަމަށް މީގެ ކުރިން ސީއެންއެންއާ ވާހަކަ ދައްކަވަމުން ހަކްޕާން ވިދާޅުވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެބަޔާން އަނބުރާ ގެންދަވާފަ އެވެ.

ރަހަފްގެ އާއިލާއަކީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރާ ބައެއް ކަމަށް ބުނެ، އޭނާ މިދިޔަ ހޮނިހިރު ދުވަހު ތައިލޭންޑަށް ދިޔައީ އާއިލާއާ އެކު ކުވޭތުގައި ހުރުމަށް ފަހުގަ އެވެ. އަދި ތައިލޭންޑުން ރަހަފް އަނބުރާ ކުވޭތަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ ބޭންކޮކުން ފުރަން ދެކޮޅު ހަދައި، އޭނާގެ ތަޖުރިބާ ޓުވިޓާގައި ހިއްސާކޮށްފަ އެވެ.

އޭގެ ސަބަބުން އެތައް ހާސް މީހުން ވަނީ ރަހަފް އަނބުރާ ސައުދީއަށް ފޮނުވާ ނުލުމަށް އެދި ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތައިލޭންޑުން ވަނީ ރަހަފްއަށް އެގައުމުގައި ހުރުމަށް ހުއްދަ ދީފަ އެވެ. އަދި އދ.އިން ވަނީ ރަހަފްއަކީ ރެފިއުޖީ ކަމަށް ކަނޑައަޅާފަ އެވެ.

ނަމަވެސް ޓުވިޓާ މެދުވެރިކޮށް ރަހަފަށް މަރުގެ އިންޒާރު ދެމުންދާތީ އޭނާގެ ޓުވިޓާ އެކައުންޓު މިހާރު ޑީއެކްޓިވޭޓުކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުންޏެވެ.

ރަހަފްގެ ބައްޕަ ވަނީ އޭނާގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ތައިލޭންޑަށް ގޮސް ރަހަފްއާ ބައްދަލު ކުރަން މަސައްކަތް ކުރި ނަމަވެސް، ރަހަފް ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.

comment ކޮމެންޓް