ފުރިފައި ހުރި އެއްޗެއް ގުޑުގުޑު ނޭޅުމަކީ އެ އޭގެ ޒާތުގައި އެ އެތި ފުރިހަމަވެ، އެއަށް ލިބިފައިވާ ވަރުގަދަ ބާރު ދައްކައިދޭ ކަމެކެވެ. އެކުވެރިކަން، އެއް ބަނޑު އެއްބަފާކަން މިއީ ވެސް އެފަދަ ދެވަނައެއް ނެތް ފަދަ ގަދަ ބާރުތަކެކެވެ. އެއް ބަހަކުން ވާހަކަ ދައްކާ ސައްތައިން ސައްތަ މުސްލިމު ގައުމެއް މިވީހާ ދުވަހެއް ވަންދެން އޮތް އޮތުމުގެ މިސާލަކީ ވެސް ހަމަ އެ މިސާލުގެ ގިންތީގައި ހިމަނަން ޖެހޭ އެފަދަ ވަރުގަދަ ބާރެކެވެ.
މީ އަޅުގަނޑުމެންގެ ލޯބިވާ ވަޒަނެވެ. ގަސް ރުކުން މަލަ ފެވޭ ރީތި މި ރާއްޖޭގައި މާތްވި އިސްލާމްދީންގެ ނަން ފަނޑުނުވެ، ނުފޭދި އޮތް އޮތުމަކީ މިގައުމުގެ އެންމެ ވަރުގަދަ ތަރިކަ އެވެ. ހޮޅިން، ޕޯޗުގީޒުން އަދި އިނގިރޭސިންގެ އަޅުވެތިކަމުން މިންޖުވި އިރު ވެސް އެތަރިކަ އޮތީ އަމާނާތްތެރިކަމާ އެކު "ރައްކާ"ކޮށްފަ އެވެ. އެ ފިކުރު ބަދަލެއް ނުވެ އެވެ. ދިވެހިންގެ ވިންދުގައި އަދި ވެސް ހިނގަމުން ދަނީ އެ ބާރެވެ.
ދިގު ތާރީހަކާއި ދިގު މާޒީއެއް އޮތް ނަމަވެސް ފަހަކަށް އައިސް ރާއްޖެ އިން ފެންނަމުންދާ މަންޒަރުތަކުން މާޒީގެ ރީތި މަންޒަރުގެ ކުލަ ބަދަލުވާހެން އިހުސާސް ނުވޭހެއްޔެވެ؟ "ކުލަ" ބަދަލުކުރަން އުޅެނީ ނުވަތަ ކުލަ ބަދަލުވަނީތޯ ވެސް މިއީ ހަމަ ސާފުނުވާ ސުވާލެކެވެ. އެއްބައެއްގެ ނަޒަރުގައި ރާއްޖެ އަށް ތަފާތު ދީންތައް ގެންނަން ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުންވެ. އޭގެ ރައްދުގައި އަނެއް ބަޔަކު ބުނަނީ މިއީ ޒަމާނާ އެކު އަންނަ ހަމަ "ޒަމާނީ" ބަދަލެއް ކަމަށެވެ.
ދީނާ މެދު ރާއްޖޭގައި ސުވާލު އުފެދެނީ ކީއްވެ؟
ދީނާ މެދު ސުވާލު އުފެދުނީ ކީއްވެތޯ، މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރާ، ނިމުމެއް ނެތް ބަހުސެކެވެ. އެކި ގައުމުތަކުގައި އެއާ މެދު އެކި ގޮތްގޮތަށް ބަހުސް ކުރެވެ އެވެ. ދީނާ މެދު ހިޔާލު ތަފާތުވާން ރާއްޖޭގައި ފެށިގެން ދިޔައީ ކޮން ދުވަސްވަރެއްގައި ކަން ބުނަން ސީދާ ނޭނގުނު ނަމަވެސް އެކަން ފެށިގެން ދިޔައީ ރާއްޖެ އަށް ސިޔާސީ ފިކުރު ވުޖޫދަށް އަންނަން ފެށި ދުވަސްވަރުއޭ ބުނެވިދާނެ އެވެ. ސުނާމީއަށް ފަހު ދިވެހިން މާ ބޮޑަށް "ދީންވެރިވެގެން" ދިޔައީ ވެސް ހަމަ އިއްތިފާގުން ނަމަވެސް އެ ދުވަސްވަރު އެވެ.
ސިޔާސީ ވިސްނުމުގައި ވާހަކަ ދައްކާ ފަރާތްތަކުން އަބަދު ވެސް ބުނާ ވާހަކައެއް އޮވެ އެވެ. "ދީން" ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ވާހަކަ އާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ވާހަކަ އެވެ. އެކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.
"އެބަ ހުރި ރާއްޖޭގައި ދީން ހަތިޔާރަކަށް ބޭނުންކުރެވިފައި. ދެހާސް ތިނަކުން ފެށިގެން [ރައީސް] މައުމޫންގެ ވެރިކަން ނިމި ފަހުން [ރައީސް] ޔާމީންގެ ވެރިކަން ނިމިގެން ދިޔަ އިރު ވެސް އެބަ ހުރި ދީން ހަތިޔާރަކަށް ހަދައިގެން، [މަސައްކަތްކޮށްފައި]. އެހެން ނަމަވެސް އެ ދައުރުތަކުގައި ވެސް ދީނަށް ލޯބިކުރާ އިހްލާސްތެރި މީހުން ހިދުމަތް ނުކުރެއެކޭ ނުދެންނެވޭނެ،" ރާއްޖޭގައި ހިންގާ ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސް ޝައިހް މުހައްމަދު އަނީލް ވިދާޅުވި އެވެ.
އަނިލް ވިދާޅުވި ފަދައިން ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނެވޭނެ ކިތަންމެ ކަމެއް ފެންނަން އެބަ ހުއްޓެވެ. ރައީސް މައުމޫން އަދި ރައީސް ޔާމީންގެ ފާރާތުން އަބަދު ވެސް ފެނިގެން ދިޔައީ "ދީނީ" ސްލޯގަންތަކެވެ. އަދި އެ ބޭފުޅުންގެ އިދުކޮޅު ފަރާތްތަކުން ވެރިކަމަށް އައިސްފި ނަމަ ރާއްޖާގައި އިސްލާމްދީން ނޯންނާނޭ ފަދަ މޭރުމަކުން ވެސް ވާހަކަ ދައްކައިފައިވެ އެވެ.
ދީން "ސްލޯގަން"އެއްގެ ގޮތުގައި އޮތް ނަމަވެސް ގިނަ ކަންތައްތަކުގައި "ދީން" އޮތީ އެއްފަރާތްކޮށްފަ އެވެ. ކޮރަޕްޝަން ނައްތާލައި އިންސާފަށާއި ހައްގުގެ މަގަށް ގޮވާލުމަށް ދީނުގައި ވަރަށް ބޮޑަށް އަހައްމިއްޔަތުކަމެއް ދީފައި އޮތް ނަމަވެސް އެކަމަށް އޮތީ ބިރު ކަންފަތެއް ދީފަ އެވެ.
"މިހާރު މިރަށުގައި ދީނީ ނަސޭހަތް ދޭން އުޅޭ މީހުން ދައްކާ ވާހަކަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރޭ." ރަށެއްގެ މީހަކު ބުންޏެވެ.
ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެހެނިހެން ގައުމުތައް ވެސް އުބަހުއްޓެވެ. އެފަދަ ގައުމުތަކުގައި ވެސް ރައްޔިތުން "ދީނާ" މެދު ދެކޭގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވާން ފަށައިފަ އެވެ. އޭގެ އެންމެ ފުރިހަމަ މިސާލަކީ ސައުދީ އަރަބިއްޔާ އެވެ.
މިއީ "ދީން"ގެ ދިފާއުގައި އެންމެ ބޮޑަށް އަޑު އުފުލާ ގައުމު ނަމަވެސް އަނިޔާވެރިކަމުގައި އެފަދަ ދެވަނައެއް ގައުމެކެވެ. ކޮރަޕްޝަނާއި ނުހައްގުން އަނިޔާ ދިނުމާ އެގައުމައި ނާއިންސާފު ވަކިހިއްޕާލައިފައިވާ އިރު ދީނާ މެދު ތަފާތު ނަޒަރަކުން ދެކޭ ރައްޔިތުން ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިހާރު އެ ގައުމުގެ ޖަލުގައި ހުރި ރާއިފް ބަދާވީ އަދި ދާދި ފަހުން ކެނެޑާއަށް ފިލައިގެން ދިޔަ ރަހަފްގެ ހާދިސާ އެކަމަަށް ފުދެ އެވެ.
އެކަކު އަނެކަކަށް "ކާފަރު" ގޮވުމުގައި ހައްދުންނެެއްޓިފައި!
ދީނުގެ ހިޔާލު ތަފާތުވުންތަކުގެ ވާހަކަ ފަށާ ނަމަ ފަށަން ޖެހޭނީ ރައީސް މައުމޫންގެ ވެރިކަމުގެ ހިސާބުންނެވެ. އެމަނިކުފާނުގެ ދިގު ވެރިކަމުގައި ދީނީ ގޮތުން އުފެދުނު މައްސަލަތަކަކީ ދޫކޮށް ލެވޭނެ ވާހަކަތަކެއް ނޫނެވެ. ދީނީ މީހުންގެ ތުނބުޅީގައި ޗިލީ ސޯސް އުނގުޅިކަން ހަނދާން އެބަހުރި ހެއްޔެވެ؟ އޭގެ ފަހުން އެންމެ ބޮޑަށް ހައިރާންވީ ހުދު އެމަނިކުފާނު ވެސް ފަހުން އެފަދަ މައްސަލައެއްގައި ހޫނު ފެނަށް ވެއްޓުމުންނެވެ. އެމަނިކުފާނާކީ ސުންނަތް ޖަމާއަތެއްގެ މީހެއްތޯ ނުވަތަ ނޫންތޯ ކޯޓުން ކަނޑައަޅަން ޖެހޭ ހިސާބަށް ވެސް އެކަން ދިޔަ އެވެ.
ދެން އައީ މީސް މީޑިއާގެ ޒަމާނެވެ. މީސް މީޑިއާގައި އެކަކު ދޫކޮށްލާ ކުޑަކުޑަ ބަހަކުން ވެސް ހުޅުގަނޑު ފަޅައިގެން ހިނގައިދާނެ އެވެ. މިސާލެއްގެ ގޮތުން ބުނަން ހެއްޔެވެ؟ "މާދަން އަަހަރެން ރޯދައަށް ހުންނަން ބޭނުމެއް ނޫނޭ" ބުނެ ޓުވީޓެއް ކޮށްފި ނަމަ އޭގެ މާނަ މީހުން "ނަގާނެ" ގޮތް އެނގޭ ހެއްޔެވެ؟ އެއް މާނައަކީ އަހަރެން މާދަމާ ރޯދައަށް ހުންނަން ބޭނުން ނުވުމެވެ. އަނެއް މާނައަކީ އެއީ ހަމައެކަނި ހިތުގައި އޮތް ޝުއޫރެކެވެ. އެ އާއި އަމަލަކާ ގުޅުމެއް ނެތެވެ. ނޫނީ އަހަރެންނަކީ މީސް މީޑިއާގައި ކުޑަކުދިން އުޅޭހެން "ކޫސަނި" ޓުވީޓު ކުރާ މީހަކަށް ވުމެވެ.
I read the tweet in question & my understanding is tht @ibramandhu was saying, according to his understanding some shaikhs were implying Muhammad (SAW) was dishonest...etc. He didn't say it was his view of our Prophet. But language he used is totally unacceptable. I condemn that. https://t.co/pFYkmxs9zw
— Ahmad Naseeh Ibrahim (@naseehibrahim) January 20, 2019
މީސް މީޑިއާގައި ދާދި ފަހުން އެންމެ ހޫނުފެނަށް ވެއްޓުނު އެކަކީ އިބްރާހީމް އިސްމާއީލު (އިބްރާ) އެވެ. ދީނުގެ ހުކުމާ ބެހޭ ގޮތުން އިބްރާ އުުފެއްދެވި ސުވާލަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ، ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހެއްގެ ގޮތުގައި "ލޭބަލް" ވެގެން ދިޔުމެވެ. އެ ޓުވީޓުތައް އެކި މީހުން އެކި ގޮތަށް ތަރުޖަމާކޮށް އޭނާގެ ކޮލެޖުގެ ބިއްލޫރިގަނޑު ތަޅާލައި މުޒާހަރާ ވެސް ކުރި އެވެ.
"އިބްރާ، މާތް ނަބިއްޔާއަށް ފުރައްސާރަ ކުރިޔޭ ކިޔާފައި ދައުރުވާ ޓުވީޓުގައި، މާތް ނަބިއްޔާއަށް ފުރައްސާރަ ކޮށްފައި އިން ކަމަކަށް އަޅުގަނޑަށް ހަމަ ގައިމު ވެސް ދޭހައެއް ނުވޭ. އޭނާގެ ބަސްމަގު ހުރީ ވަރަށް ހުތުރުކޮށް." ޝެއިޚް ޝަފީޢު އަބްދުﷲ އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވެ އެވެ.
ދީނީ މައްސަލަތައް ރާއްޖޭގައި ބޮޑުވެފައިވާ އިރު، ދީނީ ގޮތުން ހައްދު ފަހަނައެޅުމުގެ މައްސަލަތައް ވެސް ރާއްޖޭގައި ވަނީ ވަރަށް ބޮޑުވެފަ އެވެ. އައިއެސް ނުސްރާ ފަދަ ޖަމާއަތްތަކާ ދިވެހިން ގުޅޭކަމީ ފާޅުގައި އެނގޭ ކަންތައްތަކެކެވެ. އެކަކު އަނެކަކަށް "ކާފަރު" ގޮވުމުގައި މިއީ އަރާހުރި ބައެކެވެ. އޭގެ ހެއްކަކީ ދާދި ފަހުން ސީރިއާގައި ދިވެއްސަކު އެހެން ދިވެއްސަކަށް "ކާފަރަށް" ގޮވައި ބޯ ބުރިކޮށްލުމެވެ.
އިސްލާމްދީނާ ދެކޮޅުވުން ވެސް ހައްދު ފަހަނައަޅާފައި!
ދީން އެއްބަޔަކު "ހަތިޔާރެއްގެ" ގޮތުގައި ބޭނުންކުރާތީވެ، އަނެއް ބަޔަކު ދީނީ "ސްލޯގަން"ތަކާ ދެކޮޅަށް ނުކުންނަމުންދާތަން ވެސް ދަނީ ފެންނަމުންނެވެ. އެކަމާ ޝެއިހް އަނީލް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. ހަމަ ކަނޑައެޅިގެން ދީނީ ގޮތުން ހަރާމް ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ހުއްދަ ކުރުމަށް ފާޅުގައި ގޮވާލަމުންދާތަން ފެނެ އެވެ. އެފަދަ ވާހަކަތައް އަޑު އަހަންގޮސް ތިބޭ މީހުން އަތް ޖަހައި ހީ ހަދަމުންދާ އިރު މީ ހަމަ ފުރިހަމަ މުސްލިމުންގެ އުސޫލު ހުންނަންވީ ގޮތްތޯ ވެސް އެތައް ބަޔަކު ސުވާލު އުފައްދަ އެވެ.
އިސްލާމް ދީނާ ދެކޮޅު ފަރާތްތަކުން ރާއްޖޭގައި އެކަން ކުރަނީ އެކި ގޮތް ތޮތަށެވެ. އެއް ބަޔަކު ވަރަށް ފާޅުގައި ކުރާއިރު އަނެއް ބަޔަކު އެކަން ކުރަނީ ވަރަށް "ސަޓަލް" ނުވަތަ ވަރަށް ވިސްނައިގެން ހުންނަ މީހަކަށް ނޫނީ ނޭނގޭނެ ފަދަ ގޮތަށެވެެ. އޭގައި ގިނަ ފަހަރު އޮރިއަންޓަލިސްޓުން "އަރަބިން"ނާ ދެކޮޅަށް ލިޔެފައި ހުންނަ "ރޭސިސްޓް" ލިޔުންތަކާ ވަރަށް އެއްގޮތް ބަސްމަގު ގިނަ ފަހަރު ހުންނަތަން ފެނެ އެވެ.
Some few Maldivians call the Friday sermon or Khutuba as "hotbar" (a cheap attempt to denigrate an important Islamic landmark). Ok. They don't care about the religious sentiments of Muslims. Don't they even care about their parents or grandparents' feelings who are/were faithful?
— Dr. Mauroof Hussain???????? | معروف (@drmauroof) January 25, 2019
ޔޫރަޕް އަދި އެމެރިކާގައި އުޅޭ ކަނާތު ފިޔައިގެ "ފާ ރައިޓް އެކްޓިވިސްޓު" އިންގެ ބަސްމަގު ހުންނަހެން ވެސް ބައެއް ފަހަރު އެފަދަ ފަރާތްތަކުގެ ކިބައިން ފެނެ އެވެ. އެފަދަ އެކްޓިވިސްޓުން އެ ގައުމުގެ ރައްޔިތުންގެ މެދުގައި މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމަށް ދައްކާ ފަދަ "ބޯގޯސް" ފަދަ ވާހަކަތައް ދައްކާ ދިވެހިން ވެސް އުޅެ އެވެ. އެފަދަ މީހުންގެ ނަޒަރުގައި ރާއްޖޭގައި އުޅެނީ ހުސް ޓެރަރިސްޓުންނެވެ.
އެފަދަ ފަރާތެއް ދާދި ފަހުން ބުނެފައިވެ އެވެ. ރާއްޖޭގެ ހަރުކަށި ފަރާތްތަކުގެ ހަރަކާތްތައް ވަރުގަދަ ކުރަމުން އަންނަ ކަމަށާއި އަދި އެ ފަރާތްތަކުގެ ބާރު، މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބަށާއި ކެރެލާ އަށް ފޯރުވާނެ ކަމަށެވެ. ރަނގަޅަށް ވިސްނާލިޔަސް މީ މީހަކު "ޕެރެނޯއިޑް" އިންވެގެން އެއްވެސް އަސާސެއް އޮވެގެން ބުނި އެއްޗެއް ނޫންކަން އެނގެ އެވެ. މިއީ ހަމައެކަނީ އޭނާގެ ހިތުގައި ހުޅުރޯވެފައިވާ އުދާސްތަކުން ނިކުތް ވާހަކައެއްކަން އެނގެ އެވެ.
އިންޑިއާގެ ވާހަކަ ދެއްކި އިރު އޭނާއަށް ކެރެއްލާގެ ސްޓޭޓް ނޫން ވާހަކަ ނޫނީ ހަމަ ނޭނގުނީ ހެއްޔެވެ؟ ކެރެއްލާ އަކީ މުޅި އިންޑިއާގައި ވެސް ދީނީގޮތުން އެންމެ ސުލްހަވެރި އެއް ސްޓޭޓެވެެ. އެކަމާ އިންޑިއާގެ މިހާރު ވެރިކަންކުރަމުންދާ ބީޖޭޕީ އިން ވެސް ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ. އެ ސްޓޭޓްގައި ހަރުކަށި ހިންދޫންގެ ބާރެއް ނޯންނާތީ އެވެ. އެކަމާ ހުރެ، ބީޖޭޕީ އިން އަބަދު ވެސް އެ ސްޓޭޓަކީ ހަރުކަށި މުސްލިމުން ދިރިއުޅޭ ހައްދު ފަހަނަ އަޅާފައިވާ މުސްލިމުންގެ ސްޓޭޓެއް ކަަމަށް ބުނެ އެވެ. ދިވެއްސަކު އެ ފިކުރުން ވާހަކަ ދެއްކުމުން ހައިރާންވާކަށް ނުޖެހެ އެވެ. އޭނާގެ ބަސްމަގާއި މަޝްހޫރު ލިޔުންތެރިޔާ ކްރިސްޓޮފާ ހިޗަން ވެސް އިރާގު ހަނގުރާމައަށް ސަޕޯޓްކޮށް ދެއްކެވި ވާހަކައިގެ ބަސްމަގާ މާބޮޑު ތަފާތެއް ނެތެވެ.
"އިރާގަކީ ހުޅަނގަށް އޮތް ބިރެއް. އެމީހުން އަހަރެމެންގެ ކަންތައް ނިންމާލުމުގެ ކުރިން އަހަރުމެން އެބަ ޖެހޭ އިރާގުގެ ކަންތައް ނިންމާލަން،" ހިޗަންސް ވިދާޅުވެފައިވެ އެެވެ.
ދީނީ މައްސަލަތައް ބޮޑުވެ އެކަޑެމިކް ފްރީޑަމްއަށް ވެސް ހުރަސް އެޅިފައި
ދީނީ މައްސަލަތަކުގައި ހިޔާލު ތަފާތު ވިޔަސް އެކަޑެމިކް ފްރީޑަމް ވަކި ހުދޫދެއްގެ ދަށުން ހުރަސް އެޅިގެން ނުވާނެ އެވެ. ރާއްޖޭގެ ކިތަންމެ ބަޔަކު މަތީ ތައުލީމް ހާސިލްކޮށްފައިވާ އިރު އެކި މީހުންގެ ހިޔާލު ދީނީ އެކި އެކި ކަންކަމުގައި ތަފާތުވެފައިވެ އެވެ. އޭގެ ސަބަބުން އެ ހިޔާލުތަކާ މެދު ހޫނު ބަހުސަކަށް ވެސް އެކަންތައްތައް ގޮސްފައި އެބަހުއްޓެެވެ.
އޭގެ އެއް ހެއްކަކީ ކުރީގެ ރިޔާސީ ކެންޑިޑޭޓް ހަސަން ސައީދު އޭނާގެ ބޭބެޔާ ގުޅިގެން ލިޔުއްވި ފޮތެކެވެ. އެ ފޮތާ ބެހޭ ގޮތުން ރާއްޖޭގެ ސިޔާސީ އިސް ފަރާތަކުން ވާހަަކަ ދެއްކުމުން އެ މައްސަލަ އޭރު ވަރަށް ބޮޑަށް ހޫނުވި އެވެ.
"އެއީ އިސްލާމީ ޝަރުއީ މައްސަލައަކަށް އެބޭފުޅާ ލިޔުއްވާފައި އޮތް ފޮތެއް. މިބާވަތުގެ ކަންތައްތަކުގައި ކަންހިނގާ ގޮތް ވެސް އެބަ ބަލަން ޖެހޭ. އެފޮތުގައި އާލިމަކު ލިޔުއްވާ މައްސަލައަކާ ބެހޭ ގޮތުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބަޔާންކޮށްފައިވާ ނަމަ ކަންހިނގާ ގޮތަކީ އެކަމަށް ރައްދު ދެއްވަނީ އިލްމީ ގޮތުން. އެއީ ދުނިޔޭގައި އެކަން ހިނގާ ގޮތަކީ އެކަމެއް ނުކުރެވޭނެ މަގުމަތީގައި އުޅޭ އަދި ކޮންމެ ކޮންމެ މީހަކަށް." އެ ފޮތުގެ ދިފާއުގައި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާލުވެފައިވެ އެވެ.
ދީނީ މައްސަލަތަކާ މެދު ރާއްޖޭގައި ބައެއް ގާނޫނީ ވަކީލުން ފަހަކަށް އައިސް ދަނީ އެ ބޭފުޅުންގެ ހިޔާލުތައް ޝުއޫރު ފާޅުކުރަމުންނެވެ. އެ މައްސަލަތަކުގައި އެ ބޭފުޅުން ހިޔާލު ފާޅުކޮށްފައި ވަނީ ގާނޫނީ ގޮތުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިއީ ފާޑެއްގެ އެކެޑިމިކް ޑިބޭޓެކެވެ. އެހެން ނަމަވެސް ގާނޫނީ ގޮތުން ތަނެއް ދޮރެއް ނޭނގޭ މީހުން އެ "ޑިބޭޓް"ގެ ތެރެއަށް ވަންނަ ނަމަ ވަރަށް ބޮޑު މައްސަލައަކަށް ވެގެން ދެ އެވެ.
I don't get it. I've never come across aayaths that are "invisible" to naked eye. @dr_iyaz can you please guide me to a list of similar aayaths in Quran? The ones that are not published, yet we have to follow. Thanks. https://t.co/AAMVPkd4rH
— Hussain Shameem (@HuShameem) January 12, 2019
ވަކި ހުދޫދެއްގެ ތެރެއިން އެކެޑެމިކް ފްރީޑަމްގެ ދަށުން ދީނުގެ މައްސަލަތަކާ މެދު މަޝްވަރާ ކުރެވުނު ނަމަވެސް ރާއްޖޭގައި މައްސަލަ ބޮޑުވެގެން އުޅެނީ އެކަން ހައްދުން ނެއްޓިގެން ދިއުމެވެ. އެކަން ހައްދުން ނެއްޓިގެން ދިއުމުން އެކަމާ ދެކޮޅަށް ބައެއް ބޭފުޅުން މިހާރު ވެސް ނިކުމެވަޑައިގެންފަ އެވެ.
އިސްލާމް ދީނަކީ ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އެ ނިއުމަތް ދެމެހެއްޓުމަށް ދީނަށް ފުރައްސާރަކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑރ. ޖަމީލް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން ނުވާ ނަމަ މަޖިލިސް ތެރެއިން ޖަވާބުދާރީ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި އެކަން އެގޮތަށް ނުވާ ނަމަ" ބްލެސްފަމީ" ފަދަ ގާނޫނު ރާއްޖެއަށް ގެނެސް މިހާރު ހުރި ގާނޫނުތައް ހަރުކަށިކޮށް ރަސޫލާއަށް ފުރައްސާރަކުރާ ނަމަ އުމުރަށް ޖަލަށް ލެވޭނެ ގޮތަށް ގާނޫނުތައް ބަަދަލުކުރަން ޖެހޭ ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެ އެވެ.
ދީނީ މައްސަލަތައް ބޮޑުވެފައިވާ އިރު، ދީނީގޮތުން ރާއްޖެ ބައިބައިވަމުންދާތަން ވަރަށް ބޮޑަށް ދަނީ ފެންނަމުންނެވެ. ހަމަ ގައިމު ވެސް މިއީ ރާއްޖޭގެ އެންމެ ދުވަސްވީ ތަރިކަ ކަމުގައިވާ އިސްލާމްދީނަށް އެޅޭ ހިޔަންޏެއް ކަމުގައި ނުވާނެ އެވެ. އޭގެ ސަބަބުން ކުރިއަށް އޮތް އެތަކެއް ޖީލަކަށް އޭގެ އަސަރުކުރާނެ އެވެ. އެ މައްސަލަތައް ހައްލުކުރުމަށް މިހާރުން މިހާރަށް ފާރަވެރިވެގެން ތިބެގެން ނޫނީ އޭގެ ނަތީޖާއެއް ނުފެންނާނެ އެވެ. ދީނީ މައްސަލަތައް ބޮޑުވެ، ގައުމު ބައިބައިވާތަން ދެކޭކަށް، ގައުމު ދެކެ ލޯބިވާ އަދި އިސްލާމް ދީނުގެ ހިޔަލުގައި ތިބޭ އެއްވެސް ދިވެއްސެއް ބޭނުމެއް ނުވާނެ އެވެ.