އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް: ޔާމީން

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމަރު ދެއްވަނީ -- ސަން ފޮޓޯ

އެސްއޯއެފް ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އަކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބަ އޮތްކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ އެކައުންޓުގައި ފައިސާތަކެއް ހުރި މައްސަލާގައި އެމަނިކުފާނު ވަނީ މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ހަމަ އެމައްސަލާގައި މިދިޔަ މަހު 15 ވަނަ ދުވަހު ވެސް ރައީސް ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފަ އެވެ.

މިއަދު މެންދުރު ފަހު 1:30 އެހާކަންހާއިރު ފުލުހުންގެ އިދާރާއަށް ހާޒިރުވެ، ހަތަރު ގަނޑިިރަށް ފަހު އެ އިދާރާއިން ނިކުމެވަޑައިގެން އެ މަނިކުފާނުގެ ގެކޮޅު ކުރިމަތީގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ އެސްއޯއެފް ކުންފުނިން އެމަނިކުފާނުގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަަަކީ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބަ އޮތް ކަމަށާއި އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކަމަށް ވެސް ވެދާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަން [އެ ކައުންޓަށް ވަން ފައިސާ އަކީ ހިޔާނާތުގެ ފައިސާ ކަމަށް] ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް ކަމަށް. ވެދާނެ އެއީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ވެސް. އެކަމަކު އެއީ ގާނޫނީ ހަމަތަކުގެ މަތިން އެގޮތަށް ނިންމާފައި އޮތް ކަމެއް ނޫން،" ރައީސް ޔާމިން ވިދާޅުވި އެވެ.

"އެ ފައިސާތަކުގެ ތެރެއިން އަޅުގަނޑަށް އެސްއޯއެފް އިން ދިން ޗެކަކީ އެމްއެމްޕީއާރުސީ ފައިސާތޯ ނުނީ އެނޫން އެހެން ފައިސާތޯ އަދި އެއީކީ ނިންމިފައި އޮތް ކަމެއް ނޫން. އެއީ އެކަމެއްގެ ތުހުމަތު،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެ ފައިސާތަކަކީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް ކަމަށް މިހާތަނަށް އޭސީސީ އިން ވެސް އަދި އެހެން ތަހުގީގީ އިދާރާއަކުން ވެސް ނިންމާފައިނުވާ ކަމަށެވެ.

ރައީސް ޔާމިން މިއަދު ފުލުހަށް ހާޒިރުކުރުވެ، ހަތަރު ގަނޑި އިރަށް ފަހު އެ އިދާރާއިން ނިކުމެވަޑައިގަންނަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް ޔާމީން ވިދާޅުވީ، ޖުލައި މަހު ކުރީ ކޮޅު އެ މަނިކުފާނުގެ އެކައުންޓަށް ވަން ފައިސާއާ ގުޅޭ ގޮތުން އޭސީސީ އާއި އެމަނިކުފާނާ ދެމެދު މިދިޔަ މާޗު މަހު 25 ވަނަ ދުވަހު އެއްބަސްވުމެއްވި ކަމަށާއި އެ އެބަސްވުމުގައިވާ ގޮތުން އެ ފައިސާ އޭސީސީގެ ބާރު ހިނގާގޮތަށް ވަކި އެކައުންޓަކަށް ޖަމާކުރި ކަމަށެވެ.

"އޭސީސީ އާއި އަޅުގަނޑާ ދޭތެރޭ އޮތް އެގްރިމަންޓަކީ ހަމަ އިން ގުޑް ފެއިތު، ރަނގަޅު ނިޔަތުގައި އަޅުގަނޑު އިސްވެ ފައިސާ ވަކިން ބަހައްޓަން ބޭނުމޭ ބުނެގެން ކޮށްފައި އިން އެގްރިމަންޓެއް. ހަގީގަތުގައި އަޅުގަނޑު އެ ފައިސާ ބަހައްޓާކަށް ނުވެސް ޖެހޭ. އެއީ އެސީސީ އިން ސާބިތު ކުރައްވާފައި ދެން ހަގީގަތުގައި ގާނޫނާ ހިލާފު ފައިސާ ކަމުގައި ވާ ނަމަ އެ ފައިސާ އަޅުގަނޑު އަތުން ގެންދަން ޖެހޭނީ. ވަކިން ބަހަށްޓާކަށް ނުވެސް ޖެހޭ،" އޭސީސީއާއެކު ވެވުނު އެއްބަސް ވުމާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމަރު ދެއްވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް ޔާމީން ވިދާޅުވީ އެގޮތަށް ކަންތައް ކުރީ އެރު އެމަނިކުފާނަކީ ރާއްޖޭގެ ރައީސްކަމަށް ވާތީއާ އަދި އޭސީސީ އިން ވެސް އެގޮތަށް އެދިވަޑައިގަންނަވާތީ ކަމަށެވެ.

"އަޅުގަނޑުވެސް އެދުނީ އެބޭފުޅުން ވެސް އެދިވަޑައިގަންނަވަމުން ގެންދަވާތީ މި ފައިސާ އަޅުގަނޑުވެސް އަތްނުލާ ގޮތަށް ވަކި މުއްދަތެއް ވަންދެން އޭސީސީ ތަހުގީގު ނިމެންދެން ނުވަތަ ޝަރުއީ ކޯޓަކުން މި މައްސަލަ ބަލާފައި މީ އެމްއެމްޕީއާރުސީ ފައިސާތޯ ނުވަތަ ނޫންތޯ ގޮތެއް ނިމެންދެން އަޅުގަނޑު އެއްބަސްވީ ހަމަ ވަކި އެކައުންޓެއްގައި އޭސީސީ އަށް ބާރު ފޯރާގޮތަށް ވަކި އެކައުންޓެއްގައި ފައިސާ ބަހައްޓަން އަޅުގަނޑު އެއްބަސްވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް