އާ އަހަރުގެ ހަދިޔާ އަކަށް "ހުވާ"ގެ އެޕިސޯޑެއް މިރޭ!

"ހުވާ"ގެ މަންޒަރެއް....

އާ އަހަރުގެ ހަދިޔާއަކަށް ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ)ގެ ވެބް ސީރީޒް "ހުވާ"ގެ މުޅިން އާ އެޕިސޯޑެއް މިރޭ ދައްކާނެއެވެ.

ދިވެހި ފިލްމީ ދާއިރާއަށް އަލަށް ވުޖޫދުކުރި ދިވެހި ވެބްސީރީޒް "ހުވާ"އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ދަނޑިވަޅުގައި ސީރީޒްގެ މުޅިން އާ އެޕިސޯޑެއް މިރޭ ބަލާލެވޭނެކަމަށް ނަހޫ ބުނުމާއެކު ބެލުންތެރިން އުފާވާނެކަން ގައިމެވެ.

އާ އަހަރާއެކު މިރޭ 21:00ގައި "ހުވާ"ބެލުމަށް ތައްޔާރުވާށެވެ. އާއިލާ މެންބަރުންނާއެކު ގޭ ފެންޑާ ފުރާލާށެވެ.

"ބައިސްކޯފު" އިން ބުނީ މިރޭ "ހުވާ"ގެ މުޅިން އާ އެޕިސޯޑެއް ދައްކަން ނިންމީ ބެލުންތެރިންނަށް އާ އަހަރުގެ ހަދިޔާއެއް ދިނުމުގެ ގޮތުންކަމަށެވެ.

"ހުވާ"ގެ މަންޒަރެއް....

ޖުމްލަ 80 އަށް ވުރެ ގިނަ އެޕިސޯޑަށް ދެމިގެންދާނެ "ހުވާ" އާ ބެހޭ ގޮތުން ނަހޫ ބުނީ، ކޮންމެ ހަފްތާއެއްގެ ދެރެއްގައި އާ އެޕިސޯޑެއް ދައްކާއިރު ވެސް ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ. މިހާރު "ހުވާ"ގެ 10 އެޕިސޯޑެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފިއެވެ.

"ވަރަށް ތަރުހީބު ބޮޑުކޮށް އުޅެނީ، ކޮންމެ އާ އެޕިސޯޑެއް ދައްކާ ރޭ ވެސް އެޕަށް އެތައް ހާސް ބަޔަކު އެއްވަގުތެއްގަ ވަދޭ،"

ރާއްޖޭގެ 80 އިންސައްތަ ތަރިން ހިމަނައިގެން ބައިސްކޯފު އިން ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒް އަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ނަހޫގެ ސިއްކަޖެހިގެން އުފެދިފައިވާ އަސަރުން ފުރިގެންވާ ސީރީޒްއެކެވެ.

އަށްޑިހައަށްވުރެ ގިނަ އެޕިސޯޑަށް ދެމިގެންދާ މި ސީރީޒްގެ ވަރަށް ކުރީކޮޅު ވަނީ "ކުޑަ ރުމާލު"ގެ ބޭނުންޖެހިފައެވެ. "ހުވާ" ބެލި އެންމެންގެ ލޯތައް ވެސް ކަރުނުން ތެއްމާލައިފިއެވެ.

ބެލުންތެރިންގެ ބޮޑު މަގްބޫލުކަމެއް ލިބިފައިވާ "ހުވާ" އާ ގުޅޭގޮތުން ބައެއް ބެލުންތެރިން ބުނީ "ހުވާ" އަކީ ރާއްޖޭގައި ހިނގާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އިބްރަތްތެރި އަސަރުގަދަ ސީރީޒެއް ކަމަށެވެ.

"ހުވާ"ގެ މަންޒަރެއް....

"ސީރީޒް ބަލާއިރު ހިތް އަވަސްވާނެ. ނޭވާ ހިފަހައްޓާލަންޖެހޭ ކިތަންމެ ވަގުތުކޮޅެއްވެސް އާދޭ. ޓިޝޫ ބޭނުންކުރަންޖެހޭ ވަގުތުތައް ވެސް އާދޭ. ނަހޫ ހަމަ މޮޅީ،" ބެލުންތެރިއެއް ބުންޏެވެ.

"ހުވާ" އަކީ މުއްސަނދި އުފާވެރި އާއިލާއެއްގެ ދިރިއުޅުން ދައްކުވައިދޭ ސީރީޒްއެކެވެ. މި އާއިލާގެ އުފާވެރިކަން ކުއްލިއަކަށް ފުޑުފުޑުވެގެންދަނީ ރާއްޖޭގައި ހަމަ ހަގީގަތުގައިވެސް އާންމުވަމުން އަންނަ ބޮޑު މައްސަލައެއްގެ ސަބަބުންނެވެ.

މަގުމަތީގައި ސައިކަލް ދުއްވަމުން ދިޔަ ޒުވާނަކު ހިފައި ހައްޔަރުކޮށް އެއްވެސް ކުށެއްނެތި މަރާލާ މަންޒަރު ފެނިގެންދިޔައެވެ.

ޔޫއްޕެ މަރާލީ އޭނާގެ ދެކޮއްކޮގެ ކުރިމަތީގައެވެ. އެ މަންޒަރު ބަލަމުންދާއިރު ކޮންމެ ބެލުންތެރިއެއްވެސް ނޭވާ ހިފަހައްޓާލަންޖެހެއެވެ. ލޮލުން ކަރުނަ ފައިބައެވެ.

"އަސްލު ހިތަށް އަރާ މި ކަންތައްތައް އަސްލު ދިމާވެފައި ތިބޭ މީހުންނަށް ވާނީ ކިހިނެއްބާވައޭ. ހީބިހި ނަގާ މަންޒަރުތަކެއް. އަސްލު އާއިލާއަކަށް ކިހާ ބޮޑު ނިކަމެތިކަމެއް ލިބެނީ،" ހުވާ އާ ގުޅޭގޮތުން ބެލުންތެރިއަކު ބުންޏެވެ.

"ހުވާ"ގެ މަންޒަރެއް....

ޑްރާމާ ސީރީޒްއެއްގެ ސިފައިގައި "ހުވާ"ފެނިގެން ދިޔަނަމަވެސް މި މައްސަލަތަކަކީ މިއަދުގެ މުޖުތަމައުގައި އާންމު މައްސަލަތަކެކެވެ. އިބްރަތް ހާސިލުކުރަންޖެހޭ ކަންތައްތަކެވެ.

ސީރީޒްގެ މިހާ ކުރީކޮޅު އާއިލާގެ އެންމެ އިސް އެއް މެންބަރަކު މަދުވުމުން ދެން ސީރީޒް ކުރިއަށްދާނެ ގޮތަކާމެދު ބެލުންތެރިން ތިބީ ސުވާލު އުފެދިފައެވެ.

މި ސުވާލުތަކަށް ޖަވާބުދެމުން ނަހޫ ބުނީ ސީރީޒްއިން ޔޫއްޕެ އެހާ އަވަހަށް ގެއްލުނު ނަމަވެސް އެއްވެސް ފަޅުކަމެއް ނާންނާނެކަމަށެވެ. "ސީރީޒް ކުރިއަށްދާ ވަރަކަށް ޝައުގުވެރިކަން އިތުރުވަމުންދާނީ،"

"ބައިސްކޯފު" އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ތިބި ދިވެހީންވެސް އަންނަނީ "ހުވާ" ބަލަމުންނެވެ.

"ހުވާ"ގެ ބޮޑު މަންޒަރުތައް ކުރިއަށް އޮތީއެވެ. ނޭވާ ހިފަހައްޓާލަންޖެހޭ ލޮލުން ކަރުނަ އޮހޮރޭ މަންޒަރުތައް ވެސް ކުރިއަށް އޮތީއެވެ. ޓީޝޫގެ ބޭނުންޖެހޭނެއެވެ. ހަމަގައިމުވެސް ނަހޫ އޭނާގެ ބެލުންތެރީން މާޔޫސްއެއް ނުކުރާނެއެވެ. ނަހޫ އެދެނީ މި ސީރީޒްއިން ވެސް އިބްރަތް ހާސިލްކުރުމަށެވެ.

ކ. ގުރައިދޫ އާއި މާލޭގެ އިތުރުން ވިލިމާލޭގައި މަންޒަރުތައް ނަގާފައިވާ އެ ސީރީޒުން ޖުމްލަ ސާޅީހަށް ވުރެއް ގިނަ ކާސްޓުން ފެންނާނެއެވެ.

comment ކޮމެންޓް