ސްޓްރާޑާ 100 ޕަސެންޓު ދިވެހި ކުންފުންޏަކަށް ވާން އަމާޒު ހިފާފައި!

ދިވެހި ބައެއް ކުންފުނިތަކުން ހަރަދު ކުޑަ ކުރުން ފަދަ ސަބަބުތަކާ ހުރެ ދިވެހި މުވައްޒަފުން ނެގުމުގެ ބަދަލުގައި މުވައްޒަފުން ގެންނަނީ ބޭރު ގައުމުތަކުންނެވެ. ދިވެހީންގެ މެދުގައި މަގުބޫލު ނިއުޕޯޓާއި ޗާޓައިމް ހިންގާ ކުންފުނި ކަމަށްވާ ސްޓްރާޑާ ޕްރައިވެޓް ލިިމިޓެޑުން އަންނަނީ އެ ސަގާފަތް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ދިވެހިންނަށް ފުރުސަތުދީ ދިވެހިން ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.

ފިރިހެނުންގެ ބާރު ބޮޑު އިންޑަސްޓްރީއެއްގައި ސްޓްރާޑާ ކުންފުނި ހިންގަމުންދާ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ، އުމުރުން 27 އަހަރުގެ މަލަކާ އަބްދުލް ހަކީމްގެ އުންމީދަކީ ސްޓްރާޑާ 100 ޕަސެންޓު ދިވެހި ކުންފުންޏަކަށް ހެދުމެވެ. އެ ކުންފުނީގެ ހުރިހާ އައުޓެލްޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގޮތުގައި މުޅީންވެސް ދިވެހީން ނެގުމެވެ.

ސްޓްރާޑާ ކުންފުނީގެ ދަށުން ޖުމްލަ 135 މުވައްޒަފުން މަސައްކަތް ކުރާ އިރު އޭގެ ތެރެއިން ގިނައީ ދިވެހި މުވައްޒަފުންނެވެ. މަދުން ނަމަވެސް ބިދޭސީ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރެ އެވެ. މަލަކާ އެދިފައި ވަނީ ސްޓްރާޑާގެ އެކި އައުޓްލެޓުތަކުގެ ވަޒީފާތަކަށް ދިވެހިން ކުރިމަތިލައި ވަޒީފާތައް ހޯދުމަށެވެ.

ކުންފުނި ހިންގުމުގައި މަލަކާ ގެންދަވަނީ އޭނާއަށް އެކި ދާއިރާތަކުން ލިބިފައިވާ ތައުލީމާއި ތަޖުރިބާ ބޭނުން ކުރައްވަމުންނެވެ. މަލަކާ އަކީ އެކައުންޓިން އެންޑް ފައިނޭންސުން ޑިގްރީ، ފައުންޑޭޝަން އިން އާޓް އެންޑް ޑިޒައިން އަދި ކަލިނަރީ އާޓްސް އިން ޑިޕްލޮމާއެއް ހާސިލު ކުރައްވާފައިވާ ބޭކަނބަލެކެވެ.

ސްޓްރާޑާގެ އަވަސް ކުރިއެރުމުގެ ފަހަތުގައި ވަނީ އެ ކުންފުނިން އެ ކުންފުނީގެ މުވައްޒަފުންނާ މެދުގައި ބަހައްޓާ ގާތް ގުޅުމެވެ. އެ ކުންފިނިން ގެންގުޅޭ، މުވައްޒަފުންގެ ބޭނުންތައް ފުއްދައިދިނުމުގެ ޕޮލިސީގެ ސަބަބުންނެވެ.

ސްޓްރާޑާގެ އައުޓްލެޓެއްގައި މަސައްކަތް ކުރާ ޓްރެއިނީ ޝެފެއް ކަމަށްވާ އުމުރުން 19 އަހަރުގެ ސާރާ ބުނީ އޭނާއަށް ވަޒީފާގެ މާހައުލުގައި އެންމެ ރަނގަޅު ތަޖުރިބާއެއް ކުރެވުނު ކުންފުންޏަކީ ސްޓާރާޑާ ކަމަށެވެ.

"ބަދިގޭގެ ސްޓާފުންވެސް ވަރަށް އެހީތެރި ވާނެ. ވަޒީފާގެ ފުރުސަތަކަށް ވުރެ ބޮޑަށް މިކަން ވެގެންގޮސްފައި މިވަނީ އަޅުގަނޑަށް ބަދިގެ ތެރޭގެ އޮޕަރޭޝަންތައް ހިނގާ ގޮތް ކިޔައިދީ، އަޅުގަނޑަށް ވަރަށް ގިނަ ކަންކަން ދަސްވި ތަޖުރިބާ އަކަށް،" އޭނާ ބުންޏެވެ.

ސްޓްރާޑާ އަކީ އެ ކުންފުނީގެ މުވައްޒަފުން ކުރި އަރުވަން މަސައްކަތް ކުރާ ކުންފުންޏެވެކެވެ. ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދޭ ކުންފުންޏެކެވެ.

ސްޓްރާޑާގެ ހިއުމަން ރިސޯސަސް މެނޭޖަރު، އުމުރުން 29 އަހަރުގެ ޒިލާ ބުނީ އޭނާ އެ ކުންފުނީގައި މަސައްކަތް ކުރަން ފެށީ، އެ ކުންފުނީގެ ދަށުން ހިންގާ ރެސްޓޯރެންޓެއް ކަމަށްވާ ނިއުޕޯޓުގެ ވެއިޓަރެއްގެ ގޮތުގައި ކަމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރުމުގެ ތެރޭގައި އޭނާގެ ހުނަރުތައް ކުންފުންޏަށް ފާހަގަ ކުރެވި ޕްރޮމޯޝަންތައް ދީ ތަމްރީނުގެ ފުރުސަތުތައް އޭނާއަށް ފަހިކޮށްދިން ކަމަށް ޒިލާ ބުންޏެވެ.

އެ ކުންފުނީގެ ހުރިހާ އައުޓްލެޓުތަކުން ނަގާ 10 ޕަސެންޓު ސާވިސް ޓެކްސް ކޮންމެ މަހަކު ބަހަނީ މުވައްޒަފުންގެ މެދުގަ އެވެ. އެއީ މުވައްޒަފުންގެ މުސާރައިގެ އިތުރުން ލިބޭ ފައިސާ އެކެވެ.

ސްޓްރާޑާގެ ދަށުން ހިންގާ އިވެންޓު މެނޭޖްމެންޓު ކުންފުންނި، "އިވެންޓްކޯ"އަށް ގިނަ އިވެންޓުުތައް ލިބޭ މަހެއް ނަމަ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖު އިތުރުވެ އެވެ. ސްޓާރާޑާގައި އެޑްމިން އެސިސްޓެންޓު ކަމުގެ ވަޒީފާ އަދާ ކުރަމުން އަންނަ އައިމިނަތު އެކަމަށް ހެކިވެ އެވެ.

"ބައެއް މަސްތަކުގައި ކޮންމެ މުވައްޒަފަކަށް 2000 އާއި 3000 ޑޮލަރާއި ދެމެދުގެ އަދަދެއް ސާވިސް ޗާޖްގެ ގޮތުގައި ޖެހޭ. އެއީ އެ މަހެއްގައި އިވެންޓުތައް އޮންނަ މިންވަރަކުން،" އޭނާ ބުންޏެވެ.

އޭގެ އިތުރުން، އެ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ އަދި ދިވެހި މުވައްޒަފުންނަށް ކުލި ނުދެއްކޭނަމަ އެ ކުންފުނިން އެ މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖައްސައިދެ އެވެ.

އަދި މުވައްޒަފުންގެ މުސާރައިގެ އިތުރުން، ކެއުމުގެ ކަންކަން ހަމަޖައްސަން ހާއްސަ ފުޑް އެލަވަންސެއްވެސް ދެ އެވެ. އޭގެ އިތުރުން، އެ ކުންފުނީގެ ދަށުން ހިންގާ ކެފޭއެއް ކަމަށްވާ "ރީތި ކެފޭ"އިން މުވައްޒަފުންނަށް ކޯސްޓު ޕްރައިޒުގައި ކާއެއްޗެއްހި ލިބެން ހުރެ އެވެ.

ސްޓްރާޑާއިން ދައްކުވައިދެމުން އަންނަނީ މުވައްްޒަފުންނާ މެދުގައި އަމަލު ކުރަންވީ ގޮތުގެ މިސާލެކެވެ. އެގޮތަށް އެ ކުންފުނިނިން ހިފަހައްޓައިފި ނަމަ، 100 ޕަސެންޓު ކުންފުންޏަކަށް ވުމަށް އެކުންފުނިން ކުރާ އުންމީދު ހާސިލުވާނެކަން ކަށަވަރެެވެ.

comment ކޮމެންޓް