މިކާލް މަރުވިކަން ގަބޫލުކުރަން އަދިވެސް އޭނަ ތައްޔާރެއްނޫނެވެ. ހިތްބުނަނީ އޭނަގެ ލޯބި އެނބުރި އަންނާނެކަމުގައެވެ. އުއްމީދު ގެއްލުވާލައިގެން ނުވާނެކަމުގައެވެ. ޓިޝޫއަކުން މޫނު ފޮހެލުމަށްފަހު ދަބަހުން ނެގި ކުޑަ ލޯގަނޑަކުން މޫނަށް ބަލައިލިއެވެ. ލޮލުގެ ދުޅަކަން ތިރިއެއް ނުވެއެވެ. އެތައް ދުވަހަކަށްފަހު އެކުވެރިޔާ ކައިރީ މިކާލްގެ ވާހަކަދައްކާފައި މާ ވަރަކަށް ރޮވިއްޖެ ވިއްޔާއެވެ. ފައުންޑޭޝަން ކޮޅެއް ހާކާލުމަށްފަހު ދެލޯ އަނދުނުން ފަވާލިއެވެ. ދަބަހުން ނެގި ފުޅިން ސެންޓް ޖެހުމުން ފަޒާގައި ހިފައިލީ ހިތްގައިމު ލުއި ވަހެކެވެ. ތުންފަތުގައި ލިޕްގްލޮސް ހާކާލުމުން ތުންފަތް ކުރިއަށް ވުރެ މަޑުވެ ތެތްކަމެއް ހުއްޓެވެ. އަވަސް އަރުވާލާފައި ކެބިންއިން ނުކުންނަން ދިޔަތަނުން ފައި ފުރޮޅާލާފައި ވެއްޓެން ދިޔަ ތަނުން ބާރުގަދަ އަތެއްގެ ހިމާޔަތް ލިބުނެވެ.
އެސިކުންތުކޮޅު ނަޒަރު ދާދި ކައިރިން އެމީހެއްގެ ލޮލަށް އަމާޒުވުމާއިއެކު ހަޔާތީގެ ހުރިހާ އުއްމީދުތަކެއް ފުނޑުފުނޑުވެގެން ފައިބަގެތެވެ. އެމީހަކީ މިކާލްއަށް ވެދާނެކަމުގެ އުއްމީދާއިއެކު ރީތިވެލައިގެން މި ނުކުމެވުނީ އަދި އެންމެ ފޫހިވާ ޕާޓީގެ އެކެއްގެ ކުރިމައްޗަށެވެ. އޭނަގެ އަތު ތެރެއަށެވެ. ތެޅިގެންފާ ދުރަށް ޖެހިލީ ނަޖިހެއް ފޮޅުވާލާފާ ފަދަގޮތަކަށް އަޒިކިއެލްގެ އަތް ފޮޅުވާލާފައެވެ.
"ވަޓް ދަ ހެލް އާ ޔޫ ޑުއިން ހިއާ އެގެއިން؟ " ހަޔާތީ ދެބުމަ ކައިރިކޮށްލަމުން ހަށަން ބަދެލިއެވެ. "އަހަރެން މަރުވިޔަސް އަތް ލައިގެން ނުވާނެ....."
"ސޮރީ. ވޮޒްންޓް އިންޓެންޝަނަލް........"
"ހެވޭ ދެން.......މިތަނަށް ނައި ނަމަ އެހެނެއްނުވީސް. ކީއްކުރަން ހެއްޔޭ މިތަނަށް އައީ.." ހަޔާތީ ހުރިހާ ރުޅިއެއް ބާލަން ބޭނުންވީ އަޒިކިއަލްއަށެވެ.
"ކެބިންގައި ވާހަކަދައްކާލެވިދާނެތަ؟ " އަޒިކިއެލް ސުވާލުކޮށްލީ ލައިގެން ހުރި ކަޅުކުލައިގެ ފަޓުލޫނުގެ ޖީބަށް އަތްޖަހާލައިގެން ހުރެއެވެ. ބޮޑީގާޑަކަށް ވުމުން ޖީބުގައި ފިސްތޯލައެއް އޮންނާނެއޭ ހިތަށް އަރާ ހަޔާތީގެ ހިތަށް ސިހުމެއްވެސް ލިބުނެވެ. ރީތިކޮށް އިސްތިރިކޮށްލާފައިވާ ސޫޓާއިއެކު އޮފް އަރާ ބޫޓުން ފެށިގެން ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑާއި މޫނުމަތިން ފެންނަ ސީރިޔަސްކަންވެސް އޭނަގެ މަގާމާއި ޝަޚުސިއްޔަތުގެ ބަޔެއްފަދައެވެ. އަޒިކިއެލްއާއި ކުރިމަތިލާން ބޭނުންނުވިޔަސް އޭނަ ދައްކަން އުޅޭ ވާހަކައަކަށް ޝައުގުވެރިކަމެއް އުފެދުނެވެ. އަމްރާންގެ ޕާޓީއަށް އޭނަގެ އެޗްއެމް ނޫހުގެ ސަބަބުން އުދަގޫތަކެއް ނުވާނަމަ އަޒިކިއެލް އޭނަގެ ކުރިމައްޗަށް މިގޮތަކަށް ނާންނާނެއެވެ. "ޑީލް" އެއް ހަދާލަން ބޭނުންވީއެވެ. ސިޔާސީ މީހުންގެ އެ ބައި ބޮޑުވާނެތާއެވެ.
ދެމީހުން ކެބިންގައި ހަމަޖެހިލައިގެން އިށީންތަނާ ސަޖަލް ކޮފީތަށްޓެއް ގެނެސް އަޒިކިއަލްއަށް ދިއްކޮށްލުމުން ސޮރީ ކޮފީ ނުބޮމޭ ބުނެލިގޮތުން ސަޖަލް ލަދުން ހުރިތަނަށް ތިރިނުވީ ހަމަކިރިޔާއެވެ. މޫނު އެއްކޮށް ރަތްވެގެން ދިޔުމާއިއެކު ކޮލުގައި ދައިގަނެވުނެވެ. އެކުއްޖާ ފުޅަށް ވީގޮތް ހަޔާތީއަށް ފެނުމުން މަޖާވިއެވެ.
"ސަޖް މީނަ ހީކުރާނީ ވިހަލާފައި ކަމަށް ދޭނީ. އެ ޕާޓީ މީހަކު ގުދުރަތީ މަރަކުން މަރުވިޔަސް ޕޮއިޒަން ބޯންދިނީއޯ ވިއްޔަ ކިޔަނީ. ސަޖް އެންމެނަށް މެހުމާންދާރީ އަދާކުރިޔަސް މި މީހުންނަށް ސައިދޭނެކަމެއް ނެތް..........."ހަޔާތީ ތުން ފިތާލައިގެން އިނދެ އަދިވެސް ބޮޑަށް ރުޅީގެ އަސަރުތައް މޫނަށް ގެނައެވެ. އަޒިކިއަލް އެއަކަށްވެސް ޖަވާބެއް ނުދެއެވެ. ސީރިޔަސްކަމުގެ ހައްދުން ނައްޓާފައެވެ. އަމްރާންގެ ފަރާތުން އޭނައައި ގާތުގައި އުޅޭ މީހުންނަށް ބޮޑާކަމާއި ސީރިޔަސްކަން ވާރުތަކޮށްފައެވެ.
ސަޖަލް ދިޔުމުން އަޒިކިއަލް މާ ލަސްނުކޮށް އެމީހުންގެ ހުށަހެޅުން ހަޔާތީއަށް އެންގިއެވެ.
"ސީދާ މައުޟޫއަށް މިސްޓަރ އަމްރާން އަބްދުލްއަޒީޒު ދެއްވި ބްލޭންކް ޗެކެއް މިއޮތީ. މިލިއަނުން ފައިސާ ނެގިދާނެ އިނގޭ. ކޮށްދޭންވީ އެންމެކަމެއް. އަހަރެމެން ޕާޓީ ޕްރޮމޯޓްކޮށްފައި ނިއުސް ގެނެސްދޭންވީ. އަނެއް ޕާޓީގެ ނުބައިކަންތައް ފަޅާއަރުވާލާފައި..ތި މީހުންނަށް ފައިދާ ވާނީ. މިކަހަލަ އޮޕޮޗުނިޓީއެއް ނަސީބެއް ކޮންމެ ޗެނެލްއަކަށް ނުއެއް ލިބޭނެ އިނގޭ. ދިހަ މިލިއަން ޖެހިޔަސް ލިބޭނެ. ވަރަށް ވިސްނާފައި ޖަވާބެއްދީ......" އަޒިކިއަލްގެ ދެލޮލުން އެއްވެސް ޝުއޫރެއް ނުފެނެއެވެ. މީހަކަށް ނިއުޓްރަލް ވެވޭނީ އެހާވަރަށެވެ.
ހަޔާތީ އެ ބްލޭންކް ޗެކް ވަގުތުން ކުދިކުދިކޮށްލާފައި ގުޅައަކަށް ޖަހާފައި ޑަސްބިނަށް އެއްލުމަށްފަހު ތެދުވެ ހަށަން ބަދެލިއެވެ.
"ޖަވާބަކީ އެއީ. ފައިސާއިން ގަނެނުލެވޭނެކަން އެނގިއްޖެއެއްނު..." ހަޔާތީ ފަހުގެ ނިންމުން އިއްވިއެވެ.
އަޒިކިއަލް ނުކުމެގެން ދިޔަތަން ބަލަން ހުރި ސަޖަލްގެ ދެލޯ ދިއްލުނެވެ.
"ކިހިނެއްވީ؟ އަޒިކިއަލް މާ ހެޕީވެގެން ހެވިލާފައި މިތަނުން ނުކުތީ؟ " ސަޖަލް ކެބިނަށް ވަނުމާއިއެކު ޚަބަރު އޮޅުން ފިލުވަން އުޅެގަތެވެ. އަޒިކިއަލް ރުޅިއަރުވާލަންވެގެން ޗެކް ވީދާލުމުންވެސް ހިތަށް އެއްޗެކޭ ނާރާ ހެމުން ދިޔަކަން އެނގި ހަޔާތީ ވަކިން ރުޅިގަދަވިއެވެ. ހަޔާތީ ކޮންމެވެސް ވަރަކަށް ކިޔައިދިނުމުން ސަޖަލް ޑަސްބިނުން ޗެކް ނަގާފައި އަލުން ތަތްކުރަންވެސް މަސައްކަތްކުރިއެވެ. ހަޔާތީގެ މޮޔަކަމަށް އަޑުލިއެވެ. ރުޅިއަންނަ ނަފްރަތުކުރާ ޕާޓީއަކަށްވިޔަސް ސިޔާސީ މައިދާންގައި އެވަގުތަކު ފައިދާ ލިބޭގޮތަކަށް މަސައްކަތްކުރަން ދަންނަންވާނެކަން ހަދާންކޮށްލަދިނެވެ. ސިޔާސީ މީހުންގެ ފަރާތުން ފިލާވަޅެއް ދަސްވާވަރުވެއްޖެ ނޫންހެއްޔޭ ބުނެލިއެވެ. ހަޔާތީ ބުނީ ދުވަހަކު އެ ލާދީނީ ޕާޓީއަށް ތާއީދު ނުކުރުވޭނެ ކަމުގައެވެ. އޭނަ ނޭވާ ހިނގާހާ ހިދަކު އަމްރާންއާއި ދެކޮޅަށް އޭނަ ނޫހުގައި އާޓިކަލްތައް ލިޔާނެއެވެ. އެމީހުންނަށް އުދަގޫވެ އަސަރުފަށެއް ކުރާކަން މިހާރު ފަޅާއެރީއެވެ. މިލިއަނުން ފައިސާ ޚަރަދުކޮށްގެންވެސް ހަޔާތީމެން ހުއްޓުވަން އެލްޑީޕީ ބޭނުންވާނީ އެމީހުންގެ ސިޔާސީ ހަޔާތަށް އެޗްއެމްގެ ނުފޫޒް ފޯރާތީ ނޫންހެއްޔެވެ؟
"އަމްރާން ވަޑައިނުގަންނަވާ އޭނަގެ ބޮޑީގާޑުންތަ ފޮނުވަނީ؟ " ސަޖަލް އެހިއެވެ.
"ހިޒް އިގޯ އިޒް ބިގާ ދޭން ހިޒް ބްރެއިން....." ހަޔާތީ ބުނެލިއެވެ. އަދި އެ ޗެކް ޖަހައިގެންފާ ލައިޓަރުން ރޯކޮށްލިތަން ފެނި ސަޖަލް ދެލޯ ބޮޑުކޮށް އަނގަމަތީ އަތްއެޅިއެވެ. އެތައް މިލިއަން ރުފިޔާއެއް ލޯ ކުރިމަތީގައި އަނދާ އަޅިޔަށް ވާތަން ފެނުމުން ވާނެވަރު ސަޖަލްއަށްވިއެވެ. މޭގައި ދެއަތް ބޮނޑިކޮށްލައިގެން ހުރެ ރޮއިގެންފާނެހެން ހީވިއެވެ. ހަޔާތީނޫން އެހެން މީހަކު އެ މަގާމުގައި ހުރިނަމަ މިހާ މޮޔަކަމެއް ނުކުރާނެއޭ ކިޔައިގެން ސަޖަލް ވާހަކަދެއްކިޔަސް ހަޔާތީގެ ހިތަކަށް އަސަރެއްނުކުރިއެވެ.
ހަޔާތީ މަސައްކަތުގައި އަވަދިނެތި އުޅުމުން ކޮންމެވެސް ވަރަކަށް މިކާލްގެ ހަދާންތަކާއި ވަގުތީގޮތުން ވަކިވެވެއެވެ. ދޭތެރެއަކުން ދިމާވާ ކުދި ކުދި ކަމަކުން ހަދާން އާވިޔަސް މަސައްކަތުގައި އުޅުމުން ތަންކޮޅެއް ހަމަޖެހިލައިގެން އިދެވެއެވެ. އެޕާޓްމެންޓަށް ވަނުމާއިއެކު މޮޅިވެރިކަމާއި އެކަނިވެރިކަން ވަށައިލައެވެ. ކޮޓަރިއަށް ވަނުމާއިއެކު ކަރުނަތައް ހިފަހައްޓާކަށް ކުޅަދާނައެއް ނުވެއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މިކާލް އަބަދަށްޓަކާ ވަކިވެއްޖެކަމުގެ އިހުސާސްތައް ގަދަވެ އަނބުރާ ނާންނާނެކަމަށް ހިތް ބުނެދޭންފެށިއެވެ. ނިދަން އަރާފައި ކަރުނަ ނުއޮއްސާ އެންމެ ރެއެއްވެސް ނުދެއެވެ. މިކާލްއަށް ވީ ވައުދު ފުއްދުމުގެ ގޮތުން އޭނަ އަވަދި ނެތި އުޅުނަސް މިކާލްގެ މަންމައާއި ބައްޕަގެ ހާލު ބަލައިލަން އެބަޔަށް ވަދެލައެވެ. ސަމާ ފެންނައިރަށް ރުޅިވެރިކަން ހިތުގައި އުތުރިއަރައިގަނެއެވެ. ޚާއްސަކޮށް ސަމާ ހިނިތުންވެލާފައި ހަމަޖެހިލައިގެން އުޅޭތަން ފެނި ވަކިން ރުޅިގަދައެވެ. އެއްދުވަހެއްގައި ހަޔާތީ އެގެއަށްވަން އިރު ސަމާ ކައުޗްގައި އޮށޯވެލައިގެން ވާހަކަފޮތެއް ކިޔަން އޮތެވެ. އަތްދިގު ފިޔާތޮށިކުލައިގެ ޓީޝާޓަކާއި ކޮޓްން ހަރުވާޅެއްލައިގެން އޮތްއިރު މޫނުގެ ހަމާއި އެހާ ގުޅެއެވެ. އެންމެ ރީތި ސިފައަކީ ސަމާގެ ދެލޮލެވެ. ކުރިން ސަމާ ލޮލުގައި އަނދުން އަޅާލުމުން ހަޔާތީވެސް އެލޯ ރީތިވެގެން އެވާހަކަދައްކައެވެ.
"ހައި ދޮންބެދައްތީ.....ކިހިނެއްތަ؟ " ސަމާ ހީލިއެވެ.
"ނޮޓް ގުޑް. ދުވަހަކު މި ހިތާމައިން އަރާ ނުގަނެވޭނެ. ދޮންބެ އެދިޔައީ މުޅިން ހިތް ހަލާކުކޮށްފައި. ސުއިސައިޑް ނުވެ އެހެންގޮތަކަށް މަރުވިނަމަ ތަންކޮޅެއް ހިތަށް ފަސޭހަވާނެ............." ހަޔާތީ ސަމާ ކިޔަން އޮތް ފޮތުގައި ހިފާފައި ކަވަރަށް ބަލައިލިއެވެ. ފުތޫހުއްޝާމްގެ ނަންފެނުމުންވެސް އުދަގޫތަކެއްވިއެވެ. ސަމާވެސް ޝާމްކަރައާއި އަޅައިގެން މިއުޅޭ ވައްތަރެކެވެ. ސަމާ ބުނީ މިފަދަ އިސްލާމީ ތާރީޚީ ފޮތްތައް ކިޔުމުން ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ އަސްހާބުން ކުރި ހަގުރާމަތަކާއި ޖިހާދާއި ބެހޭގޮތުން ގިނަ ކަންތައް އެނގި އަސްހާބުންނަށް ލޯބި ޖެހޭނެކަމުގައެވެ. އެންމެ ބޮޑަށް ލޯބިވާން ވީ އަސްހާބުންނަށް ކަމުގައެވެ.
"ދޮންބެދައްތި މެންވެސް މާ ބޮޑަށް ސިޔާސީވަނީ. އެމީހުންނަށް މާ ވަރެއްގެ ލޯތްބެއްޖެހިގެން އުޅެނީ. ދޮންބެ ބުނީ އެޗްއެމް ޗެނެލްގެ ބޭނުމަކީ ދީނީ ގޮތުން މީހުން ހޭލުންތެރިކުރުވުމަށޭ. ލައިކް ޑިމޮކްރެސީއަކީ ކުފުރުވީމަ އެކަންތައްތަކަށް ހޭލުންތެރިކުރުވުން ފަދަ ބައިތައް ހިންގަންވީމަ ދޮންބެދައްތިމެން މާ ގިނައިން ސިޔާސީ ޕްރޮގްރާމްތައް ގެނެސްދޭ ވަކި ބަޔަކު ޕްރޮމޯޓްކުރުމުގައި އަވަދިނެތި. އެހާ ރަގަޅުކަމެއްނޫން. ދޮންބެދައްތިއަށް ހިދާޔަތް ދެއްވުމަށް އެދި ކޮންމެ ނަމާދަކަށްފަހު މާތް ﷲއަށް ދުޢާކުރަން. ދޮންބެގެ އަތުގައި ތަފްސީރަށްދާންދެން ހުރެއެއްނު. ޕްލީޒް ކިޔާބަލަ. އޭރުން ދޮންބެ ޝަހީދުވީކަމަށް ގަބޫލުކުރެވޭނެ. އޭރުން ޖިހާދަކީ ކޯންޗެއްކަން އެނގޭނެ. މިދުނިޔެއަށް އައީ ކޮން ބޭނުމެއްގައި ކަމާއި މިތަނުގައި ޕާފެކްޓްކޮށް ނޫޅެވޭނެކަން ރިއަލައިޒްވާނެ. މާޔޫސްނުވެ ހިތާމަތަކަށް ކެތްކުރުމުގެ ބާރު ލިބޭނެ. ދޮންބެދައްތި. ޖަސްޓް ޓްރައި ޓު ބީ ކްލޯޒާ ޓު އޯލްމައިޓީ.........." ސަމާގެ ވާހަކަތަކުން ހަޔާތީއަށް އިނދެވުނީ އެސްފިޔަ ޖަހައިލަން ނޭގިފައެވެ.
"އަލް އުސްތާޒާ ސަމާ ޔާސިރުއޭ ދޯ ކިޔަންވީ؟ އަހަރެންގެ ކޮއްކޮ އިޝްކަންވެސް ބްރެއިން ވޮޝްވި ފަހުން ސަމާ ތިކިޔާ އެއްޗެހި ކިޔަނީ. ޖިހާދުގެ ނަމުގައި މައިންބަފައިން މުސްކުޅިވީ ދުވަހު އެއްލާލާފައި ދިޔުމަކީ ކޮންކަހަލަ ކަމެއް؟ އަހަރެމެން މިއަހަނީ ދިވެހި ޝޭޚުންގެ ގާތުން. އެމީހުން ބުނަނީ މައިންބަފައިން ބެލުން ޖިހާދަށްވުރެ މާ ރަގަޅޭ. ސަމާ އެގޭތަ؟ ސަމާގެ ސަބަބުން އަސްލު މިކާލް އަހަންނާއި ވަކިވީ. ވިސްނީމަ އެންމެފަހުން ކޮންކްލޫޝަންއަކީ މީ. އައި ބްލޭމް ޔޫ އެންޑް އާއިދު. މިމީހުން ސަލާމަތްކުރަން މިކާލް އެތަނަށް ދާން ޖެހުނީ...." ހަޔާތީގެ ހިތުގައި ވި އެއްޗެއް ބޭރުކޮށްލެވުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހިތަށް ލިބުނެވެ.
"ދޮންބެ ދައްތީ އެކަމަކު....."
"ސްޓޮޕް އިޓް ސަމާ. ބޭނުމެއްނޫ އިތުރަށް ލެކްޗާ އަޑުއަހަން..." ހަޔާތީ ކޮޅަށް ތެދުވެއްޖެއެވެ.
"އަހަރެމެންވެސް މިތިބީ ފުދޭވަރަކަށް ދީން ކިޔަވައިގެން. ގޫގުލްވެސް ކުރަން. ދީނީ ފޮތްތައްވެސް ބަލައިފިން. ޝޭޚުން ދައްކާ ވާހަކަތައް އިވިއްޖެ. ސަމާގެ އާދު މަރުވީމަ އަތަރުވަސް ދުވިކަން ޔަގީންކުރަން ސަމާ ގާތުގައި ހުރިންތަ؟ މީހުން ކިޔާ ތޯތޯ ވާހަކަތަކަށް ހެއްލި ބްރެއިން ވޮޝްވެފައި. ތާލިބާނުން އަފްގާނަށް ގެނައިފަދަ ހައްދުފަހަނަޅާފައިވާ ވެރިކަމެއް ދެކެން ސަމާ ބޭނުމީތަ؟ އެމީހުން އަރާ އަފްޣާނު އަންހެނުންނާއި ދޭތެރޭ ކަންތައްކުރިގޮތް އެނގޭތަ. ސަމާމެން ރާއްޖެއަށް ގެންނަން ބޭނުންވާ ވެރިކަމަކީ މިއީތަ؟"
"މިއީ ތާލިބާނުން އަންހެނުންނަށް ކުރި އަމުރުތައް. އަންހެނުން ޖެހޭނީ ހަތަރުދަމު ގޭ ހަތަރުފާރުން އެތެރޭގައި ތިބެން. ކަމަކާއި ނުލައި އަންހެނުން މަގުމަތީ އުޅުމަކީ ޕްރޮޕާކަމެއްނޫން. ބޭރަށް ދަންޏާ ޖެހޭނި މަހުރަމެއް ގޮވައިގެންދާން. އެކަނި އުޅެނިކޮށް ފެނިއްޖެއްތާ ޔޫ ވިލް ބީ ބީޓެން އެންޑް ސެންޑް ހޯމް. އެއްވެސް ހާލެއްގައި މޫނު ފެނިގެން ނުވާނެ. ބޭރަށް ދަންޏާ ހިޖާބުގައި. ނޫނީ ޔޫ ވިލް ބީ ސިވިއާލީ ބީޓެން. އެއްވެސް ކަހަލަ ކޮސްމެޓިކްސް އެއް ބޭނުންކޮށްގެން ނުވާނެ. ގަހަނާ ބޭނުންކުރުން މަނާ. ޔޫ ވިލް ނޮޓް ވެއަ ޗާމިން ކްލޯތްސް. ޔޫ ވިލް ނޮޓް ސްޕީކް އަންޓިލް ސްޕޯކެން ޓު. އެއްވެސް ފިރިހެނަކާއި ހަތަރުކަޅި ހަމަކޮށްގެން ނުވާނެ. ޕަބްލިކްގައި ހީ ހަދައިގެން ނުވާނެ. އިފް ޔޫ ޑޫ ޔޫ ވިލް ބީ ބީޓެން. އެއްގޮތަކަށްވެސް ނިޔަފަތިތައް ޕެއިންޓްކޮށްގެން ނުވާނެ. އިފް ޔޫ ޑޫ ޔޫ ވިލް ލޫޒް އެ ފިންގާ. އަންހެންކުދިން ސްކޫލަށް ދިޔުން މަނާ. ހުރިހާ އަންހެންކުދިންގެ ސްކޫލްތައް ވަގުތުން ބަންދުކުރެވޭނެ. އެއްވެސް އަންހެނަކު ވަޒީފާއަށްގޮސްގެން ނުވާނެ. އިފް ޔޫ އާ ފައުންޑް ގިލްޓީ އޮފް އެޑަލްޓްރީ ޔޫ ވިލް ބީ ސްޓޯންޑް ޓު ޑެތް...............މިއީ ތާލިބާނުން ވެރިކަމަށް އަރާ އެ ގައުމުގެ އަންހެނުންނަށް އެންގި އެންގުންތައް. މިއީ އައި އެސް މީހުން ރައްގާގައި ހިންގާ ގާނޫނުދޯ. އިސްލާމީ ޝަރީއަތުގައިވާ ކަންތަކަށް ދެކޮޅު ނަހަދަން. މީގައި އެކަމަކު އެބަހުރި ދޯ ހައްދު ފަހަނަޅާ ގޮސް............." ހަޔާތީ ހިތްހަމަނުޖެހިފައި ހުރެ ހުރިހާ އެއްޗެއް ކިޔާލުމުން ސަމާގެ މޫނުގެ ކުލަ ފަނޑުވެ އިސްޖަހައިލެވިއްޖެއެވެ.
ސަމާއަށް އެއްޗެއް ވިސްނާދެވުނުކަމަށް ހަޔާތީ ހީކުރިއެވެ.
"ސަމާ ތިހިރީ މޮޔަވެފައި. ގުރައިދޫއަށް ގެންދާ ވަރުވެފައި. ބަޔަކު ބުނާހާ އެއްޗެއް ގަބޫލުކޮށްގެން ކިޔެވުން ދޫކޮށްލާފައި. ދީނުގައި އިލްމު އުގެނެން އޮވޭ. ސަމާ ވިހަން ވާއިރަށް ފިރިހެން ޑޮކްޓަރެއް ހުރެގެން ކަމަކުނުދާނެ. ވީއިރު އަންހެނުން ޑޮކްޓަރުކަން ކިޔަވަން ނުޖެހޭތަ؟ ބީ ސެންސިބަލް. އަންހެނުންވީމަ ނުކިޔަވާ ކޮންމެހެން ގޭ ބަދިގޭގައި އުޅޭ ޒަމާނެއް ނޫން މީ. ސަމާއަށް ތިހެން އުޅެވުނަސް.............." ހަޔާތީ ސަމާ ދެރަކޮށް ހިތުގައި ޖައްސާލަން އިތުރަށް ބުނެލިއެވެ.
މޭޒުމަތި ތައްޔާރުކޮށްފައި ހަޔާތީ އިޝްކަންއަށް ގޮވިއެވެ. ފަނޑު އޮރެންޖް އައްޔަކުން އެހިސާބަށް އަލިވެފައިވާއިރު މޭޒުމަތީގައި ހުރި ކާއެއްޗެހިން އަރާ މީރުވަހުން ކުޅުދިޔާހާވެއެވެ. މަސްބަތާއި ރިހާކުރު އަދި ފޮނި އެއްޗަކާއި ގްރިލްޑް ޗިކަންއެވެ. މިއަދު އެގެއަށް ކާ އެއްޗެހި ފޮނުވީ މިޝާއެވެ. ދެމީހުންނަށް ވެގެން އިތުރުވާވަރަށްވެސް ހުއްޓެވެ. ކާން އިށީދެފައި ހަޔާތީ ފެށީ އަމްރާން ރިޝްވަތުދޭން އުޅުނު ވާހަކައެވެ.
"އެއަށް ކިޔާނީ ބްރައިބް. މިލިއަނުން ފައިސާދޭން ބުނީ. އެހެން ޗެނެލްއެއްނަމަ ވަގުތުން އެއްބަސްވާނެ ދޯ....."
"އަދި މިއައީ ސަމާއާއި އަރައިރުންވެފަ. ދެން އަނގައިން ބުނާނެކަމެއްވެސް ނޭގޭ.."
"ސަމާ؟ " އިޝްކަން އެއްލޯ ކުޑަކޮށްލަމުން ވިސްނާކަހަލަ ގޮތަކަށް ބުނެލިއެވެ.
"މިކާލްގެ ލިޓްލް ސިސް މޫނު ބުރުގާ އަޅާފައި ހުންނަނީ. އާއިދުގެ ވައިފް. ޝީޒް ޕްރެގްނެންޓް. ބޭބީވެސް ޔަތީމުވީ......." ހަޔާތީ ބުނެދިނެވެ.
"އޯހް....." އިޝްކަން އިތުރު އެއްޗެކޭ ބުނުމެއްނެތި ކާންފެށިއެވެ. ހަޔާތީ ކޮންމެވެސް ވަރަކަށް އޭނައާއި ސަމާއާއި ދޭތެރޭ ދެކެވުނު ވާހަކަތައް ކިޔައިދިނެވެ. އިޝްކަންމެންފަދަ ޒުވާނުން ތާލިބާނުނުންގެ ނަޒަރުން ދެކެގެން ނުވާނެކަމަށާއި އަންހެންކުދިންގެ ތައުލީމަށް ހުރަސް އަޅަން ޚިޔާލުނުކުރަން ބުނެލިއިރު އިޝްކަން އަޑުއަހަން އިނީއެވެ. ގިނަފަހަރު އިންނަނީ ވިސްނުމަކަށް ގެއްލިފައެވެ. އިޝްކަން ވިސްނަނީ ކޮންކަމަކާއި ބާވައޭ ހަޔާތީގެ ހިތަށް އެރިއެވެ. މިކާލްފަދައިން އިޝްކަންގެ ފަރާތުންވެސް ސިއްރުވެރިކަމެއް ފެންނާން ފެށުމުން ހިތް ނުތަނަވަސްވެ އިޝްކަންއާއި ސުވާލުކުރެވުނެވެ. އިޝްކަން ބުނީ ޖިހާދުކުރަންދާ ވަރަށް އީމާންތެރިކަން ވަރުގަދަ ނުވާކަމުގައެވެ. މަރުދެކެ ބިރުގަންނަކަމުގައެވެ. ޖިހާދަށްދާން ކެރޭނީ ހިތްވަރުގަދަކަމުގެ އިންތިހާ ވެގެންކަމަށާއި މާތްﷲއަށްޓަކާ ފުރާނަދުއްވާލުން އުފަލެއްކަމުގައި ދެކޭ މީހުންނަށް ކަމަށެވެ. މަރުދެކެ ބިރުގަންނަ މީހުންނަށް ޖިހާދަށް ނުދެވޭނެކަމުގައެވެ. އިޝްކަންގެ ވާހަކަތަކާއި ހަޔާތީ ދެކޮޅުހެދިއެވެ. ޖިހާދެއް އޮތްކަން އެނގޭނަމަ އިލްމުވެރިންވެސް ޖިހާދަށް ދާނެކަމަށާއި ސީރިޔާގައި އޮތީ އަހުލީ ހަގުރާމައެއް ކަން ދައްކަން އެތައް ނުކުތާއެއް ނެގިއެވެ.
ހަޔާތީ ހިތްހަމަނުޖެހިގެން ދިޔުމުން ކޮންމެގޮތެއް ހަދާފައިވެސް ހަޔާތީގެ ފަރާތުން މާފަށް އެދެން ސަމާ ބޭނުންވިއެވެ. ސަމާ އަމިއްލައަށް ޗީޒުކޭކެއް އެޅީ ހަޔާތިއަށް ޗީޒްކޭކު މީރުވެގެން އުޅޭތީއެވެ. ތައްޔާރުވެލައިގެން އެގެއަށްދާންވެގެން ކަޅުހެދުން ލައި މޫނު ބުރުގާ އެޅިއެވެ. ހަޔާތީގެ ކޮއްކޮ އިޝްކަން ގެއިން ނުކުމެގެންގޮސް ސައިކަލަށް އެރިތަން ބެލްކަނީން ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދިހަވަރަކަށް މިނިޓްތެރޭ ތައްޔާރުވެލައިގެންގޮސް އެޕާޓްމެންޓްގެ ދޮރުގައި ބެލްއެޅުމާއިއެކުހެން ދޮރު ހުޅުވާލާފައި އިޝްކަން ނުކުތްތަން ފެނިފައި ސަމާކަންބޮޑުވިއެވެ. ވީއިރު ދެންމެ މި އިމާރާތުން ނުކުމެގެން ދިޔަ ޒުވާނާއަކީ އިޝްކަން ނޫންދެން ކާކުހެއްޔެވެ؟ އިޝްކަންގެ ސިފައިގާ ހުރި ޖިންނިއެއްހެއްޔެވެ؟ އޭނަ ނެތްކަމަށް ހީކޮށްފައި އައުމުން ކުރިމައްޗަށް އެރުނީއެވެ. ސަމާ ހިތްހަމަނުޖެހެނީ އިޝްކަންގެ ތޫނު ނަޒަރު އޭނަގެ ދެލޮލަށް ހުއްޓޭކަން އެނގިފައެވެ. ދުރަށް ބަލަން ހުއްޓަސް އިޝްކަންގެ ނަޒަރު އޭނަގެ މޫނުން ކައްސާނުލާކަން އިހުސާސްވިއެވެ.
"ދޮންބެދައްތީ އެބައުޅޭތަ؟ "ސަމާ އަހައިލިއެވެ.
އިޝްކަން ދޮރު ހުޅުވާލަދިނުމުން އެތެރެއަށް ވަނުމުން އިޝްކަން ބުނީ ހަޔާތީ ކޮޓަރީގައި ކަމަށެވެ. ދޮރުގައި ޓަކިދިނުމުންވެސް ހަޔާތީގެ ޚަބަރެއްނުވިއެވެ. އިރުކޮޅަކު އިންތިޒާރުގައި އިނދެލާފައި ދާންވެގެން ސަމާ ތެދުވިތަނާ އިޝްކަން އޭނަގެ ފަހަތުގައި ހުރެފައި އަތުގައި ހިފާލަން އުޅުނުހެން ހީވިއެވެ. އަތުގެ ބަދަލުގައި ހިފުނީ އޭނަ ލައިގެން ހުރި ކަޅުހެދުމުގެ އަތުކުރީގައެވެ. އިޝްކަން ހާދަ ލަދުކުޑައޭ ހިތަށް އެރިއެވެ.
(ނުނިމޭ...)