ކްރިމިނަލް ކޯޓުގައި ތިބި ގާޒީންނާ އެކު އިންސާފުގެ އުންމީދެއް ނެތް: ސުއޫދު

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހުސްނުއްސުއޫދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް، މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ގޭންގުތަކުގެ ނުފޫޒު ކޯޓުތަކަށް ފޯރާފައިވާ ކަމަށެވެ. އޭނާ ވަނީ އެކަމާ ގުޅޭ ގޮތުން ކޮމިޝަނަށް ލިބިފައިވާ ބައެއް މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.

ސުއޫދު ވިދާޅުވީ، ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާހިމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވުނު ކަމަށެވެ.

"ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުގެ މައްޗަށް ފޯރާފައި އެބަ ހުރި. ހެކިން ހާޒިރު ކޮށްފައި ތިއްބާ ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަ ހުރި. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަ ހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައި އެބަ ހުރި،"

އޭނާ ވިދާޅުވީ، "ގޭންގު"ތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކި ވަކި "ގޭންގު"ތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ބައެއް މަރުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލަތަކުގައި ޝާމިލުވާ "ގޭންގު"ތަކުން ސުލްހައިގެ އެއްބަސްވުންތައް ހަދައި، ހެކިތަކަށް ބަދަލު ގެންނަ ކަމަށެވެ.

"ހަގީގަތުގައި ޝަރުއީ މަރުހަލާ އެބިއުޒް އެ ކުރެވެނީ. އޮބްސްޓްރަކްޝަން އޮފް ޖަސްޓިސް އެއްގޮތަކުން ބަލަންޏާ އެއީ،"

މިއަދު ސުއޫދު ވަނީ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން 24 މައްސަލައެއް ބަލަން ނިންމާފައިވާކަން ވަނީ ހާމަ ކުރައްވައިފަ އެވެ. އޭގެ ތެރެއިން ދެ މައްސަލައެއްގެ މައުލުމާތު ހާމަކޮށްފައި ނުވަަނީ އެ މައްސަލަތަކުގައި "ގޭންގު"ތައް ހިމެނޭތީ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޯޓުގައި ދިގުލައިގެންދާ ބައެއް މަރުގެ މައްސަލަތައް ވެސް ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.

ސުއޫދު ވަނީ ކްރިމިނަލް ކޯޓުގައި މަރުގެ މައްސަލަތައް ދިގުލައިގެންދާކަން ވެސް ފާހަގަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ފުރަތަމަ މަރުހަލާގައި މައްސަލަތައް ނުނިމި ގިނަ ދުވަސް ހޭދަ ވުމުން އަދުލު އިންސާފު ގާއިމު ނުވުމުގެ އިހުސާސު ކުރެވޭ ކަމަށެވެ.

comment ކޮމެންޓް