އިތުބާރާއެކު ދިވެހިންނަށް އެތައް ލުޔެއް ގެނެސްދިން ޔަންމާ އިންޖީނު

ޔަންމާ އިންޖީނުތަކެއް -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން ވިއްކަމުން އަންނަ މަޝްހޫރު ޔަންމާ އިންޖީނު ނުދަންނަ ދިވެއްސަކު ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؛ ޔަންމާ އިންޖީނަކީ ދުނިޔޭގެ އެތައް ކަންކޮޅެކޭ އެއްގޮތަށް ދިވެހިންގެ އިތުބާރާއި ޔަގީންކަންވެސް ހޯދާފައިވާ ކާމިޔާބު ބްރޭންޑެކެވެ.

ދިވެހިން އަންބާ ކިޔާ ފަލި ޖަހާފައި، ފަން ރިޔަލުގައި މަސްވެރިކަމަށް ނިކުތް ޒަމާން މާޒީވެއްޖެއެވެ. ދެން އަދީ ފަން ރިޔާ ދޫކޮށް ފޮތި ރިޔަލަށް ދިވެހިން ކުރި އެރި ދުވަސްކޮޅެވެ. އެކަމަކު މައްސަލައަކީ ގަދަ ކަނޑުގައި ރިޔާ ނަގައިގެން، ފަލި ޖަހާފައި ދަތުރުކުރުމަކީ ދަތި ކަމަކަށް ވުމެވެ. ނުވަތަ ވައި ހިނދި، ކަނޑުމަތި އަމާން ވެއްޖެނަމަ ރިޔަލުގައި ވައި ނޭޅިގެން ދަތުރު ދިގުލައި ދަނީއެވެ.

އެ ދަތި ތަޖުރިބާތައް ދިވެހިންނަށް، މާޒީއަށް ބަދަލުކޮށްލަ ދިނީ މީގެ 46 އަހަރު ކުރިން ރާއްޖެއަށް ތައާރަފުވެގެން ދިޔަ ޔަންމާ އިންޖީނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޔަންމާ އިންޖީނާއެކު ދިވެހި މަސްވެރިކަމުގެ އިތުރުން ކަނޑު ދަތުރުފަތުރަށް ބޮޑު އިންގިލާބީ ބަދަލެއް އައީއެވެ.

ދޯނިތަކުގެ ސައިޒު ބޮޑުވެ، މަސް ބާނަން އެތައް މޭލެއް ބޭރަށް ދަތުރު ކުރެވެން ފެށިގެން ދިޔައީއެވެ. މުޅި ދުވަހު ކަނޑުމަތީ އުޅެ ޓަނެއްގެ މަސް ބޭނުން ދޯނިތައް، އޭގެ އެތައް ގުނައެއް އިތުރަށް ބާނައިގެން ރަށަށް އަންނަލެއް އަވަސްކަމުން ބައެއް މީހުން އަޖައިބުވެފައި ތިއްބެވެ.

ދޯނިތައް ބޮޑުވެ، ދުވަލި ހަލުވިވުމާއެކު މޫސުން ގޯސްނަމަ ވެސް މަހަށް ނިކުމެވެން ފެށިއެވެ. އަދި މަސް ބޭނޭ މިންވަރު އިތުރުވެ، މަސްވެރިންގެ އާމްދަނީވެސް އެތައް ގުނައެއް ރަނގަޅުވެގެން ދިޔައެވެ.

ޔަންމާ އިންޖީނުތަކެއް -- ފޮޓޯ/ އެމްޓީސީސީ

މަސްވެރިކަމުގެ އިތުރުން، ކައިރި ރަށްރަށުގައި އުޅޭ އައިލާގެ މެމްބަރުންނާ ބައްދަލުކޮށްލަން ގިނަގިނައިން ދެވެން ފެށި އެވެ. ދަތުރުތައް ގިނަވެ، ދޭދޭ ރަށްރަށުގެ ގުޅުންތައްވެސް ބަދަހި ކޮށްދިނީ ޔަންމާ އިންޖީނޭ ބުނެވިދާނެއެވެ.

އޭގެ އިތުރުން، ޔަންމާ އިންޖީނާއެކު ރަށްރަށުން އުވައާއި ދަރު އަދި އެހެނިހެން ސާމާނު ހިފައިގެން މާލެއަށް ކުރާ ދަތުރުތައްވެސް އެތައް ގުނައެއް ފަސޭހަވިއެވެ. އަދި އެއާއެކު ވިޔަފާރި ފުޅާވެ، އެތައް ބައެއްގެ އަތްމަތި ތަނަވަސްވެ، އާއިލާތަކަށް އުޖާލާކަން ލިބިގެން ދިޔައީއެވެ.

ރާއްޖޭގެ އިންޖީނު މާކެޓުގެ 85 ޕަސެންޓް މިއަދުވެސް ޔަންމާ ހިއްސާ ކުރަނީ މި ދެންނެވި ފަދަ ގިނަ ސަބަބުތަކުންކަން ޔަގީނެވެ. އޭގެ އިތުރުން ޔަންމާ އިންޖީނު ރާއްޖޭގައި ވިއްކާ އެމްޓީސީސީން އެކަމަށް ބަހައްޓާ ފަރުވާތެރިކަމަކީވެސް އޭގެ އެއް ސަބަބެވެ.

އެމްޓީސީސީން އަބަދުވެސް ބޭނުންވަނީ ޔަންމާ އިންޖީނު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ. އެގޮތުން އިންޖީނުތައް ބަލަހައްޓާނެ ގޮތުގެ ތަމްރީނުތައް ވެސް އެތައް ދިވެހިންނަށް އެ ކުންފުނިން ވާނީ ދީފައެވެ.

ޔަންމާ އިންޖީނެއް ގަންނަން ދިއުމުން އެމްޓީސީސީން އިންޖީނު ވިއްކުމުގެ ކުރިން އެ ދޯންޏަކަށް އެންމެ އެކަށީގެންވާ އިންޖީނު ބަލައި، ދޫކުރާނީ އެ އިންޖީނެކެވެ. އަދި އިންޖީނު ބޭނުންކުރާއިރު ދިމާވާ މައްސަލަތައް ހައްލުކުރަން ބޭނުންވާ ހުރިހާ ސްޕެއާ ޕާޓްސްއެއް ވެސް އެމްޓީސީސީން ވިއްކައެވެ.

ޒަމާނަށް އަންނަ ބަދަލުތަކާއި އެކު އިންޖީނުތަކަށް އަންނަ ކުރިއެރުންތަކަށް ދިވެހިން ހޭލުންތެރި ކޮށްދީ، ތައްޔާރު ކޮށްދިނުމަކީވެސް އެމްޓީސީސީން އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން އޮޑި ބަންނަން ފަށާއިރު އެމްޓީސީސީއާއި ޔަންމާ އިންޖިނިއަރުން އެ އޮޑިއަކަށް އެންމެ އެކަށީގެންވާ އިންޖީނަކީ ކޮބައިކަން އޮޑިވެރިޔާއަށް އަންގާ އެ މައުލޫމާތުތައް ފޯރުކޮށްދެއެވެ. އަދި އޮޑީގައި އިންޖީނު އެޅުމަށްފަހު ވެސް އިންޖީނު މޮނީޓާކޮށް، އިންޖީނުގެ ފުރިހަމަ ބޭނުން ހިފާތޯވެސް އެމްޓީސީސީން ބަލައެވެ.

ގިނަ ވައްތަރުތަކުގެ އިންޖީނު މާކެޓުގައި އުޅޭއިރު ވެސް ދިވެހިން ޔަންމާ އިންޖީނަށް އިސްކަން ދެނީ އެ ސަބަބުތަކާ ހެދި އެވެ. މި އަހަރުގެ މޯލްޑިވްސް ބޯޓިންގް އެވޯޑްސްގައި މޯސް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔާގެ އެވޯޑު ޔަންމާ އިންޖީނަށް ލިބިގެން ދިއުމަކީ މިކަމުގެ ހެއްކެކެވެ.

ކުރިން ކަނޑުދަތުރުފަތުރަކީ ބޮޑު ބުރައެއް ނަމަވެސް އެކަން، ޔަންމާ އިންޖީނާއެކު ދިވެހިންނަށް މި ވަނީ އެތައް ގުނައެއް ލުއިވެފައެވެ.

comment ކޮމެންޓް