އަމީނިއްޔާގެ ބާ އިމާރާތް ތަޅާލުން އަންނަ ބޮޑުބަންދަށް، ބެލެނިވެރީން ކަންބޮޑުވެފައި!

އަމީނިއްޔާ ސްކޫލް-- ސަން ފޮޓޯ: އަހްމަދު އަވްޝަން

އަމީނިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން ވަނީ ޖާގަ ބޮޑު އާ އިމާރާތެއް އަޅައިދީފައެވެ. މިހާރު ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ސްކޫލުގައި އެންމެ ކުރިން ބޭނުންކުރި ބާ އިމާރާތް އެތަނުގައި ހުއްޓާ، އެޅި އާ އިމާރާތާއެކު ސްކޫލުގެ ގޯތި ތެރޭގައި ކުދިންނަށް ހެލިފެލިވެ އުޅުމަށް އޮންނަ ޖާގަ މިހާރު އޮތީ ކުޑަވެފައެވެ. ބެލެނިވެރިންނާއި ދަރިވަރުން އަދި ސްކޫލުގެ އިސްވެރިންގެ އެންމެ ބޮޑު އުއްމީދަކީވެސް މިހާރު ސްކޫލުގެ ގޯތިތެރޭގައި ހުރި ބާ އިމާރާތްތައް ތަޅާލައި، ކުދީންނަށް ހެލިފެލިވެ އުޅެވޭނެ ފަދަ ގޮތަކަށް މިހާރު ލިބެން އޮތް ޖާގައިގެ ފުރިހަމަ ބޭނުން ކުރެވޭނޭ ގޮތް ވުމެވެ.

އަމީނިއްޔާ ސްކޫލްގެ މަލްޓިޕާރޕޯސް ޕްލޭގްރައުންޑް-- ފޭސްބުކް ފޮޓޯ: އަމީނިއްޔާ

އާ އިމާރާތް އެޅުމަށްފަހު، ކުރީ ސަރުކާރުން ނިންމާފައި އޮތީ މި އަހަރުގެ ސްކޫލު ބޮޑު ޗުއްޓީގައި އަމީނިއްޔާގެ ބާ އިމާރާތް ތަޅާލައި، ގްރައުންޑްގެ ޖާގަ ބޮޑު ކުރުމަށެވެ. އެހެން ކަމުން ދަރިވަރުންނާއި، ބެލެނިވެރީންނާއި އަދި ސްކޫލްގެ މެނޭޖްމަންޓަށްވެސް އޮތީ ވަރަސް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ނަމަވެސް ސަރުކާރު ބަދަލުވި ދުވަސްވަރާއި ސްކޫލްގެ ތަކުގެ ބޮޑު ބަންދާ ދިމާވެ، އަމީނިއްޔާގެ ބާއިމާރާތް ތަޅާލުމުގެ މަސައްކަތް ވެސް އޮތީ މަޑުޖެހިފައެވެ.

"އަމީނިއްޔާގެ ބާ އިމާރާތަކީ ވަރަށް ބާވެ ދުވަސްވެފައި ހުރި ތަނެއް. ކުދިން ހެލިފެލިވެ އުޅޭއިރު، ހިޔެއް ނުވޭ، އެހާ ބާ އިމާރާތެއް އެގޮތަށް ހުރުމަކީ އެހާ ރައްކާތެރި ގޮތެއް ހެންނެއް،" އަމީނިއްޔާގެ ބެލެނިވެރިޔަކު ބުންޏެވެ.

"އަނެއްކާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ސްކޫލު. 2000 އަށް ވުރެ ގިނަ ކުދިން އެބައުޅޭ. ކުދިންނަށް ޕްލޭ ގްރައުންޑެއްގެ ގޮތުގައި ބޭނުން ކުރަން އެކަށީގެންވާ ތަނެއް ނެތް."

އަމީނިއްޔާ ސްކޫލްގެ މަލްޓިޕާރޕޯސް ޕްލޭގްރައުންޑް-- ފޭސްބުކް ފޮޓޯ: އަމީނިއްޔާ

އަމީނިއްޔާގެ އާ އިމާރާތް ހުޅުވުމާއެކު އެ ސްކޫލްގެ ދަރިވަރުންނަށް އެ ބިޔަ ރީތި އިމާރާތުގެ އެންމެ ފުރިހަމަ މަންފާ ލިބޭނޭ ގޮތް ހެދުމަށް ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރީން ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން، އަމީނިއްޔާ ސްކޫލްގެ ކުރީގެ އޮފީސް އިމާރާތް ހުރި ތަން ތަޅާލައި، އެތަނުގައި ވަރަށް ފުރިހަމަ، މަލްޓިޕާޕޯސް ޕްލޭގްރައުންޑެއް ހެދިއެވެ. ނަމަވެސް އެ ސަރަހައްދަކީ ގިނަ ކުދިންތަކެއް އެއްފަހަރާ ހެލިފެލިވެ އުޅުމަށް ޖާގައިގެ ގޮތުން ތަނަވަސް ތަނެއް ނޫންކަން ބެލެނިވެރިން ފާހަގަކުރެއެވެ.

އަމީނިއްޔާ ސްކޫލަށް ލިބިފައިވާ ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވިއްޖެ ނަމަ، އެ ސްކޫލަކީ ވަރަށް ފުރިހަމަ، ހިތްގައިމު ތަނަކަށް ހެދޭނެއެވެ. ނަމަވެސް މިހާރު އޮތް ގޮތުން، ސްކޫލުގެ އިސްވެރިންނާއި ބެލެނިވެރިން ދަނީ، އަމީނިއްޔާގެ ހޯލުގެ ޖާގައިގެ ދަތިކަން ވެސް ފާހަގަކޮށް، ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަމީނިއްޔާ ސްކޫލްގެ ބާ އިމާރާތް-- ސަން ފޮޓޯ: އަހްމަދު އަވްޝަން

"ސެޝަނެއްގެ ކުދިން އެއްކޮށްވެސް އެތަނަކަށް ނުވެއްދޭ. އަމީނިއްޔާ އަށް އެބަ ބޭނުންވޭ ޖާގަ ތަނަވަސް ހޯލެއްވެސް،" ސްކޫލްގެ ކަންތައްތަކުގައި ވަރަށް ބޮޑަށް އެހީތެރިވާ، އަދި މެނޭޖްމަންޓާވެސް ވަރަށް ގާތުން މަސައްކަތްކުރާ ބެލެނިވެރިއަކު ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ.

ދެން ގިނަ ބައެއްގެ ހިތަށް އަރާނީ ސްކޫލްގެ ކުރީގެ އިމާރާތް މިހާރު އެއްވެސް ކަމަކަށް ބޭނުންކުރޭތޯ މިސުވާލެވެ. ކުރީގެ ކްލާސްރޫމުތައް މިހަރު ހުރީ ގުދަނެއްގެ ގޮތުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ގެނައި ބޮޑެތި މެޝަނަރީސްތައް، އަހަރު ފެށުނީއްސުރެ "ވަގުތީ ގޮތުން" ބަހައްޓާފައި ހުރީ އެ ތަނުގައެވެ. ބާ އިމާރާތެއްގައި ބަރު އިކުއިޕްމެންޓުތަކެއް އެގޮތަށް ހުރުމަކީ އެންމެ ރައްކާތެރި ގޮތްތޯވެސް "ބެލެނިވެރިން" ދަނީ ސުވާލު އުފައްދަމުންނެވެ. މުޅިންވެސް މިފަދަ ކަންބޮޑުވުންތަކެވެ.

މީގެ އިތުރުން، އެނގިފައިވާ ގޮތުގައި އަމީނިއްޔާގެ ބާއިމާރާތުގެ ބައެއް ކްލާސްރޫމްތައް، ތައުލީމީ ވުޒާރާގެ ގުދަނެއްގެ ގޮތުގައިވެސް ބޭނުންކުރެއެވެ. އަދި ހަމަ އެހެންމެ އެންއައިއީ އިން ބްލޮކް މޯޑަށް ނަގައިދޭ ބައެއް ކްލާސްތައް ނެގުމަށްވެސް މި އިމާރާތް ބޭނުންކުރާކަން ވަނީ ސަންއަށް އެނގިފައެވެ.

"ރަސްމީ ދުވަސްދުވަހު ދަރިވަރުން ކިޔަވާ ގަޑީގައި، އެމީހުންއައިސް ފާޚާނާތަކާ ތަންތަންވެސް އެބަ ބޭނުންކުރޭ. މިއީ ދެން ކުދީންނަށް ވަރަށް އުނދަގޫ ވާނޭކަމެއް، އެހެން ނޫންތޯ؟" ސަންއާ ވާހަކަދެއްކި އަމީނިއްޔާ ސްކޫލްގެ ބެލެނިވެރިއަކު ކިޔައިދިނެވެ.

އަމީނިއްޔާ ސްކޫލްގެ ބާ އިމާރާތްމިހާރު ބޭނުންކުރަމުން ދަނީ ގުދަނެއްގެ ގޮތުގައި-- ސަން ފޮޓޯ: އަހްމަދު އަވްޝަން

ދެންވެސް އޮތީ ސްކޫލްގެ ބެލެނިވެރީންނާއި މެނޭޖްމަންޓްގެ ޝަކުވާއެކެވެ. އަމީނިއްޔާގެ މައި ދޮރޯށި ކުރިމައްޗަށް ވާގޮތަށް ކުރީން ބަހައްޓާފައި ހުރި ޒަމާންވީ ބިޔަ "ލޯގޯ" މޮނިއުމެންޓެއް ނުވަތަ ހަނދާނީ ބިނާއެއްގެ ގޮތުގައި ބަހައްޓާނެ ކަމަށް ކުރީގެ ސަރުކާރުން ވަނީބުނެފައެވެ. އެއީ އަމީނިއްޔާ ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރީންގެ އިތުރުން، އެ ސްކޫލްގެ އިސްދަރިވަރުންގެވެސް ވަރަށް ބޮޑު އެދުމެކެވެ. އަދި ގިނަ ބައެއްގެ ހަނދާންތަކާ ގުޅިފައިވާ ބިނާއެކެވެ. ނަމަވެސް އެ ލޯގޯވެސް މިހާރު ހުރީ "އެއްފަރާތްކުރެވިފަ"އެވެ. ނުވަތަ "އެއްފަރާތެއްގައި" ބަހައްޓައިފައެވެ.

އަމީނިއްޔާ ސްކޫލްގެ ލޯގޯ ގެހެއްޓުމަށް ކަނޑައަޅާފައިވާ ސަރަހައްދު-- ސަން ފޮޓޯ: އަހްމަދު އަވްޝަން

މި ކަމާ ގުޅޭގޮތުން ތައުލީމީ ވުޒާރާގެ ބަހެއް ހޯދައިލުމުން، އެ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވީ، އަމީނިއްޔާ ސްކޫލުގެ ބާ އިމާރާތް ތަޅައިލުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް މިއީ އަދި އެ ސްކޫލްގެ ބެލެނިވެރީންނާއި މެނޭޖްމަންޓުން ފާޅުކުރަމުންދާ ކަންބޮޑުވުމަށް އޮތް އަވަސް ހައްލެއް ނޫނެވެ.

"މިއަހަރު އެކަމަކު ނެތް ދުވަހެއް އެކަން ކުރާކަށް. ސްކޫލު ފެށެން މިއޮތީ ކުޑަ ދުވަސްކޮޅެއް. އަންނަ އަހަރުގެ ބޮޑު ބަންދާ ދިމާކޮށް އެކަން ކުރިއަށް ގެންދާނެ،" ތައުލީމީ ވުޒާރާގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލްގެ ކޮމްޕައުންޑްގައި ސްކައުޓުންތަކެއް ހަރަކާތްތެރިވަނީ-- ފޭސްބުކް ފޮޓޯ: އަމީނިއްޔާ

ތައުލީމީ ވުޒާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މޮނިއުމެންޓެއްގެ ގޮތުގައި ލޯގޯ ބެހެއްޓުމުގެ ކަންތައްވެސް އަންނަ އަހަރުގެ ބޮޑު ބަންދާ ދިމާކޮށް ކުރާނެ ކަމަށެވެ.

"ސްކޫލު ދުވަސްވަރު ކުދިން އުޅޭއިރު، ރޯގާ ޖެހުންފަދަ ކަންތައް ވެދާނެތީ ބަންދުގައި ކުރާ ގޮތަށް ހަމަޖެއްސީ."

މިވީ ގޮތުން، ރާއްޖޭގެ އެންމެ ދުވަސްވީ، އަދި އެންމެ އާބާދީ ބޮޑު ސްކޫލްގެ ބެލެނިވެރީންނާއި، މެނޭޖްމަންޓަށް އޮތީ އަހަރެއްހާ ދުވަހުގެ އިންތިޒާރެއް ކޮށްލުމެވެ. ނަމަވެސް، އެ ސްކޫލްގެ ބެލެނިވެރީން ބުނާގޮތުގައި، އަމީނިއްޔާ ސްކޫލްގެ އާއިމާރާތް ބިނާކޮށް، އެތަން ހުޅުވެންދެން ހަމަ ރައްކާތެރިކަމާއެކު މަސައްކަތް ކުރިއެވެ. އަދި ބާއިމާރާތުގެ އޮފީސްބައި ތަޅާލައި، އެތަނުގައި މަލްޓި ޕާޕޯސް ޕްލޭގްރައުންޑެއް އެޅީވެސް ހަމަ ދިރާސީ އަހަރެއް ކުރިއަށް ދަނިކޮށެވެ. އޭރުވެސް ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ބަލައިގެން މަސައްކަތް ކުރި ފަދައިން މިހާރުވެސް އެކަން ކުރެވޭން ޖެހޭނޭ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އަމީނިއްޔާ ސްކޫލްގެ ބާ އިމާރާތް، އަދި މަލްޓިޕާޕޯސް ޕްލޭގްރައުންޑް-- ސަން ފޮޓޯ: އަހްމަދު އަވްޝަން

ތައުލީމީ ނިޒާމު ހަރުދަނާކޮށް، ކުރިއެރުވުމަށް ދައުލަތުން ބޮޑެތި ހޭދަތަކެއް ކުރެއެވެ. އަދި މިހާރުވެސް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް އަދުގެ ސަރުކާރުންވެސް ވަނީ ތައުލީމީ ނިޒާމް މިހާރަށްވުރެ ފައްކާކުރުމަށް ބޮޑެތި ވައުދުތަކެއްވެ އެކަންކަން ފުއްދާންވެސް ފަށައިފައެވެ. އެހެންކަމުން އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރީންނާއި އަދި މެނޭޖްމަންޓުގެ ކަންބޮޑުވުންތަކަށްވެސް އަވަސް، އަދި އެދެވޭ ހައްލެއް ލިބިގެން ދާނޭކަމަށް އުންމީދުކުރަމާހެއްޔެވެ. ކުރިން މަސައްކަތް ކުރިގޮތަށް މިހާރުވެސް މަސައްކަތް ކުރާނެކަމަށެވެ.

comment ކޮމެންޓް