މުއާޒު ދެއްކެވީ ދޮގު ވާހަކަތަކެއް: ޕީޕީއެމް

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރުކަން ކުރި އިބްރާހިމް މުއާޒް އަލީ -- ސަން ފައިލް ފޮޓޯ// ފަޔާޒު މޫސާ

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރުކަން ކުރި އިބްރާހިމް މުއާޒް އަލީ ފިނިފެންމާ ލޯންޗުގެ ހާދިސާއާ ގުޅިގެން މިރޭ ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ފިނިފެންމާ ލޯންޗުގެ ހާދިސާއާ ގުޅޭ ބައެއް މައުލޫމާތުތައް ހިއްސާ ކުރެއްވުމަށް ކަމަށް ވިދާޅުވެ މިރޭ މުއާޒް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

މިރޭ މުއާޒް ދެއްކެވި ވާހަކަތަކާ ގުޅިގެން ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނުގައި ބުނީ، އޭނާ ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އޭގެ އިތުރުން، މުއާޒްގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ޕީޕީއެމް އިން ބުންޏެވެ.

މިރޭ މުއާޒް ވިދާޅުވީ އޭނާ ޕީޕީއެމްގެ ކައުންސިލު މެމްބަރު ކަމުންނާއި ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް، ޕާޓީން ވަކިވާން އޭނާ ސިޓީ ހުށަހެޅުއްވި ކަމެއް އެނގިފައެއް ނުވެ އެވެ.

މުއާޒް މިރޭ ވިދާޅުވީ، ފިނިފެންމާ ލޯންޗުގެ ހާދިސާގެ ދުވަހު ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތުގެ މަތިން ހުރިހާ ނޫސްވެރިން ޕްރެސް ކޮންފަރެންސަށް ގެންދިޔައީ، އެހެން ދުވަސްތަކާ ހިލާފަށް ފާލަން ސަރަހައްދަށް ކަމަށެވެ. އަދި އެ ހާދިސާ ހިނގި އިރު ރައީސް ޔާމީން އިށީނދެވަޑައިގެން އިންނެވީ އެހެން ދުވަސްތަކާ ހިލާފަށް އެހެން ގޮނޑިއެއްގައި ކަމަށާއި، އެ ހާދިސާ ހިނގުމަށް ފަހު ވެސް އެމަނިކުފާނުގެ މޫނުފުޅުން ހާސް ކަމެއް ނުފެން ކަމަށް އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ލޯންޗު ގޮވި އިރު އޭނާއަށް އަލިފާން ނުފެންނަ ކަމަށެވެ. ނަމަވެސް ފަހުން މީޑިއާއާ ހިއްސާ ކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާގެ އަތަށް ސީޑީއެއް ދިން ކަމަށާއި އެ ސީޑީން ލޯންޗު ގޮވި އިރު އަލިފާން ފެންނަ ކަމަށް މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފިނިފެންމާ ލޯންޗުގެ ހާދިސާއާ ގުޅިގެން އޭނާ ހިއްސާ ކުރެއްވި މައުލޫމާތުތަކަކީ އެއްވެސް ނުފޫޒެއްގެ ދަށުވެގެން އޭނާ ހިއްސާ ކުރެއްވި މައުލޫމާތެއް ނޫން ކަމަށެވެ.

comment ކޮމެންޓް