އެފްއޭކަޕް:
ސެމީ ގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ޓީމަކަށް ވިކްޓަރީ

އެފްއޭކަޕް ފުޓް ބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ޓީމަކަށް ވިކްޓަރީ ސްޕޯޓްސް ކުލަބް ވެއްޖެ އެވެ.

މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރެ އެވެ.

މުބާރަތުގެ ތަށި މިލްކުކުރަން ނުކުންނަ ވިކްޓަރީ ސެމީ ފައިނަލަށް ދަތުރު ކުރީ ރޭ ދެ ވަނަ ޑިވިޝަންގެ ރިވާސައިޑާއި ބައްދަލުކޮށް 7-1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑުޖަހާ ވިކްރީއަށް ނަގައިދިނީ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. މެޗްގެ 17 ވަނަ މިނެޓުގައި އޭނާ ވިކްޓަރީއަށް ލީޑް ނަގައިދިން އިރު، ވިކްޓަރީގެ ދެ ވަނަ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އޮއްޕޮ އެވެ. ވިކްޓަރީގެ ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާފިއު މުހައްމަދު ހަމީދެވެ. ރިވާސައިޑުން ސުން ކަނޑުވާލީ 41 ވަނަ މިނެޓުގައި އަހުމަދު ނިޒާމް ކާމިޔާބުކުރި ލަނޑުންނެވެ. އޮއްޕޮ ހެޓްރިކް ފުރިހަމަކުރީ 44ވަނަ މިނެޓުގަ އެވެ.

މެޗްގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު 4-1 ލަނޑުން ވިކްޓަރީ ކުރީގައި އޮތްއިރު، ފުރަތަމަ ހާފުގައި ވިކްޓަރީގެ ފޯވާޑް އޮއްޕޮއަށް ވަނީ ލަނޑުޖަހާނެ އެތައް ފުރުސަތު ތަކެއް ލިބި، ބޭކާރުވެފަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި އޮއްޕޮ ތިން ލަނޑުޖަހާ ހެޓް ރިކް ހެދިކަމުގައި ވިޔަސް، އޮއްޕޮއަށް ގިނަ ލަނޑުތަކެއް ރިވާސައިޑް ކޮޅަށް ވައްދާ ނުލެވުނީ އެޓީމްގެ ގޯލްކީޕަރު ޒިއާއުސަލާމް އާދަމްގެ ހުޝިއާރު ކަމުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ އަށް ވަނަ މިނެޓުގައި ވިކްޓަރީގެ ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ހުސެއިން ޝިމާޒް (ކޮކީ)އެވެ. ވިކްޓަރީގެ ހަ ވަނަ ލަނޑު 81 ވަނަ މިނެޓުގައި އިސްމާއިލް މަމްދޫހު ކާމިޔާބުކޮށްދިން އިރު، މިމެޗްގައި ވިކްޓަރީން ރިވާސައިޑް ކޮޅަށް ޖެހި ހަތް ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އޮއްޕޮ އެވެ.

މެޗަށް ފަހު ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ، މެޗަށް ނިކުތީވެސް މޮޅުވާން ކަމަށާއި އެކަމަކު މެޗްގައި އޮއްޕޮއަށް ގިނަ ލަނޑުތަކެއް ޖެހުމުން ހިތްހަމަޖެހޭ ކަމަށެވެ.

"މިމޮޅުވީ މޮޅުވާން ބޭނުންވި މެޗަކުން، މޮޅުވާން ބޭނުންވަނީ ދިހަ ވަރަކަށް ލަނޑު ޖަހައިގެން .އޮއްޕޮ އަށް ގިނަ ލަނޑުތަކެއް ޖެހުމުން ހިތްހަމަޖެހޭ " ސުޒޭން ބުންޏެވެ.

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މިމަހުގެ 25 ވަނަ ދުވަހު ބައްދަލުކުރާ ދެ ޓީމަކީ ވީބީ އާއި ނިއުރޭޑިއަންޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު