"ސަމާ........ދޮންބެ...ކޮބާ ދޮންބެ؟ " އެންމެފަހުން ހަޔާތީގެ ކެތްތެރިކަން ކޮޅުން ލައިގެން ދާންފެށުމުން ސުވާލުކޮށްލީ ސަމާގެ އަތް އޭނަގެ އަތުގެ ތެރެއަށް ލަމުންނެވެ. ސަމާއަށް އަދި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ކޮންމެވެސް މީހަކު ދޮރު ހުޅުވާލުމާއިއެކު ހަޔާތީއަށް ބަލައިލެވުނީ ހިތް އަވަސްވުމާއެކުގައެވެ. މިކާލްގެ ސޫރަ ދެކޭހިތުން ކެތްތެރިކަން ކޮޅުންލާފައި ވަނިކޮށް އެންމެފަހުން މިކާލް އައީއެވެ. އުފަލުން ކޮޅަށް ތެދުވެވުނުއިރު ދެލޮލުގެ ވިދުން އިންތިހާއަށް ގަދަވެއްޖެއެވެ. ދުއްވައިގަތްގޮތަށް މިކާލްގެ އަތުގެ ހިމާޔަތަށް ވަންނަން ބޭނުންވިއެވެ. ދޮރާއި އަރާ ހަމަވުމާއިއެކު ތުންފަތުގައިވި ހިނިތުންވުން އެއްކޮށް ފިލީ ދޮރުމަތިން ފެނުނު ކަޅު ޓީޝާޓުގައި ހުރީ އަދި އެހެން މީހެއްކަން އެނގުމުންނެވެ.

"އިޝްކަން އުޅެނީ މިބައިގަ ތޯ........"

ހަޔާތީގެ ކަރުގައި ގާގަނޑެއް ތާށިވެފައި އޮތްފަދައެވެ. އަނގައިން ބުނާނެ ހިތްވަރެއް ނުލިބި އިޝްކަން ހުރި ބައި ދައްކައިލެވުނީ އަތުގެ އިޝާރާތުންނެވެ. އެތެރެއަށް ވަދެ ދޮރު ލައްޕައިލެވުނެވެ. ސަމާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

"އަލްހަމްދުލިﷲ. ދޮންބެ ހެޔޮ ހާލުގައި އަދި ހުރީ. ހޮސްޕިޓަލުގައި އޮތްވާ ދޮންބެއާއި އެތަނުން ދިމާވި. ފަހުން އެއާޕޯޓުން ދިމާވެގެން ބުނި ކުޑަ މަސައްކަތެއް އޮތީމަ އަދި މާލެއަކަށް ނުދެވޭނެއޯ. ދޮންބެ އެކޮޅުގައި ޖިހާދަށް ޖޮއިންވެއްޖެއްޔާ މާ ރަގަޅު. ސަބަބަކީ އޭރުން ޝަހީދެއްގެ ދަރަޖަލިބޭނީ. އަބޫ ޔޫޝާ ރަހިމަހުﷲ ފަދައިން އެފަދަ މަތިވެރި ދަރަޖައެއް ދޮންބެއަށް ލިބެން ދޮންތަބެ ބޭނުމެއްނުވޭތަ.................." ސަމާގެ ޖަވާބުން ހަޔާތީގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ލޮލުން ދިލަނަގާފަދަ ގޮތެއްވިއެވެ. މިކާލް ސަމާ ސަލާމަތްކުރަން ވެގެންނޭ ކިޔާފައި ގޮސް އެކަންތައް ފުރިހަމަވުމުން އެކޮޅުގައި މަޑުކޮށްލަން ޖެހޭނެ އެއްވެސް ސަބަބެއް ނޭގެއެވެ. ހިތް ފަޅައިގެންދާ ވަރުވެއްޖެއެވެ. މިކާލް އާއިދުގެ ފަހަތުން ސީރިޔާއަށް އެތެރެވީ ބާވައެވެ. ދުވަހަކު ނުފެންނާނީހެއްޔެވެ. ސަމާއަށްވެސް މިކޮޅަށް އާދެވުނީ ތުރުކީގައި މަޑުކުރީމައެވެ. ސީރިޔާގައި އައިއެސް މީހުން އުޅޭ ސަރަހައްދަށް ދެވުނުނަމަ އެމީހުންނަށް ސަމާ ގެއްލުނީއެވެ. އެކުއްޖާ އުޅެން ޖެހޭނެ ހާލެއް ޚުދު ސަމާއަކަށްވެސް އިހުސާސެއް ނުވާނެއެވެ. ހަޔާތީ ކަރުނަތައް ހިފަހައްޓަން ތުންފަތުގައި ބާރަށް ދަތްއަޅާލިއެވެ. ނަމަވެސް ކަރުނަތިއްކެއް ކޯތާފަތަށް ފައިބައިގެން ހިގައްޖެއެވެ. އެންމެންގެ ކުރިމަތީގައި ފިނޑިކަން ނުދައްކަންވެގެން ކޮޓަރިއަށް ވަންގޮތަށް ހަޔާތީއަށް އަޑު ވީއްލާ ރޮވުނެވެ.

އިރުކޮޅެއްވާންދެން ބާލީސް މޫނުގައި ޖައްސާ ބާރުކޮށްލައިގެން ގިސްލުން މަތަކުރަން މަސައްކަތްކުރިއެވެ. އެތައް އިރެއްފަހުން ހަމަޖެހިގެން ތެދުވެވުނީވެސް ރުޅިވެރިކަން ހުރިހާ އިހުސާސްތަކަށް ކުރި ހޯދީމައެވެ.

"ސަމާއަށް ތިހާ ޔަގީންކަމާއިއެކު އާދުއަށް ލިބުނު މަތިވެރި ދަރަޖަ އެނގެނީ ކިހިނެއް؟ ޝަހީދެއްކަން އެނގެނީ ކިހިނެއް؟ މިމީހުންގެ މީހެއް މަރުވާއިރަށް ޝަހީދުންގެ ލަގަބުދޭއިރު އަހަރެމެން މިއުޅެނީ ނޭގިގެން. ސުވަރުގެ ވަންނާނެ މީހުންނާއި ނަރަކަވެރިން އަހަރެމެންނަށް އެނގެނީ ކިހިނެއް. ތަނެއްގައި އަހުލީ ހަގުރާމައެއް އޮތަސް ނުދާށޭ ޝޭޚުން މިކިޔަނީ. އައި އެސްއިން އިޒްރޭލާއި ހަގުރާމަނުކޮށް ޖަބްހަތުއްނުސްރާއާއި ފްރީ ސީރިއަން އާމީއާއި ހަގުރާމަ ކުރަންވީ ކީއްވެ. ވިސްނާލާ މީހަކަށް އެނގޭނެ. ސަމާ ބްރެއިން ވޮޝްވިޔަސް އެހެން މީހުންގެ ހިއްސުތައް ސަލާމަތުން އެބަހުރި. ހާދަ ފޫއްސެއްވެއްޖެއޭ ސަމާދެކެ. ހިސާބަށްވުރެ މޮޔައީ....."

ހަޔާތީ ޖެއްސުމަށް ހޭފަދަ ގޮތަކަށް ހީލިއެވެ. މޫނު ދޮވެލުމަށްފަހު މަޑު ތުވާލިކޮޅަކުން ފެން ހިއްކަމުން ބެލްކަންޏަށް ނުކުތްއިރު ތިރިން ދެ އަންހެންކުދިންތަކެއް އައިސްކޯން ބޮމުންދާ ތަންފެނުމާއެކު ހަޔާތީ ނޭގި ހުއްޓާ ލޯ ކަރުނުން ފުރިއްޖެއެވެ. އެއްފަރާތުގައި މިކާލް ހުރެފައި އައިސްކޯންޏެއް ދިއްކޮށްލިހެން ހީވެފައި ބަލައިވެސް ލެވުނެވެ. އެވެސް ވަހުމެކެވެ. ހިތް އެދޭވަރުންގޮސް ނެތް ކަންތައްތައްވެސް ސިކުނޑިއަށް ފެންނަނީއެވެ. މިކާލް ފުރިފަހުން އެގޮތަށް އައިސްކޯނެއް ގެނެސްދޭނެ މީހެއްވެސް ނެތެވެ. މަފިން ކުކީ މޮންސްޓާ މެޗްސްޓިކް ގާލް ފަދަ ހިތަށް އެރި ނަމަކުން ގޮވާ އުޅޭނެ މީހެއް ނެތެވެ. ފިނިވީމަ ބައްދާލާފައި ބަލިވުމުން ފައި ނޫނީ ބޮލުގައި މަސާޖްކޮށްލަދޭން އަތެއްނެތެވެ. އިރުއޮއްސުމަށްފަހުވެސް ފަޒާގައި އުދާސްކަމެއް ހުއްޓެވެ. ހިރަފުހުން ތަތްތެޅިފައިވާ މާހައުލުން އުދަގޫވާން ފެށުމުން ދޮރު ލައްޕާލައިފިއެވެ. އެހެން ކަމަކާ އުޅެންފެށިޔަސް މިކާލްގެ ހަދާންތަކާއި ދުރެއްނުވެވުނެވެ. އެހަދާންތަކުގައި ކަސްތޮޅު އެޅިގޮތަށް އެނދުން ތެދުނުވެވިފައި އެތައް އިރެއްވާންދެން އޮތެވެ.

އިޝްކަން ލިފްޓަށް އެރީ ފަހަރެއްގައިވެސް އެފަދަ ކަމަކަށް ތައްޔާރުވެގެނެއް ނޫނެވެ. ދޮންތަމެންގެ ގޭގައި އޮތް ކަފަލޮލީ ފެނިފައިވެސް އޭނަގެ ހިތް އެހާ ބިރުގަނެ މީހާ ފިނިވެގެންގޮސް ގަނޑުފެންކޮޅަކަށްވީ ހަދާނެއްނެތެވެ. ކުޑައިރު ޚިތާނު ކުރަން ތިއޭޓަރަށް ވައްދާން އުޅުނުއިރުވެސް މިހާ ބިރެއްނުގަނެއެވެ. ގުރުއާން ކިޔަވާން ގެންދާ ގޭގައި އިންނަ މާމަ ފެނުމުންވެސް މިކަހަލަ ގޮތެއްނުވެއެވެ. އިޝްކަންގެ ހިތް އޮތް މަގާމުން ކައްސާލައިގެން ތިރިއަށް ސޮއްސާލިހެން ހީވިއެވެ. ފިނިވެފައިވާ ދެއަތް ޖިންސްގެ ޖީބަށް ޖަހައިލިއިރު އިނގިލިތައް ތުރުތުރުލާކަން އެނގުނެވެ. އެކަނި ބިކިނީލައިގެން ގޮނޑޮދޮށުގައި ތިބޭ ޓޫރިސްޓުން ފެނިފާ އިޝްކަންގެ ހިއްސުތަކަށް އަސަރެއް ނުކުރެއެވެ. އެއާއިއެކު މުޅިން ކަޅުން ނިވާވެގެން ތިބޭ އަންހެންކުދިން އޭނަވަނީ ދެކެފައެވެ. ނަމަވެސް އެކުއްޖާގެ ދެލޮލަށް ބަލައިލުމުން އެވީގޮތެއް ވެފައެއްނެތެވެ. މީހުންނަށް އަންހެންކުދިން ރީތިވަނީ އަޅައިގަންނަނީ ހާމަޔަށް ރީތިކަން ދައްކައިގެން އުޅުނީމައެވެ. އޭނައަށް ވީ ގޮތަކީ މިއަންހެންކުއްޖާގެ ދެލޮލަށް ބަލާފައި އެވީ ބުނަން ނޭގުނު ފަދަ ގޮތެކެވެ. ކަޅު ދިގު އެސްފިޔަކުން ހިޔާ އެޅިފައިވާ ބޮޑު ދެލޮލަކީ ހަމަ ތޫނު ހަތިޔާރެއްފަދައެވެ. އެކުއްޖާ އިޝްކަން އެރުމާއިއެކު ބެލުން ތިރިކުރިނަމަވެސް އިޝްކަން ހުރީ ކަޅި ޖަހާނުލާ ބަލާށެވެ. އެކުއްޖާގެ ހަށިގަނޑުން މިހާރު ފެންނަން ހުރި ހަމައެކަނި ބަޔަކީ އެސްފިޔަތަކެވެ. ނަމަވެސް އެ އަސަރުގަދަ ދެލޮލުގެ އެންމެ ނަޒަރަކުން އިޝްކަންގެ ހިތާއި ކުޅެލައިފިއެވެ.

ފަސްވަނަ ފަންގިފިލާއާއި ހަމަޔަށްގޮސްފައި ވެސް އިޝްކަން ގެއްލިފައި ހުރިވަރުން ފައިބަން ނޭގިފައި ހުއްޓާ ހަވަނަ ފްލޯރުން އެ އަންހެންކުއްޖާ ފޭބިއެވެ.

ކޮޓަރިއަށް ގޮސް އެކަމާއި ވިސްނަން އޮތްވާ ހަޔާތީ ކާން ހިފައިގެން އައެވެ.

"ޝޭން ނާންނާތީ މިކާލް މަންމަ އެހި...."

"ޝީ ވިލް ބީ ހެޕީއެއްނު ނުދާތީ. މަ ފެންނައިރަށް އޮޓޯއިން މުފުތިހާ ދައްތަ މޫނު ހެދޭ. މަ މީ ރިމޯޓެއްފަދަ. ވަރަށް އޮބްވިއަސް ކޮށް ހިތްހަމަނުޖެހިފައި ހުންނަކަން އެނގޭ. އަދި އެވާހަކައެއް ނޫނޭ. ދޮންތީ ހަވަނަ ފްލޯގައި މޫނު އަޅާފައި ތިބޭ އަންހެނުންތަކެއް އުޅޭތަ؟ " އިޝްކަން ކުއްލިއަކަށް އަހާލައިފިއެވެ.

"ހަވަނަ ފްލޯއަކީ އާދުގެ ވައިފް ސަމާއަށް ލިބުނު ބައި. ސަމާވެސް ހުންނަނީ މޫނު އަޅާފައި. މިއަދު މަންމަމެންވެސް އެބަޔަށް ބަދަލުވެއްޖެ. ސޯ ޝޭންވެސް ދޮންތިއާއިއެކު މޫވްކުރަންވީ ނޫންހެއްޔޯ ބުނީ. މަންމަމެން އުޅުނު ރޫމް ހުންނާނެއްނު. މިބައި ކުއްޔަށޭ ދޭނީ. އެނީވޭސް އެކަނި ދޮންތައަކަށްވެސް ބޮޑު އެޕާޓްމެންޓެއްގައެއް ނޫޅެވޭނެ. ޝޭން ބަދަލުވީމަ ހުރިހާގޮތަކުންވެސް ފަސޭހަވާނެ. ކޮންމެ އިރަކު ނުޖެހޭނެއްނު ތަށިބަރި ހިފައިގެން އަންނާކަށެއްވެސް. އެކަމަކު މިބަޔަށް ދެން ބަދަލުވާނީ ކޮންބަޔެއް ބާވައޭ ހިތަށް އަރާ. މާލޭ މީހުން ހާދަ ނަސީބުގަދައޭ ދޯ. ރާއްޖެތެރޭ މީހުން އަތުން ބޮޑު ކުލި ނަގައިގެން އުފަލުން މިއުޅެނީ......." ހަޔާތީ ތަށިތައް އަތުރަން ހުރެފައި ކިޔައިލިއެވެ. މިރޭ ހަދާފައި ހުރީ ގިނައިން ޗީޒް އަޅާފައި ޕާސްތާއެވެ. މާގިނަ އެއްޗެހި ކައްކާހިތްނުވީއެވެ. އެހާ ހިތްވަރެއްވެސް މިދުވަސްކޮޅު ނެތެވެ. މިކާލްގެ ވަކިވުން ހަޔާތީގެ ދިރިއުޅުން ހުއްޓުމަކަށް ގެނުވައިފިއެވެ. ސަމާއާއިއެކު ރާއްޖެ ނައުމުން އުއްމީދުގެ ހުޅުކޮޅު ކަނިވާންފެށިކަން އިހުސާސްވިއެވެ. މިހާ ދުރުގައި ހުރެގެން އޭނަ ވަކި ކުރާނީ ކީއްހެއްޔެވެ؟ މިކާލްގެ ޚަބަރު އެނގޭނެ މީހެއް ހުރީއެއް ނޫނެވެ.

ހަޔާތީ އޭނަގެ ބައްޕައާއި ބައްދަލުކޮށްލީ މިފަހަރުވެސް މިކާލް ސަލާމަތްކޮށްދޭން އެހީއަކަށް އެދިއެވެ. ދެމީހުން އެކަނިވެލާއިރަށް ހަޔާތީ މިކާލް ސަމާ ސަލާމަތްކުރަން ގޮސްފައި މަޑުކޮށްލި ވާހަކަ ބުނެލީ ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރަމުންނެވެ.

"އައިމް ސޯ ވޮރީޑް ބައްޕާ. އެތަނަށްދާ މީހަކު ސަލާމަތުން އެނބުރި އަންނަކަމެއް އަޅުގަނޑަށް އެނގިފައެއްނެތް..."

"ހަޔާތީ ތިކަމާ ކަންބޮޑުނުވޭ. ބައްޕަ މިހާވަރަށް ބުނެދީފާނަން. މިކާލް އައިއެސްއަކާއި ނުގުޅޭނެ. އެއަށްވުރެ އޭނައަށް ވިސްނޭ. އެއަށްވުރެ ބޮޑަށް އިތުބާރުކުރެވޭ. އަދި ހަޔާއަށް މިކާލް ކާކުކަން ނޭގުނަސް ބައްޕައަށް އެންމެ ރަގަޅަށް އެނގޭނީ. މިކާލް ވަރަށް އަވަހަށް އެނބުރި އަންނާނެ.. މިހާރު އިތުރު ތަފްސީލެއް ހޯދަން ނާހާ. އަދި އެހެންމީހެއްގެ ކައިރި ބައްޕަގެ މި ވާހަކަތައް ބުނެގެން ނުވާނެ."

ޖަނާހު ދެއްކި ވާހަކައިގާ ސިއްރެއްވާކަން ހަޔާތީއަށް ވިސްނުނެވެ. ބައްޕަ ފޮރުވަން މަސައްކަތްކުރަނީ ކޮންކަމެއް ބާވައެވެ. މިކާލް އެނބުރި އަންނާނެކަމުގެ ޔަގީންކަން އެދިނީ އޭނަ ހުރީ އެހެން ގައުމެއްގައިކަން ބައްޕައަށް އެނގެނީ ބާވައެވެ. ކޮންމެގޮތެއްވިޔަސް ބައްޕަގެ ވާހަކަތަކުން ހަޔާތީއަށް ހިތްވަރެއް ލިބުނެވެ. އުއްމީދުގެ ހުޅުކޮޅު ބޮޑުވެގެން އޭގެ އަސަރުތައް މުޅި ހަށިގަނޑަށް ކޮށްފިއެވެ. ހިތާމަތަކަށް ލުޔެއްލިބިއްޖެއެވެ.

ޖެހިގެން އައި ދުވަހު ހީވާގިކަމާއިއެކު ނާސްތާ ތައްޔާރުކޮށް ރަގަޅަށް ސައިބޮއިގެން ވަޒީފާއަށް އައިގޮތަށް މީޓިންއެއްވެސް ބޭއްވިއެވެ. އެމީޓިންގައި ދެކެވުނީ ސަރުކާރުން ލިބުނު އެހީއާއިއެކު ސްޕޮންސަރއިން ލިބި އިޝްތިހާރުތައް ގިނަވެފައިވާތީ އާއިއެކު އެމީހުން ނިކަމެތިންނަށް އެހީވާން ފަންޑެއް ހުޅުވާ ވާހަކައެވެ. އެއީ ހަގީގަތުގައި އޭނަގެ އަމިއްލަ ހުށަހެޅުމެއް ނޫނެވެ. މިކާލް އޭނަގާތު އެދިފައިވާ އެދުމެކެވެ. ފަންޑު ފޮށްޓެއް ހުޅުވުމަށްފަހު އިސްލާމީ ގައުމުތަކުގައި ހަގުރާގައިގާ ބިކަވެގެންދާ ކުދިންނާއި މުސްލިމުންނަށް އެހީވުމަށް މިކަލް ބާރު އަޅާފައިވެއެވެ. ހަޔާތީ އެފަދަގޮތަކަށް ދެކެން ބޭނުންވާ ދުވަހަކީ ބަލާނެ މީހެއްނެތި ބިކަވެފައިވާ މުސްކުޅިން ދިރިއުޅޭނެ ނާސިން ހޯމެއް ހެދުމެވެ.

"ކޮންމެވެސް ބަޔަކު އެބަތިބި ހަޔާތީއާއި ބައްދަލުކުރަން އައިސްފަ..." ރިސެޕްޝަނުން ކުއްޖަކު ސަޖަލްއަށް ގުޅާފައި ބުނުމުން ސަޖަލް ހަޔާތީއަށް ގޮވިއެވެ.

ހަޔާތީއާއިއެކު ސަޖަލްވެސް ތިރިއަށް ދާން ހިނގައިގަތެވެ.

"އަހަރެން އެހާ މުހިއްމު މީހަކަށްވީތަ؟ މީހުން ބައްދަލުކުރަން ހުއްދައަށް އެދެނީ.....ހެހެ.." ހަޔާތީ ކުޑަކޮށް ފޮނިވެލިއެވެ.

"ފަސްޓްލޭޑީވެސް ވަޑައިގަތެއްނު.." ސަޖަލް ހީގަތެވެ.

"އަދި ރައީސްވެސް ވަޑައިގަންނަވާނެ. އެދުވަހަކުން އަހަރެން މިތާހުރެ މިހެން ބުންޏޭ ބުނައްޗޭ....." ހަޔާތީވެސް ހުނުމުގައި ބައިވެރިވިއެވެ.

"ފޮނިގަނޑު. ހުވަފެނަކުން ކަމަށް ވާނީ. އެބައަންނަން ނަމާދުކޮށްލައިގެން........" ސަޖަލް ހިނގައިގަތީ ނަމާދުކުރަން ހަދާފައި ހުރި ކޮޓަރިއާއި ދިމާލަށެވެ. އޮފީސް ބައިގާ ނަމާދުކުރަން ޚާއްސަތަނެއް ހުރުމުގެ ހައްގުވެރިއަކީވެސް މިކަލްއެވެ. އެކަމުގެ ސަބަބުން ވަޒީފާގައި ތިބޭ ކުދިންނަށް ނަމާދު ނާޅާ ނަމާދުކުރަން ވާނެކަން ހަދާންކޮށްދެއެވެ.

ހަޔާތީ ކެބިންއަށް ވަނުމާއިއެކު ހުއްދަ ހޯދުމެއްނެތި ވަން ދެ ޒުވާނުން ފެނުމާއިއެކު ހަޔާތީގެ ހިތަށް ނުބައިގޮތެއްވިއެވެ. މިއީ އެދުވަހު ހުޅުލޭ އެއާޕޯޓުން އަމްރާންއާއިއެކު ތިބި މީހުންގެ ތެރެއިން ދެމީހެކެވެ. ކޯޓުފަޓުލޫނުލައިގެން ރަސްމީ އިއްޒަތުގައެވެ. މިއީ ކޮންބަޔެއްހެއްޔެވެ؟ ހުއްދަހޯދުމެއްނެތި މީހެއްގެ އޮފީހަށް ޚާއްސަކޮށް އޭނަގެ ކެބިންއަށް ވަދެވިގެން ނުވާނެއެވެ. ރުޅިވެރިކަމައިއެކު ހަޔާތީ ކުއްލިއަކަށް ގޮނޑިން ތެދުވެ ކަޅި އަޅާލާފައިއެވެ.

"ވަޓް ދަ ހެލް........ކީއްކުރަން ތިއައީ؟ "

"ތަންކޮޅެއް ރީތިކޮށްވެސް ވާހަކަ ދެއްކިދާނެއްނު މިސް ހަޔާތީ." ލާވީ ހީލާފައި ކިޔައިލިއެވެ.

"ރީތިކޮށް ވާހަކަދައްކަން ތީ ކޮންބަޔެއް؟ ހުއްދަ ހޯދުމެއްނެތި މީހެއްގެ ތަނަކަށޭ ތި ވަދެގަތީ..ވަޓް ޑޫ ޔޫ ވޯންޓް..." ހަޔާތީ ރުޅިފިނިކުރާކަށް ނޫޅުނެވެ. އޭނައަށް މިއީ އަމްރާންގެ މީހުންކަން އެނގޭތީއެވެ.

"އަޅުގަނޑުމެންނަކީ މިސްޓަރ އަމްރާން އަބުދުލްއަޒީޒުގެ ބޮޑީގާޑުން. މިހިރީ އަޒިކިއަލް. އަޅުގަނޑަކީ ލާވީ. މިއައީ އެންމެ ވާހަކައެއް ބުނެލަން. ނޫސްތަކުގައި މިސްޓަރ އަމްރާން އަބްދުލްއަޒީޒުގެ އަބުރަށް ހުތުރުވާގޮތަށް ލިޔެފައި ހުރި އާޓިކަލްތައް ނަގާ. ޚާއްސަކޮށް އޭނަގެ އެފްބީގައި ހުރި ފޮޓޯތައް މިސްޔޫޒްކުރުމުގެ ހައްގެއް ނޯންނާނެ. ކޮޕީރައިޓް ލިބުނީތަ. ވީމަ އެފޮޓޯވެސް މިހާރުން މިހާރަށް ނަގާ. އަދި އިތުރަށް މި އެޗްއެމްގައި އަޅުގަނޑުމެންގެ ޕާޓީއަށް އަދި ލީޑަރުންގެ އަގު ވައްޓާލާ ލާދީނީއޭ ކިޔައިގެން ލިޔެފިއްޔާ ދެން ދާނީ ކޯޓަށް.....އެނގިލައްވައިފިތޯ؟ " ލާވީ ހުރީ ސީރިޔަސްކޮށެވެ. ބިރުގަތުމުގެ ބަދަލުގައި އެހެން ކަހަލަ ޖޯޝަކުން ހަޔާތީގެ ހިތާއި ސިކުނޑި ކެކިގައެވެ. ލޭވެސް ކެކިގަތީކަން ނޭގެއެވެ. އޭނައަށް އިންޒާރުދޭން މިއީ ކޮންބަޔެއްހެއްޔެވެ؟

"މަށަށް އިންޒާރު ނުކުރާތި ފާޑު ފާޑަށް. އައިމް ނޮޓް ސްކެއާޑް އޮފް ޔޫ. ތި ޕަޕެޓުންގޮސް ކަލޭމެންގެ ލާދީނީ ވެރިޔާ ކައިރީ ބުނެބަލަ...." ހަޔާތީ އިނގިލި ލާވީގެ މޫނުގައި ކިރިޔާ ޖެހެހާ ކައިރިކޮށްލިއެވެ.

"ގިވް އިޓް ޔޯ ބެސްޓް ޝޮޓް....." ލާވީ މެން ރޮބޮޓުންފަދައެވެ. އެއްވެސް އިހުސާސެއް މޫނުމަތިން ނުދައްކައެވެ.

"ބިރުގަތީ ދޯ. އެޗްއެމް ދެކެ ބިރުން މެސެންޖާސްއިން މިތަނަށް ފޮނުވަންފެށީ. ވަރަށް ވެދުން. ގޮސް ބުނޭ އެޗްއެމް ހުއްޓާލާނެޔޯ......." ހަޔާތީ އަޑަށް ބާރު ލާފައި އެމީހުންނަށް އިއްވަން ބަހުގެ ހަމަލާތަކެއް ދިނެވެ.

އެދެމީހުން އަނބުރާލާފައި ދާން ހިނގައިގަތެވެ.

އެމީހުން ނުކުތުމުން ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން ހަޔާތީ ހޭންފެށިއެވެ. އަމްރާންގެ އެ އިންޒާރުގެ ސީރިޔަސްކަމާއި ކޮންމެފަދަ ގޮތެއް ހަދާލާފާނެކަމަށް އޭރު ހަޔާތީގެ ހިތަކަށް ނާރައެވެ. ބިރަށްވުރެ އޭނައަށް ވީ މަޖަލަކަށެވެ. ސަޖަލް ނައިސްގެން އިންތިޒާރުގައި އިންދާ ސަޖަލް އަންނަތަން ފެނުމުން ހަޔާތީ އެދެމީހުންގެ ވާހަކަ ކިޔައިދިނެވެ. ހަޔާތީ ކިތަންމެ މަޖާވެގެން ވާހަކަދެއްކިޔަސް ސަޖަލްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެޗްއެމް ހުއްޓުވައިފިއްޔާ އޭނަގެ ވަޒީފާއަށް ވާނެގޮތަކާއިމެދު ވިސްނާފައި ހަޔާތީގެ އަތުގައި ހިފައިލެވުނެވެ. އަމްރާންގެ އިންޒާރު އަޑުއަހާފައި ވަގުތުން އާޓިކަލްތައް ނަގާ އެމީހުންގެ ޕާޓީގެ ނަން ނުގަންނަން އެދި އާދޭސްކުރިއެވެ. ހަޔާތީގެ އަޒުމް ވަރުގަދަވުން ނޫންކަމެއް ނުވިއެވެ. އެގޮތަށް އިންޒާރު ދީގެން އޭނައެއް ނުފިހެއްޓޭނެއެވެ. އެހާ ފިނޑިއެއް ނޫނެވެ.

"ސޮރީ ސަޖް. ދެބޮޑީ ގާޑުން ލައިގެން ތިމާ ވަރުގެ މީހެއް ނެތްކަމަށް ދައްކަންވެގެން ގޮތްދައްކާ ހިތުން އުޅޭ ފިރިހެނެއް. އެ އިންޒާރުގެ ސަބަބުން އިތުރަށް ލިޔަން ހިތްވަރު ލިބުނީ. އެގޮތަށް ފާޑުފާޑަށް ނޫސްވެރިންނާއި ނުކުޅެވޭނެ. އޭނަ ޖެހޭނީ ކަޑަވެފައި ބަލަން ހުންނަން. އޭނަ ކައިރި ކުޑަކަކޫ ޖަހާނެކަމަށް ހީކުރުމަކީ އޭނަގެ އޮތް ނާގާބިލު ސިކުނޑީގައި ތެތްކަމެއް ނެތްކަން. އައި ވިލް ޑިސްޓްރޯއި ހިމް. ." ހަޔާތީ ޔަގީންކަމާއިއެކު ބުނެލިއެވެ.

"އެމީހުންނަށް ބޮޑީގާޑުން ބޭނުންވާނެއްނު ހަޔާ. ޝައުންވެސް މަރާލީނު. ސޯ ސިކުއިރިޓީ ނެތިއްޔާ އެޓޭކްކުރާނެ މީހުން އުޅޭނެ........." ސަޖަލް ދިފާއުކުރިއެވެ.

"ނޫން އެއީ ފިޑިކަން." ހަޔާތީ ދޫނެރެލިއެވެ. ޖާނަލިސްޓަކަށްވިޔަސް ތަނެއްގެ ޒިންމާދާރު ވެރިޔަކަށްވިޔަސް އަދިވެސް ހަޔާތީގެ މިޒާޖުން ޅަކަމާއި ސަކަކަން މުޅިން ފިލައިގެނެއްނުދެއެވެ. ސީރިޔަސްވާން މަސައްކަތްކުރިޔަސް އެހެން އިނދެވެނީ އިރުކޮޅަކަށެވެ. ބާރަށް ހިނިގަނޑު ޖެހުމާއި ސަޖަލްއާއިއެކު ކޮންމެވެސް ސަކަރާތެއް ޖެހުން އާދަވެފައިވިއެވެ.

ހަފްތާއެއްގެ ތެރޭ އެޗްއެމްއިން އަމްރާންގެ ޕާޓީއާއި އަމްރާންގެ ޚަބަރުތައް ވިދިވިގެން ޝާއިއުކުރެވުނު އަދަދެއްވެސް ނޭގެއެވެ. ނަސީބަކުން އަމްރާންގެ ފަރާތުން އިތުރު އިންޒާރެއް ނައެވެ. އެމީހުން ނުހުއްޓުވޭނެކަން އަމްރާންއަށް ވިސްނުނުކަމަށްޓަކާ ހަޔާތީ އުފާކުރިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ބަންދުކުރަން އަމްރާންވެސް އުޅޭނެކަމެއްނެތެވެ. ސަރުކާރަށް ތާއީދުކުރާ ޗެނެލްއެއްކަމުން އެމީހުން ހައްތަހާ ދަނީ ކުރިއަށެވެ. ފިޔަވަޅު އަޅަނީ އެހެން ޗެނެލްތަކަށެވެ. ސަރުކާރުގެ ޕާޓީތަކުގެ އެކި މެމްބަރުންގެ ޕްރޮގްރާމްތައް އެޗްއެމްގައި އެހާ ގިނައެވެ. އެމީހުން ޕްރޮމޯޓްކުރަން އެޗްއެމް ފައިވިއްދާލާފައިވާ ވަރުން އެހެން ޗެނެލްތަކަށް ވުރެ އެމީހުންނަށް ފައިދާ އެތައް ގުނަ އިތުރުވެއްޖެއެވެ. ހަޔާތީގެ އުފަލުގެ ކޮޅެއްނެތެވެ. ނަމަވެސް މިކާލްއަށް ވެފައިވާ ވައުދުގެ މަތިން ހަދާން ނައްތާނުލަންވެގެން އޭނަ ދީނީ ޕްރޮގްރާމްތައްވެސް އެޗްއެމްއިން ކުރިއަށް ގެންދަން ބާރުއެޅިއެވެ. ދީނީ ޝޭޚުން ގެނެސްގެން ދަރުސްދިނުން ފަދަ އެކި ދީނީ މައުލޫމާތު ހާމަކުރުންފަދަ ކަންތައްތަކުގެ އިތުރުން އިބުރަތް ލިބޭފަދަ ކުދި ދީނީ ޑްރާމާތައް ކުޅުވަން އެޗްއެމް ޕްރޮޑިއުސަރު ގާތުން އެދުނެވެ. އެކި ކަންތައްތަކުގައި އަވަދިނެތި އުޅެން ހަދައިގެން ގެއަށް ވަދެލާނެ ވަގުތެއް ނުވެއެވެ. މިހާރު މަންމަމެންނަށް ކައްކާފައި ކާން ދޭން ނުޖެހޭތީ ބޮލުން އެތައް ޓަނެއްގެ ބުރައެއް ލުއިވެފައިވާހެން ހީވެއެވެ. ނަމަވެސް އޭނަ ކޮންމެ ގަޑިއެއްގައި ސަމާއަށް ގުޅާފައި މަންމައަށް ބޭސްކާން ހަދާންކޮށްދެއެވެ. ހެދުނު ލޭގެ ޕްރެޝާ ބޭސް އަދި މެންދުރު ލޭތުނިކުރާ ބޭހުގެ އިތުރުން ރޭގަނޑު ސަރުބީއަށް ކާ ބޭސް ޚާއްސަކޮށް ހަދާންކޮށްދޭން ގުޅައެވެ. ދޭތެރެއަކުން މަންމަމެން އުޅޭ ފެންގިފިލާއަށް ކާއެއްޗެއް ތައްޔާރުކޮށްގެން ގެންގޮސް ގުޅުން ބާއްވަނީ މިކާލްއަށްޓަކައެވެ. އެކަމަކު އެހާ އަވަދިނެތި އުޅެން ޖެހުމުން މިކާލްގެ އަގުހުރި ވާހަކަތައް މަތިން ފަރުވަކުޑަކޮށްލެވިއްޖެއެވެ. އިސްކަންދޭންޖެހޭ ތަރުތީބު އޮޅި ދީނީ ކަންތައް އެންމެފަހަށް ލެވިއްޖެއެވެ. ނަމާދަށް އެރެނީ ތެޅިފޮޅިގެން އެންމެފަހު ވަގުތުގައެވެ. ޚިޔާލުގައި އެހެން ކަންތައް ބަހައްޓައިގެންނެވެ.

ހިތްހަމަޖެހުމާއި އުފަލާއި ކާމިޔާބީގައި ހެއްދެވި ފަރާތް މަތިން ހަޔާތީއަށް ހަދާން ނައްތައިލެވިއްޖެއެވެ. އެއަށްވުރެ ދިރިއުޅުން ހަލަބޮލިވެ ކުރާނެ މަސައްކަތްތައް ގިނަވީއެވެ.

އަމްރާންމެންގެ ފަރާތުން ޚަބަރެއްނުވާތީ ސަޖަލް އެކަމައި ސުވާލުކުރެއެވެ.

"އެމީހުން ނުގުޅާތަ؟ ނާދޭތަ؟ ހާދަ ދެރައޭ އެދުވަހު މަށަށް ނުހުރެވުނުކަން..." ސަޖަލް އާއި ދެމީހުން ބްރޭކް ނަގައިގެން އައިސް ކޮފީ ބޯލަން ތިބެފައި ސަޖަލް އެހިއެވެ.

"ގުޅިޔަސް ކުރެވޭނެކަމެއްނެތް. އެނގޭނެ ބޭކާރުކަމެއްކަން..."

"ހެހެ. ދޯ. ހަޔާ. މިހާރު މިސައިޓަށް ލިޔާ ރައިޓާ ލިޔާ ވާހަކަ އިސްލާމިކްވީމަ އޯޑިއެންސް ރަހަ ތަފާތުކޮށްލަން ބޭނުންވާނެ. ހަޔާ ތަންކޮޅެއް ރޮމެންޓިކްކޮށް ލިޔާ ކުއްޖެއް ނަގާކަށް ނުވިސްނަންތަ؟ އޮންލައިން ނޫހަށް ލިޔާ ވާހަކަތަކެއް ހާވާލިއިރު ވަރަށް ރޮމެންޓިކް އަދި ޔުނީކް ވާހަކަ ލިޔާކުއްޖެއް ލޮލުގައި އަޅައިގަތް. ޑިސްކްރައިބްކޮށްލާއިރު ހަމަ އެ ސީންގައި ހުރެވޭފަދަ. އެހެން ރައިޓާއެއް ނުނަގާނަންތަ؟" ސަޖަލް ޚިޔާލެއްދިނެވެ.

"މިކާ ރިކޮމެންޑް ކުރި ރައިޓާއެއް މިހާރު އެޗްއެމްގައި މި އުޅެނީ. ދީންވެރިކަން އެނގޭތީ މިކާ ޗޫޒްކުރާނީވެސް. އޯލް ހިޒް ފްރެންޑްސް އާ ލައިކް ދެޓް ދޯ. ރަގަޅު އައިޑިއާއެއް. އެހެން ރައިޓާއެއް ހަމަ އޯކޭ. ސަޖްއަށް ފެންނަގޮތަކަށް އެކަންތައް ކުރިއަށް ގެންދޭ. އެކަމާ އުޅެނީ ސަޖްވީމަ މަގޭ ކައިރިން ނާހާވެސް ކުރިއަށް ގެންދޭ. ސްޓިލް މިކާ ގެ ބިޒިނަސް ޓްރިޕް ނިންމާލާފަ އަންނާކަށް ނޫޅޭ. މިސް ހިމް. މިސް ހިމް ސޯ މަޗް.." ހަޔާތީގެ އަޑު ކުޑަކޮށް ކުރެހޭގޮތް ވިއެވެ. ސަޖަލްކައިރީ ހުރިހާ ވާހަކަތަކެއް ކިޔާދޭން އުޅެފައިވެސް އެސިއްރު ހާމަކުރާކަށް ނުކެރުނެވެ.

އެދުވަސްކޮޅު ބައްޕައާއި ދޮންމަންމަވެސް ބޭސްފަރުވާއަކަށް ސިންގަޕޫރަށް ފުރިއެވެ. ވަގުތެއް ނެތުމުން ހަޔާތީ އަދި އިޝްކަންއަކަށްވެސް ބައްޕައާއި ބައްދަލުކުރާކަށް ނުދެވުނެވެ.

ހުކުރު ދުވަސްކަމުން ހަފްތާތެރޭ ނުލިބުނު އަރާމާއި ނިދިކޮޅު ހަމަކޮށްލަން ވެގެން ތެދުވުނީ ތަންކޮޅެއް ލަހުންނެވެ. ސައިތައްޔާރުކޮށްލާފައި އިޝްކަން އަށް ގޮވާގެނެސްގެން ސައިދީފައި އުޅުނީ ހެދުންތައް ދޮވެ ގެ ސާފުކުރުމުގެ މަސައްކަތުގައި އަވަދިނެތިއެވެ. އިޝްކަންވެސް ދޮންތައާއި އެއްބައިވެގެން ވެކިއުމް ކޮށްދީ ފަންކާގައި ފެންފޮތިލާދިނެވެ. ނިމުނުއިރު ގޭގެ ހުރިހާތަނެއް މާބްލްފަދައިން ވިދައެވެ. ހިރަފުހުގެ އެއްވެސް އަސަރެއްނެތެވެ. އެމަސައްކަތް ނިމިގެން ކައްކަން އުޅުނުއިރުވެސް އިޝްކަން އެހީތެރިވެދިނެވެ. ފިނިކޮށްފައި އޮތް ކުކުޅު ގަނޑު ފިލުވާފައި ކޮށާލަދޭން ހުރިއިރު ހަޔާތީ ހަޑޫ ދޮންނަންވެގެން އުޅުނެވެ. އެކި ވާހަކަތައް ދައްކަމުންގޮސް އިޝްކަން މަންމަގެ ވާހަކަވެސް ދެއްކިއެވެ. މަންމަ ބަލިކޮށް އުޅޭތީ ޑޮކްޓަރަށް ދައްކަން މާލެ ނޫނީ އިންޑިއާތަނަކަށް ދާން އެކޮޅުން ޑޮކްޓަރު އިރުޝާދުދީފައިވިޔަސް މަންމަ އުޅެނީ ނާންނަންވެގެންނެވެ. ހަޔާތީ ބުނީ އިޝްކަން ރަށަށް ގޮސްގެން ނަމަވެސް މަންމަ ޑޮކްޓަރަށް ދައްކަން ގެންދަން ޖެހޭނެކަމުގައެވެ. ކައްކައި ނިމިގެން އިޝްކަންގެ ހުދުކުލައިގެ ގަމީހަކާއި ފަޓުލޫނެއް އިސްތިރިކޮށްލަދީފައި ހުކުރަށްދާން ހަޔާތީ އެދުނެވެ.

"ތާޣޫތުންގެ ފަހަތުގައި ނަމާދުކުރާކަށް ނުކެރޭނެ...." އިޝްކަން ހަމަޖެހިލާފައި ކިޔައިލިއެވެ.

"ވަޓް؟ ތާޢޫތުންނަކީ ކޮންބަޔެއްތަ؟ " ހަޔާތީ ދެލޯ ބޮޑުކޮށްލިއެވެ. މިފަހަކަށް އައިސް އިޝްކަން ޝޭޚުންނަށްވުރެ އިލްމުގެ ގޮތުން ކުރިއަރާފައިވާފަދައެވެ.

އިޝްކަން ކޮންމެވެސް ވަރަކަށް ތާޣޫތުންގެ ވާހަކަ ކިޔައިދިނެވެ.

ހަޔާތީ ކިތަންމެވަރަކަށް ބުނެދޭން އުޅުނަސް އިޝްކަން ބުނަނީ މައްސަލައަކީ އެއީކަމުގައެވެ. އަހަރެމެންނަށް ނޭގެނީކަމުގައެވެ. ގުރުއާނާއި ހަދީސުން ދަސްކޮށް ބެލުމަށް އޭނަ އެދުނެވެ.

"މަގޭ ކޮއްކޮ ކުޑަދުވަސްކޮޅެއްގެ ތެރޭ މިހެން ހުރެ ޝޭޚަކަށްވީ މަ މިހިރީ ހަމަ ޝޮކެއް ލިބިފައި. ދީން ކިޔަވަން މަދުރަސާއަކަށް ޔުނިވާސިޓީއަކަށް ދިޔައީއެއްނޫން. އެކަމަކު ޝޭން މިހާރު މުފުތީއަށްވުރެ މޮޅުކަމަށް މިވަނީ. ދެން ކީކޭ ބުނާނި.. ވީ ވިލް ޓޯކް ލޭޓާ.. އެބައަންނަން ކުޑަކޮށް ފްރެޝްވެލައިގެން..." ހަޔާތީ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. އިޝްކަން ހާދަ ބޮޑަށް ހައްދު ފަހަނަޅާހިގައްޖައެވެ. ވަކިބަޔެއްގެ ފަހަތުގައި ނަމާދުކުރަން ކަމަކު ނުދެއެވެ. އެންމެން ތާގޫތުންނަށް ވެއްޖެއެވެ. މިކާލްއަށްވުރެ ބޮޑަށް ސުފުޔާންގެ ނުފޫޒްކަން ޔަގީނެވެ.

ހަޔާތީއާއި އިޝްކަން އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ކާން އިށީންއިރު ދެބެން ތިބީ ސަމާސާ މޫޑެއްގައެވެ. މަޖާ ވާހަކަތަކެއްގައި ތިއްބާ ހަޔާތީގެ ފޯނު ރިންގުވާންފެށިއެވެ. ހަޔާތީ ފޯނު ނެގިއެވެ. މިޝާ ވާހަކަދެއްކިއިރު މަޑުމަޑުން ރޯކަން އެނގުނެވެ.

"ހަޔާ. މިކާލް ޝަހީދުވެއްޖެ....."

"ވަޓް؟ "ހަޔާތީގެ މުޅި ގައިން ފިނިގަނޑެއް އަރައިގެންދިޔައެވެ.

"އާނ ހަޔާ. ދެންމެ މިކާލްގެ އެކުވެރިއަކު ސީރިޔާގައި ހުރެ ބައްޕައަށް ގުޅާފައި ބުނީ. މިކާލް ސުއިސައިޑް ހަމަލާއެއް ދިނީ ޔޯ ބައްޝާރުލްއަސަދުގެ ސިފައިންނާއި ދެކޮޅަށް. ގައިގާ އެތައް ޓަނުގެ ބޮންތަކެއް ހަރުކޮށްގެންގޮސް މިކާލް އެމީހުންގެ ތެރެއަށްވަދެ ގޮއްވާލީ. ގިނަ އަދަދެއްގެ ސިފައިން މަރާލެވުނު. މިކާގެ އެއްޗެހި މިކޮޅަށް ފޮނުވާނެ ވާހަކަވެސް ބުނި. ފުރަތަމަ ހީކުރީވެސް އެމީހުން އެހެން ކީ ކަމަށް. އިސްލާމިކް ސްޓޭޓްގެ ވީޑިއޯއަކުންވެސް އެކަން ޔަގީންވެއްޖެ. ހަޔާ ދެރަނުވައްޗޭ. އިރާދަކުރެއްވިއްޔާ މިކާއަށް ޝަހީދެއްގެ ދަރަޖަ އެލިބުނީ. ހުކުރު ދުވަހެއްގައި. މިކާ އުފަންވީ ރަމަޟާން ސަތާރަވަނައަށް ވީ ދުވަހުކަން ހަޔާއަށް އެނގޭތަ. އެއީ ބަދުރު ހަގުރާމަ ކުރެވި މުސްލިމުންނަށް ފަތަހަ ލިބުނު ބަރަކާތްތެރި ދުވަސް. އިރާދަކުރެއްވިއްޔާ ދެން ބައްދަލުވާނީ ސުވަރުގޭގައި....ހެޔޮ ދުޢާކުރައްޗޭ......." މިޝާ ވާހަކަދައްކަމުން ގޮސް ރޯންފެށިއެވެ. ހަޔާތީ ފޯނު ކަނޑާލާފައި އިށީދެ އެއްދިމާލަކަށް ބަލަހައްޓައިގެން އިންނަން ފެށުމުން އިޝްކަން ކަންބޮޑުވިއެވެ.

"ދޮންތާ ކިހިނެއްވީ؟ ކާކު ގުޅީ؟ "

"މިކާ އަމިއްލައަށް މަރުވީޔޯ...." ހަޔާތީ ބުދެއްފަދައިން އިންއިރު އެލޮލުގައި ވީ ހުސްކަމެވެ.

(ނުނިމޭ...)

http://www.sun.mv/113135

comment ކޮމެންޓް