ބާޒީ... (1)

ޖެހިލި ރޯޅިއާއެކު ހަށިގަނޑަށް އިހުސާސްކުރެވުނު އާދަޔާ ޚިލާފު ފިނިކަމުގެ އަސަރާއެކު ސިހިފައި ޝާޢާއަށް ލޯހުޅުވާލެވުނެވެ. އެއާއެކު އޭނަގެ ނިދިފިލައި ދިޔައީ ހިއްސުތަކުގައި އަޅުވާލި އިންޒާރުގެ ރަނގަބީލުންނެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ހިތަށް ހާސްކަމާއި ބިރުވެރިކަން ވެރިވެގެން ދިޔައީ އޭނައާއި ބައްދަލުކުރި މާހައުލުގެ ސަބަބުންނެވެ. ދެލޯބޮޑުކޮށްލަމުން ފަރާތްފަރާތަށް އޭނަ ނަޒަރު ހިންގާލިއެވެ. އޮވެވުނީ ބިންމަތީގައިކަން ވެސް އޭނައަށް ރޭކާލާން ވަގުތު ނެގިއެވެ. އަވަސްވެފައިވި ހިތާއި ކުރުވަމުން ދިޔަ ނޭވާތައް ހަމައަކަށް އަޅުވަން މަސައްކަތްކުރާ ހާލު ފެތުރިފައި އޮތް އަނދިރިކަމަށް ސަމާލުކަން ދޭން އޭނަ މަސައްކަތްކުރިއެވެ. އޭނަގެ ލޯ އެއަނދިރިކަމުގެ ތެރެއަށް ފަރިތަވާން އިރުކޮޅެއް ނެގިއެވެ.

ވަށައިގެން ވަނީ ބިޔަ ނިކަގަސްތަކާއި ކިނބިގަސްތަކެވެ. ޖެހިލާ ރޯޅިތަކާއެކު ގަސްތަކުން ފައިބާފައިވާ ހިކިފަތްތައް ހަރަކާތްކުރާ އަޑު އިވެއެވެ. ފަޒާގެ ހަމަހިމޭންކަމުގެ ސަބަބުން އެއަޑުތަކުން ވެސް ޝާޢާއަށް އިތުރު ނުތަނަވަސްކަމެއް ގެނެސްދިނެވެ. ޖެހިލުންވެފައިވާ ހާލު ދެފައި މައްޗަށް ކޮޅަށް ތެދުވަން ޝާޢާ ހިތްވަރުކުރިއެވެ. އެކަމުގައި އޭނައަށް ކާމިޔާބު ވެސް ލިބުނެވެ. އެހެނަސް ސަލާމަތުގެ އައްސޭރިއަށް ދާންވީ ރާސްތާއެއް އޭނައަކަށް ނޭނގުނެވެ. އެންމެ ކުޑަމިނުން އާދެވިފައިވާ ހިސާބު ވެސް އޭނައަކަށް ނޭނގެއެވެ. ވަށްބުރެއް ފަދައިންވި ނިކަގަހާއި އެގަސްތަކުގެ އޮފިތަކުން އޭނަ ވަނީ އެތާނގައި ހައްޔަރުވެފައެވެ. ދާނެ ދިމާލެއް ނެތި ރަސްކަންކުރަނީ އަނދިރިކަމާއި ނާމާންކަމެވެ.

ހިތުގެ ތެޅުން އަވަސްވެ ޝާޢާގެ ނިތުން ފިނި ދަލެއް ހިއްލަން ފެށިއެވެ. އޭރު އޭނައަށް ލިބިފައިވި ނުތަނަވަސްކަމުގެ އިތުރުން ސިކުނޑީގައި ސުވާލުތަކެއް ވެސް އުފެދިފައި ވިއެވެ. އޭނަ އެގޮތް ނޭނގޭ ތަނަށް އައީ ކިހިނެއް ހެއްޔެވެ؟ މިއީ ބިރުވެރި ހުވަފެނެއް ހެއްޔެވެ؟ ހުވަފަނެއް ކަމުގައިވަނީނަމަ އަސްލާއި އެއްގޮތް ވެފައިވަނީ ކީއްވެ ހެއްޔެވެ؟ އޭނައަށް ފަޒާގެ ތެތްފިނިކަމާއި މާހައުލުގެ ބިރުވެރިކަން އެހާ ގާތުން އިހުސާސްކުރެވެނީ ކީއްވެ ހެއްޔެވެ؟

ކިތަންމެވަރަކަށް ސިކުނޑިއަށް ބާރުލިކަމުގައި ވިޔަސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ނުވީތާކަށް ފާއިތުވާން ފެށި ކޮންމެ ސިކުންތަކާއެކު އޭނަގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އަނދިރީގެ ތެރޭން އޭނައަށް ނާމާން އަޑުތަކެއް ވެސް އިވޭ ކަހަލައެވެ. އޭނައަށް ގޮވާ ފަދަ އެވެ. ކަންފަތް އެއަޑުތަކަށް ސަމާލުވެފައިވި ހިނދު އެއަޑު ކައިރިވަމުން އަންނަކަން ވެސް އިހުސާސް ވެއެވެ.

ނުތުނަވަސްކަމުގެ ނޭވާއެއް ދޫކޮށްލަމުން ޝާޢާއަށް ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. އެއާއެކު ފިޔަވަޅުތަކުގެ ދަށުވެ ހިކިފަތްތައް މުރަނަވެގެން ދިޔަ އަޑު ފަޒާގައި ގުގުމާލީ އެހިތަށް ސިހުން ގެނުވާފައެވެ.

ފަހަތަށް ފިޔަވަޅުތައް އަޅަމުން ދިޔަ ޝާޢާއަށް ހުއްޓުމެއް ގެނުވީ ގަސްތަކުގެ ގޮފިތައް ހެލެން ފެށި އަޑުންނެވެ. ހީވަނީ ގޮފިތަކުގެ މަތިން ދިރޭއެއްޗެހިތަކެއް ހަލުވިކަމާއެކު ދަތުރުކުރާހެންނެވެ. ބައެއްފަހަރު ގޮފިތައް ބިންދައިގެންދާ އަޑު ވެސް އިވެއެވެ. އެންމެފަހުން ވައިގެ ތެރޭން އެއްޗެއް އުދުއްސައިގަތް އަޑާއެކު ޝާޢާއަށް އިސްއުފުލާ މައްޗަށް ބަލާލެވުނެވެ. އެހެނަސް އޭނަގެ ލޮލަށް އެމަންޒަރު ފެނުމުގެ ނަސީބެއް ނުލިބުނެވެ. ފަޅި ސިކުންތުކޮޅެއް ވެސް ނުވަނީސް ކަންވެ ނިމުނީތީއެވެ.

ރޫޚާނީ ކަންތައްތަކުގެ ހިލަން ޝާޢާއަށް އިހުސާސްކުރެވެން ފެށުމާއެކު އާދެވިފައިވަނީ ރަނގަޅު ތަނަކަށް ނޫންކަން އޭނައަށް ދޭހަވާން ފެށިއެވެ. އޭގެ ސަބަބުން އޭނައަށް އިތުރު ނުތަނަވަސްކަމެއް ލިބުނެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން އަނެއްކާ ވެސް މާހައުލަށް އޭނަ ނަޒަރު ހިންގާލިއެވެ. އޭނަގެ ލޮލުން ކަރުނައިގެ ދިލަކަން ފާޅުވީ އަމިއްލަ މީހާގެ ފުރާނައާއި ރައްކާތެރިކަމާ މެދު އޭނަގެ ނަފުސު ބިރުވެރިކަމެއްގެ ތެރެއަށް ގެނބެމުންނެވެ.

ދެއަތް ގެނެސް މޭގައި ހުރަސްކޮށްލަމުން ޝާޢާ ހިންދިރުވާލިއެވެ. އަދި އިހުނަށްވުރެ ބޮޑަށް މާހައުލަށް ސަމާލުކަން ދިނެވެ. މިހާރު ގަސްތަކުގެ ފުރަގަހުން ވެސް ހިލަންވާހެން އެނައަށް ހީވާން ފެއްޓިއެވެ. ބައެއްފަހަރު ހަލުވި ބާރުމިނުގައި ހުރަސް ކަނޑާލާހެން ވެސް މެއެވެ.

ކުއްލިޔަކަށް އިވެން ފެށީ ގަހުގެ ގޮފިތަކުން އެއްޗެއް ތިރިއަށް ފައިބަން މަސައްކަތްކުރާ އަޑެވެ. އެހިނދު ޝާޢާއަށް ފަހަތަށް ޖެހިލެވުނެވެ. އޭރު ވެސް އޭނަގެ ނަޒަރު އަޑު އަންނަމުން ދިޔަ ގަހާއި ވަތްކެއް ނުވެއެވެ. އޭނަގެ ހިތް އަވަސްވެފައިވާއިރު މުޅި މީހާ ވަނީ ދަލުން ފެންވެރިފައެވެ. ޖެހެމުން ދިޔަ ފިނި ރޯޅިތަކުގެ އިހުސާސް ވެސް އޭނަގެ ހަށިގަނޑަށް ނުކުރެއެވެ. ދެންމެދެންމެ އޭނަގެ މޭގަނޑު އަނގަޔަށް އައިސްދާނެހެން ވެސް ހީވިއެވެ.

އަޑުތައް ހިމޭންވިތަނާ ކުއްލިޔަކަށް ފެނުނީ ނިކަގަހުގެ އަޅޯގައި ވަކިތައް އަޅުވާލައިގެން ތިރިއަށް ބޯނެރެލި މަހުލޫޤެކެވެ. އަނދިރިގަނޑެއްހެން ވި އޭތީގެ އަނގުރު ދެލޯ ނޫނީ އިތުރު އެއްވެސް ތަނެއް ޝާޢާއަކަށް ނުފެނުނެވެ. ސިފަވަކިކުރަން ނޭގުނަސް އޭތީގެ ބިރުވެރިކަން ތަސައްވަރުކުރެވުނެވެ.

ވާލެއް ފަދައިން އޭގެ ވަކިތައް އަޅޯތަކުގައި އަޅުވާލައިގެ ތިރިއަށް ފައިބަން އެމަހުލޫޤު މަސައްކަތްކުރިއެވެ. މޭގަނޑަށް ވެރިވި ފިނިކަމާއި ބިރުވެރިކަމާއެކު ގަނޑުވެފައިވި ޝާޢާގެ ހިއްސުތައް މަސައްކަތްކުރަން ފެށުމުން އޭނަގެ އަރުތެރޭން ބާރުހަޅޭކެއްގެ އަޑު ނިކުތެވެ. ދުއްވައިގަންނަން އުޅުމާއެކު ބިންމަތިން އޭނަގެ ފައި ކައްސާލާއި މޫނު ވަތަށް ވެއްޓިއްޖެއެވެ. ހަށިގަނޑުގައި ވޭން އެޅިކަމުގައި ވިޔަސް ލިބިފައިވި ހާސްކަމުގެ ސަބަބުން އެތަދު ޝާޢާއަށް އިހުސާސް ވެސް ނުކުރެވުނެވެ. އެއަށްވުރެ ބޮޑަށް އޭނަ ބެލީ އެމަހުލޫޤާއި ދުރަށް ދެވޭތޯއެވެ. އަމިއްލަ ފުރާނަ ސަލާމަތްކުރެވޭތޯއެވެ. ނަމަވެސް ތެދުވާން އުޅުނު ވަގުތު ޝާޢާގެ ކަރުބުޑުން ވޭނީ ހަޅޭކެއްގެ އަޑު އެނުކުތީ އޭތީގެ ތޫނު ވަކިތައް ޝާޢާގެ ފައިގެ ފަލަމަސްގަނޑަށް ހަރާލުމާއެކުގައެވެ. ޗޫސްލާފައި ލޭފައިބަން ފެށިއިރު ވޭނީ އާހްތަކާއެކު ޝާޢާގެ ހެޔަށް ގޮތްތަކެއް ވިއެވެ. ނޭވާ ކުރުވެ މީހާގެ ހަރަކާތް ކެނޑެން ފެށީ އޭގެ އިރުކޮޅެއް ފަހުންނެވެ.

*****

ނިދީގައި އޮތް ޝާޢާއަށް ހަޅޭކެއްގެ އަޑާއެކު ސިހިފައި ހޭލެވުނެވެ. އޭރު އޭނަގެ ނޭވާތައް ހީވަނީ އުފުރިގެން ހިނގައިދާނެހެންނެވެ. ހިތުގެ ތެޅުން ވެސް އަވަސްވެފައިވަނީ ބިރުގަންނަ ވަރަށެވެ. މީހާ ހަމައަކަށް އަޅުވަން މަސައްކަތްކުރާ ހާލު ޝާޢާ އޭނަގެ ހަށިގަނޑު ސީދާކޮށްލަމުން އަވަސްއަވަހަށް ކޮޓަރީގެ ބޮކިތައް ދިއްލާލިއެވެ. އަދި އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އޭރު ވެސް އޭނަގެ މޫނުމަތިން ބިރުވެރިކަމުގެ އަސަރު ފާޅު ވެއެވެ. މޭގައި ޝާޢާއަށް ފިރުމާލެވުނީ ރިހުމެއް އުފެދިފައިވާތީއެވެ. ފެނުނީ ހުވަފެނެއްކަން ޔަޤީން ކުރެވުމުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ސިކުނޑިއަށް އައިސްފައިވި ލޮޅުންތަކުގެ ސިލްސިލާއަށް ނިމުމެއް ނައެވެ. ހަޤީޤަތެއް ނޫންކަން އެނގޭ އިރު ވެސް އޭނައަށް އަމިއްލަ ނަފުސު ހަމައަކަށް އަޅުވާނުލެވުނެވެ. އެހުރިހާ ކަމެއް އަދި ވެސް އިހުސާސް ވާތީއެވެ.

''ކޮން ކަހަލަ ހުވަފެނެއްތަ އެއީ؟... ހީވީ ހަޤީޤަތެއް ހެން، މިހާރު ހާދަ ގިނަ ދުވަހެއް ވެއްޖެޔޭ އެކަހަލަ ހުވަފެނެއް ނުފެންނަތާ ވެސް، ކީއްވެބާ އަނެއްކާ ކުއްލިޔަކަށް އެފެނުނީ......'' ޚިޔާލުތައްކުގެ ވާފަށް ގެތެން ފެށުމާއެކު ކަމެއްމަތިން ހަނދާންވެ ލައިގެން ހުރި ހަރުވާޅުގެ ފައިކުރި ހިއްލާލަމުން ފައިގެ ފަލަމަސްގަނޑަށް ޒަހަމެއް ލިބިފައި ވޭތޯ ޝާޢާ ބަލާލިއެވެ. ބޭރުފުށުން އަނިޔާއެއް ލިބިފައިވާކަމުގެ އެއްވެސް ނިޝާނެއް އޭނައަށް ނުފެނުނުކަމުގައި ވިޔަސް ހަޤީޤަތާއި ވަހުމާ ދެމެދު ޝާޢާގެ ސިކުނޑީވީ ހައްޔަރުވެފައެވެ. އޭނައަށް ގޮތެއް ނިންމަން އުނދަގޫވިއެވެ.

''ދަރިފުޅާ ޝާޢާ...'' ފުން ވިސްމުނެއްގެ ތެރެއަށް ގެއްލިފައިވި ޝާޢާ ސިއްސައިގެން ދިޔައީ އޭނަގެ ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑަށެވެ. މޭގައި އޭނައަށް ފިރުމާލެވުނީ ހިތުގެ ތެޅުން އަވަސްވުމުންނެވެ. އަދިވެސް ހުވަފެނުގެ އަސަރު އޭނަގެ ސިކުނޑިން ފިލައިގެން ނުދެއެވެ.

''ޝާޢާ...'' ދެވަނަ ފަރަށް ވެސް ޓަކިދިނުމުން ފުންނޭވާއެއް ދޫކޮށްލަމުން ޝާޢާ އެނދުން ތެދުވިއެވެ. އަދި ކޮޓަރީގެ ދޮރާއި އަރާ ހަމަކޮށްލަމުން ތަޅުގައިހިފާ އަނބުރާލީ މޫނުމަތިން ހާސްކަން ސިއްރުކުރަމުންނެވެ.

ދޮރުމަތީ ހުރީ މުސްކުޅި އުމުރުފުރައިގެ މީހެކެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅާއި ހުދުން ރޮނގުދަމާފައި ހުރި މުންޑެއް އަނދެގެން ހުރި އެމީހާގެ ބޮލުގެ އިސްތަށިތަކުގެ އިތުރުން ދިގުކޮށް ހުރި ތުނބުޅީގައި ވެސް ވަނީ ނުރަތަކެވެ. ދުވަސްވުމުގެ ސަބަބުން ހަމުގެ ބާރު ދެރަވެ ރޫތައް ވަނީ ޖަމާވެފައެވެ.

''ދަރިފުޅު ހަޅޭއްލަވައިގަތީމަ ކާފަ މިއައީ، ކިހިނެއްވީތަ؟...'' ފަރުވާތެރިކަމާއެކު ޝާޢާއަށް ބަލާލަމުން ޖާބިރު ވާހަކަދެއްކިއެވެ. އޭނަގެ މޫނުމަތީގައި ހިސާބެއްގެ ނުތަނަވަސްކަން ވިއެވެ. ނަމަވެސް ޝާއާއާއި ހަތަރުކަޅި ހަމަވުމާއެކު އޭނަ ހިނިތުންވެލަމުން ޝުޢޫރުތައް ސިއްރުކޮށްލިއެވެ.

''ބޮޑު ކަމެއް ނުވޭ... ހޯނެއް ފެނުނީމަ، ކާފައަށް އެނގެއެއްނު އަހަރެން ކިހާ ބިރުގަންނަ އެއްޗެއްކަން އެއީ...'' ގަދަކަމުން ހިނިތުންވެލަމުން ޝާއާ ޖަވާބު ދިނެވެ. އޭނަ ހަޤީޤަތް ހާމަނުކުރީ އޭގެ ސަބަބުން ކާފައަށް ހާސްކަމެއް ލިބިދާނެތީއެވެ. ކުރިން ވެސް އޭނަގެ ހުވަފެންތަކުގެ ވާހަކަ ކާފައާއި ހިއްސާކުރުމުން ލިބޭ ނުތަނަވަސްކަން އޭނައަށް ވަނީ ފެނިފައެވެ. ހުވަފެންތައް ފެންނަކަމުގައި ވަނީނަމަ ހިއްސާކުރަން ވެސް ކާފަ ވަނީ އެދިފައެވެ. އޭގެ ސަބަބުން އޭނަގެ ހިތުގައި ސުވާލުތައް އުފެދުނުކަމުގައި ވިޔަސް މިއަދާއި ޖެހެން ދެން ވެސް ކާފަ ވަނީ އޭނައަށް ޖަވާބުދާރީވާން އުޒުރުވެރިވެފައެވެ.

ޝާޢާގެ ޖަވާބުން ޖާބިރު ގާތަށް ހިނި އައެވެ. އޭނަ އިތުރު ސުވާލެއް ނުކުރީ ޝާޢާ އޭނަގެ ގާތުގައި ދޮގު ނަހަދާނެކަން ޔަޤީން ވާތީއެވެ. މިވީހާ ދުވަހު ޝާޢާ އެފަދައިން ކަންތައްކޮށްފައި ނުވާތީއާއި ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ވެސް މެއެވެ.

''ފަތިސް ނަމާދުކޮށްފިންތަ؟، މިހާރު އިރުއަރަން ކައިރިވަމުން އެދަނީ...'' ޖާބިރު އަހާލިއެވެ.

''ނަމާދުކުރަން އުޅެނިކޮށް ކާފަ ތިއައީ... މިހާރު މިދަނީ ނަމާދަށް އަރަން...'' ޝާޢާ ބުނެލިއެވެ. އެއާއެކު ޖާބިރު ހިނގައިގަތީ ނަމާދުކުރަން ޝާޢާއަށް ވަގުތު ދެމުންނެވެ. އޭނަ ދިއުމުގެ ކުރިން ޝާއާގެ ކޮޓަރިއަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލިއެވެ.

*****

ފެންވަރާލައިގެން ނިކުތް ޝާޢާ އަވަސްވެގަތީ ފަތިސް ނަމާދަށް އެރުމަށެވެ. ނަމާދު ކޮށްލުމުން އޭނަގެ ހިތާއި ސިކުނޑިއަށް ލުއިކަމެއް ލިބުނެވެ. ނަމާދަށް ފަހު ޤުރުޢާން ކިޔަވަން ވަގުތުކޮޅެއް ހުސްކޮށްލުމަށްފަހު ޝާޢާ އޭނަގެ ކޮޓަރިން ނިކުތީ ގޭގެ މަސައްކަތްތަކުގައި އަތްގާތްކޮށްލަދޭށެވެ. އޭރު ފެނުނު ބިރުވެރި ހުވަފެނުގެ އަސަރު ކޮންމެވެސް ވަރަކަށް އޭނަގެ ހަނދާންތަކުން ވަނީ ފިލާފައެވެ.

މުސްކުޅިއުމުރަށް ގޮސްފައިވާ ކާފައާއި މާމައަށް ޓަކައި ޝާޢާގެ ހިތުގައި ވަނީ ހާއްސަ މަޤާމެއް ދެވިފައެވެ. އޭނަގެ މައިންބަފައިންގެ ކުއްލި ވަކިވުމަށްފަހު އޭނައަށް ލޯތްބާއި އޯގާތެރިކަން ދިނީ ވެސް އެދެމީހުންނެވެ. މައިންބަފައިންގެ އުނިކަން ދުވަހަކު އޭނައަށް އިހުސާސްވިޔަކަ ނުދިނެވެ. ފުރާފުރިހަމަވަންދެން އެދެމީހުންގެ ހުރިހާ ވަގުތެއް ވެސް ހުސްކުރީ އޭނައަށެވެ. ކަންއެހެން އޮތް އިރު މިއަދު އެދެމީހުންގެ ހަށިގަނޑުން ހަކަތަ ހުސްވެ މުސްކުޅި އުމުރަށް އެޅިފައިވާ ހިނދު އިހުސާންތެރިކަން އަދާކުރުން އެއީ އޭނަގެ މައްޗަށް ލާޒިމު ކަމެކެވެ. އެމީހުން އުފުލި ބުރައިގެ އަގު އޭނައަށް ދުވަހަކު އަދާނުކުރެވުނުކަމުގައި ވިޔަސް މެއެވެ. އޭނަގެ ދުވަހުގެ ބޮޑުބައި ކާފަމެނަށް ހުސްކުރަނީ ވެސް އެސަބަބާ ހުރެއެވެ.

*****

މުޅިން އައު ދުވަހަކަށް މަރުހަބާ ކިޔަމުން ފާއްދާލި އިރުގެ ދޯދިތަކުން އުދަރެސް އޮތީ ރަންގުވެފައެވެ. ފަރާތްފަރާތަށް ދައުރުކުރަމުން ދިޔަ ވިލާތަކުގައި ވެސް އިރުގެ ދަޅައިގެ އަސަރު އެކުލެވިފައި ވިއެވެ. މެދުކެނޑުމެއް ނެތި އިވެމުން އައި ކޮވެއްޔާއި ކާޅުތަކުގެ ސަނާ ކިޔުމުގެ އަޑުން މުޅި ރަށް ހޭލައްވާލުމުގައި ކާމިޔާބު ހޯދިއެވެ. ހެނދުނުހެނދުނާ ގިނަ ގެތަކުގެ މީހުން ނިކުމެ ގޯއްޗާއި މަގުގައި ކުނިކަހަން ތިބިއިރު އަވައްޓެރިންނާ ފޮނި އަނގަތަޅަމުން ދިޔައެވެ. އޭގެ ތެރޭން ގިނައިން ދެކެވެމުން ދިޔައީ މިހާރު ރާއްޖޭގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކުގެ ވާހަކައެވެ.

*****

''މަރިޔާދު'' އަކީ އާދައިގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ. އިހުގެ އުވަގަލުން ގޭގެ ހުރިހާ ތަނެއް މަރާމާތުކުރެވިފައި ވާއިރު ޒަމާނީ ކުލަ ފެންނަނީ ހަމައެކަނި ގޭގެ ފުރާޅުތަކުންނެވެ. މުއްދަނސި ބަޔަކަށް ނުވިކަމުގައި ވިޔަސް އެގޭގެ ތަހަރުފާރުތެރޭގައި އުޅެމުން ދަނީ ފުއްދުންތެރި ޢާއިލާއެކެވެ. ޖާބިރަށް ލިބޭ އާމްދަނީން ގޭގެ ހަރަދުތައް ދެކޮޅުޖައްސާލައިގެން ވެސް ފަހަށް ރައްކާކުރަން ހުރެއެވެ. ގޭގެ ގޯތި ބޮޑުވެފައި ހައްދާފައިވާ ތަފާތު ގަސްތަކުން ގެއަށް ފެހިކަމާއި ދިރުން ގެނެސްދީފައި ވެއެވެ. ތަފާތު މޭވާއާއި ތަރުކާރީ ގަސްތަކުގެ އިތުރުން މާމެލާމެލީގެ ސަބަބުން އެގެއަކީ ހަޤީޤަތުގައި ވެސް މަރިޔާދެކެވެ. ބަގީޗާގެ ތެރޭން އެންމެ ބޮޑަށް ވެސް އަޅައިގަންނަނީ ގޭގެ އިން ފާރުން ވަދެވޭ ގޮތަށް ހުރި މައިދޮރުގެ މައްޗަށް ވާގޮތަށް އަރުވާފައިވާ އިރުދޭމާ އަދި ބޯގަންވިލާ ގަސްތަކެވެ. އެގަސްތަކުގައި ތަފާތު ދިރުމެއް ވެއެވެ.

''މާމާ، އަހަރެން ބުނީމެއްނު މީ މާމަ އަރާމުކުރަންވީ ދުވަސްކޮޅޭ، އިހަށް ދުވަހު ޑޮކްޓަރަށް ދެއްކީމަ ވެސް ބުންޏެއްނު މަސައްކަތްނުކުރާށޭ، އަހަރެން މިހިރީނު ގޭގެ ކަންތައް ކުރަން...'' ޝާޢާ ފެންޑާއަށް ނިކުތްއިރު ގޭގެ ބޮޑު ގޯތީގައި ކުނިކަހަން އޮތް ހަދީޖާ ފެނުމާއެކު ބުނެލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހަދީޖާ ގާތަށް ހުއްޓިލަމުން އިލޮށިފަތި އަތުލިއެވެ.

''މާމަ އުނދޯލީގައި އިށީނދޭ، އަހަރެން ކުނިކަހާނަން...'' ހަދީޖާއަށް އަމުރުކުރާ ފަދައަކުން ބުނެލުމަށްފަހު ގޭގެ މެދު ގޯތީގައި ހުރި ބޮޑު އަނބުގަސްދޮށުގައި ހުރި އުނދޯއްޔަށް ޝާޢާ އިޝާރާތްކޮށްލިއެވެ. ޝާޢާގެ އެއަމަލުން ހަދީޖާ ގާތަށް ހިނިއައެވެ.

''ދަރިފުޅަކަށް ތިކަން ނުވާނެ، އިރުކޮޅަކުން އޮފީހަށްދާ ގަޑި ޖެހިދާނެ، މާމަ ހުންނާނީ ސައި ތައްޔާރުކޮށްފަ، ސައިބޮއެގެން އޮފީހަށް ދާން ތައްޔާރުވާން ދޭ...'' އިލޮށިފަތި ދޭށޭ ބުނާ އުސޫލުން އަތްދިއްކޮށްލަމުން ހަދީޖާ ބުނެލީ ހިނިތުންވުމަކާއެކުގައެވެ.

''އަދި އެބައޮތް އެއްގަޑިއިރު އެހާއިރަށް ނިންމާލާނަމޭ، ދެން މާމަ ދޭބަލަ އިށީންނަން...'' ގޮތުގައި ހިފަހައްޓަމުން ޝާޢާ ބުނެލިއެވެ.

''މީ ނިކަން ބޯ ހަރު ކުއްޖެއް...'' އެންމެފަހުން ހަދީޖާއަށް ޖެހުނީ ޝާޢާގެ ބަސް ޤަބޫލުކުރާށެވެ. އޭނަ ޝާޢާއަށް ހިނިތުންވެލަމުން ދާން ހިނގައިގަތެވެ. އެހެނަސް އޭނަގެ މިސްރާބު ހުރީ ޖޯއްޔަކަށް ނޫނެވެ. މައި ގެއާއި ތަންކޮޅެއް ދުރުގައި ހުރި ބަދިގެއާއި ދިމާއަށެވެ. ޖާބިރު ހެނދުނުގެ ސަޔަށް އިންސާފުކުރަން އަންނަންވާއިރަށް ސުފުރާމަތި ތައްޔާރުކުރުމުގެ ބޭނުމުގައެވެ.

މުޅި ގޯތީގައި ތަފާތު އެކި ވައްތަރުގެ ގަސްތައް ހުރުމުން ފައިބާފައި ހުރި ފައްތަކުން ހީވަނީ ހަރީފު މޫސުން އައިސްފައި އޮތް ހެންނެވެ. މުޅި ތަނަށް އަވަސް ނަޒަރެއް ދެމުން ޝާޢާ ތުންދަމާލިއެވެ. ބުރަކަމުގައި ވިޔަސް އޭނަ އަތްމަތި އަވަސްކޮށްލިއެވެ. އޮފީހަށް ދާން ވާއިރަށް އެކަންތައް ނިންމާލަން އޭނަ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.

*****

ހެނދުގެ ސަޔަށް ޢާއިލާގެ ހުރިހާ މެންބަރުން އެކުގައި އިންސާފުކުރުމަށް ފަހު ޝާޢާ އަވަސްވެގަތީ އޮފީހަށް ދިއުމަށެވެ. އޭރު އޭނަ ބަލާ ގޭދޮށަށް ސައިކަލުގައި އައިސްފައި އިން އެކުވެރިޔާއަށް ލަސްވެގެން ދެފަހަރެއްގެ މަތީން ގުޅައިފިއެވެ. ކޮޓަރިއަށް ވަދެ ލައިގެން ހުރި އޮފީސް ޔުނިފޯރމަށް ސެންޓު ބުރުވާލުމަށްފަހު ލޯގަނޑުން އޭނަގެ ސޫރަ ޝާޢާ ބަލާލިއެވެ. ޝާޢާއަށް ލިބިފައިވަނީ މޭކަޕަކަށް ބޭނުންނުވާ ފަދަ ފުރިހަމަ ބުރުސޫރައެކެވެ. އެރީތި މުށިކުލައިގެ ދެލޮލާއި ފިނިފެންމަލުގެ ފިޔަތައް ފަދަ މަޑު ތުންފަތަށް ވެރިވާ ހިނިތުންވުމުން ކޮލަށް އެޅިގެންދާ އަޑިކޮޅަކީ ފިރިހެނުންގެ ހިތްތަކަށް އިންޤިލާބެއް ގެނުވާނެ ފަދަ ފަރިކަމެކެވެ. އޮމާން ހިތްގައިމު އަޑާއި، ހިމަތޮޅި ހަށިގަނޑުގެ އިތުރުން ރޭގަނޑެއް ފަދަ އެދިގު ފަން އިސްތަށިގަނޑަކީ ޝާޢާގެ ރީތިކަމާއި ޗާލުކަން ބަޔާންކޮށްދޭ އިތުރު ސިފަ ތަކެވެ. ޤުދުރުތުން ދެއްވާފައިވާ އެނފުރިހަމަކަށް އުނިއިތުރެއް ގެނައުމަކީ އެސްވެސް އިރެއްގައި ޝާޢާ ރުހޭކަމެއް ނޫނެނެވެ.

ރީތިވާ މޭޒުމަތީ އޮތް އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން ޝާޢާ ކޮޓަރިން ނިކުތެވެ.

''މާމާ، ކާފާ... ދާނީ...'' ބަދިގޭގެ ދޮރުކުރިމައްޗަށް ހުއްޓިލަމުން ޝާއާ ބުނެލިއެވެ. އަދި އޭނަގެ ފިޔަވަޅުތައް އަވަސްކޮށްލަމުން ގޭގެ މައިދޮރާއި ދިމާއަށް މިސްރާބު ޖެހިލިއެވެ.

''އަވަހަށް ދަމާ، މިހާރު ގަޑި ޖެހެން ވެސް ކައިރިވަނީ...'' ދޮރާށި ހުޅުވާލާފައި ނިކުތް ޝާޢާ ފެނުމާއެކު ސްކޫޓީގައި އިން އައިޝާ ބުނެލިއެވެ. ޝާޢާ އާއި އައިޝާގެ އެކުވެރިކަން ބަދަހިވެގެން އައިސްފައިވަނީ ސްކޫލް ދައުރުން ފެށިގެންނެވެ. އެކުގައި އުޅުނު ގިނަ ރަހުމައްތެރިންގެ ތެރޭން ރަށުގައި އުޅޭ ހަމައެކަނި އެކުވެރިޔާއަކީ ވެސް އައިޝާ އެވެ.

ޝާޢާ އަދި އައިޝާ މަސައްކަތްކުރަނީ ރަށުގެ ދެކުނުގައި އަލަށް ހުޅުވި އެއާރޕޯޓުގައެވެ. އެއީ ރަށުގެ އަވަށްތަކުން އެންމެ މަދު އާބާދީ އޮންނަ އަވަށެވެ. ގެތައް މަދުވެފައި ޖަންގަލި ބޮޑު ސަރަހައްދެކެވެ.

*****

''ޖާބިރު އެހިންތަ ޝާޢާ ގާތު ރޭގައި ހަޅޭއްލެވި ސަބަބެއް؟...'' ތަށިތައް ނަގަން އުޅުނު ހަދީޖާ ކާމޭޒު ދޮށުގައި ނަންބަރު އައިނުއަޅައިގެން ދުވަހު ނޫސް ކިޔަން އިން ޖާބިރާ ސުވާލުކޮށްލި އެވެ. ޖާބިރު އޭނަގެ ނަޒަރު ނޫހުގެ ސަފުހާތަކާއި ވަކިކޮށްލަމުން ހަދީޖާއަށް ބަލާލިއެވެ.

''ބުނީ ހޯނެއް ފެނުނީއޭ... އެމަންޖެ ދޮގެއް ނަހަދާނެ...'' ހަދީޖާގެ ހާސްކަން ފާހަގަވުމުން ޖާބިރު ޖަވާބުދިނެވެ. އޭނަ މަސައްކަތްކުރީ އަންހެނުންގެ ހިތްހަމަޖައްސައިދޭށެވެ. ހަދީޖާ އެވިސްނަނީ ކޮންކަމަކާއިމެދުގައި ކަން އޭނައަށް ރަގަޅަށް އެނގުނެވެ.

''އެކަމަކު...''

''ހަދީޖާ މާބޮޑަށޭ ކަންތަކާ ތިވިސްނަނީ، ކަމެއް ވަންޏާ މަށަށް ނޭނގިއެއް ނުދާނެ...'' ހަދީޖާގެ އަތުގައި ހިފާލަމުން އެއަތަށް ޖާބިރު ފިތާލީ އޭނަގެ ބަހަށް އިތުބާރުކުރާށޭ ބުނާ އުސޫލުންނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަދީޖާ ގޮޑިއެއް ދަމާލަމުން އޭގައި އިށީނެވެ.

''އަހަރެން ވަރަށް ބިރުގަނޭ... މިހާރު ޖާބިރަށް ވެސް ކަންތައް ބެލެހެއްޓެނީ ކިރިޔާ... އަހަރުމެން ދެމީހުން ވެސް މިތިބީ މުސްކުޅިވެ ގައިބާރު ދޫވެފަ... އެމަންޖެގެ މުސްތަޤުބަލާ މެދު އަހަރެން ބިރުގަނޭ...'' ހަދީޖާގެ އަޑުގައި މަޑުމޮޅިކަން ވިއެވެ.

ހަދީޖާގެ ޖުމްލައާއެކު ޖާބިރުގެ މޫނުމަތިން ވެސް މާޔޫސްކަމާއި މޮޅިވެރިކަމުގެ ނިޝާންތައް ފާޅުވިއެވެ. އޭނަ ހަށިފުރާ ނޭވާއެއް ދޫކޮށްލި ހިނދު ޚިޔާލުތަކުގެ ވާފަށްތައް ގުޅިލާމެހި ސިފަވާން ފެށީ އެއްގޮތަކަށް ވެސް އޭނަ ހަނދާންކުރަން ބޭނުންވި ދުވަސްތަކެއް ނޫނެވެ. އެހިތި ހަދނާންތަކާ ދުރަށް ދާން އޭނަ ބޭނުން ވިއެވެ. އެއީ އޭނަގެ މުޅި ހަޔާތުގައި ވެސް ކުރިމަތިލާންޖެހުނު އެންމެ ގިލަންވެރި ދުވަސްތަކެވެ. އޭނަގެ މުޅި ޢާއިލާ ބަރުބާދުވެގެން ދިޔަ ދުވަސް ވެސް މެއެވެ.

''ޖާބިރު... ހަމަ އެންމެ ސުވާލެއް ކުރަން އަހަރެން ބޭނުމީ، އަހަރުމެން ނެތް ދުނިޔެއެއްގައި ޝާޢާއަށް އުފާވެރި ޚަޔާތެއް ލިބޭނެތަ؟...'' ޖާބިރުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލަމުން ހަދީޖާ އެހިއެވެ. އެސުވާލުގެ ޖަވާބަށް އޭނަގެ ކެތްތެރިކަން ކުޑަވެފައިވާކަން ހާމަކޮށްދެނީ އެމޫނުން ފެންނަމުން ދިޔަ ޝުއޫރުތަކުންނެވެ. މިހާރަކަށް އައިސް އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިފައިވާ މައިގަނޑު ސަބަބަކީ ވެސް އެއީއެވެ. ފެންނަމުންދާ އިންޒާރުތަކުގެ ރަނގަބީލުތައް ނުފެންނަ ކަމަކަށް ހެދޭކަށް ނެތެވެ. ހަމައެއާއެކު މާޒީގައި ކަންވެދިޔަ ގޮތް ހަނދާން ނައްތާލާފައި ދިރިއުޅުމާއިގެން ކުރިއަށް ދެވޭކަށް ވެސް މެއެވެ. އޭނައާއި ޖާބިރުގެ ދިރިހުރުމުގެ ހުޅުކޮޅު އެވަނީ ނިވެން ކައިރިވެފައެވެ. ޖާބިރު ފާޅުނުކުރިކަމުގައި ވިޔަސް އޭނައަށް ޖާބިރުގެ ދެލޮލުން މާޔޫސްކަމާއި ނާއުއްމީދުގެ އޮއިވަރު ފާހަގަ ކުރެވެއެވެ. ޝާޢާގެ މުސްތަޤުބަލާ މެދު ބިރުގެންފައިވާ މިންވަރު ވެސް މެއެވެ. އެއްއިރެއްގައި ވެސް ޖާބިރުގެ ހުނަރާ މެދު ޝައްކު އުފައްދާކަށް އޭނަ ބޭނުމެއް ނުވެއެވެ. އޭނަގެ ޢާއިލާއަށް އެހިސާބަށް ވެސް އާދެވިފައިވަނީ ޖާބިރުގެ ހުޝިޔާރުކަމާއި ޤާބިލުކަމުންނެވެ. އެހެނަސް ޖާބިރުގެ އިހުހުރި ހަކަތައެއް މިހާރަކު އެހަށިގަނޑަކު ނުވެއެވެ. އަންނަން އުޅޭ ގަދަފަދަ ތޫފާނާ ކުރިމަތިލާނެ ހިތްވަރެއް ވެސް މެއެވެ. ޖާބިރު އެދަނީ މުސްކުޅި ބަލީގެ ޝިކާރައަކަށް ވަމުންނެވެ. ހުރިހާކަމެއް ބޮއްސުންލައިގެން ހިނގައިދާނެކަމުގެ ބިރު އޭނަގެ ހިތުގައި ވަކިހިއްޕާލާފައި އެވަނީ އެސަބާ ހުރެއެވެ. އެމީހުން ނެތް ދުނިޔެއެއްގައި ހުރިހަމައެކަނި މާމަ ދަރިފުޅަށް ވެދާނެ ގޮތަކާމެދު އޭނަ ބިރުގަނެއެވެ.

''ޖަވާބެއް ދީބަލަ...'' އެތައް މިނެޓެއް ފާއިތުވެ ދިޔަފަހުން ވެސް ޖާބިރުގެ ފަރާތުން އިޝާރާތެއް ނުލިބުމުން ޖާބިރުގެ އަތުގައި ހާދީޖާ ހިފާލިއެވެ. ހަދީޖާގެ އެހަރަކާތުން ޖާބިރަށް ސިހުމެއް ލިބުނެވެ. ފުންނޭވާތަކެއް ދޫކޮށްލަމުން ހަދީޖާއަށް ދޭނެ ޖަވާބަކާ މެދު ވިސްނާލަން ޖެހުނެވެ. އޭނަގެ ހިތުގައި ވަންހަނާ ކުރެވިފައިވާ އުދާސްތައް ހަދީޖާއާ ހިއްސާކުރެވޭކަށް ނެތެވެ. އޭގެ ސަބަބުން ގޭގެ މަސްލަހަތައް ބޮޑު އިންޤިލާބެއް އައިސްދާނެތީއެވެ. ބިރުވެރިކަން އުފެދިދާނެތީއެވެ. އެއާއެކު އޭނައަށް މިފަހަރު ވެސް މަޖުބޫރުވީ އޭނަގެ އަންހެނުން އަނދިރީގައި ބަހައްޓާށެވެ.

''ހަދީޖާ ކަންބޮޑުނުވެބަލަ... މިހާ ތަނަށް ވެސް ހުރިހާކަމެއް ބަލަހައްޓަމުން މިއަންނަނީއެއްނު، އަހަރެން އެދޭނީ އެންމެ ކަމަކަށް، ކުރިން ވެސް އަހަންނަށް އިތުބާރުކުރި ފަދައިން މިފަހަރު ވެސް އަހަންނަށް އިތުބާރުކުރޭ...'' ޖާބިރު އެދުނެވެ.

''އަހަންނަށް ތިކަން އެނގެޔޭ، އެކަމަކު ދުނިއުމުރަކަށް ހުރިހާކަމެއް އެގޮތުގައި ދެމިއެއް ނޯންނާނެއެއްނު، ކޮންމެވެސް އެއްދުވަހަކުން އަހަރުމެނަށް ހަޤީޤަތާ ކުރިމަތިލާން ޖެހޭނެ، އެދުވަހުން ޝާޢާއަށް އަހަރުމެން ދޭނީ ކޮން ޖަވާބެއްތަ؟... ހުރިހާ ނުރައްކަލަކުން ވެސް އެމަންޖެ ސަލާމަތްކުރަން އަހަރެން ބޭނުން...'' ހަދީޖާގެ ހިތުގައި އުފެދުނު އުދާސްކަން އޭނަގެ ލޮލުން ކަރުނައިގެ ސިފައިގައި ބޭރުވާން ފެށިއެވެ. މިމަންޒަރު ބަލަން އިން ޖާބިރުގެ ހިތަށް އަސަރުނުކޮށެއް ނުދިޔައެވެ. އަވަސްއަވަހަށް ހަދީޖާގެ ގާތަށް ޖެހިލަމުން އެހިތަށް ލިބިފައިވި މާޔޫސްކަމަށް ލުއިކަމެއް ގެނެސްދެވޭތޯ އޭނަ މަސައްކަތް ކުރިއެވެ. އުނދަގޫކަމެއްކަން އެނގޭ އިރު ވެސް މެއެވެ. އެއީ އޭނަގެ ހަޔާތުގެ ދުވަސްވީ ބައިވެރިޔާއެވެ. މުސީބާތުގެ ވަގުތުގައި ހަދީޖާއަށް މަދަދުވެރިވުން އެއީ އޭނަގެ މައްޗަށް ލާޒިމުވެފައިވާ ކަމެކެވެ.

''މާޒީގައި ކަންވެދިޔަ ގޮތް ތަކުރާރުވެދިކަ ނުދޭނަން!، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަގަޅުވާނެ...'' ހަދީޖާގެ އަތުގައި އޯގާތެރިކަމާއެކު ފިރުމާލަމުން ޖާބިރު ވާހަކަދެއްކިއެވެ. އޭނައަށް ހަދީޖާ ވިސްނަމުން އެދަނީ ކޮންކަމަކާއި މެދުގައިކަން ރަގަޅަށް އެނގުނެވެ. އެއުދާސްތަކުގެ ފަހަތުގައި ފޮރުވިފައިވި ސިއްރުތައް ވެސް މެއެވެ. އެއީ އޭނައާއި ވެސް ވަކިނުވާ ޖަޒުބާތުތަކެކެވެ.

*****

''އޭ، ކޮން ކަމަކަށް ގެއްލިފަތަ ތީންނަނީ؟، މަށަށް ނާންގާ ކަންތައްގަނޑެއް ހިންގަނީތަ؟، އަނެއްކާ މިއުޅޭ ޔޫނުސްއަށް ޖަވާބެއް ދިނީތަ؟...'' މެންދުރުގެ ކެއުމަށް އިންސާފުކުރަން އައިޝާއާއި ޝާޢާ ތިބީ އެއާރޕޯޓް ރެސްޓޯރެންޓްގައެވެ. ވަގުތުގެ ގޮތުން އެތާނގައި ގިނަ އަދަދެއްގެ މީހުން ހޭލަމޭލަވަމުން ދިޔައެވެ. އިރުކޮޅެއް ފަހުން އަތުގައި އޮތް އޫ، ތަށީގެ ތެރެއަށް ދޫކޮށްލަމުން އައިޝާ އަނެއްކާ ވެސް ޝާޢާއަށް ބަލާލީ އޭނަ ކުރި ސުވާލުގެ ޖަވާބު ނުލިބުމުންނެވެ. އެހެނިހެން ދުވަސްތަކާއި ނުބައްދަލު އާދަތަކެއް ޝާޢާގެ ފަރާތުން އޭނައަށް ފެންނާތީއެވެ. ޝާޢާއަކީ އަނގަގަދަ ކުއްޖެކެވެ. އަބަދު ވެސް އެމޫނުގައި ތަފާތު ޖޯޝެއް ވާނެއެވެ. ނަމަވެސް މިއަދު ހީވަނީ ކަމަކާ މެދު މާބޮޑަށް ފިކުރު ހިންގުމުގެ ސަބަބުން ރޫހު ގެއްލިފައިވާހެންނެވެ. އައިޝާއަށް ހައިރާންކަން ލިބުނީ ވެސް އެސަބަބާ ހުރެއެވެ.

''ޝާ!، ވަޓްސް ރޯންގް، ގޭގަ ކަމެއް ވީތަ؟، މާމައާއި ކާފަ އަނެއްކާ ބަލީތަ؟...'' އައިޝާގެ އަޑުގައި މިފަހަރު ކަންބޮޑުވުން އެކުލެވިފައި ވިއެވެ.

''ގޭގަ ކަމެއް ދިމައެއް ނުވޭ، މާމަމެން ވެސް ރަގަޅު އެކަމަކު ރޭގަ ފެނުނު ހުވަފެނެއްގެ ސަބަބުން މޫޑު ކަޓާފަ މިހުރީ، އޭގެ މަތިން ހަނދާން ނެތިފަ ހުރެފަ ކުއްލިޔަކަށް ހަނދާން ވާން ފެށީ... ވިސްނަން ބޭނުން ނުވިޔަސް ވިސްނެނީ... ހީވަނީ ހަޤީޤަތެއް ހެން...'' ސިކުނޑީގައި ހުރިހާކަމެއް ބައްކޮށްގެން ހުންނަން ވެއްޖެއްޔާމު އާޚިރު ނަތީޖާ ރަގަޅުނާވެކަން ދޭހަވުމުން އައިޝާއާއި އޭނަގެ އިހުސާސްތައް ޝާޢާ ހިއްސާކުރިއެވެ. ޝާޢާގެ ވާހަކަތައް އަޑުއަހަން ހުރި އައިޝާ ފެށީ ހޭށެވެ. އެއާއެކު ހިތްހަމަނުޖެހުނު ފަދައަކުން ޝާޢާ ލޯއަޅާލިއެވެ.

''ޝާ ވެސް ދޯ، ހުވަފެނަކީ ބިލާހެކޭ، ތީ އިހަށް ދުވަހު މިތާ މިއުޅޭ ޖާވިދު މިއަވަށު ކުއްޖަކު ޖިންނި މޮޔަވެއްޖެޔޭ ބުނީމަ އެކަމާ ވިސްނަމުން ގޮސް ފެނުނު ހުވަފެނެއް، އެހެންނޫނަސް އަހަރެން ޤަބޫލުކުރާކަމެއް ނޫން ތީ... ޒަމާން މިދަނީ ބަދަލުވަމުން، އިހުގެ ބޯދާ ވިސްނުންތައް ދޫކޮށްލަން އެބަޖެހޭ... ރަގަޅަށް ވިއްޔާ ޖާވިދު އެބުނާ ކުއްޖާ ވެސް މަޝްހޫރުވާން ޖެއްސި ސްޓަންޓެއްކަމަށް އެވާނީ، އަހަރުމެން ވެސް އިރުއޮއްސޭ ގަޑީގަ ދިޔަވަރުހިކިފަ އޮތިއްޔާ ދަމެއްނު ފަރުހިލަން، ދުވަހަކު އެބުނާ ޖިންނިއަކާ ދިމާވިތަ؟، ނުވެއެއްނު... މީހުން ދައްކާ ކޮންމެ ވާހަކައަކަށް އިތުބާރެއް ވެސް ނުކުރެވޭނެ، ޕްރޫފް ބޭނުންވާނެ ދޯ، ޝާ ވެސް ދެން ބޯގޯސް ކަންތަކާ މެދު ނުވިސްނާ...''

ގެނެސްފައި ހުރި އޮރެންޖު ޖޫސްތަށްޓަށް ލާފައި ހުރި ހޮޅީގައި ތުންޖަހައި ކޯވަރެއް ބޯލުމަށްފަހު އައިޝާ ވާހަކަ ދެއްކިއެވެ. އޭނައަށް ޝާޢާގެ ވާހަކަތައްވީ މަޖާ ކަމަކަށެވެ. އެކަމަށް އިތުރު ސަމާލުކަމެއް ވެސް ނުދިނީ އެހެންވެއެވެ. އޭނައަކީ އެއްއިރެއްގައި ވެސް ރޫޚާނީ ކަންތައްތަކުގެ ހަޤީޤަތް ޤަބޫލުކުރާ މީހެއް ނޫނެވެ. އޭނަ ޤަބޫލުކުރާ ގޮތުގައި އެއީ ކުރީގެ ދިވެހިންގެ ބޯދާ ވިންސުމެވެ. މިހާރު ޒުވާނުން އެއަށްވުރެ މިނިވަން ޚިޔާލެއް ގެންގުޅެން ޖެހެއެވެ. އޭނަ ޝާޢާއަށް ވިސްނައިދޭން އުޅުނީ ވެސް އެކަމެވެ.

''އެކަމަކު ހާދަ ހަޤީޤަތާ އެއްގޮތޭ، ހީވީ އެތާނގައި އަހަންނަށް ހުރެވުނުހެން...'' ޝާޢާއަށް އަދިވެސް އޭނަގެ ޚިޔާލުތަކުގެ ދުނިޔެއިން ނުނިކުމެވެއެވެ. އެބިރުވެރިކަން ތަޖުރިބާ ކުރަންޖެހުނީ އޭނައަށްކަމުގައި ވީތީ އެވެ.

''ވިލް ޔޫ ޖަސްޓް ލެޓް އިޓް ގޯ؟... އެންމެފަހުން ތިކަމާ ހުރެ ޝައްކުބަލި ވެސް ޖެހިދާނެ، އޭރަށް މިރަށުގަ އަޑު ފެތުރިދާނެ ޝާ ޖިންނި މޮޔަވެއްޖެޔޭ ކިޔާފަ... ގިނަފަހަރު މި ޖިންނިއޭ ބުނެގެން ވާ ކަންތައްތަކަކީ އަސްލު ނަފުސާނީ މައްސަލަތަކޭ... އިހު މީހުންނަށް ނޭނގޭތީ ފަންޑިތައާ އެއްޗެހި ހަދާ އުޅުނީ... ތި ބޭކާރު ވާހަކަތަކަށް ވުރެން ވިސްނަން ހުރި އެހެނިހެން ކަންތައް ވެސް އެބަހުއްޓެއްނު، ލައިކް ޔޫނުސް... މިހާރު ޔޫނުސްއަށް ދޭނެ ޖަވާބަކާ މެދު ވިސްނާލިންތަ؟...... އެސޮރު މިއަދު ނުވެސް ފެނޭ، އަނެއްކާ އޭނައަށް ކިހިނެއް ވީބަ؟، އެހެންޏާ އަބަދު ހުންނާނީ ޝާގެ ފޫބުޑުގަ ވިއްދާލާފަ...'' އައިޝާގެ ޖުމްލައިން މިފަހަރު ޝާޢާ ގާތަށް ހިނިއައެވެ. އެއީ ހެޔޮ ބަދަލެއްކަމުގައި އައިޝާ ނިންމިއެވެ. އެއާއެކު އޭނަ އިތުރަށް ޔޫނުސްގެ މައުޟޫޢުއަށް ވާހަކަދެއްކިއެވެ. އެއީ ޝާޢާ ގަޔާވާ ކަމެއްކަން އެނގޭތީއެވެ. ހަމައެއާއެކު ޝާޢާގެ ޚިޔާލުތަކުގެ ސަމުގާ ޔޫނުސަށް އަނބުރާލެވޭނެތީ ވެސް މެއެވެ.

''ޔޫނުސް ކޮއްކޮއަކު ބަލިވެގެން ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ އޮތީ... އަދި އެތަނަށް ވެސް ނުދެވިގެން މިއުޅެނީ، މިއަދު ހަވީރު ވާނެ ގެއަށް ދާއިރު ހޮސްޕިޓަލަށް ވަދެލާފަ ދާން...'' ޝާޢާ ބުނެލިއެވެ.

''ހޫނނނ، ތީ ހަމަ ޔޫނުސްގެ މޫނު ބަލަން ކެތްނުކުރެވިގެން ދައްކާ ވާހަކައޭ...'' ދިމާކުރާ ރާގަކަށް އައިޝާ ބުނެލިއެވެ. އެއާއެކު ޝާޢާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވާން އުޅުނެވެ.

''ދެން ކޮން ދުވަހަކުން ޖަވާބު ދޭނީ؟، މިހާރު އޭނަ ލޯބި ވެސް ހުޝަހެޅީ، ގިނަ ދުވަސްވަންދެން ތިހެން ހިމޭނުން ހުރުން ރަގަޅެއް ނުވާނެ...... އެނގޭތަ މިތާ މިއުޅޭ ބަޑި ނަދުހާ ވަރަށް މޭކަރައިގަނެގެން އުޅެނީ ޔޫނުސް ޝާއާއެކު އުޅޭތީ، އޭނަގެ ފްރެންޑެއް މަ ގާތު ބުނީ... އެފަނިގަނޑުގެ ބަލާވެރިކަން ނުޖެހެނީސް އަވަހަށް ޔޫނުސްއަށް ޖަވާބެއްދޭން އުޅޭ، އެހެންނޫނީ ތެޔޮނާށި ކާޅު ގެންގޮސްފާނެ، އޭރަށް ފަހުން ހިތާމަކުރަން ޖެހިދާނެ...'' އޭނައަށް ބަލަން އިން ޝާޢާ އާއި ހަތަރުކަޅި ހަމަކޮށްލަމުން އައިޝާ ބުނެލިއެވެ. އޭނަގެ މަގުސަދުކަމުގައިވީ ޝާޢާއަށް ވިސްނައިދިނުމެވެ.

''އޭނައަށް ލާހިކެއް ނޫން މަގޭ ހައްޤަކަށް އަތްގަދަ ކުރާކަށް...'' ނަދުހާގެ ނަން އިވުމުން ވީ ފޫއްސެއްގެ ބޮޑުކަމުން ޝާޢާގެ ހިތުގައި ވަންހަނާވެފައި އޮތް ސިއްރު އޭނަގެ ދުލުކުރިން ބޭރުވެއްޖެއެވެ. އެއާއެކު އައިޝާ ދެލޯބޮޑުކޮށްލިއެވެ. އޭގެ އިރުކޮޅެއް ފަހުން އޭނަ އަތްތިލަބަޑި ޖަހާލަމުން ކަރުން ތޫލި ހަޅޭކެއްގެ އަޑު ނެރެލުމާއެކު މޭޒުމަތީ އޮތް ޝާޢާގެ އަތުގައި ހިފާލިއެވެ. ވަށައިގެން ހުރި މޭޒުތަކުގައި ތިބި މީހުންގެ ނަޒަރުތައް ދެއެކުވެރިންނަށް އަމާޒުވިއެވެ. އެހެނަސް އެކަމަކަށް އެއިން އެކަކު ވެސް ސަމާލުކަމެއް ނުދިނެވެ. މީހުންގެ ނަޒަރިއްޔާތަކީ މުހިންމުއެއްޗެއްކަމުގައި ނުވާތީއެވެ.

''އޯ...މައި...ގޯޑް... ދެން އަވަހަށް ތިކަން ޔޫނުސްއަށް އަންގަންވީ، މަށަށް ހީވަނީ އޭރުން އޭނަ އުފަލުން ގޮސް މޮޔަވެދާނެހެން، އޭނަ ކިހާ ދުވަހެއް ވެއްޖެ ޝާ ފަހަތުން އުޅޭތާ، އޭނަ ހިތްވަރުއެލުވާނުލުމުން އެންމެފަހުން ޝާގެ ހިތް ވެސް އަތުލައިފި... ތިދެމީހުން ވަރަށް ގުޅޭނެ...''

އައިޝާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. އޭރު ޝާޢާގެ ތުންފަތްމަތީގައި ވެސް ހިނިތުންވުމެއް ވިއެވެ. ހަޔާތުގެ ބައިވެރިޔަކު ޚިޔާރުކުރަން އޭނަ ކަނޑައަޅާފައިވާ ހުރިހާ ޝަރުތުތަކާއި މިންގަނޑުތަކަށް ފެތޭ ހަމައެކަނި ފަރާތަކީ ޔޫނުސް އެވެ. އިސްކޮޅު ދިގުވެފައި ލިބިފައިވަނީ އޭނަ އެންމެ އެދޭ ފަދަ ޒަމާނަށް ފެތޭ ހަށިގަނޑެކެވެ. ލޮލަށް ފިނިކަމާއި ރާހަތު ގެނެސްދޭނެ ފުރިހަމަ ސޫރައެކެވެ. ހިތުގެ ވިންދުތައް އަވަސްކުރުވާނެ ފަދަ ތޫނުފިލި ދެލޮލެވެ. އެހުރިހާ ސިފަތަކުގެ ތެރޭން ވެސް އޭނައަށް އެންމެ ކަމުދަނީ ޔޫނުސްގެ ސަމާސާ މިޒާޖެވެ. އޭނައަށް ބަހައްޓާ ހާއްސަ އަހައްމިޔަތުކަމެވެ. އޭނަގެ ހިތާ ކުޅެލުމުގެ ބާރު ޔޫނުސްއަށް ލިބުނީ ވެސް އެސަބާހެދިއެވެ.

*****

އިރުއޮއްސެ ދުނިޔެމަތި ހަމަހިމޭންވަމުން ދިޔަ ވަގުތެވެ. އިރުގެ ވަދާއީ ސަލާމުގެ ނިޝާންތައް ލަސްލަހުން ޖައްވުމަތިން ފޮހެވެން ފަށައިފިއެވެ. މަޑުމަޑުން ރޭގަނޑުގެ ހަމަހިމޭންކަމާއި އަނދިރިކަމުގެ ތެރެއަށް ދުނިޔެ ގެނބެމުން ދިޔަ ހިނދު ތަރިތަކުގެ ވިދުން ވެސް ފާޅުވާން ފަށައިފިއެވެ.

އަނދިރިކަން ވެރިވަމުން އައި ގޯތި ތެރެއަށް ނިކުތް ޖާބިރު އުދަރެހަށް ނަޒަރު ހިންގާލިއެވެ. އޭރު ގޯތީގައި ހުރި އަނބުގަސްތަކުގެ ގޮފި ތަކުގެ ތެރޭން ޖައްވުން ފޭދެމުން ދިޔަ އިރުގެ ދަޅަތަކުގެ ކުލަވަރު ފެނެއެވެ. ފުންނޭވާއެއް ދޫކޮށްލަން އުޅުނު ޖާބިރަށް ސިހުމެއް ގެނުވީ ހަމަހިމޭން މާހައުލުގެ ތެރޭން ކާޅެއް ގޮވަލީ އަޑަށެވެ. އެއާއެކު އޭނަގެ ނަޒަރު ގޮސް ހުއްޓުނީ ފެންޑާއާއި އެންމެ މަގަތަށް ހުރި އަނބުގަހުން ފުރާޅުމައްޗަށް ތިރިވެގެން ގޮސްފައި އޮތް ގޮތްޕަކަށެވެ. އޭރު ގޮފީގައި އިން ކާޅު ބަލަހައްޓައިގެން އިނީ ސީދާ ޖާބިރަށެވެ. ކަޅިޖަހާލުމެއް ނެތި ޖާބިރު އެސޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި އަވަސް ފިޔަވަޅުތަކެއްގައި ގޭގެ މައިދޮރާއިދިމާއަށް މިސްރާބު ޖެހިއެވެ. އެހިނދު ކާޅު ވެސް ގަހުގެ ތިރީ ގޮފި ދޫކޮށް އުދުއްސައިގަތީ މައްޗަށް އެރުމަށެވެ. ހީވީ ކުރި އަމުރަކަށް ތަބާވީ ހެންނެވެ. އިތުރު އިންސާނެއްގެ ބުއްދިއަށް ޤަބޫލުނުކުރެވޭނެ ކަންތައްތަކެއް އެމަދު ސިންކުތުކޮޅުގައި ހިނގިއެވެ.

މައިދޮރު ކައިރިއަށް ހުއްޓިލަމުން ޖާބިރު ފަރުވާތެރިކަމާއެކު ބަލާލީ ބޯގަންވިލާ ގަހަށެވެ. އެއަށްފަހު އޭނަ ގަހުގެ މައިމުލާއި ދިމާއަށް ގުދުވެލިއެވެ. އެއާއެކު އޭނައަށް ފެނިގެން ދިޔަ މަންޒަރުން ހިތް ނުތަނަވަސް ވިއެވެ. މޫތަކަށް ބައްޔެއްޖެހިފައިވާ އުސޫލުން ބާރުދޫވެ މަރުވުމުގެ ނިޝާންތައް ވާތަން ފެނިއެވެ. އަވަސްއަވަހަށް ކޮޅަށް ތެދުވަމުން އިރުދޭމާގަސް ކައިރިއަށް ހުއްޓިލަމުން ހަމަ އެފަދައިން ކަންތައް ކުރިއެވެ. އޭރު ޖާބިރުގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ފަށައިފިއެވެ. އަނދިރިކަންވެރިވާން ފަށާފައި އޮތް އުޑަށް ބަލާލަމުން އަވަސްއަވަހަށް އޭނަ މައިގެއަށް ވަންނަން ހިނގައިގަތެވެ.

*****

''ޝާޢާ، ކޮންތާކުތަ ތިހުރީ؟...'' ބޮޑުކޮޓަރީގައި ހުރި ޖާބިރު އޭނަ ފޯންކޯލުކުރަން ގެންގުޅޭ ނޮކިއާ ބައްތި ފޯނުން ޝާޢާއަށް ގުޅާލަމުން ސުވާލުކުރިއެވެ. އޭނަގެ އަޑުން ލިބިފައިވި ނުތަނަވަސްކަން އޭނަ ސިއްރުކުރިއެވެ.

''ހޮސްޕިޓަލުގަ މިހުރީ...'' އާދައިގެމަތިން ކާފަ އޭނައަށް އަންގާފައި އޮންނަނީ އިރުއޮއްސެންވާއިރަށް ގެއަށް އައުމަށެވެ. މިފަހަރު ވެސް އޭނައަށް ހީވީ ލަސްވެގެން ގުޅަނީ ކަމަށެވެ.

''އެކަނިތަ؟... ހޮސްޕިޓަލުގަ ކީއްތިކުރަނީ؟...'' ޖާބިރަށް އަހާލެވުނެވެ.

''އައިޝާއައެކު ރައްޓެއްސަކު ގާތަށް އައިއްސަ، އިރުކޮޅަކުން ގެއަށް ދާނަން...'' ޝާޢާ މައުލޫމާތު ސާފުކޮށްދިނެވެ. ޝާޢާއެކު މީހަކު ހުރުމުން ޖާބިރަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ލަސްނުވެ އައުމަށް ބުނެލަމުން ޖާބިރު ފޯންކޯލު ކުރުކޮށްލިއެވެ.

''ހަދީޖާ...'' ކޮޓަރިއަށް މިސްރާބުޖަހަމުން ހަދީޖާއަށް ޖާބިރު ގޮވާލިއެވެ. ނަމާދުން ފޭބި ހަދީޖާއަށް ޖާބިރުގެ އަޑު އިވުމުން ކޮޓަރިން ނިކުންނަން އުޅުނެވެ. އޭނައަށް ދޮރުމައްޗަށް ނިކުމެވުނު އިރު ޖާބިރު އައިސް ވަންނަނީއެވެ.

''ވަރަށް ދެރަ ގޮތެއް ވެގެން މިއުޅެނީ...'' ޖާބިރުގެ ހާސްކަން ފެނި ހަދީޖާއަށް ހައިރާންކަން ލިބުނެވެ. އޭނަ ސުވާލުކުރަން އުޅެފައި ވެސް ޖާބިރަށް އެތެރެއަށް ވަންނަން ތަންދައްކާލިއެވެ. އެއާއެކު އެނދުގައި ގޮސް އިށީން ޖާބިރަށް ބަލަން ހުރެފައި އެނދާއި ދިމާއަށް ހިނގައިގެންފިއެވެ.

''ކަންތައްތައް ވަރަށް ގޯސް... ޝާޢާ އަހަރުމެނަށް ކަމެއް ސިއްރު އެބަކުރޭ، ރޭގަ ހަޅޭއްލެވީ ހޯނެއް ފެނިގެނެއް ނޫން...'' ހަދީޖާއަށް ބަލާލަމުން ޖާބިރު ވާހަކަދެއްކިއެވެ. ސިއްރުކުރަން ބޭނުންވިކަމުގައި ވިޔަސް މަސްރަހު ގޮސްފައި އޮތް ނާޒުކު ހާލަތުގެ ގޮތުން އިތުރަށް ހަނުހުންނާކަށް ޖާބިރަށް ނުކެރުނެވެ. ހަޤީޤަތް އެނގުމުގެ ހައްގު ހަދީޖާއަށް އޮތީތީއެވެ. ބޯމަތިކުރުވަމުން އަންނަ ގަދަ ތޫފާނީ ކެރީގެ ހަމަލާތަކުން ރައްކާތެރިވާން ދުރާލާ ފިޔަވަޅުއެޅެން އޮންނާނީ އޭރުންނެވެ.

''ކޮންކަމެއް؟...'' ހަދީޖާއަށް އަހާލެވުނެވެ. ޖާބިރުގެ ޖުމްލައިން އޭނައަށް ޝޮކެއް ލިބިފައި ވިއެވެ.

''ގޭގެ މީހުންގެ ރައްކާތެރިކަމަށް އަހަރެން ހަދާފައި ހުރި ކަންތަކުގެ ބާރު އެދަނީ ކެނޑެމުން...'' ޖާބިރުގެ އަޑުގައި ސީރިޔަސްކަން ވިއެވެ. އޭގެ ސަބަބުން ހަދީޖާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ.

''އެއީ ކީއްވެ؟... ޖާބިރު ބުނީމެއްނު އެހެން ނުވާނެއޭ... ދެން ކީއްވެ؟...'' ނުތަނަވަސްވެފައިވި އަޑަކުން ހަދީޖާ ސުވާލުކުރިއެވެ. ''ޝާޢާ؟...''

''މުސްކުޅިވުމުން އެހުރިހާކަމަކަށް އަހަރެންގެ އަތްމަތީގައި އޮތް ބާރު މިދަނީ ކެނޑެމުން، އަހަރެން ކުރިން ކުރި ކަންތައް ކުރަން މިހާރު ހަށިގަނޑު ތަނެއް ނުދޭ...... އެމީހުންގެ ބާރު އޭގެ ސަބަބުން އެދަނީ ގަދަވަމުން... ޝާޢާގެ މައްޗަށް ނުފޫޒު ފޯރުވަމުން އެދަނީ އެހެންވެ... އަހަރެން މިވާހަކަ ބުނަން ހުންނަތާ ގިނަ ދުވަސްތަކެއް ވެސް ވެއްޖެ، އެކަމަކު ހިމޭނުން ހުރީ ހަދީޖާއަށް ނުތަނަވަސްކަމެއް ލިބިދާނެތީ، އެކަމަކު އަހަރުމެން ދެމީހުން ވެސް މިހާރު ތައްޔާރުވާން އެބަޖެހޭ... ޝާޢާގެ ސަލާމަތަށް އަހަރެން އިތުރުކަމެއް ހަދާނަން، އެކަމަކު ވަގުތު ބޭނުންވާނެ... މާދަމާއިން ފެށިގެން ހަފްތާއެއް ވަންދެން ޝާޢާއަށް އިރުއޮއްސޭދަޅައަށް ގެއިން ނުކުމުގެ ފުރުސަތު ދީގެންނުވާނެ...''

ޖާބިރު ބުނެލިއެވެ. ހަދީޖާއަށް އޭރު ރޮވެމުން ދިޔައެވެ. މާޒީ ތަކުރާރުވާކަށް އޭނަގެ ހިތެއް ނޭދެއެވެ. އެހެން ކަންތައް ވެއްޖެނަމަ އޭނަގެ ހިތް ހުއްޓިދާނެއެވެ.

''މިކަމުން ސަލާމަތްވާނެތަ؟...'' ކަރުނަތައް ފޮހެލަމުން ހަދީޖާ އެހިއެވެ. އެއާއެކު ޖާބިރަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

''އާނ... މިހުރިހާ ދުވަހު ވެސް އެގޮތަކަށްނު ދެމިއޮތީ...'' ޖާބިރު ބުނެލިއެވެ. އެއީ އޭނަގެ ހިތުގައި އޮތް ހަޤީޤަތެއް ނޫނެވެ. ތެދު ހާމަކުރަންޏާ އޭނަ ޖެހޭނީ އޭނަގެ ނުކުޅެދުންތެރިކަން ބުނެދޭށެވެ. މުސްކުޅިވުމުން އޭނަ އެވަނީ ބަލިކަށިވެފައެވެ. އޭނަގެ އަދުއްވުން އެދަނީ އޭނަގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް ނޭވާހިނގަމުންދާހާ ހިނދަކު ބަލި ޤަބޫލުކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. ޝާޢާގެ ރައްކާތެރިކަމަށްޓަކައި އޭނަގެ ފުރާނަ ޤުރުބާންކުރަން ވެސް އޭނަ އެހުރީ ތައްޔާރަށެވެ. އެމައުސޫމް ކުއްޖާއަށް ދެރައެއްލިބެން ނޭދޭތީއެވެ.

''ހަދީޖާ... މީ ބިރުގަންނަންވީ ވަގުތެއް ނޫން، ހިތްވަރާއެކު ކުރިމަތިލާންވީ ވަގުތު...... ޝާޢާއަށް އަދި ބޮޑު ނުރައްކަލެއް ނެތް، ފިޔަވަޅު އަޅައިފިއްޔާ އެކަން އެގޮތުގައި ދެމި އޮންނާނެ...'' ކޮޅަށް ތެދުވެލަމުން ހަދީޖާގެ ކޮނޑުގައި ޖާބިރު ދެއަތުން ހިފާލިއެވެ. އަދި އޭނަގެ ހިތްވަރުކަމުގައި ވާށޭ ބުނެލީ އެދެލޮލުންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު