ދަރުމަވަންތަ މަސައްކަތް ނުވަތަ ހިލޭސާބަހަށް ކުރާ މަސައްކަތްތަކަށް ހިތްވަރުދީ އެކަންތައްތައް ކުރިއެރުވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހިލޭ ސާބަހަށް މަސައްކަތް ކުރާ ދުވަސް ފާހަގަ ކުރުމަށް ހޯމް މިނިސްޓްރީން ދަރުބާރުގޭ ގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އިންސާނީ ދަރިފަސްކޮޅު ދިރުވުމަށް ދަރުވަމެރި މަސައްކަތަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އެ މުޖުތަމައުގެ އެންމެ މަތީ ފެންވަރުން ފެށިގެން އެންމެ އާދައިގެ ފަރުދާ ހަމައަށް ދަރުމަވަންތަ މަސައްކަތް ކުރުމަކީ އެ މުޖުތަމައުއެއްގެ ލޯތްބާއި ރުހުމާއި އަޅާލުންތެރިކަމަށްޓަކައި ލާޒިމް ކުރާ ކަމެއް،" އިމްރާން ވިދާޅުވި އެވެ.
ދަރުމަވަންތަ މަސައްކަތްތެރިންނަކީ ހިތްވަރުގަދަ ބައެއް ކަން ފާހަގަކުރައްވައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އެންމެހައި ދަރުމަވަންތަ މަސައްކަތްތެރިންގެ އަގު ސަރުކާރުން ވަޒަންކުރާނެ ކަމަށެވެ.
"ދަރުމަވަންތަ މަސައްކަތް ކުރުމަކީ ނުވަތަ އެކަމަށް ހިތްވަރުދީ ކުރިއެރުވުމަކީ މިއަދު ސަރުކާރުގެ ބޮޑު އަމާޒެއް. ސަރުކާރުން އެކަމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަން އެދޭ ބޭނުންވާ ކަމެއް،" އިމްރާން ވިދާޅުވި އެވެ.
ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ވެސް ދަރުމަވަންތަ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ މުހިންމު ދެ މަސައްކަތެއް ހޯމް މިނިސްޓްރީން ކުރަމުންދާކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.
އެގޮތުން ދަރުމަވަންތަ މަސައްކަތް ކުރާ ޖަމިއްޔާތަކުގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް ގުޅުން ބަދަހި ކުރުމަށް ފޯރަމެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ. ފޯރަމް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް ޖަމިއްޔާތަކުން އެއްބާރުލުން ދެއްވުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
"އެ ފޯރަމްގެ ތެރެއިން ނެރެވޭ ނަތީޖާއަކީ މި މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމަކަށް،" އިމްރާން ވިދާޅުވި އެވެ.
ޖަމްއިއްޔާތަކުގެ ފުރިހަމަ މައުލޫމާތު ލިބިދިނުމަށް ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ވެބް ޕޯޓަލްއެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަން ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.