ނިވައިރޯޅިގެ ޓިކެޓު ވިއްކަން ފަށައިފި

"ނިވައިރޯޅި"ގެ މަންޒަރެއް

މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދު ސްކްރީނުން ގެއްލޭ ފިލްމު، ނިވައިރޯޅި ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

އެ ފިލްމުގެ ޓިކެޓް މިއަދުން ފެށިގެން އޮލިމްޕަހުން ގަންނަން ލިބޭނެއެވެ. އަދި ކޮންމެ ދުވަހަކު މެންދުރުފަހު 2:00 އިން ރޭގަނޑު 9:00 އަށް ވިއްކާނެއެވެ.

ނިވައިރޯޅި ގެ ޕްރިމިއަރ ޝޯގެ ޓިކެޓެއް 150 ރުފިޔާ އަށް ވިއްކާއިރު ދެން ހުރި ޝޯ ތަކުގެ އަގު އުޅެނީ 100ރުފިޔާ އަށެވެ. އަންނަ މަހުގެ ތިން ވަނަ ދުވަހު ފިލްމު އަޅުވަން ތައްޔާރުވަމުން އަންނަ އިރު އެ ފިލްމުގެ ޕްރިމިއަރ ވަރަށް ކުލަގަދަކޮށް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ނިވައިރޯޅިގެ އޮފިޝަލް ޓްރެއިލާ މީގެ ދެދުވަސް ކުރިން ބެލުންތެރިންނަށް ދައްކާލިއިރު އެ ޓްރެއިލާ އަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ނިއުމާ ޕްރޮޑިއުސްކޮށް މޫމިން ފުއާދު ޑައިރެކްޓްކުރާ އެ ފިލްމުގެ މަންޒަރުތައް ނެގީ މާލޭގެ އިތުރުން ރ. އުނގޫފާރު އަދި އެ އަތޮޅު އިނގުރައިދޫ ގައެވެ.

މީގެ ކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައި ނިއުމާ ބުނީ ފިލްމު ރަށްރަށުގައި ވެސް ދައްކާނެ ކަމަށާއި ފިލްމު ދައްކަން ބޭނުންވާ ރަށްރަށުން ނިވައިރޯޅިގެ ފޭސްބުކް ޕޭޖަށް މެެސެޖް ކުރުމުން ރެސްޕޮންޑު ކުރާނެ ކަމަށެވެ.

ނިވައިރޯޅި އިން ޔޫސުފް ޝަފީއު، އަހުމަދު ސައީދު، މަރިޔަމް ހަލީމް، ޒީނަތު އައްބާސް، އައިމިނަތު ރިޝްފާ، އަހުމަދު އާސިމް، މަރިޔަމް ޝަކީލާ އަދި އަހުމަދު އަޒްމީލް ފަދަ ތަރިންގެ އެކްޓިން ފެނިގެންދާނެއެވެ.

comment ކޮމެންޓް