ކޮޕް24: ޕެރިސް މުއާހަދާ ތަންފީޒު ކުރާނެ ގޮތުގެ އެއްބަސްވުމަކަށް އައިސްފި

ޕެރިސް މުއަހަދާ ތަންފީޒު ކުރާނެ ގޮތާ ބެހޭ ގަވާއިދުތަކާ ބެހޭ ގޮތުން އެއްބަސްވުމަކަށް އައުމުން ކޮޕް24ގެ ރައީސް މިހަލް ކުރުތިކާ އުފާ ފާޅު ކުރައްވަނީ -- ފޮޓޯ: އޭއެފްޕީ

ކަތޮވިޗާ (ޑިސެމްބަރު 16): ޕެރިސް މުއާހަދާ ތަންފީޒު ކުރާނެ ގޮތުގެ އޮނިގަނޑެއް، އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސުގައި ބައިވެރިވި ގައުމުތަކުން އެކުލަވާލައިފި އެވެ.

ޕޮލެންޑުގައި ދެ ހަފްތާއަށް ދެމިގެން ދިޔަ ކޮންފަރެންސް އޮފް ޕާޓީސްގެ 24 ވަނަ ބައްދަލުވުމުގައި 196 ގައުމަކުން ބައިވެރިވި އެވެ. އަދި އެގައުމުތަކުން ވަނީ ޕެރިސް މުއާހަދާގެ މަގުސަދު ފުރިހަމަ ކުރުމަށްޓަކައި، ގައުމުތަކުން ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭސް މަދު ކުރާ މިންވަރު މޮނިޓާ ކުރުމާއި ފަގީރު ގައުމުތަކަށް ދޭނެ ލުއިތައް ފަދަ ގަވާއިދުތައް ހިމެނޭ އޮނިގަނޑެއް އެކުލަވާލާފަ އެވެ.

ޕެރިސް މުއާހަދާގެ މަގުސަދަކީ ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅައިބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމެވެ.

"އެފަދަ އެއްބަސްވުމަކަށް އައުމަކީ ފަސޭހަ ކަމެއް ނޫން. މިޕެކޭޖާ އެކު، (ހުރިހާ ގައުމުތަކުން) ވަނީ އެއް ހާސް ފިޔަވަޅު ކުރިއަށް އަރާފަ. އެންމެން ފަހުރުވެރިވާން ޖެހޭ،" ކޮޕް24 ސަމިޓުގެ ރައީސްކަން ކުރެއްވި މިހަލް ކުރުތިކާ ވިދާޅުވި އެވެ.

އެސަމިޓުގައި އދ.ގެ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)އިން ހަދާފައިވާ ރިޕޯޓު ބަލައިގަންނަން މަސައްކަތް ކުރި ނަމަވެސް، އެމެރިކާ، ސައުދީ އަރަބިއާ، ރަޝިއާ އަދި ކުވެއިތުން ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށް ވުރެ މައްޗަށް ހިނގައްޖެ ނަމަ ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ފަރަށާއި ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބޭނެ އެވެ. އަދި ފިނިހޫނުމިން 1.5 ޑިގްރީއަށް ވުރެ ތިރީގައި ބަހައްޓަން ބޭނުން ނަމަ، ޖައްވަށް ކާބޮންޑައިއޮކްސައިޑު ބޭރު ކުރާ މިންވަރު 2030 އަންނަންވާ އިރަށް 45 ޕަސެންޓަށް ތިރި ކުރަން ޖެހެ އެވެ.

މީގެ އިތުރުން އައިޕީސީސީން ވަނީ ދުނިޔޭގެ ފިނިހޫނުމިން ތިރި ކުރަން ވީހާވެސް އަވަހަކަށް ފިޔަވަޅު ނާޅާ ނަމަ، 2050 އަންނަންވާ އިރަށް، ދުނިޔޭގެ ހޫނުމިން މިހާރަށް ވުރެ ތިން ޑިގްރީއަށް މަތިވާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ކޮޕް24 ސަމިޓުގައި ރާއްޖޭގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިން ތިބީ މަރުވާން ތައްޔާރަށް ނޫން ކަމަށާއި، ދިރިހުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ދިވެހީން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް