ނާޒިމު އާންމު ކުރި ޖަލު ގޮޅީގެ ފޮޓޯއަށް އާންމުންގެ ފާޑުކިޔުން

ހަތަރު ބޭފުޅުންނާ އެކު ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އާންމުކުރި ފޮޓޯ: ފޮޓޯ: އަހްމަދު ނާޒިމް

ސިޔާސީ ކުށްވެރިންގެ ގޮތުގައި ކުރީގެ އިދިކޮޅު ފަރާތްތަކުން ސިފަކޮށްފައިވާ ޝެއިހް އިމްރާން އަބްދުﷲ އާއި ކާނަލް މުހައްމަދު ނާޒިމް އާއި ތޮލްހަތު އިބްރާހިމް އެކީގައި ނަންގަވާފައިވާ ފޮޓޯއެއް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމް އާންމުކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ އެވެ.

މުސައްލަތަކެއްގެ މަތީގައި ހަތަރު ބޭފުޅުން ތިއްބެވި އެ ފޮޓޯގެ ފަހަތުގައި ޑަބަލް ސައިޒްގެ އެނދެއް ފެންނަން ހުރު އެވެ. އިސްތިރި ކުރާ މޭޒެއް މަތީގައި އިސްތިރިއެއް އޮތް އިރު އެ ތަނުގެ ފާރުގައި ހުރީ މަޑު ފެހި ކުލަ އެކެވެ.

މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ނާޒިމު އެ ފޮޓޯ މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައި ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމު ސުޕްރީމް ކޯޓުން ބާތިލު ކުރުމާ ގުޅިގެންނެވެ. އަދި ވިދާޅުވީ، މިނިވަން ވުމުގެ އުފަލުގައި އާއިލާ އަށާއި ރައްޓެހިންނާއި ދިއްގަރު ދާއިރާގެ ރައްޔިތުންގެ އިތުރުން ޖަލު 'ބަޑީސް' އަށް ޝުކުރު ދަންނަވާ ކަމަށެވެ.

"އަހަރެމެން ވޭނާއި ކެކުޅުން ތަހައްމަލު ކުރީ އެކުގައި. އަދި އެތަނުގައިވީ އެކަކު އަނެކަކަށް ޓަކައި. ﷲ ވަނީ އަހަރެމެންގެ އެދުމަށް އިޖާބަދެއްވާފައި،" ނާޒިމްގެ ޓްވީޓްގައި ވިދާޅުވި އެވެ.

ހަމަ އެ ފޮޓޯއާ އެކު ނާޒިމު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ޝޭހާއި ތަމްރީންވެފައި ތިބި ދެ އޮފިސަރުންގެ އިތުރުން އިންޖިނިއަރެއް ކަމަށްވާ އޭނާ ބަންދުކޮށް ނުހައްގު އަނިޔާތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް މިނިވަން ކަމަށް ކުރި ހަނގުރާމައަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.

ނާޒިމު އާންމުރި ފޮޓޯއަށް ގިނަ އަދަދެއްގެ މީހުން ރައްދު ދީފައިވާ އިރު އެންމެން ކަހަލަ ގޮތަކަށް ވަނީ ފާޑު ކިޔައިފަ އެވެ. އެގޮތުން އެއީ ޖަލެއްތޯ ސުވާލުކޮށް އެތަނުގައި ހުރި އެނދާއި ފާރުގައި ލާފައި ހުރި ކުލަ އޭނާގެ ކޮޓެރިއަށް ވުރެ ރީތި ކަމަށް މީހަކު ބުންޏެވެ. އަދި އޭނާގެ އުމުރުގެ ބާކީ ބައި އެކަހަލަ ތަނެއްގައި ހޭދަކޮށްލަން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.

"އެހެންވީމާ ތިޔަ ހަތަރު ބޭފުޅުން އުޅުއްވީ ފަސް ތަރީގެ އެޕާޓްމެންޓެއްގައި ދޯ؟" އެ ފޮޓޯއަށް ރައްދުދީ މީހަކު ޓްވީޓްކޮށްފައިވެ އެވެ.

އެ ފޮޓޯގައިވާ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓެގް ކުރައްވައި މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އާންމު ރައްޔިތުން ޖަލުގައި ތިބެނީ ވަރަށް ހާލުގައި ކަމަށާއި އޭގެ ތެރެއިން ވެސް ހާއްސަކޮށް ތަހްގީގަށް ބަންދުކުރާ މީހުން އުޅެން ޖެހޭ ހާލު ވަރަށް ވެސް ގޯސް ކަމަށެވެ. އެހެން ކަމުން ޖަލުތައް ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތުގެ ކިބައިން އޭނާ އެދިވަޑައިގެންފައި ވަނީ އެތަނުގެ ހާލަތު ރަނގަޅު ކޮށްދިނުމަށެވެ.

"ޖަލުގަ ފޯނު ވެސް ލިބޭ ތިޔަ ބޭފުޅުންނަށް ދޯ؟ އަޅުގަނޑަކަށް ނުލިބޭ. ގޮޅި ތިހާ ފުރިހަމައެއް ވެސް ނޫން،" އާންމު ރައްޔިތަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ކަރެކްޝަންގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ހަތަރު ބޭފުޅުން އެކުގައި އެ ފެންނަ ތަނަކީ ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ބައެއް ކަމަށާއި އެ ހަތަރު ބޭފުޅުން އެތަނަށް ގެންދެވުނީ މާފުށީ ޖަލުގައި އެބޭފުޅުން ތިބި ގޮޅިތައް މަރާމާތު ކުރުމަށް ކަމަށެވެ.

އެއްވެސް ފަރާތަކަށް ޖަލަށް ފޯނު ވެއްދުމަކީ މަނާ ކަމެއްކަން ފާހަގަކޮށް ކަރެކެޝަންގެ އޮފިޝަލް ވިދާޅުވީ މީގެ ކުރިން ވަނީ އެ ހަތަރު ބޭފުޅުންގެ ތެރެއިން ކޮންމެ ވެސް އެކެއްގެ އަތުން ފޯނެއް ވެސް އަތުލާފައި ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އޮފިޝަލު ވިދާޅެއް ނުވެ އެވެ.

comment ކޮމެންޓް