ފެއަރ އެގްޒިބިޝަންތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަރާތުން ހިލޭ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
މިއަދު މެންދުރުފަހު ވިޔަފާރިވެރިންގެ ޖަމިއްޔާގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޖަމިއްޔާގެ ޓްރެޝަރާ މިސްރު އާދަމް ވިދާޅުވީ، ފެއަރ ތައް ބާއްވަން ބޭނުންވެގެން ޒުވާން ފަރާތްތަކުން ވަރަށް ގިނައިން އެދެމުން އަންނަ ކަމަށެވެ. އަދި އެ ފަރާރްތަކަށް ދަތިވެފައި ހުރި ކަންކަމަށް އެ ޖަމިއްޔާގެ ފަރާތުން ހިލޭ އެހީތެރިކަން ހޯދަ ދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ޒުވާން ފަރާތްތައް މިފަދަ ކަންކަމަށް ކުރިމަތިލުމަކީ ވަރަށް އުފާކުރާކަމެއް، އެކަމަކު އެ ފަރާތްތަކަށް އެފަދަ ކަންތައް ކުރަން ކުދި ކުދި ދަތިތައް އެބަ ހުރި، ފެއާރ ބާއްވަން ސްޓޯލް ޖެހެނީ ކޮންމެސް ތާކުން ރެންޓްކުރަން، އެހެންވެ ތަންކޮޅެއް ހަރަދު ބޮޑުވޭ، އެހެންވެ މި ނިންމަނީ އަޅުގަނޑުމެން ފެއަރ ބާއްވަން ބޭނުންވާ މީހުންނަށް ސްޓޯލް ހިލޭ ފޯރުކޮށްދޭން،" މިސްރު ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ، މިހާރު ސްޓޯލްތައް ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްދާ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި 110 ސްޓޯލެއް ލިބޭނެ ކަމަށާއި ފެއާރ ބާއްވަން އެދިގެން ރިކުއެސްޓްކުރާ ފަރާތްތަކަށް އެ ސްޓޯލްތައް ފޯރުކޮށްދޭނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދިނެވެ.

ވިޔަފާރި ވެރިންގެ ޖަމިއްޔާއިން މިޔަދު ބޭއްވި ޕުރެސްގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
"އަޅުގަނޑުމެން ސްޓޯލްތައް ދޫކުރާއިރު ކޮންމެސްވަރެއްގެ ޑިޕޮޒިޓެއް މިކޮޅުގަ ބަހައްޓަން، ސަބަބީ އެއްޗެއް ހަލާކުވިއްޔާ ރިޕްލޭސްމެންޓެއް ބޭނުންވާނެ، އެކަމަކު ބޭނުންކޮށްފަ ގެންނަ އިރު އެއްވެސް އެއްޗަކަށް ގެއްލުމެއްނުވެ ހުރިއްޔާ އެ ފައިސާ އަނބުރާ ހަވާލުކުރާނަން،" މިސްރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަމުން މިސްރު ވިދާޅުވީ، ސްޓޯލްތަކުގެ އިތުރުން ކަރަންޓް ވެސް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެދިއްޖެނަމަ ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިސްރު ވިދާޅުވީ، ފެއާރ ތައް ބާއްވަން ޒުވާނުން ރިކުއެސްޓްކުރަނީ ހަމަ އެކަނި މާލޭގައި ނޫން ކަމަށާއި އައްޑޫ އަދި ގދ. ތިނަދޫ ފަދަ އާބާދީ ބޮޑެތި އަތޮޅުތަކުގައި ވެސް ފެއާރ ތައް ބައްވަން ބޭނުންވެގެން ރިކުއެސްޓް ކޮށްފައިވާ ކަމަށެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަރާތުން ކުދި ވިޔަފާރިވެރިންނަށް ހާއްސަ ކޮށްގެން ކުދި ވިޔަފާރިތައް ކުރި އަރުވަން އެފަދަ ގިނަ ކަންތައްތައް ކުރަން ރާވަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.