"ލީނާ"އަށް މިވީ ކިހިނެއްބާ؟

އައްޒަ އާއި މުއާ "ލީނާ" ގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯ އެއް....

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ޑައިރެކްޓްކޮށްފައިވާ "ލީނާ" އަކީ މި އަހަރު ސިނަމާއިން ބަލާލަން ގިނަ ބަޔަކު ކެތްމަދުވެފައި ތިބި ފިލްމެކެވެ.

އަހަރު ފެށުނު ތަނުން ފިލްމުގެ ކާސްޓުން އިއުލާންކޮށް، އއ. އުކުޅަހުގައި މަންޒަރުތައް ވެސް ވަނީ ނަގާފައެވެ. އަދި މި އަހަރުގެ އެޕްރީލް މަހު ނުވަތަ މެއި މަހު ފިލްމު ސްކްރީން ކުރަން ވެސް ނިންމިއެވެ.

ނަމަވެސް އެ ތާރީހު ފަހަނަ އަޅައި ދިޔަ އިރުވެސް ފިލްމުގެ ވާހަކަ އޮތީ މަޑުޖެހިފައެވެ. އެއާއެކު ދެން ގިނަ ބަޔަކު ހީކުރީ އަހަރުގެ ފަހުކޮޅު "ލީނާ" ސިނަމާއަށް އަންނާނެ ކަމަށެވެ.

"ލީނާ"ގެ ޝޫޓިންގައި ބައެއް ކާސްޓުން....

ފިލްމު ޑައިރެކްޓަރ މުއާ ހުރީ މިއަހަރުގެ އީދު ފަހުން ފިލްމު ރިލީޒްކުރާނެ ތާރީހެއް ކަނޑައަޅައި ފިލްމުގެ ޕްރޮމޯޝަންތައް ފަށަން އަތުކުރި އޮޅާލައިގެންނެވެ. ނަމަވެސް އޭގެ ފަހުން ވެސް ފިލްމުގެ އަޑެއް ބަޑެއް ހަމަ އެއްގޮތަކަށް ވެސް ނީވެއެވެ.

އީދަށް ފަހު ފިލްމުގެ ޓްރެއިލާ އަދި ޕޯސްޓަރެއް ދައްކާލާނެ ކަމަށް ބުނެފައި ވަނިކޮށް ދެން ބޯމަތިވީ މިއަހަރުގެ ތެރޭގައި ބޭއްވިގެން ދިޔަ ރިޔާސީ އިންތިހާބެވެ. އެ އިންތިހާބާއެކު މި އަހަރު ސްކްރީން ކުރަން ނިންމާފައިހުރި ބައެއް ފިލްމުތައް އަންނަ އަހަރަށް ލަސްކުރީއެވެ. ނަމަވެސް "ލީނާ" އަންނަ އަހަރަށް ލަސްކުރި ކަމެއް ރަސްމީކޮށް ނާންގައެވެ. އަހަރުވެސް ނިމިގެން ދަނީއެވެ.

ދެން އޮތް ސުވާލަކީ ފިލްމު ސިނަމާއަށް އަންނާނީ ކިހާތާކުބާވައެވެ؟ ފިލްމު އަންނަ އަހަރުވެސް ސިނަމާއިން ފެނިދާނެބާއެވެ؟ ފިލްމުގެ ކުދި ކުދި ބައެއް މަންޒަރު ނަގަން ޖެހިފައިވާ ވާހަކައާއި ފިލްމުގައި ފެނިގެންދާނެ ބައެއް ތަރިންގެ ޑަބިންވެސް ކުރިޔަށް ނުގެންގޮސް އޮތް ވާހަކަ ދާދި ފަހުން ވަނީ އަޑު އިވިފައެވެ.

ލީނާގެ ޕޯސްޓަރެއް---

"ލީނާ"ގެ ލީޑު ރޯލުން ފެނިގެންދާނީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ މަރިޔަމް އައްޒައެވެ. އައްޒަ ފެންނާނީ ލީނާގެ ރޯލުންނެވެ. އަދި ލީނާގެ ގާތިލް ޒުހޫރުގެ ރޯލުން ފެންނާނީ މުއާއެވެ.

އޭގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީލް (ރަވީ މަންމަ) އަދި އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ވެސް މި ފިލްމުން ފެންނާނެއެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމަ އެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެ ބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ނިމާލު ހަރަކާތްތެރިވާނެ އެވެ. ޕްރޮޑިއުސަރުންނަކީ މުއާ އަދި ސައްޔާހު އައްބާހެވެ.

ބޮޑު ކާސްޓަކާއެކު އަދި ތަފާތު ވާހަކައެއްގެ މައްޗަށް ހަދާފައިވާ ފިލްމަކަށް "ލީނާ" ބަލާލަން އަދިވެސް ގިނަ ބަޔަކު އިންތިޒާރުކުރާނެކަން ހަމަ ކަށަވަރެވެ.

comment ކޮމެންޓް