އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލެވާލުމުގެ ބާރު ދޭ އިސްލާހު ފާސް ކޮށްފި

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ --

އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލުމުގެ ބާރު ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބިދޭ ގޮތަށް ކުންފުނިތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.

ސަރުކާރުގެ ފަރާތުންކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި ބިލް މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބިލުގައި ވާ ގޮތުން، ކޮންމެ އަހަރެއްގެ މާޗް މަސް ނިމުމުގެ ކުރިން އަހަރީ ފީ ނުދައްކާ ކުންފިތަކުގެ ވިޔަފާރި، އަހަރީ ފީ ދައްކަންދެން ހުއްޓުވުމުގެ އިހްތިޔާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ލިބިގެންވެ އެވެ. އަދި ލަސް ވެގެން މެއި މަހުގެ ކުރިން އަހަރީ ފީ ނުދައްކައިފި ނަމަ އެ ކުންފުންޏެއް އުވާލުމުގެ އިހްތިޔާރު ވެސް ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބޭނެ އެވެ. އެގޮތަށް އިސްލާހު ގެންނަން ހުށަހެޅީ އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) އަށެވެ. ކުންފުންޏާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުން، އަހަރީ ފީ ނުދައްކާ ކުންފުނިތަކުގެ މައްސަލަތައް ރަޖިސްޓްރާ އޮފް ކޮމްޕެނީސް އިން ހުށަހަޅަން ޖެހޭނީ ކޯޓަށެވެ.

އަދި ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު ޖޫރީމާނާ ކޮށްފި ނަމަ، އެ ފައިސާ އާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބުތަކާއި އޮޑިޓް ރިޕޯޓު ހުށަހަޅަން ޖެހޭ މުއްދަތުގެ ތެރޭގައި ހުށަ ނާޅައިފި ނަމަ، ކުންފުނި އުވާލުމުގެ ބާރު ރެޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ލިބިދޭ ގޮތަށް އެ ގާނޫނުގެ 69 ވަނަ މާއްދާގެ (ނ) އަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

ޣަފޫރު ބިލް، ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަހަރީ ފީ ނުދެއްކުމާއި އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުންގެ އަހަރީ ރިޕޯޓު ހުށަނާޅާ ކުންފުނިތަކުގެ އަދަދު 7،000 އަށް ވުރެ މައްޗަށް އެރުމެވެ. އަދި އަހަރީ ފީ ނުދެއްކުމާއި ރިޕޯޓުތައް ހުށަނޭޅުމުގެ ސަބަބުން ކުންފުނިތައް އުވައިލެވޭނެ އެކަށީގެންވާ ނިޒާމެއް ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކުންފިނިތަކާ ބެހޭ ގާނޫނުގެ އެ ބިލު ކޮމިޓީން ފާސް ކުރީ އިއްޔެ އެވެ. ކޮމިޓީން ބިލު ފާސް ކުރީ ބިލަށް އެއްވެސް ބަަދަލެއް ގެނައުމެއް ނެތި އެވެ.

comment ކޮމެންޓް